މިޞްރުގެ ސުވޭސް ކެނެލަށް އުރުނު ޕެނަމާގެ އެވަރ ގިވެން ކޮންޓޭނަރު ބޯޓު ތިން މަސް ފަހުން ދޫކޮށްލުމަށް މިއަދު އަމުރުކޮށްފިއެވެ.
މި އަހަރުގެ މާރިޗް 23 ގައި އުރުނު މި ބޯޓު ހިފަހައްޓާފައި އޮތް އޮތުން އުވާލުމަށް މިޞްރުގެ އިސްމާޢީލިއްޔާގެ އިޤްތިޞާދީ ކޯޓުގެ ރައީސް މުސްތަޝާރު ޢުމަރުލް ޤާޟީ އަމުރު ކުރެއްވީ ސުވޭސް ކެނެލްގެ އިދާރާއިން މި ބޯޓު ދުކޮށްލުމުގައި މަސްއަލައެއް ނެތް ކަމަށް ކޯޓަށް ހުށައެޅުމުންނެވެ.
މި ބޯޓު ސުވޭސް ކެނެލުން ލައިފާ ހޮލެންޑްގެ ރޮޓަރޑަމަށް ދިޔުމުގެ ދަތުރު މާދަމާ ފަށާނެއެވެ. މި ބޯޓަކީ ޕެނަމާގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެކެވެ. މި ބޯޓު ކުއްޔަށް ހިފައިފައި ވަނީ ތައިވާނުގެ ކުންފުންޏަކުންނެވެ.
ޗައިނާއިން ހޮލެންޑަށް ދަތުރުކުރަނިކޮށް މި ބޯޓު ސުވޭސް ކެނެލަށް އުރުމުން ކެނަލްގެ އިދާރާއާއި މި ބޯޓުގެ ވެރިފަރާތާ ދެމެދުގައި އުފެދުނު އަރާރުންތަކާ ވިދިގެން މި ބޯޓު ވަނީ މިޞްރުން ހިފަހައްޓައިފައެވެ. މި ކަމާ ބެހޭގޮތުން ބޭއްވުނު ވާހަކަދެއްކުންތައް ނުނިމިދާނެތީ މި މަސްއަލައާ ބެހޭ ޙުކުން މި އަންނަ އާދީއްތަ ދުވަހަށް ލަސްކުރުމަށް ދެ ފަރާތުން ވަނީ އެދެފިއެވެ. ނަމަވެސް މަސްއަލައާ ބެހޭގޮތުން ދެ ފަރާތަށް އެއްބަސްވުމަކާ ހަމައަށް އާދެވުމުން ސުވޭސް ކެނެލްގެ އިދާރާއިން ވަނީ ބޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ބާޠިލުކޮށް ބޯޓަށް ދަތުރު ކުރުމުގެ ހުއްދަ މާދަމާ ދިނުމަށް އެދިފައެވެ.
އެވަރ ގިވެން ހިފެހެއްޓުމަށް ފަހު ބަނދަރުކޮށްފައި އޮތީ މިޞްރުގެ އިސްމާޢީލިއްޔާގެ އަލްބުޙައިރާތުލް މުއްރާ ކުޅީގައެވެ. މި ބޯޓު މާދަމާ ކެނެލުން ފުރާނީ ދެ ޓަގު ބޯޓާއެކުގައެވެ. މި ބޯޓަށް މަގު ދެއްކުމަށް ތަޖުރިބާކާރު ދެ އާރުކާޓީން ތިބޭނެއެވެ.
މި ބޯޓު ދުކޮށްލުމާ ބެހޭ ލިޔުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް މާދަމާ ހެނދުނު ބޭއްވޭނެ ކަމަށް މިޞްރުން ބުންޏެވެ. މި ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރާއި އިންޑިއާގެ ކޮންސުލޭޓް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ސުވޭސް ކެނެލްގެ އިދާރާގެ ރައީސް ޖެނެރަލް އުސާމާ ރަބީޢާއި އެވަރ ގިވެން ބޯޓުގެ ވެރި ކުންފުނީގެ މަންދޫބަކު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޕެނަމާގެ ކޮންޓޭނަރު ބޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓޭނަރުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. މިއީ 440 މީޓަރު ދިގު 59 މީޓަރު ފުޅައު އުޅަނދެކެވެ. މި ބޯޓަށް 224 ހާސް ޓަނުގެ މުދާ އުފުލުމުގެ ބާރު ލިބިގެން ވެއެވެ. ސުވޭސް ކެނެލަށް 23 މާރިޗްގައި އުރުނު މި ބޯޓު ފުންކުރެވުނީ ހަ ދުވަހުންނެވެ. މި ބޯޓު އުރުމުގެ ސަބަބުން ސުވޭސް ކެނެލް ބަންދު ކުރަން ޖެހުނެވެ. މި ކަމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް 900 މިލިއަން ޑޮލަރުގެ ބަދަލަކަށް މިޞްރުން އެދުނެވެ. އެހެނަސް ދެ ފަރާތުން ވާހަކަ ދައްކައިގެން މި މިންވަރު ވަނީ 550 މިލިޔަނަށް ކުޑަކުރެވިފައެވެ.
މި ބޯޓު އުރުނުއިރު މި ބޯޓު ކުއްޔަށް ހިފައިފައި ވަނީ ތައިވާނުގެ އެވަރ ގްރީން ކުންފުނީންނެވެ.



advertisment