އައިޖީއެމްއެޗް ލެބޯޓްރީ އަށް އަރާ ސިޑިމަތިން ހޮވައިގެން އާންމު ފަރާތަކުން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިކޮޅެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ބައެއް ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެބަހުރި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:
- ޖުލައި 15 ވަނަ ދުވަހު ވިލިމާލެ ފެރީ ޓަރމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 492259
- ޖުލައި 17 ވަނަ ދުވަހު ނޯތުހާބަރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަ ކާޓޫނު ކެމަލް ލައިޓު ސިނގެރެޓު. އިންސިޑެންޓް ނަންބަރ 492384
- ޖުލައި 18 ވަނަ ދުވަހު ބާޒާރުމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ 8އޭ ބްރޭންޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 492469
- ޖުލައި 18 ވަނަ ދުވަހު، އައިޖީއެމް ހޮސްޕިޓަލު ލެބޯޓްރީ އަށް އަރާ ސިޑިމަތިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލިއެއް. ސިޑެންޓް ނަންބަރ 492506
- ޖުލައި 20 ވަނަ ދުވަހު ސެވަންއެންޑްހައުސް ގޭ ސިޑިދަށުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 މޯބައިލް ފޯނު (އައިފޯނު 6 ޕްލަސް، އޮއްޕޯ، އެމްއައި)
"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.