Support Us

ޢުމުރުފުޅުން 102 އަހަރުގައި ޔަމަނުގެ މުފްތީ އަލް ޢިމްރާނީ އަވަހާރަވެއްޖެ

އިސްލާމީ އުންމަތުގެ ބޮޑެތި ދަންނަބޭކަލުންގެ ތެރެއިން ގުނާލެވޭ އަދި އެކަމަށް އެންމެން އެއްބަސްވާ ޢައްލާމާ ފަޟީލަތުއް ޝައިޚު އަލްޤާޟީ މުޙައްމަދު ބިން އިސްމާޢީލުލް ޢިމްރާނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. ޔަމަނުގެ ވުޒާރަތުލް އައުޤާފުން ހާމަކުރި ގޮތުގައި އައްޝައިޚު އަލްޢިމްރާނީ އަވަހާރަވީ ޢުމުރުފުޅުން 102 އަހަރުގައި (މީލާދީ ގޮތުން 99 އަހަރުގައި) މި ޙައްޖުމަހުގެ 2 ވަނަ ދުވަހު (12 ޖުލައި) ގައެވެ.

އައްޝައިޚު އަލްޢިމްރާނީ އަކީ ޔަމަނުގެ އެންމެ ބޮޑު ޢާލިމުކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ދެބަސްވުން ހުރި މަސްއަލަތަކުގައި އެކަލޭގެފާނަކީ އެންމެތަކުންގެ މަރްޖިޢެވެ. އެމަނިކުފާނަކީ ޝަރްޢީ ޢިލްމުތަކާއި ފިޤްހާއި ދީނީ އެންމެހާ ޢިލްމުތަކުގައި ޔަމަނުގެ އެންމެ މަޝްހޫރު މި ޒަމާނުގެ ޢާލިމެވެ.

އައްޝައިޚު އަލްޢިމްރާނީއަކީ މުފްތީކަމާއި ޤާޟީކަމާއި ކިޔަވައިދެއްވުމުގެ މައިދާނުގައި ޢުމުރުފުޅު ހުސްކޮށްލެއްވި ޢާލިމެކެވެ. މާތް މުރައްބީއެކެވެ. މީގެ އިތުރަށް އޭނާއަކީ މިސްކިތުގައި ޙަލަޤާތުތަކުގައި ދަރުސްތައް ދެއްވި ޢާލިމެކެވެ. މިކަމުގެ ސަބަބުން އޭނާގެ ނަންފުޅު ވަނީ މުޅި އިސްލާމީ ދުނިޔޭގައި މަޝްހޫރުވެފައެވެ. އޭނާއަކީ އިސްލާމީ އުންމަތުގެ ބޮޑެތި ޢިލްމުވެރިން އޭނާއަށް އިތުބާރު ކުރައްވާ ޢާލިމެކެވެ.

ޔަމަނުގެ ވުޒާރަތުލް އައުޤާފުން ނެރުނު ބަޔާނުގައި އައިސްފައިވެއެވެ. "އަލް ޢައްލާމާ އަލްޢިމްރާނީ އަވަހާރަވުމުން ފިޤްހީ ޤަޟާއީ ދަޢަވީ މައިދާނަށް ގެއްލިގެން އެ ދިޔައީ އިތުބާރުހުރި ޢިލްމީ މަރްޖިޢެކެވެ. އުންމަތަށް ގެއްލިގެން އެ ދިޔައީ ދީނީ އެކުމާފާނެކެވެ. އޭނާ މި ދުނިޔެ ދޫކުރެއްވީ އެތައް ހާސް ޢިލްމުވެރީންތަކަކާއި ދަސްވެނީންތަކެއް ދޫކުރައްވައިފައެވެ.އޭނާ ކޮށްޓަވާ ދެއްވި މަގުން އެބޭފުޅުން ހިންގަވާނެކަމުގެ ޔަޤީންކަމާއެކުގައެވެ."

އޭނާ އަވަހާރަވުމުން މުސްލިމު ޢިލްމުވެރީންގެ ބައިނަލްއަޤްވާމީ އިއްތިޙާދުން ވެސް އޭނާއަށް ތަޢުޒިޔާ ދެންނެވިއެވެ. މި ތަޢުޒިޔާގައި އައްޝައިޚު އަލްޢިމްރާނީއަކީ ޔަމަނުގެ އެންމެ މަޝްހޫރު ދީނީ މަރްޖިޢުކަމަށް ސިފަކޮށްފައި ވެއެވެ.

އައްޝައިޚު އަލްޢިމްރާނީއަކީ ކޮން ބޭފުޅެއް  

އައްޝައިޚު އަލްޢިމްރާނީއަކީ: އަބޫ ޢަބްދުއްރަޙްމާން މުޙައްމަދު ބިން އިސްމާޢީލު ބިން މުޙައްމަދު ބިން މުޙައްމަދު ބިން ޢަލީ ބިން ޙުސައިން ބިން ޞާލިޙު ބިން ޝާއިޢުލް ޢިމްރާނީއެވެ. އުފަންވެ ވަޑައިގަތީ ޞަންޢާގައި 22 ޑިސެންބަރު 1921 ގައެވެ.

އަލްޢިމްރާނީގެ ލަޤަބު އޭނާއަށް ލިބިވަޑައިގަތީ އޭނާގެ އަޞްލު ފެށިފައި ވަނީ ޢިމްރާން ސަހަރުން ކަމުގައިވާތީއެވެ. އެ ޢާއިލާއިން ޞަންޢާއަށް ފުރަތަމަ ވަޑައިގެންނެވީ އޭނާގެ ކާފާފުޅު އަލްޤާޟީ ޢަލީ ބިން ޙުސައިން ބިން ޞާލިޙެވެ. އެއީ ހިޖްރައިން ބާރަވަނަ ސައްތައިގައެވެ.

އަލްޤާޟީ މުޙައްމަދު ބިން އިސްމާޢީލުގެ ޢާއިލާއަކީ ޢިލްމީ މައިދާނުގައްޔާއި ފަނޑިޔާރުކަމުގެ މައިދާނުގައި ފުންނާބު އުސް ބޭފުޅުންތަކެއް ތަރްބިޔަތުކޮށްފައިވާ ޢާއިލާއެކެވެ. ޢިލްމު ފެތުރުމާއި  އުނގަންނާދިނުމާއި އިރްޝާދުދިނުމާއި ތަރްބިޔަތުކުރުމާއި ތައުލީފުކުރުމުގެ މައިދާނުގައި ބޮޑެތި ޙިއްސާތަކެއް އަދާކުރައްވާފައިވާ ޢާއިލާއެކެވެ.އައްޝައިޚު އަލްޢިމްރާނީއަކީ ވިސްނުންތޫނު ހިތްޕުޅު އަލި ޙާޒިރުޖަވާބު އަވަސް ބޭފުޅެކެވެ.

އައްޝައިޚުލް ޢިމްރާނީގެ ޢުމުރުފުޅުން ހަތަރު އަހަރުގައި އޭނާގެ  ބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެހެންކަމުން އޭނާ ބޮޑުފުޅުވީ މަންމާފުޅުގެ ނިޔަނެތި ތަރްބިޔަތުގެތެރޭގައެވެ. އޭނާ އިބްތިދާއީ މަދަރުސާގައި އުޅުއްވަމުން ޤުރްއާން ހިތުދަސްކުރައްވައިފިއެވެ. މަދަރުސީ ތަޢުލީމު ނިންމެވުމަށްފަހު އޭނާ ވަޑައިގަތީ މިސްކިތަށެވެ. އެތާނގައި ޔަމަނުގެ ބޮޑެތި ޢާލިމުންގެ އަރިހުން އުނގެނިވަޑައިގަތުމަށްފަހު ޢުމުރުފުޅުން 25 އަހަރުގައި ކިޔަވާ ދެއްވަން ފަށްޓަވައިފިއެވެ.

އައްޝައިޚު އަލްޢިމްރާނީއަކީ ނޫސްތަކާއި ރޭޑިއޯއާއި ޓީވީ ޗެނެލްތައް މެދުވެރިކުރައްވާ ފަތުވާތަކާއި ނަސޭހަތްތަކާއި ދަރުސްތައް ދެއްވި ޢާލިމެކެވެ. އޭނާއަކީ ސިޔާސީ  ޙާޔާތާދުރުގައި އުޅުއްވި ޢާލިމެކެވެ. މި ކަމުގެ ސަބަބުން އޭނާއަށް އެންމެންގެ ލޮތްބާއި ޤަދަރާއި އިޙްތިރާމު ލިބިވަޑައިގެންފައި ވެއެވެ. އޭނާއަކީ އިސްލާމްދީނުގެ މެދުމިންވަރުގެ ގިއުގަނޑުގެތެރޭގައި ފަތުވާތައް ދެއްވި ޢާލިމެކެވެ. މި ކަމުގެ ސަބަބުން ޔަމަނުގެ ޝާފިޢީންނާއި ޒައިދީންގެ ގާތުގައި ވެސް އަލްޢިމްރާނީ އަކީ މަޤްބޫލު ޢިލްމުވެރިއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *