Support Us

އެމެރިކާގެ މަޝްހޫރު ފިލޯސަފަރު ކޯރނެލް ވެސްޓް

ފަލަސްޠީނީންނަށް ތާއީދުކުރައްވާތީ ވަޒީފާގެ ކުރިއެރުން ލިބިވަޑައިނުގެންނެވި ޕްރޮފެސަރަކު އިސްތިޢުފާ ދެއްވައިފި

އެމެރިކާގެ ހާވަރޑް ޔުނިވަރސިޓީގެ ޢަޤީދާއާބެހޭ މަދްރަސާގެ ޕްރޮފެސަރެއްގެ މަޤާމުގައި ހުންނެވި ކޯރނެލް ވެސްޓް އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ އަންގާރަ ދުވަހު އިސްތިޢުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި "ފަލަސްޠީނީންނާ ދެކޮޅަށް ވަކި ފަރާތަކަށް ޖެހިފައިވާ މުއައްސަސާއަކަށް" ހާވަރޑް ވާތީ ކަމަށް ވިދާޅުވެފައި ވެއެވެ.

އިނިގިރޭސި ވިލާތުގެ މިޑްލް އީސްޓް އައި އޮންލައިން ވެބް ޞަފްޙާ ބުނާގޮތުގައި އެމެރިކާގެ މަޝްހޫރު ތާރީޚު ޢިލްމުވެރިއާ އިސްތިޢުފާ ދެއްވަމުން 30 ޖޫންގައި ޔުނިވަރސިޓީއަށް ފޮނުއްވި ސިޓީގައި އޭނާ އެ ޔުނިވަރސިޓީގައި މަސައްކަތް ކުރެއްވި ދުވަސްތަކުގައި އޭނާއަށް ޒާތީ ތަޢައްޞުބުގެ ބޭއިންސާފު އެތައް ކަންތައްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވެފައި ވެއެވެ. އޭގެތެރޭގައި އޭނާއަށް ދޭންޖެހޭ މުސާރައަށްވުރެ ކުޑަ މުސާރައެއް ދިނުމާއި އޭނާގެ ވަޒީފާ ދާއިމީކޮށްދިނުމަށް އެދިވަޑައިގަތުމުން އެކަމުން އޭނާ މަޙްރޫމުކުރުން ވެއެވެ.

ޕްރޮފެސަރ ވެސްޓް އޭނާގެ ޓްވީޓަރ ހިސާބުގައި ލިޔުއްވާފައި ވެއެވެ. މި ޔުނިވަރސިޓީއަކީ "ބާޒާރު ޙަރަކާތް ކުރުވާ" މުއައްސަސާއެކެވެ. ޔުނިވަރސިޓީގެ ޒާތީ ތަޢައްޞުބުތަކުގެ ސަބަބުން އެތާނގެ "ރޫޙު ވަނީ ފާސިދުވެފައެވެ."

އެމެރިކާގެ މުފައްކިރު އޭނާގެ އިސްތިޢުފާ ސިޓީގައި ލިއުއްވާފައި ވެއެވެ. "ހާވަރޑް ޔުނިވަރސިޓީގެ އިދާރާގެ ތަޞައްރުފާތުތަކުގައި  ފަލަސްޠީނުގެ މަސްއަލައަށް ހަތުރުވެރި ސިޔާސަތެއް ގެންގުޅޭތީ ވަރަށް ނާއުއްމީދުވާން ޖެހުނެވެ." ވެސްޓްގެ މި ސިޓީ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ބާވަތުގެ އެކަޑެމިކް ޕްރޮފެޝަނަލް ނަރުގިސިއްޔާއަކީ އަދި ހާވަރޑްގެ އިދާރާއިން ފަލަސްޠީނީންނާ އިދިކޮޅު ސިޔާސަތަށް ލެނބޭ ފިނޑި ލެނބުމަކީ ފިކްރީ އަދި ރޫޙީ ފުން ބަނގުރޫޓުވުމެއްގެ މަތީގައި މި އިދާރާ އޮތްކަން ތާބީރުކޮށްދޭ ކަމެކެވެ."

މި ދިޔަ ފެބްރުވަރީމަހު ވެސްޓް ވިދާޅުވި ގޮތުގައި ހާވަރޑް ޔުނިވަރސިޓީން އޭނާގެ ވަޒީފާ ދާއިމީކޮށްނުދިނީ އޭނާ އިސްރާއީލަށް ފާޑުކިޔާތީ ކަން ކަށަވަރެވެ. ޓައިޓް ރޯޕް ޕޮޑްކާސްޓަށް އޭނާ ދެއްވި ބަސްދީގަތުމެއްގައި ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ބިމަށް އަރައި ހިފައިފައިވާ ވާހަކަ ދެއްކުމަކީ "އެކަޑެމިކް ދާއިރާގެ އިސް ބޭފުޅުންގެ ތެރޭގައި ދެއްކުން މަނާ ވާހަކައެކެވެ."

"އިސްރާއީލާއެކު އެއްބާރުލާ" ކުންފުނިތަކުގައި މި ޔުނިވަރސިޓީން ވުނަކޮށްފައިވާ ފައިސާތައް ނެގުމަށް ގޮވާލައި ފަރާތްތަކުގެ ތެރޭގައި ވެސްޓަކީ ވަރަށް އަސަރުގަދަ ޢުންޞުރެކެވެ. ހާވަރޑް ކްރިމްސަން ނޫސް ބުނާގޮތުގައި އިސްރާއީލާ ގުޅުން ހުރި ކުންފުނިތަކެއްގައި ހާވަރޑުން 200 މިލިއަން ޑޮލަރު ގުނަކޮށްފައި ވެއެވެ.

ހާވަރޑް ޔުނިވަރސިޓީގެ ޢަޤީދާ މަދަރުސާގެ ތަރްޖަމާނު ޖޮނަތަން ޕެސްލީ ވެސްޓްގެ ސިޓީއާ ބެހޭގޮތުން އެއްޗެއް ވިދާޅުވުމާ ވަނީ ދެކޮޅު ހައްދަވައިފައެވެ.

ވެސްޓް ޕީއެޗްޑީ ޙާޞިލު ކުރެއްވީ 1980 ވަނަ އަހަރު ޕްރިންސްޓަން ޔުނިވަރސިޓީންނެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރެއްވީ ޔޭލް ޔުނިވަރސިޓީގައެވެ. އެއަށްފަހު ހާވަރޑް ޔުނިވަރސިޓީއަށް ބަދަލުވެވަޑައިގަތެވެ. އެ ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ އޭނާއަށް ޕްރޮފެސަރެއްގެ ދަރަޖައަށް ވަޑައިގެންނެވުނެވެ. މިއީ ޔުނިވަރސިޓީގެ ދިރާސީ ހަރުފަތުގައި ހިމެނޭ އެންމެ މަތީ ހަރުފަތެވެ.

ހާވަރޑް ޔުނިވަރސިޓީގެ ރައީސް ލޮރެންސް އެޗް ސަމަރޒާއެކު 2002ގައި ހިނގި ދެބަސްވުމަކާ ވިދިގެން ވެސްޓް އެ ޔުނިވަރސިޓީން ވަކިވެ ވަޑައިގެންނެވިއެވެ. އެހެނަސް 2017ގައި އޭނާއަށް އެ ޔުނިވަރސިޓީން ފަލްސަފާ މާއްދާ ކިޔަވާ ދެއްވުމަށް ޓަކައި ޕާރޓް ޓައިމް މުޙާޟިރެއްކަމުގެ މަޤާމު އެރުވުނެވެ.

އެމެރިކާގެ މަޝްހޫރު ހާވަރޑް ޔުނިވަރސިޓީ

ވެސްޓް އޭނާގެ ވަޒީފާ ދާއިމީ ކޮށްދެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް އޭނާގެ އެދުމަށް ވަނީ ފައްސި ޖަވާބެއް ނުލިބިފައެވެ. ވެސްޓްގެ އސްތިޢުފާ ސިޓީގައި ވިދާޅުވެފައި ވެއެވެ. "އަހުރެން ލޯބިވާ ޢަޤީދާ މަދަރުސާ މިހާ ދަށަށް ވެއްޓިގެންދާ ތަން ފެނުމަކީ ހާދަ ހިތާމަ ހުރި ކަމެކެވެ." އޭނާ ވިދާޅުވިއެވެ. "މި މަދަރުސާގައި މަންހަޖު ވަނީ ވިއްސިވިހާލިވެފައެވެ. ހުނަރުވެރި އުސްތާޒުންގެ ލޯބި ވަނީ ގެއްލިފައެވެ. ބަޔަކު މީހުން ވަނީ ފިއްތުންތަކަކަށް ބޯލަނބަން ޖައްސައިފައެވެ. ދަރިވަރުންގެ ސިކުނޑިތައް ވަނީ ވިސަޑުވެ ފާސިދުވެފައެވެ. މިއީ އުދަރުހެން ފާޅުވަމުންދާ ބިރުވެރިކަމެއްގެ އިންޒާރެކެވެ."

ވެސްޓަކީ އެމެރިކާގެ ފުލުހުންގެ ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުއްލަވާ ބޭފުޅެކެވެ. އަދި އޭނާއަކީ ދޮން މީހުންގެ ނަސްލަށް އިމްތިޔާޒު ލިބިގެންވާކަމާ ދެކޮޅު ހައްދަވާ ޢިލްމުވެރިއެކެވެ.

ފަލަސްޠީނަށް ތާއީދު ކުރާ އެމެރިކާގެ މުޒާހަރާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *