ޣައްޒާގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ޓަކައި ސިންގަޕޫރުގެ މުސްލިމުންގެ ޖަމްޢިއްޔާއެއް ކަމުގައިވާ ރަޙްމަތައްލިލް ޢާލަމީން 3.18 މިލިއަން ޑޮލަރު އެއްކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން 22 ޖޫނުން 30 ޖޫނަށް ހިންގި އެހީ ހޯދުމުގެ ޙަރަކާތުގައި އެއްކުރި މި ފައިސާ އެ ޖަމްޢިއްޔާއިން އިއްޔެ ވަނީ ރެފިޔުޖީންނާ ބެހޭ އދގެ އިދާރާ "އޮންރުއާ"އާ ހަވާލުކޮށްފައެވެ. ޤުދުސް ނެޓް ނޫސް އޭޖެންސީ ބުނާގޮތުގައި މި ފައިސާގެ ޗެކް އޮންރުއާގެ ޚާރިޖީ ގުޅުންތަކާ ބެހޭ ބައިގެ ވަގުތީ ޑިރެކްޓަރ ތަމާރާ އައްރިފާޢީއާ ޙަވާލު ކުރެއްވީ ސިންގަޕޫރުގެ އިސްލާމީ ދީނީ މަޖިލީހުގެ ސީއީއޯ ޢީސާ މަސްޢޫދާއި ރަޙްމަތައްލިލް ޢާލަމީން މުއައްސަސާގެ ސީއީއޯ ފައިޞަލް ޢުޘްމާނާއި އެ މުއައްސަސާގެ އިދާރީ މަޖިލީހުގެ ރައީސް އައްޝައިޚު އަބޫބަކްރު މަޠަރެވެ. މިޗެކް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދާދިވަރުކޮށްނެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ސިންގަޕޫރު ރައްޔިތުންގެ ދީލަތި އެހީއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއައްސަސާގެ ސީއީއޯ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ބަލާއިރު މިއީ ވަރަށް މުހިއްމު މަސްއަލައެކެވެ. އަޅުގަނޑުމެން ސިންގަޕޫރުގައި ދިރިއުޅެމުން މި ދަނީ ތަފާތު ނަސްލުތަކާއި ތަފާތު ޢަޤީދާތަކުގެ ސިންދަފާތު މުޖްތަމަޢެއްގައި އެކުވެރިކަމާ އެއްބާރުލުމާ އެކުގައެވެ. އެހެނަސް ފަލަސްޠީނުގެ ޙާލަތު ވަރަށް ތަފާތެވެ. ރަޙްމަތައްލިލް ޢާލަމީން މުއައްސަސާގެ އިންސާނިއްޔަތުކަމުގެ އެހީ ފޮށްޓަކީ ޙާލުގައި ޖެހިފައި ތިބި ފަލަސްޠީނު މީހުންނަށް އެހީވުމަށާއި އެމީހުންނާއެކު ބައިވެރިވެ ހަމްދަރްދީ ވުމަށްޓަކައި ސިންގަޕޫރުގެ ރައްޔިތުންނަށް ތަނަވަސްވެފައިވާ މަންސައެކެވެ.
މި އެހީއަކީ، އޭނާ ވިދާޅުވިގޮތުގައި، އަންރުއާއިން ޣައްޒާގައި ފޯރުކޮށްދެމުން ގެންދާ އިޖްތިމާޢީ ޞިއްޙީ ޚިދްމަތްތައް ފަލަސްޠީނުގެ ރެފިއުޖީންނަށް ދިނުމަށް ޓަކައި ދެވުނު އެހީއެކެވެ.

އަންރުއާގެ ކަމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރީނީ މި އެހީއަށް ޝުކްރު އަދާކުރައްވަމުން ވިދާޅުވިއެވެ. "ޣައްޒާއަށް އެންމެ ފަހުން ދެވުނު ޙަމަލާއާ ވިދިގެން ސިންގަޕޫރުގެ ރައްޔިތުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިވެރިވެފައިވަނީ ވަރަށް ދީލަތިކަމާއި ހަމްދަރްދީއާއެކުގައެވެ. އެމީހުންގެ މި ދީލަތި އެހީގެ ސަބަބުން އޮންރުއާއަށް އެ އޭޖެންސީގެ ދައުރު އަދާކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ."
އިސްރާއީލުން އެންމެފަހުން ޣައްޒާއަށް ދިން ޢުދްވާނާ ވިދިގެން އަންރުއާ އިން ވަނީ 164 މިލިއަން ޑޮލަރުގެ އެހީއެއް ބޭނުންވާކަން ހާމަކޮށްފައެވެ. މި ޢުދްވާނުގައި ޣައްޒާގެ ޢާއްމު ރައްޔިތުން ދިރިއުޅޭ އެތައް ޢިމާރާތްތަކެއް ވަނީ ވައްޓާލައި ބިމާ ހަމަކޮށްފައެވެ. އަދި މަދުރަސާތަކާއި ހަސްފަތާލުތަކާއި ކަރަންޓާއި ފެނުގެ ވިއުގަތައް ވަނީ ހަލާކުކޮށްލައިފައެވެ. އަދި މި ޙަމަލާތަކުގައި އަންރުއާގެ އޮފީސްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.



advertisment