އިމާރާތުގެ އެމްބެސީއެއް އިސްރާއީލުގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ތައްލު އަބީބުގައި މި އެމްބެސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްރާއީލުގެ ރައީސް އިސްޙާޤު ހާޒޮގް ބައިވެރިވެ ވަޑައިގަތެވެ.
މިކަމާ ވިދިގެން އިސްރާއީލުގެ ޚާރިޖިއްޔާގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ޖޮނަތަން ޖުނީން އެ ވުޒާރާގެ ރަސްމީ ޓްވިޓަރުގައި ވިދާޅުވިއެވެ. "މިއީ ސުލްޙައިގެ ރޭލުގައި ފާހަގަކޮށްލަން ޖެހޭ ތާރީޚީ ހިނދުކޮޅެކެވެ."
މި ރަސްމިއްޔާތުގެ ކުރިން އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެޕިޑް ވަނީ އިމާރާތުގައި ހުންނަ އެ ތާނގެ އެމްބެސީ ހުޅުއްވާދެއްވައިފައެވެ. މި އެމްބެސީގެ އިތުރަށް ދުބައިގައި އިސްރާއީލުގެ ކޮންސްލޭޓެއް ވަނީ ހުޅުވައިފައެވެ. އެއަށްފަހު އޭނާ ވަނީ އިޤްތިޞާދީ މައިދާނުގައި އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފައެވެ. ލެޕިޑް ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ތާރީޚީ ވަގުތުކޮޅެކެވެ.
އިމާރާތުގެ ވެރިރަށް އަބޫ ޡަބީގައި އިސްރާއީލުގެ އެމްބެސީ ހުޅުއްވާ ދެއްވަމުން ލެޕިޑް ވިދާޅުވިއެވެ. "އިސްރާއީލު ބޭނުންވަނީ ހުރިހާ އަވަށްޓެރީންނާއެކު ސުލްޙަމަސަލަސްކަމާއެކު ދިރިއުޅޭށެވެ. އަހުރެމެން އެހެން ތަނަކަށް ނުދާނަމެވެ. މެދުއިރުމައްޗަކީ އަހުރެމެންގެ ވަޠަނެވެ." އޭނާ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން މިތާނގައި ދެމިތިބޭނޫއެވެ. މި ސަރަޙައްދަށް އަހުރެމެން ގޮވަލަނީ އަހުރެމެން ޤަބޫލުކުރުމަށެވެ. އަހުރެމެން ބަލައިގަތުމަށެވެ."
މިއީ އިމާރާތާ އިސްރާއީލާ ދެމެދުގައި މި ދިޔަ އަހަރު ސިޔާސީ ގުޅުން ޤާއިމު ކުރެވުނު ފަހުން އިމާރާތަށް އޭނާ ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ލެޕިޑް ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރެވުނުފަހުން ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި އެ ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރެވުނު ވިޔަފާރި ވަނީ 675 މިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ.
އިމާރާތުން ބުނިގޮތުގައި މި އެއްބަސްވުންތަކަކީ ފަލަސްޠީނުގެ މަސްއަލައާ ބެހޭގޮތުން ޢަރަބިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ކުރިމަތިވި ގޮންޖެހުންތަކެއް ކަމުގައި ވިޔަސް އާޚިރުގައި މިއީ ފަލަސްޠީނު މީހުންގެ މަޞްލަޙަތު ނިޔާކުރާ ކަމެކެވެ.
އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުން
އިމާރާތާއި އިސްރާއީލާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރެވުނީ 2020ގެ ސެޕްޓެންބަރުގައި ރައީސް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުންނެވެ. މިކަމާ ވިދިގެން އިސްރާއީލާއި އިމާރާތާ ދެމެދުގައި ވައިގެ ދަތުރުތައް ވަނީ ފެށިފައެވެ. ސަފީރުން ބަދަލުކުރެވި ވިޔަފާރީގެ މައިދާނުގައި އެއްބާރުލުންތައް ދަނީ ޤާއިމު ކުރަމުންނެވެ.
އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކުރި ޢަރަބި ޤައުމުތަކަކީ ބަޙްރައިނާއި ސޫދާނާއި މަޣްރިބެވެ.
ފަލަސްޠީނު ސަރުކާރުން ވަނީ މި ކަން ކުށްވެރިކޮށްފައެވެ. ފަލަސްޠީނުން ސިފަކުރިގޮތުގައި މިއީ "ބޮޑު ޚިޔާނާތެ"ވެ. ފަލަސްޠީނުން ބުނާގޮތުގައި އިސްރާއީލު- ފަލަސްޠީނު މަސްއަލައަށް ޙައްލެއް ނުލިބެނީސް އިސްރާއީލާއެކު ގުޅުން ޤާއިމު ނުކުރުމަށް ޢަރަބީން ވަނީ އިއްތިފާޤުވެފައެވެ. އެއީ ސުޢޫދީ ރަސްގެފާނު ޢަބްދުﷲގެ އިސްނެންގެވުމުގެ މަތިން ޢަރަބި ސަމިޓުން ނިންމާފައިވާ ނިންމުމެކެވެ.



advertisment