Support Us

 ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒާއި ޢުމާނުގެ ސުލްޠާން ހައިޘަމު ބިން ޠާރިޤު

ރިޔާޟް- މަސްޤަޠު ގުޅުން: ހަމަހިމޭން ވާދަވެރިކަމަކުން އުންމީދީ އަތުގުޅައިލުމަކަށް

ޢުމާނުގެ ސުލްޠާނު ހައިޘަމު ބިން ޠާރިޤު އާލު ސަޢީދު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ސުޢޫދިޔާއަށް ކުރެއްވުމުން ދާރިސުންނާއި މުޙައްލިލުންގެ ލޯތައް އެ ދިމާއަށް ހުއްޓިގެން ދިޔައެވެ. އެ ދެ ޤައުމުގެ އިސްވެރީންގެ މެދުގައި ބައްދަލުވުމެއް ނުބޭއްވި 10 އަހަރު ވުމަށްފަހު ސުލްޠާން ހައިޘަމު ނިޔޫމަށް ވަޑައިގަތުމުން ރިޔާޟުގެ އުސް ޢިމާރާތްތައް ޢުމާނުގެ ދިދައާއި ސުޢޫދީ ދިދައިން އަލިކުރެވި ޒީނަތްތެރި ކުރެވިގެން ދިޔުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

ޖުލައި 11 ގައި ޢުމާނުގެ ސުލްޠާން ހައިޘަމު ސަޢޫދީ ޢަރަބިއްޔާއަށް މި ކުރެއްވި ޒިޔާރަތަކީ 10 އަހަރުގެ ތެރޭގައި ޢުމާނުގެ ޙާކިމާއަކު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިއީ ގަލްފް ސަރަޙައްދުގައި މިހާރު އޮތް އަތުގުޅައިލުންތަކަށް ބޮޑު ބަދަލެއް އަތުވެދާނެކަމުގެ އިޝާރާތެކެވެ. އެމެރިކާގެ ބްލޫމްބަރގް އޭޖެންސީގެ ރިޕޯޓެއް ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާގެ އިސްތިރާތީޖީއަކީ ގަލްފްގައި އޮތް އީރާނާ ގުޅުން ރަނގަޅު ޤައުމުތައް އީރާނާ އެކަހެރިކޮށް ސަޢޫދީ ފޭލިގެއަށް ގެނައުމެވެ.

ޢުމާނުގެ ސުލްޠާނު ހައިޘަމު ސުޢޫދީ ޢަރަބިއްޔާގެ ނިޔޫމު ސަހަރަށް ވަޑައިގަތުމުން އޭނާއަށް މަރްޙަބާ ވިދާޅުވީ ސުޢޫދީ ބާރުގަދަ ވަލީ ޢަހްދު  މުޙައްމަދު ބިން ސަލްމާނެވެ. އެ ދެބޭފުޅުން އެ ދެ ޤައުމު އެއްގަމު މަގުން ގުޅައިދޭ ހަލިމަގެއް އިފްތިތާޙު ކޮށްދެއްވިއެވެ. މި ކަމުގެ ސަބަބުން ޢުމާނުގެ ވިޔަފާރީގެ މަގުތައް ސިންދަފާތު ވެގެންދާނެއެވެ.

މީގެ އިތުރަށް ސުޢޫދީ ކެބިނެޓުން ވަނީ ޢުމާނާއެކު ވިޔަފާރިއާއި ސަޤާފަތާއި ޕޯސްޓާއި މުވާޞަލަތާއި ވުނަކުރުމުގެ މައިދާނުގައި އެތައް މަޝްރޫޢުތަކެއް ހިންގުމަށް ނިންމައިފައެވެ.

ވަގުތަށް ބަލާއިރު ސުލްޠާން ހައިޘަމުގެ ދަތުރުފުޅު ދިމާވެފައިވަނީ އޯޕެކްގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތާ ދެމެދުގައި ދެބަސްވުންތަކެއް ހިނގާފައިވާ ވަގުތަކަށެވެ. އިމާރާތުން އެ ޤައުމުގެ ތެލުގެ ޙިއްޞާ އިތުރު ކުރަން ބޭނުންވުމާ ވިދިގެން ރިޔާޟާ އަބޫ ޡާބީއާ ދެމެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން އެ ދެ ޤައުމުގެ ގުޅުމަށް ވަނީ ނުބައި އަސަރުތަކެއް ކޮށްފައެވެ. ރިޔާޟު ބުނާގޮތުގައި މިނިވަން ސަރަޙައްދުތަކުގައި އުފައްދާ އެއްޗެއްސާއި އިސްރާއީލާ ގުޅިފައިވާ ސަރަޙައްދުތަކުގައި އުފައްދާ އެއްޗެހިން ސަޢޫދީ ޢަރަބިއްޔާއަށް އެތެރެކުރެވޭ މުދަލުން ޑިޔުޓީ މާފެއް ނުކުރެވޭނެއެވެ.

ފަރުދާގެ އަނެއް ފަރާތް

ޔޫރާޝިޔާ ގްރޫޕްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާއާ ބެހޭ ބައިގެ ރައީސް އަޔިހަމް ކާމިލު ވިދާޅުވާގޮތުގައި "ފަރުދާގެ އަނެއް ފަރާތުގައި ސުޢޫދީ ޢަރަބިއްޔާއާއި ޢުމާނާ ދެމެދުގައި ކަންތައްތަކެއްގެ ބިންގާ އެޅެމުން އެބަދެއެވެ. ސުލްޠާން ހައިޘަމުގެ ދަތުރުފުޅަކީ ގަލްފާ ބެހޭ މުހިއްމު ކަންތައްތަކަކަށް އެ ދެ ޤައުމު އެއްބަސްވުމުގެ ބިންގަލެވެ."

ޢުމާނާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ގުޅުންތައް ހަރުދަނާވެގެން ދިޔުމަކީ މަސްޤަޠަށް ލިބޭ އިޤްތިސާދީ ހަދިޔާއެކެވެ. ޢުމާނަކީ ވެސް ތެލުގެ މައިދާން ނޫން އެހެން މައިދާންތަކަށް އެ ޤައުމުގެ އިޤްތިޞާދު ހުޅުވައިލަން ބޭނުންވާ ޤައުމެކެވެ. މިއަދު ސުޢޫދީ ސިޔާސަތުގެ އަމާޒަކީ ގަލްފްގެ ޤައުމުތައް އީރާނާ ދުރުކުރުމެވެ.

ސުޢޫދީ ޢަރަބިއްޔާގެ މި ސިޔާސަތުގެ ދަށުން މިހާރު ދަނީ ޢިރާޤާއެކު ވެސް ގުޅުންތައް ބަދަހި ކުރަމުންނެވެ. މި ދިޔަ މާރިޗުގައި ރިޔާޟުން ވަނީ ޢިރާޤުގެ ބޮޑުވަޒީރަށް މަރްޙަބާ ދަންނަވައިފިއެވެ.

ސުޢޫދީ ޢަރަބިއްޔާއިން ބޮއިކަޓު ކޮށްފައިވާ ޤަޠަރާއެކު މިހާރު ވަނީ ގުޅުންތައް އަލުން ޤާއިމުކޮށްފައެވެ. ދެހާސް ސަތާރަ ވަނަ އަހަރު ރިޔާޟް އިސްވެ އޮވެ ޤަޠަރު ޙިޞާރުކުރިކުރުން މިހާރު ވަނީ ނައްތައިލައިފައެވެ.

ސުޢޫދީ ވަލީޢަހްދުގެ އައު ސިޔާސަތުގެ ސަބަބުން އައު އެއްބާރުލުމެއް ޤާއިމުވަމުންދާ ކަމަށް ކާމިލު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "ސަރަޙައްދީ މަސްއަލަތަކާމެދު ވިސްނަވާ އައު ވަލީ ޢަހްދެއް ވަޑައިގެންފަދައެވެ. އޭނާ ވިސްނަވަނީ ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ ވަށައިގެން ނާރެސްކުރެވިފައިވާ ގިނަގުނަ ގުޅުންތަކެއް ބިނާކުރައްވާށެވެ. މީގެކުރިން އޭނާ ބަރޯސާވެ ވަޑައިގެންފައިވަނީ އެންމެ އެކުވެރިއެއްގެ މައްޗަށެވެ. އެއީ އިމާރާތެވެ."

ސުޢޫދީ – ޢުމާންގެ ދެބަސްވުންތައް

ބްލޫމްބަރގް ބުނާގޮތުގައި މީގެކުރިން ސުޢޫދީ – ޢުމާން ގުޅުންތައް އޮތީ ވަރަށް ތާފަނާކޮށެވެ. އެ ދެ ޤައުމުގެ ދެމެދުގައި ގުޅިފައިވާ  ސަރަޙައްދެއް އޮވެއެވެ. ސުޢޫދީންގެ ބިރަކީ ޢުމާނާ އީރާނާ ދެމެދުގައިވާ ބަދަހި ގުޅުމެވެ. ޢުމާނުން ގެންގުޅެފައިވަނީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. އަވަށްޓެރި ސުޢޫދިޔާގެ ނުފޫޒު ފުޅައުވަމުންދާ ދިޔުމާމެދު ޢުމާން އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

އެ ދެ ޤައުމުގެ ގުޅުމަށް ބުރޫއަރުވާ ކަންތައްތަކުގެ ތެރޭގައި ޔަމަނުގެ މަސްއަލަ ވެސް ވެއެވެ. ޢުމާނުގެ ކުރީގެ ސުލްޠާން ޤާބޫސް ދެކެވަޑައިގަންނަވާ ގޮތުގައި ޔަމަނުގެ މަސްއަލައިގެތެރެއަށް 2016ގައި ރިޔާޟުން ވަންވަނުމަކީ ރަނގަޅު ނިންމުމެއްނޫނެވެ. ޢުމާނަކީ ޙޫޘީންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ބައިވެރިނުވާ ގަލްފްގެ ޤައުމެކެވެ.

 ސަލްމާން ރަސްގެފާނާއި ސުލްޠާން ހައިޘަމު ޝާހީ ވެދުންތައް ބަދަލު ކުރައްވަނީ

ސުޢޫދީ ޢަރަބިއްޔާގެ އަސާސީ މަޤްޞަދަކީ އިރުމަތީ ޔަމަނުން ޙޫޘީން ބޭރަށްލުމެވެ. ސުޢޫދީން މިހާރު ވަނީ ޔަމަނުގެ އަލްމަހަރާ ރިޔާޟުގެ ބާރުގެ ދަށަށް ގެނެސްފައެވެ. މި ސަރަޙައްދަކީ ޔަމަނުގެ ދެކުނު އައްސޭރީގެ ވިޔަފާރި މަގުތައް ޙިމާޔަތްކުރުމަށް ބޭނުންވާ ވަރަށް އިސްތިރާތީޖީ ރަށެކެވެ. ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުގެ މަޞްލަޙަތު ފުށުއަރާ އެއް ސަރަޙައްދަކީ އަލްމަހަރާ ސަރަޙައްދެވެ.

ޢުމާނުން ވަކި ފަރާތަކަށް ނުޖެހުނު ނަމަވެސް ޢުމާނުން ޔަމަނީންނަށް ނުސީދާކޮށް ދަނީ އެހީވަމުންނެވެ. މުދަލާއި އުޅަނދާއި މީޑިޔާގެ ޒަރީޢާއިންނެވެ.

އަލްމަހަރާ ސުޢޫދިޔާއަށް ލިބުމުން ރިޔާޟަށް އިންޑިޔާ ކަނޑަށް ނުކުމެވޭނެއެވެ. ރިޔާޟުން މަސައްކަތް ކުރަނީ އަލްމަހަރާތެރެއިން ލައިފާ ސުޢޫދީ ތެޔޮ ރަތްކަނޑަށް ފޮނުވުމަށެވެ. މިއީ ހުރްމުޒު ކަނޑު އޮޅިއަށް ބަރޯސާވާ ބަރޯސާވުން ކުޑަވެގެންދާނެ ކަމެކެވެ. މި ކަނޑުއޮޅިއަށް އީރާނުގެ ނުފޫޒު ބޮޑުވެފައިވާތީ ރިޔާޟް އެކަމާ ކަންބޮޑުވެއެވެ.

ގުޅުމަށް ބަދަލު އައުމުގެ ސިއްރު

ބްލޫމްބަރގް ބުނާގޮތުގައި މި ގުޅުންތަކަށް އައު ވިލުމެއް ލިބުނީ ޢުމާނުގެ ސުލްޠާން ޤާބޫސް އަވަހާރަވުމުންނެވެ. ޤަބޫސް ޢުމާނުގެ ވެރިކަމުގައި  50 އަހަރު ހުންނެވިއެވެ. ގުޅުންތައް އަލުން ދިރުވުމުގައި އިސްނަގާފައިވަނީ ރިޔާޟުން ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. ސުލްޠާން ހައިޘަމު ރަސްކަމަށް އިސްކުރެވުމާ ވިދިގެން ވިދާޅުވިއެވެ. "އަހުރެމެންނަށް ދުނިޔެ އެނގިފައިވާ ގޮތަށް އަހުރެމެން އެކަމުގެ މަތީގައި ދެމިތިބޭނަމެވެ."

ބައިޑްން އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވުމާ ވިދިގެން ޔަމަނާމެދު އެމެރިކާއިން ގެންގުޅުނު ސިޔާސަތު ވަނީ ބަދަލުވެފައެވެ. އޭނާ ވަނީ އިރާނާއެކު ނިޔުކްލިއަރ ފައިލްގެ މަސްއަލައާ ބެހޭގޮތުން ވާހަކަދެއްކުން ފަށްޓަވައިފައެވެ. މިކަމާ ވިދިގެން ރިޔާޟުން ވަނީ އެ ޤައުމުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނާން ފަށައިފައެވެ. ބަޣުދާދު މަގުންލައިފާ ސަޢޫދީ ޢަރަބިއްޔާ ވަނީ އީރާނާއެކު ނުސިދާކޮށް ވާހަކަދެއްކުންތައް ފަށައިފައެވެ. ޤަޠަރާއެކު ވަނީ ގުޅުންތައް އަލުން ޤާއިމުކޮށްފައެވެ. އިސްރާއީލާއެކު ގުޅުންތައް ރަނގަޅު ކުރުން ވަނީ މަޑުޖައްސާލައިފައެވެ.

އެކުވެރި ގުޅުމަކަށް ގުޅުންތައް ބަދަލުވަނީ

ޢުމާން – ސުޢޫދީ ގުޅުންތަކުގައި އޮތް ހިފެހެއްޓުންތައް ވަނީ މި ދިޔަ ހަފުތާ ނިމުނުކޮޅުގައި ވަންހަނާވެގެން ގޮސްފައެވެ. ސަޢޫދީ ޞަޚްޞިއްޔާތުތައް މާސްމީޑިއާގައި ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ. ތަހްނިޔާގެ ބަސްތައް ވަނީ ބަދަލުކުރަން ފަށްޓަވައިފައެވެ. ޓައިމްސް އޮފް ޢުމާން ހޮނިހިރު ދުވަހު ބުނިގޮތުގައި "ސުޢޫދީ ޢުމާން ގުޅުންތައް އައު އުސްމިންތަކަކަށް ދަތުރު ފަށައިފިއެވެ. އެއީ ތަނަވަސް އެއްބާރުލުމަކާއި ތަނަވަސް ފާގަތި ޢަހްދެއްގެ ހެޔޮ ބިޝާރަތެކެވެ."

ތެލުގެ ބާވަތްތައް ނޫން މުދަލަށް ބަލާއިރު ސަޢުދީ ޢަރަބިއްޔާއަކީ ޢުމާނަށް އެންމެ ގިނަ މުދާ އެތެރެކުރާ ދެވަނަ ޤައުމެވެ. އިޢާދަ ކުރާ އެކްސްޕޯޓަށް ބަލާއިރު ސަޢޫދީ ޢަރަބިއްޔާއަކީ ހަތަރުވަނަ މަޤާމުގައި އޮތް  ޤައުމެވެ. ޢުމާނުން އެއްޗެހި އެތެރެކުރާ ޤައުމުތަކަށް ބަލާއިރު ސަޢޫދީ ޢަރަބިއްޔާއަކީ ފަސްވަނަ މަޤާމުގައި އޮތް ޤައުމެވެ. ޢުމާނުގެ ކަނޑު މަހަށް ބަލާއިރު ސަޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގެ ފެންވަރުގައި ހަތަރުވަނަ ޤައުމެވެ.

އެ ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރެވޭ ވިޔަފާރިއަށް ބަލާއިރު 2020ގައި މި މިންވަރު ވަނީ 10 ބިލިއަން ސުޢޫދީ ރިޔާލަށް މައްޗަށް ގޮސްފައެވެ. ސުޢޫދީ ޢަރަބިއްޔާގައި ހުންނަވާ ޢުމާނުގެ ސަފީރު ހާމަކުރެއްވިގޮތުގައި އެ ޤައުމުގެ 2040ގެ ތަޞައްވުރަކީ ސުޢޫދީގެ 2030އާ އެއްފަދަ ތަޞައްވުރެކެވެ.

ސުޢޫދީ ރަސްގެފާނު ސަލްމާނާ ޢުމާނުގެ ސުލްޠާން ހައިޘަމު އިޢުލާން ކުރައްވާފައިވާ ގޮތުގައި ތަފާތު މައިދާންތަކުގައި ވިލަރެސް ކުރުމަށްޓަކައި ޚާއްޞަ މަޖިލީހެއް އެކުލަވައިލެވޭނެއެވެ. އެއީ އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުމުގެ އުދަރެސް ފުޅައު ކުރުމަށް ޓަކައެވެ. ސުލްޠާން ހައިޘަމުގެ މި ދަތުރުފުޅުގެ ސަބަބުން ސުޢޫދީ – އީރާން ވާހަކަދެއްކުންތައް ކުރިމަގުގައި ބޭއްވޭނީ ޢުމާނުގައި މަސްޤަޠުގެ ބެލުމުގެ ދަށުގައިކަމަށް ޚަބަރު ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *