Support Us

އެމެރިކާގެ ކުރީގެ ނާއިބު ރައީސް މައިކް ޕެންސް

ސޮވިއެޓް ޔުނިއަނަށްވުރެ ޗައިނާ އެމެރިކާއަށް މާ ބިރުވެރި: ޕެންސް

ޗައިނާ "ނުބައި އިމްބަރާޠޫރިއްޔަތަކަށް" ވުމުގެ މަގުގައި ކުރިއަށްދާ ކަމަށާއި ޗައިނާއަކީ ފިނި ހަނގުރާމައިގެ ޒަމާނުގައި އޮތް ސޮވިއެޓް ޔުނިއަނަށްވުރެ އެމެރިކާއަށް ބިރުވެރި ޤައުމަކަށް ވެދާނެ ކަމަށް އެމެރިކާގެ ކުރީގެ ނާއިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނާއިބަކަށް ހުންނެވި ޕެންސް 2024ގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަރާންސް ޕްރެސް ބުނެއެވެ. ތަފާތު މައިދާންތަކުގައި މިހާރަށް ވުރެ ވަރުގަދަކޮށް ޗައިނާއާ ކުރިމަތިލެއްވުމަށް އޭނާ މިހާރުގެ ރައީސް ބައިޑްނަށް ގޮވައިލެއްވިއެވެ. ޗައިނާއާ ކުރިމަތިލަން ޖެހޭ މުހިއްމު ދެ މަސްއަލައެއް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ކޮރޯނާ ވައިރަސްގެ މަސައަލައާއި އޭޝިޔާގެ މާރިދުގެ "އައު އިސްތިޢުމާރު" އެވެ.

ހެރިޓޭޖް ފައުންޑޭޝަންގައި ވާހަކަފުޅު ދައްކަވަމުން ޕެންސް ވިދާޅުވިއެވެ. "ޗައިނާގެ ކޮމްޔުނިސްޓް  ޕާޓީއަކީ އަހުރެމެންގެ ފާގަތިކަމަށާއި އަހުރެމެންގެ އަގުތަކަށް މި ބިންމަތީގައި އޮތް އެންމެ ބޮޑު ބިރެވެ."

ޕެންސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފަހަރެއްގައި ޗައިނާ ނުބައި އިމްބަރާޠޫރިއްޔަތަކަށް ނުވެ ހިނގައިދާނެއެވެ. އެހެނަސް އެ ޤައުމު ގަދައަޅައި މަސައްކަތް ކުރަނީ އެފަދަ ސިންގާސަނާއަކަށް ވެވޭތޯއެވެ. އޭނާ ވިދާޅުވިއެވެ. ކޮމްޔުނިސްޓް ޗައިނާއަކީ ވަރަށް ގިނަ ގޮތްގޮތަށް ބަލާއިރު އެމެރިކާއަށް އޮތް ގޮންޖެހުމެކެވެ. އެއީ ފިނި ހަނގުރާމައިގެ ދުވަސްވަރުގައި ދުނިޔެ ދެކެފައިވާ ސޮވިއެޓް ޔުނިއަންގެ ބިރަށްވުރެ މާ ބޮޑު ބިރެކެވެ."

ޓްރަމްޕާއި ޕެންސަކީ ޗައިނާގެ އިޤްތިޞާދީ ވާދަވެރިކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. އެގޮތުން ރައީސް ޓްރަމްޕްގެ އިދާރިއްޔަތުގައި ވަނީ ޗައިނާއިން އެތެރެކުރާ މުދަލުން ބޮޑު ޑިޔުޓީއެއް ނަގަން ފަށައިފައެވެ. މި ދެބޭފުޅުން ވިދާޅުވާ ގޮތުގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ޒިންމާ އުފުއްލަން ޖެހެނީ ޗައިނާއަށެވެ. ޓްރަމްޕް ސިފަކުރައްވާފައިވާ ގޮތުގައި ކޮރޯނާ ވައިރަހަކީ "ޗައިނާގެ ވައިރަސް" އެކެވެ. ޗައިނާގެ ކޮރޯނާ ވައިރަހާ ބެހޭ މަޢުލޫމާތުތައް ދެ ފުށް ފެންނަ ގޮތަކަށް، ނަޒާހަތްތެރިކަމާއެކު ހާމަކުރުމަށް ރައީސް ޝީއަށް ރައީސް ޓްރަމްޕް ގޮވައިލެއްވިއެވެ.

ޕެންސް ވިދާޅުވިއެވެ. "ޗައިނާއަށް ދިޔުމުގެ ބަދަލުގައި ބައިޑްން އެދިވަޑައިގަންނަވަން ޖެހޭނީ ކޮރޯނާ ވައިރަސްގެ މަޞްދަރު ހާމަކުރުމަށެވެ." ރައީސް ޓްރަމްޕް ވިދާޅުވިގޮތަށް ޕެންސްވެސް ތުހްމަތު ކުރައްވާ ގޮތުގައި ކޮރޮނާ ވައިރަހަކީ ވޫހާންގެ ލެބޯޓަރީތަކުން ބޭރަށް ނުކުމެފައިވާ އެއްޗެކެވެ. ރައީސް ބައިޑްން މި ދިޔަ މޭ މަހުގައި ވަނީ ކޮވިޑް-19 ގެ މަސްއަލަ އަލުން ތަޙްޤީޤު ކުރަން އަމުރު ކުރައްވައިފައެވެ.

ޕެންސް ދެކެވަޑައިގަންނަވާ ގޮތުގައި މި "ސަރުކާރަކީ މާ ބަލިކަށި" ސަރުކާރެކެވެ. އޭނާ ޗައިނާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ބައިޑްނަށް ގޮވައިލެއްވިއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތަށް ބޭނުންތެރި ޞީނާޢަތްތެރިކަމުގައި އެމެރިކާގެ އިޤްތިޞާދު ޗައިނާގެ ޞިނާޢަތްތަކާ ދުރުކުރެއްވުމަށް ރައީސް ބައިޑްނަށް ޕެންސް ގޮވައިލެއްވިއެވެ. އަދި ތައިވާނާއެކު އިޤްތިޞާދީ ގުޅުންތައް ވަރުގަދަ ކުރުމަށާއި ޗައިނާއިން ގަންނަ މުދާތައް މަދުކުރުމަށް ވެސް ޕެންސް ގޮވައިލެއްވިއެވެ. އަދި 2022ގައި ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ކުޅިވަރު މުބާރާތްތައް، ކޮވިޑާ ބެހޭ މަޢުލޫމާތުތައް ހާމަ ނުކުރާނަމަ އެހެން ޤައުމަކަށް ބަދަލު ކުރުމަށް ވެސް ޕެންސް ގޮވައިލެއްވިއެވެ.

ހުޅަނގުގެ ބިމެއްގައި ޗައިނާގެ ޢަސްކަރީ ބޭހެއް ހެދިޔަ ނުދިނުމަށާއި ދުނިޔޭގެ ހުޅަނގު ފަޅިން  ޗައިނާ މަޙްރޫމު ކުރުމަށް ވެސް ޕެންސް ގޮވައިލެއްވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *