ކޮރޯނާވައިރަހުގެ ސަބަބުން ސަރަހައްދީ ދޮރޯށި ބަންދުކޮށްފައި އޮންނަތާ ދޮޅުއަހަރާ ކައިރިވެފައި ވަނިކޮށް ފަތުރުވެރީންނަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގެ ސަރަހައްދީ ދޮރޯށިތައް ހުޅުވައިލާން ނިންމައިފިއެވެ.
ސަޢޫދީ ނޫސް އެޖެންސީއިން މިއަދު ޚަބަރުދިން ގޮތުގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރީންނަށް އަންނަ އޮގަސްޓުމަހު ފުރަތަމަ ދުވަހުން ފެށިގެން ސަޢުދީގެ ސަރަހައްދީ ދޮރޯށިތައް ހުޅުވައިލެވޭނެއެވެ. އެހެންނަމަވެސް ޢުމުރާވެރީންނާއި ޙައްޖުވެރީންނަށް ކަނޑައަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދޭނެކަމަކަށް ނޫސް އެޖެންސީ ބަޔާނެއް ނުކުރެއެވެ. ޢުމުރާ ވެރީންނަކީ އަހަރުގެ އެކި ދުވަސް ވަރު ދުނިޔޭގެ ކަންކޮޅުތަކުން ސަޢޫދީއަށް އެތެރެވާ އެތައް މިލިއަން ބަޔެކެވެ.
ސަޢުދީ ނޫސް އެޖެންސީއިން ބަޔާންކުރާ ގޮތުގައި އެ ޤައުމަށް ދަތުރުކުރާ މީހުން ވާންޖެހޭނީ ސަޢޫދީ ޢަރަބިއްޔާއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. ސައޫދީން ގަބޫލުކުރާ ވެކްސިންތަކަކީ، "ފައިޒާރ" އާއި، "އެސްޓްރާޒެނެކާ"އާއި "މޮޑަރނާ" ނުވަތަ "ޖޯންސަން އެންޑް ޖޯންސަން"އެވެ. މިއިން ވެކްސިނެއް ފުރިހަމަކޮށްފައިވުމާއެކު ޕީސީއާރު ކޮވިޑް19 ޓެސްޓްގެ ނައްސި ނަތީޖާއަކާއެކު އެ ޤައުމަށް އެތެރެވުމަކަށް ހުރަހެއް ނޯންނާނެއެވެ. އަދި މި ފަދަ މީހުން ކަރަންޓީނުވާކަށް ވެސް ނުޖެހޭނެއެވެ.
ސަޢުދީ ޢަރަބިއްޔއިން ވަނީ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާކުރުމަށް ޓަކައި އެތައް ބިލިއަން ޑޮލަރެއް ވުނަކޮށްފައެވެ. އަދި 2019ން ފެށިގެން ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ވީޒާ ވެސް ދޫކުރާން ފަށައިފައެވެ. އެ ތާރީޚުން ފެށިގެން ކޮވިޑާހުރެ މާޗް 2020ގައި އެ ގައުމުގެ އިންސަރަހައްދު ފަތުރުވެރީންނަށް ބަންދުކުރުމާ ހަމައަށް ހަތަރުލައްކާ މީހުންނަށް ވަނީ ފަތުރުވެރިކަމުގެ ވީޒާ ދޫކޮށްފައެވެ.
ހައްޖުވެރީންނާއި ޢުމުރާވެރީންގެ ޒިޔާރަތަކީ ވެސް ސައޫދީއަށް އާމްދަނީ ލިބޭ މުހިންމު ވަސީލަތެކެވެ. ކޮވިޑްގެ ކުރީން ޢަންމު ގޮތެއްގައި އަހަރަކު 12 ބިލިއަން ޑޮލަރު ހައްޖުވެރީންނާއި ޢުމުރާވެރީންގެ ފަރާތުން އެ ގައުމަށް ލިބެއެވެ. މި ވަގުތު ހައްޖުކޮށް ޢުމްރާވުމުގެ ފަރުޞަތު ލިބިދީފައިވަނީ ސައޫދީގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.
މުޅި ސައޫދީ ޢަރަބިއްޔާގައި ގެންދަނީ ފުޅާ ދާއިރާއެއްގައި ވެކުސިން ދިނުމުގެ ކަމާކެމި ހިންގަމުންނެވެ. ކޮވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އޭގެ ސަބަބުން ފަހިކަމެއް އަންނާނެއެވެ.
ތިރީސް ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން 26 މިލިއަން މީހުން މިހާރުވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ. ސަޢޫދީ ޢަރަބިއްޔާއަކީ ފަސް ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑްޖެހި އެ ބަލީގައި އަށް ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ގައުމެކެވެ. (އޭއެފްޕީ)



advertisment