އިސްރާއީލުގެ އައު ރައީސް އިސްޙާޤު ހާޒޮގް "ޞުލްޙައަށް ޓަކައި މަސައްކަތްކުރައްވަން" އެދިވަޑައިގަންނަވާ ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް ދަންނަވައިފިއެވެ. އޭނާއަށް މަރްޙަބާ ދެންނެވުމަށް ޓަކައި ޢައްބާސް އިއްޔެ ފޯނުން ގުޅުއްވުމުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ޞުލްޙައާ ބެހޭ ވާހަކަ ދެއްކުންތައް އަލުން ފެށުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށް ހާޒޮގް ވިދާޅުވިއެވެ.
ހާޒޮގް ރައީސް ކަމަށް އިސްކުރެވުނީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާއަކީ އިސްރާއީލުގެ 11 ވަނަ ރައީސެވެ. އޭނާ އިސްރާއީލުގެ ލޭބަރ ޕާޓީގެ ރައީސްކަމާއި ބަރްލަމާނުގައި އިދިކޮޅު ޕާޓީގެ ޒަޢީމުކަން ކުރައްވާފައިވެއެވެ.
އިސްރާއީލުގެ ރައީސަކީ ރަމްޒީ މަޤާމެކެވެ. ސަރުކާރު ހިންގުމުގެ ސިޔާސީ ހުރިހާ ބާރުތަކެއް ލިބިފައިވަނީ ބޮޑުވަޒީރަށެވެ. ރައީސްކަމުގެ މަޤާމަކީ ހަތް އަހަރު ދުވަހުގެ މުއްދަތަށް ޢިސްކުރެވޭ މަޤާމެކެވެ.
ހާޒޮގް ކުރެއްވި ޓްވީޓެއްގައި އައިސްފައި ވެއެވެ. "ރޭ އަހުރެން ފަލަސްޠީނުގެ އިދާރިއްޔަތުގެ ރައީސް މަޙްމޫދު ޢައްބާސާ ވާހަކަދެއްކީމެވެ. ދެ ފަރާތުގެ ދެމެދުގައި އަލުން ވާހަކަދެއްކުންތައް ފެށުމަށް އެދޭ ވާހަކަ އަހުރެން އޭނާއަށް ދެންނެވީމެވެ. އިސްރާއީލުގެ ކުރީގެ ރައީސުން މަސައްކަތް ކުރެއްވި ފަދައިން އިސްރާއީލު- ފަލަސްޠީނު ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިޔުމަށް އަހުރެން ވެސް ހިތްވަރުދޭނަމެވެ."
ހާރޒޮގް އިޝާރަތް ކުރެއްވިގޮތުގައި އޭނާ ރައީސްކަމުގެ ޤާނޫނީ ހުވާ ކުރެއްވުމުން އޭނާއަށް ތަހްނިޔާ ވިދާޅުވުމަށް ޢައްބާސް ގުޅުއްވިއެވެ. "އެއްތާވެގެން ދިރިއުޅޭ ދެ ރައްޔިތުންގެ ދެމެދުގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް ޓަކައި ގުޅުންތައް ހަރުދަނާކުރުމަށް" އޭނާ އެހީވެދެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޝާމިލު ހަމަހިމޭންކަމެއް
އަނެއްކޮޅުން ފަލަސްޠީނުގެ ރައީސް އަބޫ މާޒިން ކަށަވަރުކޮށްދެއްވި ގޮތުގައި "ޤުދްސާއި ޣައްޒާއާއި ހުޅަނގު އައްސޭރި ހަމަހިމޭން ކަމުގައި ބޭއްވުމަކީ ޟަރޫރީ ކަމެކެވެ." ފަލަސްޠީނުގެ ނޫސް އޭޖެންސީ (ވަފާ) ބުނިގޮތުގައި ރައީސް ޢައްބާސް އިތުރަށް ބާރުލައްވައި ވިދާޅުވިއެވެ. "ޝާމިލު އަދި އިންސާފުވެރި ޞުލްޙައަކަށް ވާޞިލުވުމަށް ބޭނުންވާ މޫސުންތައް ފަހިކުރުމަށް ޓަކައި ޢަމަލީ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ."
ޢައްބާސްގެ އެދިވަޑައިގަތުންތަކެއް
އިސްރާއީލުގެ ޓީވީ ޗެނެލެއް ކަމުގައިވާ ޗެނެލް 12 ހޯމަވިލޭރޭ ހާމަކުރިގޮތުގައި ހަތް އަހަރުވަންދެން ހުއްޓިފައިވާ ޞުލްޙައިގެ ވާހަކަދެއްކުންތައް އަލުން ފެށުމަށް ޓަކައި ރައީސް ޢައްބާސް ޝަރްޠުތަކެއް ވޮޝިންގްޓަނަށް ހުށައަޅުއްވަން ވަނީ ނިންމަވައިފައެވެ.
މި ޗެނެލް ބުނިގޮތުގައި ޢައްބާސްގެ ޝަރްޠުތަކުގެ ތެރޭގައި މިއަންނަ ކަންތައްތައް ހިމެނެއެވެ.
- 2001ގައި އިސްރާއީލުން އިރުމަތީ ޤުދްސުގައި ބަންދުކޮށްފައިވާ ހުރި ފަލަސްޠީނުގެ މުއައްސަސާތައް އަލުން ހުޅުވުން
- އަލްމަސްޖިދުލް އަޤްޞާގެ ޙާލަތު ކުރީގެ ޙާލަތަށް އިޢާދަކުރުން. އެ ޙަރަންފުޅަށް ޔަހޫދީން ކުރާ ޒިޔާރަތްތައް މަދުކުރުމާއި ފަލަސްޠީނުގެ އިދާރިއްޔަތުގެ ބާރު ވަރުގަދަކުރުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރަށް މި ޙަރަންފުޅުގެ ވަށައިގެން އިސްރާއީލު ފުލުހުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ކުޑަކުރުމަށް ވެސް ޢައްބާސް އެދިވަޑައިގަންނަވައެވެ.
- އައްޝައިޚު ޖައްރާޙު އަވަށުންނާއި ސިލްވާން އަވަށުންނާއި އިރުމަތީ ޤުދްސުގެ އެހެނިހެން އަވަށްތަކުން ފަލަސްޠީނު މީހުން ބޭލުމުގެ މަސައްކަތް މުޅިން ހުއްޓައިލުމާއި ޔަހޫދީން މި ތަންތާނގައި ވަޒަންވެރި ކުރުވުން ހުއްޓައިލުން. ފަލަސްޠީނު އިސްރާއީލު ވާހަކަދެއްކުން 2014ގައި ހުއްޓުމަކަށް އައީ އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނު މީހުން ދުކޮށްލުމާ ބެހޭ ގޮތުން ބޭއްވުމުން ދިޔަ ވާހަކަދެއްކުންތައް ކުރިއަށް ނުދިޔުމުގެ ސަބަބުންނެވެ.
ދެ ދައުލަތުގެ ޙައްލު
ޖުލައި 10 ވަނަ ދުވަހު އިސްރާއީލުގެ ރައީސް އުރްދުންގެ ރަސްގެފާނު 2ވަނަ ޢަބްދުﷲއާ ގުޅުއްވާފައިވާ ކަން ފާހަގަ ކުރެވެއެވެ. "ދެ ދައުލަތުގެ ޙައްލުގެ ބިންގަލުގެ މަތީގައި އިސްރާއީލާއި ފަލަސްޠީނާ ދެމެދުގައި ޢަދްލުވެރި ޝާމިލު ޞުލްޙައެއް ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ އަހައްމިއްޔަތާ" މެދު މަޝްވަރާކުރެވުނެވެ. މި ކަމަށް ޓަކައި މަސައްކަތްތައް އިތުރު ކުރަން ޖެހިފައިވާ ކަމަށް ޢަބްދުﷲ ރަސްގެފާނު ވިދާޅުވިއެވެ.
އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މި ދިޔަ ހަފުތާގައި ޢައްމާނަށް ވަނީ ސިއްރު ދަތުރުފުޅެއް ކުރައްވައިފައެވެ. މި ދަތުރުފުޅުގައި ބެނެޓް އުރްދުންގެ ރަސްގެފާނާ ބައްދަލު ކުރެއްވިއެވެ. އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި މި ދެބޭފުޅުންގެ ބައްދަލުކުރެއްވުން ބޭއްވިފައި ވަނީ "ވަރަށް ފައްސި ޖައްވެއް" ގައެވެ. މި ދެބޭފުޅުން އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކުގެ އައު ޞަފްޙާއެއް ހުޅުއްވުމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ. މި ދެ ޤައުމުގެ ރަސްމީ ދާއިރާތަކުން މި ބައްދަލު ކުރެއްވުމާ ބެހޭގޮތުން އާއެކޭ ވެސް އަދި ނޫނެކޭ ވެސް ބުނެފައެއް ނުވެއެވެ.



advertisment