Support Us

އެޑްވަޓޯރިއަލް

އެޗް.ޑީ.ސީގެ އަމާޒު: ފޭސް ދޭއްގެ ކޮންމެ އިމާރާތެއް ވެސް މުވާސަލާތީ ވިއުގައިން ގުޅާލުން

ޒަމާނުއްސުރެ އުޅުނު ތަން ބަދަލުކޮށް އަލަށް އެޕާޓްމަންޓަކަށް ބަދަލުވާއިރު އިސްކަންދޭ ގިނަ ކަންތައްތަކެއް ހުރެއެވެ. މިގޮތުން ގޭގެ ކަރަންޓާއި ފެން ފަދަ ހިދުމަތްތައް ޤާއިމު ކުރުމަށް ހާއްސަ އިސްކަމެއް ދޭ އުސޫލުން، ޒަމާނަށް އައި ބަދަލާއި ތަރައްޤީއާ އެކު މި ހިދުމަތްތަކުގެ އިތުރަށް މުވާސަލާތީ ގުޅުން، އިންޓަނެޓް އަދި ކޭބަލް ޓީވީ އަކީ ވެސް މިހާރު ކޮންމެހެން ހުންނަންޖެހޭ ހިދުމަތްތަކަކަށް ވަނީ ވެފައެވެ.

މިކަން އާއްމުކޮށް އޮންނަނީ ތަކުލީފަކަށްވެ ހިދުމަތް ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަކަށް ވެފައެވެ. ނަމަވެސް، ހުޅުމާލޭގެ ތަރައްޤީ އައު މިސްރާބަކަށް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާ އެކު އެޗް.ޑީ.ސީގެ ފަރާތުން ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކަކީ ފޭސް ދޭއްގައި ތަރައްގީކުރެވޭ ކޮންމެ އިމާރާތަކީވެސް އެތަނަކަށް ރައްޔިތުން ބަދަލުވާންވާއިރަށް ސީދާ އެޕާޓްމެންޓާ ހިސާބަށް ފައިބަރ ނެޓްވަރކް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ލިބިގަތުމަށް ތައްޔާރު ކުރެވިފައިވާ ނެޓްވޯކެކެވެ. އަދި ނަތީޖާއެއްގެ ގޮތުން ރައްޔިތުން އިމާރާތަށް ބަދަލުވެ ހިދުމަތަށް އެދުމާއެކު ކުޑަ ގަޑިއިރުކޮޅެއް ތެރޭގައި ހިދުމަތް ލިބިގެންދާނެ މަގު މިހާރު މިވަނީ ފަހިވެފައެވެ.

ފޭސް ދޭއްގައި 7000 ހިޔާ ފްލެޓް، ސްޓެލްކޯގެ ބްލޫ ރިޖް، އެމް.އޭ.ސީ.އެލްގެ ހިޔާ ފްލެޓްއަށް ރައްޔިތުން ބަދަލުވިއިރު އެޗް.ޑީ.ސީގެ ސްމާޓްކޮމް ޓީމުން ވަނީ މިއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފްލެޓްތައް އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކާ ގުޅާލައި އެޕާޓްމެންޓްތަކުގައި އޯ.އެން.ޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައެވެ. އަދި މިހާރު ހުޅުމާލެ ފޭސް ދޭއްގައި އެމް.ޑަބްލިއު.އެސް.އީގެ މަލަސް އިމާރާތްވެސް މިވަނީ ގުޅުވާލައިފައެވެ. މި އިމާރާތުގެ އެޕާޓްމަންޓްތަކުގެ ވެރިފަރާތްތަކާ ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތަށް ކަނެކްޝަން އަޅައި، ހުސްވި ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ލިބޭނޭ ނިޒާމް ޤާއިމްކޮށްފައެވެ.

މި މަސައްކަތުން ލިބޭ ފަސޭހަތައް ނުހަނު ގިނައެވެ. މިގޮތުން އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކޮށްލަން ބޭނުންވި ކަމުގައި ވިޔަސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ވުމުގެ މަގުފަހިވެގެން ދާނެއެވެ. އަދި ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް ވަނީ މަދުކުރެވިފައެވެ. އޯޕަން އެކްސެސް ނެޓްވޯކާ އެކު އެކި ހިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލް ތަކަށް ގެއްލުން ލިބި ކަނެކްޝަން ކެނޑެން ދިމާވާ ހާލަތްތައް މަދުކުރެވުނެވެ. އޭގެ ހެއްކަކަށް ވަނީ އޯޕަން އެކްސެސް ނެޓްވޯކްގެ އަޕްޓައިމް ވޭތުވެދިޔަ އަހަރުތެރޭގައި 100% ގައި ހުރުމެވެ. މާނައަކީ ކުރިއާލާ ރާވައިގެން ކުރިއަށް ގެންދެވޭ މެއިންޓެނަންސް އަދި އަޕްގްރޭޑިންގެ މަސައްކަތަކަށް ނޫން ގޮތަކަށް ނެޓްވޯކް ހިދުމަތް މެދުނުކެނޑުމެވެ.

އެޗް.ޑީ.ސީގެ ސްމާޓްކޮމް ޓީމްގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުމާލޭގެ ރައްޔިތުންނަށް ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށެވެ.