މިޞްރުގެ ފެނުގެ ޤައުމީ ސަލާމަތްތެރިކަން ޙިމާޔަތް ކުރުމަށާއި އިތިޔޯޕިއާގެ ނަހްޟާ ޑޭމާ ކުރިމަތިލުމަށް ޓަކައި އަޅަން ޖެހޭ "މުނާސަބު އެންމެހާ ފިޔަވަޅުތައް" އެޅުމުގެ ބާރު މިޞްރުގެ ބަރްލަމާނުން ރޭ ރައީސް ޢަބްދުލްފައްތާޙުއް ސީސީއަށް އަރުވައިފިއެވެ.
މި ގޮތަށް މިޞްރުގެ ބަރްލަމާނުން ނިންމީ އެޑިސް އަބާބާއިން ޑޭމަށް ދެވަނަ ފަހަރަށް ފެން ފުރަން ފެށުމާއި އެ މަސްއަލައާމެދު ސަލާމަތީ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކާ ބެހޭގޮތުން މިޞްރުގެ ބަރްލަމާނުގައި ދެ ދުވަސް ވަންދެން މަޝްވަރާކުރުމަށް ފަހުގައެވެ.
މިޞްރުގެ ބަރްލަމާނުން ނިންމި ނިންމުންތައް ބުނާގޮތުގައި "މުނާސަބު ވަގުތުގައި އަޅަން ޖެހޭ ފިޔަވަޅުތައް ސިޔާސީ ޒަޢާމަތުން އަޅުއްވާނެކަމުގެ ފުރިހަމަ އިތުބާރު ބަރްލަމާނަށް އެބަ އޮތެ"ވެ.
މިޞްރުގެ ބަރްލަމާނުގެ މެންބަރަކު ވިދާޅުވިއެވެ. "އިސްތިރާތީޖީ ރާސްތާތަކުގައި ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލުމުގައި މިޞްރުގެ ރައްޔިތުންގެ ހުރިހާ ފަންތިތަކަކާއި ގިންތިތަކެއް ތިބީ ރައީސް ޢަބްދުލް ފައްތާޙުއް ސީސީގެ ފަހަތްޕުޅުގައެވެ."
ހަލަބޮލި ޖަލްސާއެއް
މިޞްރުގެ ބަރްލަމާނުގެ އިއްޔެގެ ޖަލްސާއަކީ ވަރަށް ހަލަބޮލި ޖަލްސާއެކެވެ. އެޑިސް އަބާބާއިން އެކަހެރި ގޮތެއްގައި ނަހްޟާ ޑޭމް ދެވަނަ ފަހަރަށް ފުރަން ފެށުމުން ބަރްލަމާނުގެ މެންބަރުން އެޑިސް އަބާބާއަށް ވަރަށް ވަރުގަދައަށް ފާޑުވިދާޅުވިއެވެ. ބަރްލަމާނުގެ ރައީސް ޙަނަފިލް ޖިބާލީ ވިދާޅުވި ގޮތުގައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ސަލާމަތީ މަޖިލީހުގައި ދެއްވި ޚިޠާބަކީ މި ޚުޠޫރަތްތެރި މަސްއަލައާ ބެހޭގޮތުން މިޞްރު ދެކޭގޮތް ހާމަކުރައްވާފައިވާ ޚިޠާބެކެވެ. އޭނާ ވިދާޅުވިގޮތުގައި މިޞްރު އެދެނީ މި ޑޭމަށް ފެން ފުރުމާއި ޑޭމް ހިންގުމާބެހޭ ކަންތައްތައް އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން ކުރުމަށެވެ. މިއީ ހުރިހާ ފަރާތްތަކަކަށް އެއަށް ޢަމަލުކުރުން ލާޒިމުކުރާ އެއްބަސްވުމަކަށް މި އެއްބަސްވުން ވާން ޖެހޭނެއެވެ.
މިޞްރުގެ ބަރްލަމާނުގެ ރައީސް އަލްޖިބާލީ ހާމަކުރެއްވި ގޮތުގައި ޑޭމާ ބެހޭގޮތުން ޢަދްލުވެރި ޙައްލަކާ ހަމައަށް ދެވިގެން މެނުވީ މި ސަރަހައްދު ގަޑުބަޑުކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔުން މަނާ ނުކުރެވޭނެތެވެ. އޭނާ ވިދާޅުވިއެވެ. "ބާރުގެ ބޭނުންނުކޮށް މި ގޮންޖެހުން ފަހަނަޅައި ދެވޭނެ ކަމަށް އަހުރެމެން އިތުބާރު ކުރަމެވެ." އޭނާ ވިދާޅުވިއެވެ. "މިޞްރުން އަޚުންނާ ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް މިޞްރުގެ ފެނުގެ ޙައްޤުގައި އެއްވެސް މީހަކު ބީހުމަކީ މިޞްރު ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. އިތިޔޯޕިއާގެ ސުލޫކަކީ ވަރަށް ނޭއްގާނި ސުލޫކެކެވެ. އެ ކަމަށް އެއްވެސް ބަހަނާއެއް ނެތެވެ. އެއީ މިޞްރު ހުރިހާ ހައިސިއްޔަތަކުން އެކަމާ ދެކޮޅު ހަދާނެ ކަމެކެވެ."
ބަރްލަމާނުގެ މެންބަރެއް ކަމުގައިވާ ޟިއާއުއްދީން ދާވޫދު ތުހްމަތު ކުރެއްވި ގޮތުގައި ނަހްޟާ ޑޭމަކީ އިސްރާއީލުގެ ނުބައި ރޭވުމެކެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެމެންގެ ކުރިމަގާ ނުކުޅުމަށް އިންޒާރުކުރަމެވެ. މިޞްރަށް ފިއްތުމަށް ޓަކައި އިތިޔޯޕިއާ ޞިހްޔޫނީ ބޭހެއް ކަމުގައި ހަދައިގެން ޞިހްޔޫނީ އުންމީދުތައް ޙާޞިލު ކުރުމަށް ނީލަކޯރު ހިނގާ މަގު ބަދަލުކުރުމަށް ކުރާ މަސައްކަތް ޙަޤީޤަތަކަށް ނުހެދޭނެއެވެ. އެއީ ބޮޑު ބިލާހެކެވެ. މިއީ ފަލަސްޠީނުގެ ބިން ފޭރިގަތުމާއެކު ނީލަކޯރުން ފެށިގެން ފުރާތު ކޯރާ ހަމައަށް ފުޅައުވެފައިވާ ބޮޑު އިސްރާއީލު މަޝްރޫޢުގައި ހިމެނޭ ބައެކެވެ."
ޑޭމާބެހޭ ވާހަކަ ދެއްކުންތައް ވަނީ ފޭލްވެފައި
މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ 9 ޖުލައިގައި ސަލާމަތީ މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި އިތިޔޯޕިއާގެ ޑޭމާ ބެހޭގޮތުން އެފްރިކާގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ބޭއްވުނު ވާހަކަ ދެއްކުންތައް ނުކުމެފައި ވަނީ ބަންދު މަގެއްގެ މައްޗަށެވެ. ސަލާމަތީ މަޖީހުގެ މި ބައްދަލުވުމުން އެއްވެސް ޤަރާރެއް ފާހެއް ނުކުރެއެވެ. ޑޭމާ ބެހޭ ތިން ދައުލަތަށް ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިޔުމަށް ގޮވައިލުމަށްފަހު ޖަލްސާ ނިންމައިލީއެވެ.



advertisment