އިސްރާއީލާއި އިމާރާތާއި ބަޙްރައިނާ ދެމެދުގައި ގުޅުން ޠަބީޢީ ކުރުމަށް ސެޕްޓެންބަރު 2020ގައި ވި އެއްބަސްވުމާ ވިދިގެން އެ ޤައުމުތަކަށް އެހީވުމަށް ޓަކައި އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދެވި "އަބްރާމް ފަންޑް" ގަނޑުކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފިކަން ރޭ އިޢުލާންކޮށްފިއެވެ.
އިސްރާއީލުގެ އިޤްތިޞާދީ އޮންލައިން ސައިޓެއް ކަމުގައިވާ "ގްލޯބްސް" ގައި އެމެރިކާއާއި އިސްރާއީލުގެ މަޞްދަރުތަކާ ޙަވާލާދީ ހާމަކުރިގޮތުގައި ވޮޝިންގްޓަނުން މި ކަނޑައެޅި ޤަރާރަކީ ވަކި މުއްދަތެއް ނެތް ގޮތަށް ކަނޑައަޅާފައިވާ ނިންމުމެކެވެ.
މި ފަންޑް އުފެއްދުނީ 2020ގެ އޮކްޓޫބަރު މަހުގައެވެ. މި ފަންޑް އުފެއްދުނުތާ ތިން މަސް ދުވަހުގެތެރޭގައި މި ފަންޑުން އެހީ ހޯދުމަށް އެދި އެތައް މަޝްރޫޢުތަކެއް ހުށައެޅުނެވެ. އޭގެތެރޭގައި ސީދާ އިސްރާއީލުގައި ހިންގުމަށް ހުށައެޅުނު މަޝްރޫޢުތަކެއް ވެސް ހިމެނެއެވެ.
ހަކަތައާއި ފަންނިއްޔާތުގެ ދާއިރާއާ ބެހޭ 12 ވަރަކަށް މަޝްރޫޢު ހުށައެޅުނެވެ. މި ފަންޑުގައި ބައިވެރިވެ ވުނަކުރުމުގެ މަޝްރޫޢުތަކުގައި ޙިއްޞާވުމަށް އެމެރިކާގެ އެތައް ކުންފުނިތަކަކުން އެދުނެވެ.
ހަމަޖެހިފައިވާ ގޮތުން މި ފަންޑުން ވުނަކުރުމުގެ ބާޒާރަށް ތިން ބިލިއަން ޑޮލަރު ގުންބާ ކުރާނެއެވެ. އެއީ މެދުއިރުމަތީގައި އިޤްތިޞާދީ އެއްބާރުލުން ވަރުގަދަކުރުމަށާއި ފާގަތިކަމަށާއި ތަރައްޤީއަށް ހިތްވަރު ދިނުމަށެވެ.
ނަމަވެސް އެމެރިކާގެ އިދާރިއްޔަތު ބަދަލުވުމާ ވިދިގެން ވޮޝިންގްޓަނުގެ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިކަމާ ވިދިގެން މި ފަންޑްގެ ޑިރެކްޓަރު ލައިޓްސްޓަން އިސްތިޢުފާ ދެއްވިއެވެ. އޭނާގެ ފަހުން މި މަޤާމަށް ބޭފުޅަކު އަދި ވެސް ވަނީ ޢައްޔަން ނުކުރެވިއެވެ.
ޞުލްޙައިގެ އެއްބަސްވުން
ޓްރަމްޕްގެ ވެރިކަމުގައި އިސްރާއީލާއި ޢަރަބި ބައެއް ޤައުމުތަކާ ދެމެދުގައި އެއްބަސްވެފައިވާ ޞުލްޙައިގެ މުޢާހަދާތަކަށް ރައީސް ބައިޑްން ތާއީދު ކުރެއްވިނަމަވެސް އެކަމަށް އެމެރިކާގެ ބަޖެޓުން ހޭދަކުރުމަށް ބައިޑްންގެ އެއްވެސް ފޯރިއެއް ނެތެވެ. އިސްރާއީލުގެ ޗެނެލް 12 މި ޚަބަރާމެދު ވާހަކަ ދައްކަމުން ބުންޏެވެ. "އެމެރިކާ އާއި އިމާރާތުން އިސްރާއީލުގައި އެތައް ބިލިއަން ޑޮލަރުތަކެއް ވުނަކުރާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ކަރުދާސްކޮޅެއް މައްޗަށް އޮއްސި ދެލިފޮދަކަށް މިއަދު ބަދަލުވެއްޖެއެވެ."
މި ޗެނެލް ބުނާގޮތުގައި އިސްރާއީލުގައި ވުނަކުރުމުގެ މަޝްރޫޢުތައް ހިންގުމަށް އިމާރާތުން ފަންޑެއް ޤާއިމު ކުރީ "އަބްރާމް ފަންޑް" ގަނޑުކުރީމައެވެ. މި ފަންޑްގެ ވާހަކަ އިޢުލާނު ކުރެވުނީ 2021ގެ މާރިޗްގައެވެ. މިއީ 10 ބިލިއަން ޑޮލަރުގެ ފަންޑެއް ކަމަށް ބުނެވެއެވެ. މި ޗެނެލް ބުނާގޮތުގައި މި ފަންޑު ވެސް ވަނީ ފައިކައްސާލައިގެން ވެއްޓި ނުތެދުވެވިފައެވެ. އަބޫ ޡަބީގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދު މި ފަންޑް އިޢުލާން ކުރެއްވި ފަހުން އެއްވެސް ޢަމަލީ ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.



advertisment