Support Us

7000 ފްލެޓު ހަވާލުކުރާއިރު ހުންނާނީ ރައުޓަރު ބެހެއްޓުމުން ވަގުތުން އިންޓަނެޓްގެ ޚިދުމަތް ދެވޭގޮތަށް: އެޗްޑީސީ

ހުޅުމާލޭގެ 7000 ހިޔާ ފްލެޓުގައި ފައިބަރ ކޭބަލް އާއި އޮޕްޓިކަލް ނެޓްވަރކް ޑިވައިސް އިންސްޓޯލް ކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ފަށައިފިއެވެ. އޮޕްޓިކަލް ނެޓްވަރކް ޓަރމިނަލަކީ "ފައިބަރ ޓު ހޯމް ކަނެކްޝަން"ގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ. މި މަޝްރޫއު އަކީ އެޗް.ޑީ.ސީ މިހާރު ކުރިއަށް ގެންދާ ސްމާޓް ސިޓީ އިނިޝިއޭޓިވްގެ މުހިންމު މަރުހަލާއެކެވެ.

އޮޕްޓިކަލް ނެޓްވަރކް ޓަރމިނަލް ނުވަތަ އޯއެންޓީ އަކީ ފައިބަރ ނެޓްވަރކްގައި މޮޑެމެއް ފަދައިން އިންޓަނެޓް ސަރވިސް ފޯރުކޮށްދޭ  ފަރާތްތަކާ ގުޅުވައިދޭ ވަސީލަތެކެވެ. އެޗްޑީސީއިން ދެކޭގޮތުގައި މިފަދަ ފައިބަރ ޓު ހޯމް ނެޓްވަރކެއް މުޅި ހުޅުމާލެ ސިޓީގައި ގާއިމު ކުރެވުމަކީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ސިޓީ ހެދުމަށް އެޅޭ މުހިންމު ބިންގަލެކެވެ. މިނެޓްވަރކްގެ ޒަރިއްޔާއިން އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް "ފައިބަރ ޓު ހޯމް ނެޓްވަރކް" ހުރުމުން އަވަހަށް އިންޓަނެޓްގެ ހިދުމަތް ސެޓަޕް ހަދައި، ހިދުމަތް ބޭނުން ކުރަން ފެށޭނެއެވެ. ހިޔާ ފްލެޓްތަކަކީ ވަރަށް ގިނަ ފްލެޓް ނުވަތަ ގޭބިސީ އެކުލެވޭ ތަނެއްކަމުން ކޮންމެ ފްލެޓަކަށް ވަކިން ކޭބަލް އެޅުން ވާނީ އުނދަގޫ މަސައްކަތަކަށެވެ. މިފަދަ ނެޓްވަރކްއެއް ގާއިމްވެފައި އޮތުމުން ސަރވިސްދޭ ފަރާތްތަކަށް އިތުރު ދަތިތަކަކާ ނުލާ އަވަހަށް ގިނަ ފަރާތްތަކަކަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ. ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓްގެ ހިދުމަތް އައު ތަނަކަށް ހޯދާނަމަ އާންމު އުސޫލުން ދެ ހަފްތާ ނުވަތަ އެއައްވުރެ ގިނަ ދުވަސް ނަގައެވެ. ނަމަވެސް މި ނެޓްވަރކްގެ ސަބަބުން ހިދުމަތް ލިބެންފެށުން އަވަސް ވާނެއެވެ. އަދި އެންމެ ކޮލިޓީގައި އޮންލައިން ވީޑިއޯ ފަދަ އެއްޗިހި ސްޓްރީމް ކޮށްލައި، ފެންވަރު ރަނގަޅު އެޕްލިކޭޝަންތައް ބޭނުންކުރެވޭ ފެންވަރުގެ ހައި ސްޕީޑް އިންޓަނެޓް ލިބޭނެއެވެ.

މިފަދަ ނެޓްވަރކެއް ގާއިމްވެފައި އޮތުމަކީ ކުރިއަށް އޮތް ތަނުގައި އެހެން ހިދުމަތްތައް ފުޅާ ކުރުމަށްވެސް މަގުފަހިކޮށްދޭނެ ކަމެކެވެ. އަދި އައު ހިދުމަތްތަކެއް ގާއިމުކުރަންޖެހިއްޖެ ހާލަތެއްގައިވެސް އިތުރަށް މަގުކޮނުމުގެ މަސައްކަތް ކުރަން ނުޖެހޭނެ ނިޒާމެކެވެ. އެޗްޑީސީއިން އުއްމީދު ކުރަނީ ހިޔާ ފްލެޓްތައް ހަވާލުކުރާއިރު މި "ފައިބަރ ޓު ހޯމް ނެޓްވަރކް" ގާއިމްކޮށް ނިންމައިފައި ހަވާލުކުރުމަށެވެ. މިފަދަ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމް ކުރެވުމަކީ ދިރިއުޅެން ފަސޭހަ އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ސްމާޓް ސިޓީއަކަށް ހުޅުމާލެ ސިޓީ ހެދުމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *