Support Us

އިސްރާއީލަށް މުރާޤިބު މެންބަރުކަން ދިނުމުން ދެކުނު އެފްރިކާ ދެކޮޅު ހަދައިފި

އެފްރިކާގެ އިއްތިޙާދުން އިސްރާއީލަށް އެ ޖަމްޢިއްޔާގެ މުރާޤިބު މެންބަރުކަން (އޮބްޒަރވަރު މެންބަރުކަން) ދިނުމުން ދެކުނު އެފެރިކާއިން އެކަމާ ދެކޮޅު ހަދައި އެއީ ވަރަށް ޙައިރާން ކުރުވަނިވި ބިރުވެރި ޢަމަލެއް ކަމަށް ބުނެފިއެވެ.

ދެކުނު އެފްރިކާގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި އެއްބާރުލުމާ ބެހޭ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއް ސިފަކުރިގޮތުގައި "މިއީ ވަރަށް ބޭއިންސާފު އެއްވެސް ބަހަނާއެއް ދެއްކެންނެތް ޤަރާރެ"ކެވެ. ދެކުނު އެފްރިކާއިން ބުނިގޮތުގައި މިއީ މެންބަރު ޤައުމުތަކާ މަޝްވަރާކުރުމެއް ނެތި އެކަހެރި ގޮތެއްގައި ނިންމައިފައިވާ ނިންމުމެކެވެ.

ދެކުނު އެފްރިކާގެ މި ބަޔާން ބުނާގޮތުގައި މި ޤާރާރު ކަނޑައަޅާފައި މި ވަނީ  ފަލަސްޠނުގެ ރައްޔިތުންނަށް އިސްރާއީލުން ޚަރާބުކުރަނިވި ޙަމަލާތަކެއް ދީފައިވާ އަހަރެއްގައެވެ. އަދި މި އަހަރަކީ ހިފާފައިވާ ބިންތަކުގައި ޤާނޫނާ ޚިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވަން އާބާދީތައް ހަދަމުންދާ ދުވަސްވަރެކެވެ.

ދެކުނު އެފްރިކާއިން ބުނިގޮތުގައި ފަލަސްޠީނު މީހުން މެރުމާއި އެމީހުންގެ މަދަނީ ބިނާރުތައް ހަލާކުކުރުމާ ދެކޮޅަށް އެފްރިކާގެ އިއްތިޙާދުން ޤަރާރުތައް ފާސްކޮށްފައިވާ ވަގުތެއްގައި އިސްރާއީލަށް އެ މަޖިލީހުން މުރާޤިބެއްގެ ހައިސިއްޔަތު ދިނުމަކީ މި ސިޔާސަތާ އެއްފަސްވާ ކަމެއް ނޫނެވެ.

އެފްރިކާގެ އިއްތިޙާދަކީ 55 މެންބަރުން ހިމެނޭ އެފްރިކާގެ އެންމެ ބޮޑު ޖަމާޢަތެވެ.

މުރާޤިބުކަން

އިސްރާއީލުގެ ނޫހެއް ކަމުގައިވާ "ޓައިމްސް އޮފް އިސްރާއީލު" މިއަދު ބުނިގޮތުގައި އިސްރާއީލަށް ވަނީ 2002ވަނަ އަހަރު އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާއިން މުރާޤިބު މެންބަރުކަން ދީފައެވެ. މި ޖަމްޢިއްޔާގެ ނަން ފަހުން ވަނީ އެފެރިކާގެ އިއްތިޙާދުގެ ނަމަށް ބަދަލުވެފައެވެ. އިސްރާއީލު މި އިއްތިޙާދުގެ މުރާޤިބު މެންބަރުކަމުން ވަކިކުރެވުނީ ލީބިޔާގެ ކުރީގެ ޒަޢީމު މުޢައްމަރުލް ޤައްޒާފީ ބާރުއަޅުއްވައިގެންނެވެ. އިސްރާއީލަށް މި ޖަމްޢިއްޔާއަށް އަނބުރާ މި އާދެވުނީ އެކަމަށް ޓަކައި އިސްރާއީލުންމަސައްކަތް ކުރާތާ ދެ ދަހަރު ފަހުންނެވެ.

ފަލަސްޠީނަކީ ވެސް އެފްރިކާގެ އިއްތިޙާދުގައި މުރާޤިބު ދައުލަތެކެވެ.

އިސްރާއީލަށް މުރާޤިބުގެ ސިފަ ދިނީ އިތިއޯޕިޔާއިންނެވެ. އެފްރިކާގެ އިއްތިޙާދުގެ މައިމަރްކަޒު ހުންނަނީ އެޑިސްއަބާބަގައެވެ. އިތިއޯޕިޔާގައި ހުންނަވާ އިސްރާއީލުގެ ސަފީރު އަލޭލީ އަޑްމާސޯ މުރާޤިބު ކަމުގެ ފަތްކޮޅު އެފްރިކާގެ އިއްތިޙާދުގެ ކަމިޝަންގެ ރައީސް މޫސާ ފިއްޤީ މުޙައްމަދަށް އެރުއްވެވީ މިއަދު މި އިއްތިޙާދުގެ މައިމަރްކަޒުގައެވެ. މިކަމާ ވިދިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެޕިޑްގެ އޮފީހުން ނެރުނު ބަޔާނުގައި "މިއީ އިސްރާއީލު– އެފްރިކާ ގުޅުންތަކުގައި ފާހަގަ ކުރަން ޖެހޭ ދުވަހެއް" ކަމަށް އައިސްފައި ވެއެވެ. މި ބަޔާން ބުނިގޮތުގައި އިސްރާއީލަށް މުރާޤިބުގެ ހައިސިއްޔަތު ލިބުމުން ނިރުބަވެރިކަމާއި ކޯވިޑް ޖާއިޙާއާ ދެކޮޅަށް އެފްރިކާ އިއްތީޙާދު ކުރާ ހަނގުރާމައިގައި އިސްރާއީލަށް އެހީ ފޯރުކޮށްދެވޭނެއެވެ. ލެޕިޑް ވިދާޅުވިއެވެ. "ވޭތުވެދިޔަ ދެ ދަހަރުގައި އިސްރާއީލު ބާއްވާފައި އޮތީ އެކަހެރިކޮށްފައެވެ. މިއަދު މި ޙާލަތު ވަނީ ރަނގަޅު ކުރެވިފައެވެ. މިކަމުގެ ސަބަބުން އެފްރިކާ ބައްރުގައި އިސްރާއީލުގެ ޙަރަކާތްތައް ވަރުގަދަ ކުރެވޭނެއެވެ."

އެފްރިކާގެ އިއްތިޙާދުގެ 55 މެންބަރުންގެ ތެރެއިން 46 ޤައުމަކުން ވަނީ އިސްރާއީލާއެކު ސިޔާސީ ގުޅުންތައް ޤާއިމުކޮށްފައެވެ. ލެޕިޑް ވިދާޅުވިގޮތުގައި ވިޔަފާރީގެ މައިދާނުގައްޔާއި އެހީގެ މައިދާނުގައި އިސްރާއީލުގެ ޙިއްޞާ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އަނެއްކޮޅުން ޙަމާސް ބުނިގޮތުގައި އިސްރާއީލަށް އެފްރިކާގެ އިއްތިޙާދުން މުރާޤިބު މެންބަރުކަން ދިނުމުން ފަލަސްޠީނަށް ލިބުނު ސިހުން ވަރަށް ބޮޑެވެ. ޙަމާސުން މިކަން ކުށްވެރި ކުރަމުން ބުނިގޮތުގައި މިއީ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ހިންގަމުންގެންދާ ޣައިރު ޤާނޫނީ ހުރިހާ ޢަމަލުތަކެއް ބަލައިގަނެ އެކަމަށް ތާއީދު ކުރުމެވެ. މި ކަމުގެ ސަބަބުން "ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށް އިސްރާއިލަށް އިތުރު ހިތްވަރު ލިބޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *