Support Us

ޗައިނާގެ ޚާރިޖީ ވަޒީރު ނައިބު ޝިން ފެންގ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބާ ވެންޑީ ޝަރމަނާ ބައްދަލު ކުރައްވަނީ

ޗައިނާ "ޝައިޠާނަކަށް" ހަދައިގެން މަސްއަލަތައް ހައްލުކުރެވިދާނެ ކަމަށް އެމެރިކާ ދެކޭ

އެމެރިކާއާ ކުރިމަތިވެފައިވާ އަސާސީ ބޮޑެތި މަސްއަލަތައް ޗައިނާ "ޝައިޠާނަކަށް" ހަދައިގެން ޙައްލު ކުރެވިދާނެ ކަމަށް އެމެރިކާއިން އުންމީދު ކުރާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ޝިންގ ފެންގް ވިދާޅުވެއްޖެއެވެ. ޗައިނާގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ޚަބަރުތޫރަ ބުނާގޮތުގައި މި މަސްއަލަތަކުގެ ޒިންމާ ޗައިނާގެ ބޮލުގައި އަޅުވަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ތަން ފެނެއެވެ.

ޗައިނާއިން މި ޚަބަރު ފެތުރީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބާ ވެންޑީ ޝަރމަނާ ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ޝިން ފެންގާ ޗައިނާގެ އުތުރު ރަށެއް ކަމުގައިވާ ޓިއަންޖިންގގައި އިއްޔެ ބައްދަލު ކުރެއްވުމާ ވިދިގެންނެވެ. މިއީ އެމެރިކާގެ ރައީސް ބައިޑްން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ އެންމެ އިސް މަސްއޫލުވެރިއާއެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ޗައިނާގެ ނައިބު ވަޒީރު ވިދާޅުވިއެވެ. "އެމެރިކާގެ މަގުފުރެދިފައިވާ ވިސްނުމާއި ސިޔާސަތު ބަދަލުކުރުމަށް އަހުރެމެން އެމެރިކާއަށް ގޮވައިލަމެވެ." އޭނާ ވިދާޅުވިގޮތުގައި އެމެރިކާއިން ޗައިނާއާއެކު މުޢާމަލާތު ކުރަމުންދަނީ އެއީ "ބިލާހީ ދުޝްމަނެއް" ކަމުގައި ބަލައިގެންނެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މި އަހަރުގެ މާރިޗް މަހުގެތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރާ ޗައިނާގެ ޚާރިޖީ ވަޒީރާ ދެމެދުގައި ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ވެފައި ވަނީ ތުހްމަތުތައް ބަދަލު ކުރެވުނު "ނުތަނަވަސް" ބައްދަލުވުމަކަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބާ ޗައިނާއަށް ވަޑައިގެންނެވީ އެތައް މަސްއަލަތަކަކާ ހެދި ނުބައިވަމުންދާ ދެ ޤައުމުގެ ގުޅުންތައް ޙިމާޔަތް ކުރެއްވޭތޯއެވެ. އެ ދެ ޤައުމުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ދާއިރާތަކުގެ ތެރޭގައި އިލެކްޓްރޯނީ ސަލާމަތާއި ފަންނިއްޔާތުގެ މައިދާނުގައި ޗައިނާ ކުރިއަރަމުންދާ ދިޔުމާއި ހޮންގްކޮންގްގެ މަސްއަލައާއި ޗައިނާގެ މުސްލިމުންގެ އިންސާނީ ޙައްޤުތަކުގެ މަސްއަލަ ހިމެނެއެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ވެންގް ވިދާޅުވިއެވެ. އެމެރިކާއަކީ "މަޖްބޫރުކުރުވުމުގެ ޑިޕްލޮމެސީގެ އީޖާދުވެރިޔާ" އެވެ. އެހެންކަމުން ޗައިނާއިން މި ސިޔާސަތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ "ޤާނޫނީ އަދި މަންޠިޤީ" ފިޔަވަޅުތަކެކެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ގުޅުންތައް މިހާރު ވަނީ "ބަންދުވެފައިވާ މަގެއްމައްޗަށް" ނުކުމެފައެވެ. އެ ގުޅުންތަކާ ކުރިމަތިވެފައިވާ "ދަތިތައް ވަރަށް ބޮޑެ"ވެ.

އޭނާ އިޝާރަތް ކުރެއްވިގޮތުގައި އެމެރިކާއިން ގެންގުޅޭ "ޢުދްވާނީ ބަސްމަގަކީ" ޗައިނާ ބަނުމަށް ޓަކައި ކުރާ ވަންހަނާ މަސައްކަތްތަކެކެވެ.

އެމެރިކާގެ މި މަސްއޫލުވެރިޔާ ޗައިނާގެ ޚާރިޖީވަޒީރު ވާންގް ޕީއާ ވެސް ބައްދަލު ކުރައްވާނެއެވެ. އޭނާ ކުރެއްވި ޓްވީޓެއް ބުނާގޮތުގައި އެމެރިކާގެ ވިޔަފާރިތަކާ ބެހޭގޮތުން އިއްޔެ ވާހަކަ ދެއްކުންތައް ބޭއްވުނެވެ. އޭނާގެ ޓްވީޓްގައި ޗައިނާގެ ޚިނާން ސަރަޙައްދަށް އައި ފެންބޮޑުވުމުގައި މަރުވި މީހުންނަށާއި ޙާލުގައި ޖެހުނު މީހުންނަށް ތަޢުޒިޔާ ވިދާޅުވިއެވެ.

އެމެރިކާ ބުނާގޮތުގައި "ޞަރީޙަ" ވާހަކަދެއްކުންތަކުގެ ބޭނުމަކީ ޒިންމާދާރު އަދި ދުޅަހެޔޮ ވާދަވެރިކަމެއް ގެންގުޅޭނެ ގޮތްތައް ޗައިނާއަށް ކިޔައިދިނުމެވެ. އެމެރިކާގެ ޚަބަރުފަތުރާ ދާއިރާތައް ބުނާގޮތުގައި އެމެރިކާއިން ޗައިނާއާއެކު "ކޯޅުމެއް"ގެ ތެރެއަށް ވަންނާކަށް ނޭދެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބާގެ ދަތުރުފުޅުގައި ރަސްމީ ކުލަޖައްސަން ވޮޝިންގްޓަނަކުން ނޭދެއެވެ. އޭނާ މި ދަތުރުފުޅުގައި ވެރިރަށް ބޭޖިންގަށް ވަޑައެއް ނުގަންނަވާނެއެވެ. އޭނާގެ ބައްދަލުކުރެއްވުންތައް އޮންނާނީ ޓިޔަންޖިން ގައެވެ.

ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި މިއީ ރައީސް ޝީ ޖިން ޕިންގާ ރައީސް ބައިޑްނާ ދެމެދުގައި ރަސްމި ބައްދަލު ކުރެއްވުމެއް ބޭއްވުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *