މެލޭޝިއާގެ އިދިކޮޅު ކޯލިޝަންކަމަށްވާ "އުންމީދީ އިއްތިޙާދު" ނުވަތަ ޕަކަތާން ހަރަޕާން (ޕީއެޗް)ގެ ރިޔާސީ ކައުންސިލުން އެ ޤައުމުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއް ކުށްވެރިކޮށްފިއެވެ.
އެ އިއްތިޙާދުގެ ނަޒަރުގައި އެއީ މުސްތަޙީލު ކަމަކަށް ބާރު އަޅައިފައިވާ ބަޔާނެކެވެ. އެއީ ޤާނޫނުއަސާސީއާ ޚިލާފު ބަޔާނެއް ކަމަށްވާތީ ވަޒީރުންނާއި ބަންޑާރަނާއިބާއި ބަރުލަމާނުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތުން ބޮޑުވަޒީރު ވަގުތުން ވަގުތަށް އިސްތިޢުފާ ދެއްވާން ޖެހިވަޑައިގަންނަވާ ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
ބޮޑުވަޒީރުގެ އޮފީހުން ހާމަކުރި ބަޔާން ކުށްވެރިކޮށް ޕަކަތާން ހަރަޕަން އިން ނެރުނު ބަޔާނުގައި ޕީކޭއާރުގެ ރައީސް ދާތޫ ސްރީ އަންވަރު އިބްރާހީމާއި، ޕާޓީ އަމާނާ ނެގާރާގެ ރައީސް މުހަންމަދު ސަބޫއާއި ޑީއޭޕީގެ ސެކްރެޓަރީ-ޖެނެރަލް ލިމް ގުއަން އެންގް ސޮއިކުރައްވައިފައިވެއެވެ.
މި ތިން ބޭފުޅުން ވިދާޅުވާ ގޮތުގައި ބޮޑުވަޒީރު އޮފީހުގެ މި ޢަމަލަކީ، އެ ބަޔާނުގެ ސަބަބުން ރަސްގެފާނު (ޔަންގ ޑި ޕަރުތުއާން އަގޮންގ) އައްސުލްޠާން ޢަބްދުﷲ ރިޢާޔަތުއްދީން އަލްމުސްޠަފާ ބިﷲ ޝާހުގެ ޤަރާރާ ފުށުއަރާތީ، ޤާނޫނީ ރަސްކަމަށް ނުރައްކާކޮށްފާނެ ޢަމަލެކެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މައްސަލަ ދިމާވަނީ ޤާނޫނީ ހައިސިއްޔަތެއް ނެތް ވަޒީރު ދާތޫ ސްރީ ތަޤިއްޔުއްދީން ޙަސަން، ޖުލައި 26 ވަނަ ދުވަހު ބަރުލަމާނުގައި (ދީވާން ރަޢިއްޔަތު) ދެއްވި ބަޔާނުގައި ޖުލައި 21 ން ފެށިގެން ކުއްލި ޙާލަތުގެ ހުރިހާ އަމުރުތަކެއް ކެންސަލްވެފައިވާ ކަމަށް ވިދާޅުވެފައިވާތީއެވެ.
އެހެންނަމަވެސް ރަސްކަމުގެ ޤައުމީ ގަނޑުވަރު (އިސްތާނާ ނެގާރާ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ޞަރީޙަކޮށް ބުނެފައިވަނީ ކުއްލި ޙާލަތުގެ އަމުރު ކެންސަލްކުރާކަށް ރަސްގެފާނު ހުއްދަ ވިދާޅު ބަސްފުޅު އިއްވައިފައި ނުވާނެ ކަމަށެވެ. އެހެންކަމުން ތަޤިއްޔުއްދީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ވަނީ އޮޅުވައިލައްވައިފައި ކަމަށް "އުންމީދީ އިއްތިހާދު" (ޕަކަތާން ހަރަޕާން) ދެކެއެވެ.
ހަމަ އެފަދައިން ބޮޑުވަޒީރުގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު އަނެއް ބަޔާނަކީ ރަސްގެފާނަށް ވަރަށް ބޮޑު ބޭއިޙުތިރާމެއް ރައްދުކުރި އަމިއްލަ ބަޔާނެއް ކަމަށާއި އެއީ ފެދުރާލީ ޤާނޫނުއަސާސީއާއި ބަރުލަމާނީ ޑިމޮކްރަސީއާ ޚިލާފު ބަޔާނެއް ކަމަށް ވެސް ޕީއެޗްގެ ބަޔާނުގައި ވެއެވެ.
ޕީއެޗްގެ ތިން އިސްވާރުން ދަޢުވާކުރައްވާ ގޮތުގައި "ބަރުލަމާނުގެ މެންބަރުންގެ އަޣުލަބިއްޔަތު ގެއްލިފައިވާތީ ގައުމީ އިއްތިހާދުގެ ސަރުކާރުގެ އަހުލިއްޔަތު ނުވަތަ ޤާނޫނީ ހައިސިއްޔަތު ވެސް ވަނީ ގެއްލިފައެވެ. ހަމަ އެފަދައިން ތަޤިއްޔއްދީނުގެ ބަޔާނުން ބަރުލަމާނުގެ މެންބަރުންނަށް އޮޅުވައިލައްވައިފައިވުމުން ރަސްގެފާނުގެ އަމުރުފުޅު ދެމެހެއްޓުމަށް ސަރުކާރު ނުކުޅެދިފައިވާތީ ބޮޑުވަޒީރާއި ވަޒީރުންގެ އިތުބާރު ވެސް ވަނީ ގެއްލިފައެވެ."
"އަދި ބޮޑުވަޒީރު ތާން ސްރީ މުޙުޔިއްދީން ޔާސީން ކޮޅަށް ބުރަވެވަޑައިގަތުމަކާ ނުލައި މިނިވަންކަމާއި ހަމަހަމަކަމާއެކު ރަސްގެފާނަށް ލަފާއެރުވުމުގައި ބަންޑާރަނައިބު (ތާން ސްރީ އިދްރީސް ހާރޫން) ވެސް ވަނީ ފޭލްވެވަޑައިގެންފައެވެ."
ތިން އިސްވާރުންގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ބަރުލަމާނުގައި ތާވަލު ވެސް ކުރައްވައިފައިނުވާ ޚާއްޞަ ޖަލްސާގައި ކުއްލި ޙާލަތާ ގުޅޭ ގޮތުން ބަހުސްކުރުމުގެ ފުރުޞަތު ނުދެއްވައި، ބަރުލަމާނުގެ ރައީސް ދާތޫ އަޒްހަރު އަޒީޒާން ވެސް ވަނީ ކޯލިޝަން ސަރުކާރު ދިފާޢުކުރައްވައިފައެވެ.
އިސްވެ ދެންނެވުނު ސަބަބުތަކަށް ޓަކައި ތިން އިސްވާރުން ވިދާޅުވަނީ ބޮޑުވަޒީރު މުޙުޔިއްދީނާއި ވަޒީރުންނާއި ބަރުލަމާނުގެ ރައީސާއި ބަންޑާރަނާއިބުގެ ނުރަނގަޅު ޢަމަލުގެ ސަބަބުން އެ ބޭފުޅުން އިސްތިޢުފާ ދެއްވުން ފިޔަވައި އެހެން ފިޔަވަޅެއް އަޅުއްވާކަށް ނެތް ކަމަށެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރަސްގެފާނު ނެރުއްވައިފައިވާ ކުއްލި ޙާލަތުގެ އަމުރުފުޅު، އަވަސްއުރައިލައްވައިގެން ބަރުލަމާނުގައި ކެންސަލްކުރެއްވި ކަމަށް ވިދާޅުވި ވިދާޅުވުމަކީ ފަދުރާލީ ޤާނޫނުއަސާސީއާ ޚިލާފަށް ސަރުކާރުން ކުރެއްވި ޢަމަލެއް ކަމަށް ވެސް ތިން އިސްވާރުން ދެކެވަޑައިގަންނަވައެވެ.
މިއީ ރަސްގެފާނާ މެދު، ބޮޑުވަޒީރު މުޙުޔިއްދީނާއި ސަރުކާރުން ޢަމަލުކުރައްވާ ގޮތް ކަމަށް ވާނަމަ، ދެން ރައްޔިތުންނާމެދު އެ ބޭފުޅުން ޢަމަލުކުރައްވާނީ ކިހިނެއްތޯ، ތިން އިސްވާރުންގެ ބަޔާން ނިންމަވައިލައްވަމުން ސުވާލު އުފައްދަވައިފައިވެއެވެ. (އެންއެސްޓީ)



advertisment