ވޭތުވެދިޔަ ދެ ދަހަރުގެ ތެރޭގައި ޕާކިސްތާނުގެ ސަލާމަތީ މުއައްސަސާތަކުން ޠާލިބާނުންނަށް އެހީވަމުން ދިޔަދިޔުމަކީ މުޙައްލިލުން ޤަބޫލުކުރައްވާ ކަމެއް ކަމަށް ފެނެއެވެ. އެމެރިކާ ސިފައިން އެންމެ ފަހުން މިއަދު މި ވަނީ އަފްޣާނިސްތާނުގައި "ބަލިވެގެން" ފައިބައިފައެވެ. ޠާލިބާނުން މިވަނީ އެ ޤައުމުގެ 85 އިންސައްތަ ބިން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މުޙައްލިލުން ލަފާކުރައްވާ ގޮތުގައި ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް ވަރަށް އަވަހަށް އަންނާނެއެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ޠާލިބާނުން ވެރިކަމަށް އަތުވެއްޖެނަމަ ޕާކިސްތާނަށް "ދަތި ޚިޔާރުތަކަކާ" ކުރިމަތިލާން ޖެހޭނެއެވެ.
އަފްޣާނިސްތާނުގައި އަހްލީ ހަނގުރާމައެއް ފެށުން: ޕާކިސްތާނު އެންމެ ނޭދޭ ކަންތައް
އެމެރިކާއިން ޠާލިބާނުންގެ ސަރުކާރު 2001 ވަނަ އަހަރު ވައްޓާއިލުމާ ވިދިގެން ނުރަސްމީ ސިފައެއްގައި ޠާލިބާނުންނަށް އެންމެ ބޮޑު އެހީއެއް ލިބިފައި ވަނީ ޕާކިސްތާނުންނެވެ. އަފްޣާނިސްތާނުގެ އެތައް މިލިއަން ބަޔަކަށް ބޯހިޔާވަހިކަން ދިނީ ޕާކިސްތާނުންނެވެ. ޕާކިސްތާނުން ޠާލިބާނުންނަށް އެހީވުމުގެ ސަބަބުތަކުގެ ތެރޭގައި އަވަށްޓެރި ހަތުރުވެރި އިންޑިއާ، އަފްޣާނިސްތާނުގައި އަތްގަދަ ކުރިޔަނުދިނުން ވެއެވެ. އެމެރިކާގެ ރަސްމީ އެކުވެރިޔާ ކަމަށް ވާތީ ޕާކިސްތާނު ސަރުކާރުން ރަސްމީ ސިފައިގައި މިކަމާ ދެކޮޅު ހަދައެވެ. އިސްލާމްއާބާދު ބުނާގޮތުގައި ޠާލިބާނުންގެ މައްޗަށް އެ އިދާރިއްޔަތުގެ ނުފޫޒެއް ނެތެވެ.
ޠާލިބާނުން އަފްޣާނިސްތާނުގެ މުހިއްމު ސަހަރުތައް މިހާރު ދަނީ ޙިޞާރު ކުރަމުންނެވެ. ޕާކިސްތާނުގެ މަސްއޫލުވެރީން މިކަމާ ބެހޭގޮތުން ވިދާޅުވަނީ "ޠާލިބާނުން ވެރިކަމަށް އައުމަކީ ނުވަތަ އަފްޣާނިސްތާނުގައި އަހްލީ ހަނގުރާމައެއް ފެށުމަކީ އިސްލާމްއާބާދުގެ މަޞްލަޙަތަށް ފައިދާ ހުރި ކަމެއް ނޫނެވެ."

ޕާކިސްތާނުގެ ކުރީގެ ދިފާޢީ ވަޒީރު ރިޓަޔަރޑް ޖެނެރަލް ނަޢީމު ޚާލިދު ވިދާޅުވިއެވެ. "އަހުރެމެންނަކީ ދީނީގޮތުންނާއި ނަސްލީ ގޮތުންނާއި ޤަބަލީ ގޮތުން އަފްޣާނިސްތާނާ ވަރަށް ބޮޑަށް ގުޅިފައިވާ ބައެކެވެ. އެ ޤައުމުގައި އަހްލީ ހަނގުރާމައެއް ފެށިއްޖެނަމަ ޕާކިސްތާނު އޭގެތެރެއަށް ގެނބިގެންދާނެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަފްޣާނިސްތާނުގައި އަހްލީ ހަނގުރާމައެއް ފެށުމަކީ ޕާކިސްތާނު އެކަމަށް އެދޭނެ ކަމެއްނޫނެވެ." މި ކަމުގެ ސަބަބުން ރެފިއުޖީން މިލިއަނުންމިލިއަނުން ޕާކިސްތާނުގެ ތެރެއަށް އޮހިގެންދާނެތީއެވެ. މިއަދުވެސް ޕާކިސްތާނުގައި ރަޖިސްޓަރީވެގެން 1.4 މިލިއަން ރެފިޔުޖީން އެބަ އުޅެއެވެ.
ދެވަނަ ކަމަކީ ޠާލިބާނުން މޮޅުވުމުން ޕާކިސްތާނުގައި އުޅޭ ހަރުކަށި ފިކްރުގެ މީހުންނަށް ހިތްވަރު ލިބިގެންދާނެތީއެވެ. އަފްޣާނިސްތާނުގެ ސަރަޙައްދީ ޤަބަލީ ސަރަޙައްދުތަކަށް ދެވެމުން ދިޔަ ޢަސްކަރީ ޙަމަލާތަކުގެ ސަބަބުން އެ ފަދަ ފިކްރުގެ ވެރީންނަށް ވަނީ ތެދުވާނެ ފުރްޞަތު ނުލިބިފައެވެ.
ޕާކިސްތާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިއެވެ. ހަރުކަށި ފިކްރުގެ މީހުން ބުނާނެއެވެ. "އަހުރެމެންނަށް އެމެރިކާ ބަލިކޮށްލެވިއްޖެއެވެ. އެމީހުންނާ އަޅައި ބަލާއިރު ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ." އޭނާ ވިދާޅުވިއެވެ. "ހަނގުރާމައަކީ އަހުރެމެންނާ ގުޅޭ ކަމެއްނޫނެވެ. އެކަމުގެ ތެރޭގައި އުޅޭތާ 40 އަހަރު ވެއްޖެއެވެ."
ޕާކިސްތާނު އެދޭ ކަމެއްނޫން
އިސްލާމްއާބާދު ބުންޏެވެ. "މީހުންގެ ރުހުން ލިބިފައިނުވާ ނިޒާމަކަށް ތާއީދު ކުރާ ބަޔަކަށް އަހުރެމެން ވާކަށް ބޭނުމެއްނޫނެވެ. "ޠާލިބާނުން 1996ން 2001ށް ވެރިކަމުގައި ތިބިއިރު އެމީހުންނަށް އެންމެ ވާގިވެރިވި ޤައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނުން މިއަދު އެދެނީ ޞުލްޙަވެރި ޙައްލަކަށެވެ. ޕާކިސްތާނު އެދެނީ ވާހަކަ ދައްކައިގެން ކާބުލްގެ ސިޔާސީ ނިޒާމުގައި ޠަލިބާނުންނަށް ބޮޑު ބާރެއްލިބުމަށެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔެ އެމީހުން ޤަބޫލު ކުރާނެތެވެ. އަދި އެމީހުންނަށް ޤައުމު ތަރައްޤީ ކުރުމަށް ބޭނުންވާ ބައިނަލް އަޤްވާމީ އެހީ ވެސް ލިބޭނެއެވެ. ނަމަވެސް ދައުޙަގައި ބޭއްވުނު ޞުލްޙައިގެ ވާހަކަ ދެއްކުންތައް ވަނީ ނާކާމިޔާބުވެފައެވެ. ކާބުލް ތުހްމަތު ކުރާގޮތުގައި ވާހަކަ ދެއްކުންތައް ނާކާމިޔާބުވީ "ބާޣީން އެމީހުންގެ ޢަސްކަރީ ޢަމަލުތައް ޤާނޫނީ ކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުންނެވެ."

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހުންނަވާ އެމެރިކާގެ ޚާޢްޞަ މަންދޫބާ ލޮރޭލް މިލަރ ވިދާޅުވިއެވެ. "ޕާކިސްތާނަށް އެންމެ ރަނގަޅު ވާނީ ޞުލްޙައިގެ ވާހަކަ ދެއްކުންތަކަށް އަސަރު ފޯރުވޭވަރުގެ ޢަސްކަރީ ކުރިއެރުންތަކެއް ޠާލިބާނުންނަށް ލިބުމެވެ. ނަމަވެސް އެފަދަ ކާމިޔާބީއެއް އަދި ލިބިފައެއް ނުވެއެވެ."
މިފަދަ ޙާލަތެއްގައި އަފްޣާނިސްތާނު އޮތްވާ އެމެރިކާ އެ ޤައުމުން ފޭބުމަކީ އިސްލާމްއާބާދު އެދޭ ކަމެއްނޫނެވެ. ޕާކިސްތާނުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މުޢީދު ޔޫސުފު ވިދާޅުވިއެވެ. "އަފްޣާނިސްތާނަށް ސިޔާސީ ޙައްލެއް ގެނެވެންދެން އެމެރިކާ އަފްޣާނިސްތާނުން ނުފޭބުމަށް އިސްލާމްއާބާދުން ގޮވައިލިއެވެ." އޭނާ ވިދާޅުވިއެވެ. "ބިންމަތީގައި ކަންތައްތައް ބަދަލު ވަމުންދަނީ ހީވެސް ނުކުރާހާ އަވަހަށެވެ." އޭނާ ޕާކިސްތާނުގެ ރަސްމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަފްޣާނިސްތާނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އިސްލާމްއާބާދު އެދެއެވެ. ޕާކިސްތާނާ ދެކޮޅަށް އެ ބިން ބޭނުން ނުކުރުމަށް އެދެއެވެ. އެހެންވެއްޖެނަމަ ޕާކިސްތާނަށް އިތުރު ޚިޔާރެއް ނޯންނާނެއެވެ."
ޕާކިސްތާނުން ތުހްމަތު ކުރާގޮތުގައި އިންޑިއާއި އަފްޣާނިސްތާނުން ދަނީ ޕާކިސްތާނުގައި ބަޣާވަތްކުރާ މީހުންނަށް ޙިމާޔަތްދީ ބޯހިޔާވަހިކަން ދެމުންނެވެ. އޭގެތެރޭގައި ބުލޫޗީންނާއި ޖިހާދީން ހިމެނެއެވެ. މި ޖަމާޢަތްތަކުން ޕާކިސްތާނަށް ދެމުންދާ ޙަމަލާތައް ދެނީ އަފްޣާނިސްތާނުގެ ތެރެއިންނެވެ.



advertisment