މިޞްރުގެ ފެނުގެ މަޞްދަރަށް އެއްވެސް ގެއްލުމެއް ދިނުމަށް ޤާހިރާ ދޫކޮށްނުލާނެ ކަމަށް މިޞްރުގެ ފެނާ ބެހޭ ވަޒީރު މުޙައްމަދު ޢަބްދުލް ޢާޠީ ވިދާޅުވެއްޖެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި އިތިޔޯޕިއާގެ ނަހްޟާ ޑޭމާ ބެހޭގޮތުން ފިޔަވަޅު އެޅުމަށް ޓަކައި މިޞްރު އޮތީ ހުރިހާ ސީނާރިއޯތަކަކަށް ތައްޔާރުވެގެންނެވެ.
މިޞްރުގެ ވަޒީރު މިކަން ހާމަކުރެއްވީ މިޞްރުގެ މީޑިޔާއާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަރަމު ޖަބްރު ރޭ ހުޅުވާލައްވައިގެން ބޭއްވެވި ޖަލްސާއެއްގައެވެ. މިޞްރުގެ ވަޒީރު މި ސީނާރިއޯތަކަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވިއެވެ. "މިޞްރުގެ ރައްޔިތުން އެއްގޮތަކަށް ވެސް ހާސްވާކަށް ނުޖެހެއެވެ. ވާހަކަ ދައްކައިގެން މަސްއަލައަށް އަޅުގަނޑުމެން އެދޭ ޙައްލެއް ނުލިބިއްޖެނަމަ މިޞްރުގެ ޙައްޤު ފުރިހަމައަށް ހޯދައިގަތުމުގެ ޤާބިލުކަން މިޞްރުގެ ކިބައިގައި އެބަ އޮތެވެ."
މިޞްރުގެ އިރިގޭޝަން ވަޒީރު ޢަބްދުލް ޢާޠީ ހާމަކުރެއްވި ގޮތުގައި ހެދި ހަނދުތަކުގެ ޒަރީޢާއިން ވާރޭ ވެހޭ ތަންތަން މި ދަނީ ފާހަގަކުރަމުންނެވެ. އެއިން ކޮންމެ ފެން ތިއްކަކުން ފައިދާ ލިބިގަނެވޭ ގޮތް ހެދުމަށް ޓަކައި މި ދަނީ ޙަރަކާތްތެރިވަމުންނެވެ. ފެނުގެ މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި އެންމެ ފެން ތިއްކެއްވެސް ބޭކާރުވެގެން ދިޔަ ނުދިނުމަށް މިޞްރުން މަސައްކަތް ކުރާނެއެވެ.
ޢަބްދުލް ޢާޠީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިތިޔޯޕިއާގެ ރައްޔިތުންނަށް މަޝްރޫޢުތައް ހިންގުމުގެ ޙައްޤު ލިބިގެން ވެއެވެ. އަދި މިޞްރުގެ ރައްޔިތުންނަށް އެމީހުން ދިރިތިބުމުގެ މަޞްދަރު ރައްކައުތެރިކުރުމުގެ ޙައްޤު ވެސް ލިބިގެން ވެއެވެ."
މިޞްރުގެ ވަޒީރު ވިދާޅުވިގޮތުގައި "ނަހްޟާ ޑޭމްގެ މަސްއަލައާއެކު މުޢާމަލާތު ކުރުމަށް ޓަކައި ދައުލަތުގެ ހުރިހާ ގުނަވަންތަކެއްގެ މެދުގައި ވަނީ ވަރަށް ރަނގަޅަށް ވިލަރެސް ކުރެވިފައެވެ. އެހެނަސް ޤަރާރު ކަނޑައެޅުމުގައި އަވަސް އަރުވައެއް ނުގަންނާނަމެވެ. އަޅަންޖެހޭ ފިޔަވަޅު އަޅާނީ ރަނގަޅަށް ދިރާސާކޮށްގެންނެވެ."
ކަރަމް ޖަބްރު ވިދާޅުވިއެވެ. "ނީލަކޯރުގެ ފެނުގައި އޮތް މިޞްރުގެ ތާރީޚީ ޙައްޤު ރައްކައުތެރި ކުރެވިފައިވާ ޙައްޤެއްކަމާމެދު އަޅުގަނޑުމެން އިތުބާރު ކުރަމެވެ. މި ޙައްޤަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ މި ޙައްޤު ދިފާޢު ކުރުމުގެ ޙައްޤު މިޞްރަށް ލިބިގެން ވެއެވެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އަލްޤަނާޠިރުލް ޚައިރިއްޔާއަށް އައިސް މި ތިބީ ދައުލަތާމެދު އިތުބާރު ކުރާކަމުގެ މެސެޖު ގެނެސްދިނުމަށެވެ. ނީލަކޯރުގައި އޮތް މިޞްރުގެ ތާރީޚީ ޙައްޤުތައް ރައްކައުތެރިކުރުމުގެ ޤާބިލުކަން މިޞްރަށް ލިބިފައިވާ ކަން ކަށަވަރުކޮށް ދިނުމަށެވެ."
ޑޭމާ ބެހޭ ވާހަކަދެއްކުންތައް އަލުން ފެށުން
އަނެއްކޮޅުން ބަލާއިރު ސޫދާނުން އަނެއްކާ ވެސް ވާހަކަދެއްކުންތައް ފެށުމަށް އިތިޔޯޕިއާއަށް ރޭ ގޮވާލައިފިއެވެ. ސޫދާނުގެ އިރިގޭޝަން ވަޒީރު ޔާސިރު ޢައްބާސް ކުރެއްވި ޓްވީޓެއްގައި ސަލާމަތީ މަޖިލީހުގެ ބައިވެރިވުމާއެކު ޑޭމާ ބެހޭ ވާހަކަދެއްކުންތައް ފެށުމަށް ޚުރްޠޫމު މަރްޙަބާ ކިޔާކަމަށް ވިދާޅުވެފައިވެއެވެ. ޢައްބާސްގެ މި ޓްވީޓޫގައި ޑޭމާ ބެހޭގޮތުން އެކަހެރިކޮށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ގޮވާލައްވާފައި ވެއެވެ.
ސަލާމަތީ މަޖިލިސް
މި މަސްއަލައާ ބެހޭގޮތުން ބަހުސްކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުން މި ދިޔަ ބުރާސްފަތި ދުވަހު ޚާއްޞަ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. މިއީ މި މަޖިލީހުގައި މި ޑޭމާ ބެހޭގޮތުން ބަޙުސް ކުރެވުނެ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ބަޙުސް ކުރެވުނީ މި ދިޔަ އަހަރުގައެވެ. މަޖިލީހުން މި ކަމާ ބެހޭގޮތުން އެއްވެސް ޤަރާރެއް ނުނެރެއެވެ. ޢަރަބި ޤައުމުތަކުން މި މަޖިލީހަށް ހުށައެޅި މަޝްރޫޢުގެ ދެލި ކޮޕީގައި ގޮވާލައިފާ ވަނީ ޑޭމަށް ފެންފުރުމާއި ޑޭމު ބޭނުންކުރުމާ ބެހޭގޮތުން މިޞްރާއި ސޫދާނާއި އިތިޔޯޕިއާ އާ ދެމެދުގައި ވާހަކަ ދައްކައިގެން ހަ މަސް ދުވަހުގެތެރޭގައި ޙައްލަކަށް އައުމަށެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން މި ތިން ޤައުމަށް އެފްރިކާގެ އިއްތިޙާދުގެ ބެލުމުގެ ދަށުން ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިޔުމަށް ގޮވާލިއެވެ. މި ޤައުމުތަކުން މި ކަމަށް ވަކި މުއްދަތެއް ކަނޑައަޅައިފައެއް ނުވެއެވެ.
މި ދިޔަ ހަފުތާގައި އިތިޔޯޕިއާއިން ވަނީ މި ޑޭމަށް ފެން ފުރުމުގެ މަސައްކަތް ދެވަނަ ފަހަރަސް ފެށިއްޖެކަން މިޞްރަށާއި ސޫދާނަށް އަންގައިފައެވެ. މިއީ މިޞްރާއި ސޫދާން ދެކޮޅު ހަދަމުންދާ ކަމެކެވެ. މި ދެ ޤައުމުން ގޮވާލަނީ ހުރިހާ ފަރާތްތަކަކުން ޢަމަލު ކުރަން ޖެހޭ އެއްބަސްވުމަކަށް ފުރަތަމަ ދިޔުމަށެވެ.



advertisment