"ޑީޕް ޑައިވް ދުބައި" ނަމަކަށް ކިޔާ މި ފެންގަނޑުގެ ފުންމިނަކީ 60 މީޓަރެވެ. މިއީ 14 މިލިއަން ލިޓަރުގެ ފެންގަނޑެކެވެ. އެހެން ބަހަކުން ދަންނަވާނަމަ މިއީ އޮލިމްޕިކް ކުޅިވަރުތަކުގައި ބޭނުން ކުރެވޭ ހަ ފެންގަނޑާ އެއްވަރު ބޮޑު، ތަނަވަސް ފެންގަނޑެކެވެ. ގިނެސް ބުކް ބުނާގޮތުގައި މިއީ ފީނުމަށް ޓަކައި ހެދިފައިވާ އެންމެ ފުން ފެންގަނޑެވެ.
ޑީޕް ޑައިވްގައި ފެނުގެ އަޑީގައި ޙަޔަވީ ދެ ވެށްޓެއްވެއެވެ. މި ފެންގަނޑުގެތެރޭގައި ހިކި ދެ ކޮޓަރި ހުރެއެވެ. އެއީ ހަ މީޓަރުގެ އަޑީގައްޔާއި 21 މީޓަރު އަޑީގައި ހަދާފައިވާ ދެ ކޮޓަރިއެވެ.
މި ފެންގަނޑުގައި ހުރިހާ ފަރާތްތަކެއް ބަލައިލެވޭވަރުގެ 56 ކެމެރާ ހުރެއެވެ. ފީނާ މީހުންގެ އިޙްސާސްތަކާއި ޝުޢޫރުތައް މުއްސަނދިކޮށްދިނުމަށް ޓަކައި އަލީގެ ތަފާތު ނިޒާމުތަކާއި އަޑުގެ ތަފާތު ނިޒާމުތައްވެސް ހުރެއެވެ.
ޑީޕް ޑައިވް ފެންގަނޑަކީ މީރުފެނުގެ ކުޅިއެކެވެ. މި ފެންގަނޑުގެ ފެން ހަ ގަޑިން ހަގަޑިން އައުވެގެންދާނެއެވެ. މި ކަމަށް ބޭނުންކޮށްފައިވަނީ އަލިފާން ފަރުބަދަތަކުގެ ޠަބީޢީ ހިލައާއި ނާސާއިން ތަރައްޤީކޮށްފައިވާ ފިލްޓަރުތަކެކެވެ. މި ކަމުގެ ސަބަބުން ފެންގަނޑުގެ ހޫނުކަން 30 ދަރަޖައިގައި ދެމިހުންނާނެއެވެ.
ފެންގަނޑުގެ މަސްއޫލުވެރިއެއް ކަމުގައިވާ ޢަބްދުﷲ ބިން ޙަބްތޫރު ވިދާޅުވިއެވެ. "މި ފެންގަނޑަކީ ފީނާ މީހުންނަށާއި އާހިތަވެރިކަމަށް ލޯބިކުރާ މީހުންނަށް ހަދިޔާ ކުރެވުނު އައު ތަޖްރިބާތަކެކެވެ. މިކަމުގެ ސަބަބުން އިމާރާތުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ދުނިޔޭގެ ފެންވަރުގައި ފަތުރުވެރީންގެ ލޯތައް ދަމައިގަންނާނެ ތަނަކަށް މި ތަން ވާނެއެވެ."
ޑީޕް ޑައިވް ދުބައިގެ ޑިރެކްޓަރު ޖެރަޑް ޖެބްލަންސްކީ ވިދާޅުވާގޮތުގައި މި ތަނުގައި ތަޖްރިބާކާރު ފީނުންތެރީންގެ އިރްޝާދުގެ ދަށުން ފީނުމުގެ ތަފާތު ތަޖްރިބާތައް ކޮށްލެވޭނެއެވެ. މީގެ އިތުރަށް ފީނުމުގެ ސިއްރުތަކާއި އެކަމުގެ ލައްޒަތާއި ފޮނިކަން ޙާޞިލު ކުރެވޭނެއެވެ. މި ހުރިހާ ކަމެއްވެސް ކުރެވޭނީ އަމާން ވެށްޓެއްގެ ތެރޭގައެވެ. ފީނުމަށް ބޭނުންކުރާ ތަފާތު އާލަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން މިނިވަން ފީނުންތައް ތަޖްރިބާކޮށްލުމަށް ވެސް ފުރްޞަތު ލިބޭނެއެވެ.
ދުބައިގެ މެދުތެރޭގައި ހަދާފައިވާ މި ފެންގަނޑު އޮންނަނީ 1500 އަކަ މީޓަރުގެ ބޮޑު ބިނާއެއްގެ ތެރޭގައެވެ. މި ބިނާ ހަދާފައިވަނީ އިތާ ތޮށިގަނޑެއްގެ ސިފައިގައެވެ. އެއީ އިމާރާތުގެ ތުރާސް ރަމްޒުކޮށްދިނުމަށް ޓަކައެވެ. ގަލްފް މީހުންނަކީ ތެލުގެ މުއްސަނދިކަން ލިބުމުގެ ކުރިން މުތް ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެކެވެ.
ޑީޕް ޑައިވް ދުބައި ޢާއްމުންނަށް ހުޅުވައިލުމަށް ހަމަޖެހިފައި ވަނީ މި ޖުލައި މަހުގެ ފަހުކޮޅުގައެވެ.



advertisment