Support Us

ދޮގު ވާހަކަތައް ދައްކައި، އެ ދޮގުތައް އަޅުގަނޑުގެ ބޮލުގައި އަޅުންވަން އުޅެގެން އެކަމެއްނުވި: ރައީސް

އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ދައްކައިގެން އެ ދޮގުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުންވަން އުޅެގެން އެކަމެއް ނުވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށްގެންދާ މަޖިިލިސް އިންތިހާބުގެ ކެންޕެއިންގައި ގަލޮޅު ދެކުނު ދާއިރާގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދުގެ (އިބުޓީ)ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މި ގައުމުގެ އިގުތިސާދު އޮތީ އަނދަވަޅެއްގައި ކަމަށާއި މިއަދު ގައުމުގެ ހުރިހާ ކަމެއް ރަނގަޅު މަގުން ދާން ފަށައިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މި ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓް ދޭންވީ ގައުމަށް ހަމަޖެހުން ގެނައުމަށާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން މި ސަރުކާރަށް ވެރިކަން ހަވާލުކުރީ ރާއްޖޭގެ މިނިވަންކަން ބީވެގެން ގޮސްފައިވާތީ، އެ މިސްރާބު ގޯސްވެގެން ދިވެހިންގެ އަތްމައްޗަށް "ޕްރޯ މޯލްޑިވްސް" ވިސްނުމުގެ މައްޗަށް، ދިވެހިންނަށް އިސްކަން ދޭނެ ސިޔާސަތު އިސްކުރާނެ ސަރުކާރެއް ގެނައުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގ ނަތީޖާ މި ގައުމުން ބޭރު ސިފައިން ބޭލުމުގެ މަސައްކަތް ބާރު ސްޕީޑުގައި އެދަނީ. އަޅުގަނޑުމެންގެ އަތްމައްޗަށް މި ގައުމުގެ ހުރިހާ ކަމެއް އަމިއްލައަށް ބެލެހެއްޓޭނެ ފެންވަރު ގާއިމްކުރަމުން މިދަނީ ހުރިހާ ކަމެއް. އެހެންވީމަ މި ރައްކާތެރިކަން މިހާރު ވެސް އިހުސާސްވާން ފަށައިފައިވާނީ،" ރައީސް ވިދާޅުވި އެވެ.

މި ގައުމުގައި ތަރައްގީ ޔަގީންކޮށްދިމުށާއި މި ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް އަދި ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މި މަހު 21 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓް ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ މި ކަންކަން މި ސަރުކާރުން ކުރާނެކަން ޔަގީންވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދެން މި ކަންކަން އަޅުގަނޑުމެން ކުރާނެކަން އެނގޭތީ އެކި ކަހަލަ ވާހަކަތައް ދައްކަމުން އެދަނީ. އެކި ކަހަލަ ދޮގު ހަދަމުންދަނީ. ދެން އަޅުގަނޑުގެ ބޮލުގައި ދޮގު އަޅުވަން އުޅެ އެޅުވޭ ގޮތެއް ނުވޭ. އަޅުގަނޑަކީ ވައުދެއް ވެއްޖެއްޔާ ތެދު ބަހުން ވާހަކަދައްކާ ތެދުވެރިކަމާއި އަމާންތެރިކަމާއެކު ފުއްދާ މީހެއްކަން ރައްޔިތުން އެބަ ގަބޫލްކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން މި ހަތަރު ފަސް މަސް ދުވަހަށް ކަނޑައެޅި ހުރިހާ ކަމެއް، ސަރުކާރަށް ފުރިހަމަ ބާރުއޮވެގެން ނިންމޭ ކަމެއް ވެއްޖެއްޔާ، ކޮށް ނިންމާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *