ޢިރާޤުގައި ތިބި އެމެރިކާ ސިފައިން މި އަހަރު ނިމޭހާ ތާނގައި ޢިރާޤުން ބޭލުމާ ބެހޭގޮތުން އެމެރިކާއާއި ޢިރާޤުގެ އިސް މަސްއޫލުވެރީން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލުން ބުނެފިއެވެ.
މި ނޫސް ރޭ ހާމަކުރިގޮތުގައި ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި މިކަމާ ބެހޭގޮތުން އެ ދެ ޤައުމުގެ ރޭވުން އިޢުލާން ކުރެވޭނެއެވެ. މި ނޫސް ބުނާގޮތުގައި ރައީސް ބައިޑްންގެ މަޤްޞަދަކީ ޢިރާޤުގެ ޢަސްކަރިއްޔާއަށް ވާގިވެރިވެ ވަޑައިގެންނެވުމާއި އީރާނުގެ އެހީގައި ޙަރަކާތްތެރިވަމުންދާ "ޝީޢީ ޖަމާޢާތްތަކުން" ޢިރާޤު ސަރުކާރަށް ފިއްތަމުންދާ ފިއްތުންތައް ކުޑަކުރެއްވުމެވެ. ޢިރާޤުގެ ޝީޢީ ޖަމާޢަތްތަކުން ގޮވައިލަމުންދަނީ ޢިރާޤުގައި ތިބި އެމެރިކާގެ 2،500 ސިފައިން އަވަހަށް ޤައުމަށް ފޮނުވައިލުމަށެވެ.
މެދުއިރުމަތީގެ ސިޔާސަތާބެހޭ ވޮޝިންގްޓަން މަޢުހަދުގެ ތަޖްރިބާކާރެއް ކަމުގައިވާ މައިކަލް ނައިޓްސް ވިދާޅުވިއެވެ. "އަމާޒަކީ އަލްކާޡިމީއަށް އެހީތެރިވުމެވެ." އޭނާ ވިދާޅުވިގޮތުގައި ޢިރާޤުގައި ތިބ އެމެރިކާ ސިފައިން ހަނގުރާމައިގެ އެއްވެސް ޙަރަކާތެއްގައި ބައވެރިއެއް ނުވެއެވެ. އެމީހުންނަށް ސީދާ ޙަމަލާއެއް ދެވިއްޖެއްޔާ މެނުވީއެވެ.
ޢިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިނާ ޙަވާލާދީ ވޯލް ސްޓްރީޓް ޖަރނަލްގެ މި ޚަބަރު ބުނާގޮތުގައި ޢިރާޤަށް އިތުރު ހަނގުރާމަވެރީން ބޭނުމެއް ނުވެއެވެ. ޢިރާޤުގެ ވަޒީރު ވިދާޅުވިއެވެ. "އަހުރެމެން ބޭނުން ވަނީ ޖާސޫސީ މައިދާނުގައި ވިލަރެސްކުރުމާއި އެއްބާރުލުމެވެ. އަހުރެމެން ދެވަނައަށް ބޭނުން ވަނީ ސިފައިންނަށް ތަމްރީނު ދިނުމުގައި އެހީތެރިވުމެވެ."

އެމެރިކާ ސިފައިން ޢިރާޤުން ބޭލުން
ޢިރާޤާ އެމެރިކާއާ ދެމެދުގައި ބޭއްވުނު އިސްތިރާތީޖީ ވާހަކަދެއްކުންތަކުގެ ތިން ވަނަ ބުރު ނިމުމުން ހާމަކުރިގޮތުގައި ދެ ފަރާތުން އެއްބަސްވާ ތާވަލަކާ އެއްގޮތްވާގޮތުގެ މަތިން "ހަނގުރާމަމަތީ ބާރުތައް" ޢިރާޤުން ފޭބުމުން ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނާއި ބައިނަލްއަޤްވާމީ ސިފައިންގެ ދައުރަކަށް ވާނީ "ތަމްރީނުދިނުމާއި އިސްތިޝާރީ އެހީ" ދިނުމެވެ.
ޖަނަވަރީ 5، 2020ގައި ޢިރާޤުގެ ބަރްލަމާނުން ވަނީ ބޭރު ސިފައިން އެ ޤައުމުން ބޭލުމަށް ސަރުކާރަށް އަމުރުކޮށްފައެވެ. މި ޤަރާރު ބަރްލަމާނުން ފާސްކުރީ އީރާނުގެ އިންޤިލާބީ ލަޝްކަރު "ޤުދުސް ފައުޖު"ގެ ވެރިޔާ ޤާސިމު ސުލައިމާނީއާއި ޢިރާޤުގެ "އަލް ޙަޝްދުއް ޝަޢުބީ" މިލީޝިޔާ ބާރުގެ ނާއިބު ރައީސް އަބޫ މަހުދިލް މުހަންދިސަށް އެމެރިކާއިން ޙަމަލާދީ އަވަހާރަކޮށްލުމާ ވިދިގެން އެކަން ކުށްވެރިކުރަމުންނެވެ. މި ދެބޭފުޅުން އަވަހާރަކޮށްލައިފައި ވަނީ ބަޣްދާދުގެ ވައިގެ ބަދަރުގައި ރައީސް ޓްރަމްޕްގެ ސީދާ އަމުރަށެވެ.
މި ޙާދިސާއާ ވިދިގެން ޢިރާޤު ސަރުކާރުން ނެރުނު ބަޔާނުގައި ޢިރާޤުގައި ތިބި ބައިނަލްއަޤްވާމީ ބާރުތަކުގެ ފަރްދުންނަށާއި މި ބާރުތަކުގައި ހިމެނޭ ދައުލަތްތަކުގެ ޑިޕްލޮމެޓިކް އޮފީސްތައް ޙިމާޔަތްކޮށް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ބަޣްދާދުން އުފުއްލާނެއެވެ.
ބަޣްދާދުން ނެރުނު ބަޔާން ބުނާގޮތުގައި ޢިރާޤުގެ ހަތިޔާރުއެޅި ޖަމާޢަތްތަކުން ދަނީ "ބަޣްދާދުގައި ހުރި އެމެރިކާ އެމްބެސީއާއި ޢިރާޤުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކުރަމުންނެވެ."

އެމެރިކާއިން ތުހްމަތުކުރާ ގޮތުގައި އިރާޤުގައި އޮންނަ އީރާނަށް ތާއީދުކުރާ ޖަމާޢަތްތަކުން އެމެރިކާ އެމްބެސީއަށާއި އެމެރިކާ ސިފައިންގެ ތިބޭ ބޭސްތަކަށް ދަނީ ޙަމަލާތައް ދެމުންނެވެ. އޮކްޓޫބަރު 2019 އިން ފެށިގެން ޢިރާޤުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ދަނީ ބާއްމުންނެވެ. މި މުޒާހަރާތަކުގެ ބައިވެރިން ތުހްމަތު ކުރާގޮތުގައި ޢިރާޤު ސަރުކާރަކީ "ފާސިދު ބޭރަށް ވިކިފައިވާ މަޖޫރީ" ސަރުކާރެކެވެ. އަދި މި ސަރުކާރުގެ ކިބައިގައި ދައުލަތް ހިންގުމުގެ ޤާބިލުކަމެއް ނެތެވެ. މި މުޒާހަރާތަކާއި ސަރުކާރުގެ ބާރުތަކާ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ.



advertisment