ޙަމާސް ޖަމާޢަތާއެކު ގުޅުންތައް ހުޅުވައިލުމަށް އެ ޖަމާޢަތުގެ ޒަޢީމު ޚާލިދު މިޝްޢަލް ރޭ ސުޢޫދީ ޢަރަބިއްޔާއަށް ގޮވާލައްވައިފިއެވެ.
އޭނާ ގުޅުންތައް އައު ކުރުމަށް ރިޔާޟަށް ގޮވައިލެއްވީ ރޭ އަލްޢަރަބިއްޔާ ޗެނެލްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަލްޢަރަބިއްޔާ ޗެނެލަކީ ސުޢޫދީ ޢަރަބިއްޔާގެ ޗެނެލެކެވެ.
މިޝްޢަލުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ހާމަކުރެއްވި ގޮތުގައި އެ ޖަމާޢާތަކީ ސުޢޫދީ ރައްޔިތުންނާއި ސަރުކާރުގެ ރަސްމީ ތާއީދު ލިބިފައިވާ ޙަރަކާތެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ ޖަމާޢަތާއި ސުޢޫދީ ޒަޢާމަތާ ދެމެދުގައިވާ ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވެސް މިޝްޢަލު ވިދާޅުވިއެވެ.
ގުޅުން ނުބައިވުން
ދެ ފަރާތުގެ ދެމެދުގައިވާ ގުޅުންތައް ނުބައިވެގެން ދިޔައީ ރިޔާޟުން ޙަމާސްގެ އިސް ބޭފުޅަކާއި ފަލަސްޠީނުގެ އެތައް ބަޔަކު ހައްޔަރުކުރުމުންނެވެ. މިކަމާ ބެހޭގޮތުން ރިޔާޟުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ޙަމާސްގެ އިސްވާރެއް ކަމުގައިވާ މުޙައްމަދުލް ޚިޟްރީއާއި އޭނާގެ ދަރިކަލުން ހާނީ ވަނީ ފަލަސްޠީނުގެ އެތައް ބަޔަކާއެކު ސުޢޫދިޔާގައި ސެޕްޓެންބަރު 2019ގައި ހައްޔަރު ކޮށްފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އުރްދުންގެ ޕާސްޕޯޓު ވެރީންނެވެ.
ރިޔާޟުން މި ކަމާ ބެހޭގޮތުން އެއްޗެއް ނުބުނެއެވެ. މި ގޮތަށް ހައްޔަރު ކުރެވޭ މީހުންނާ ބެހޭގޮތުން ޢާއްމު ގޮތެއްގައި ރިޔާޟުން ބުނާ ވާހަކައަކީ އެމީހުންގެ މަސްއަލަ ކޯޓުން ބަލަމުންދާނެއެވެ. އެމީހުންގެ ޙައްޤުތައް އެމީހުންނަށް ސުޢޫދީ ޤާނޫނާ އެއްގޮތަށް ލިބޭނެ ކަމަށެވެ.
އެންމެފަހު ހަނގުރާމަ
އިސްރާއީލާ ދެކޮޅަށް ޙަމާސުން އެންމެ ފަހުން ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީއާމެދު ފަޚްރުވެރިވުމަށް ޢަރަބި ޤައުމުތަކުގެ ޒަޢީމުންނަށް މިޝްޢަލު ރޭ ގޮވައިލެއްވިއެވެ. މި ނަޞްރުގެ ސަބަބުން އިސްރާއީލުން ގެންގުޅޭ ހަންފެތުރުމުގެ އިސްތިރާތީޖީއަށް ބަދަލުގެންނަން އިސްރާއީލަށް މަޖްބޫރުވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ތިޔަބޭފުޅުން އިސްރާއީލުގެ މިއަދުގެ ޙާލަތަށް ނިކަން ބައްލަވާލަބައްލަވާށެވެ! ޢަރަބި ޤައުމުތައް ހިފައިގެން އޮތުމަށްފަހު މިއަދު އެމީހުންނަށް އެދަނީ ތައްލު އަބީބުގައި ތިއްބާ ޙަމަލާތައް ދެވެމުންނެވެ."
އޭނާ އިޝާރަތް ކުރެއްވިގޮތުގައި ޤުދްސާއި ޣައްޒާގެ ދިފާޢުގައި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ރައްޔިތުން މައިދާނަށް ނުކުތެވެ. އަދި ދުނިޔޭގެ މިނިވަން ރައްޔިތުން ވެސް އަޅުގަނޑުމެންގެ ފަހަތުގައި ތިއްބެވެ.
ގެއްލުންހުރި ރަހްނެއް
އިސްރާއީލާއެކު ގުޅުންތައް ރަނގަޅުކޮށް ޠަބީޢީ ކުރުމުގެ ނުރައްކަލަށް ސަމާލުވުމަށް މިޝްޢަލު ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަޝްރޫޢަށް ރަހްނުކުރި ހުރިހާ ޤައުމުތަކަކަށް މި ރަހްނުން ލިބިފައި ވަނީ ގެއްލުމެވެ. އެއީ ފަލަސްޠީނުގެ އިސްތިރާތީޖީގެ ހަރުދަނާކަން ރަނގަޅަށް ނުވިސްނުމުގެ ސަބަބުންނެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޞިހްޔޫނީ ކިޔާ ނަމަކީ މާރިޤު (ރޯގު) ދައުލަތެކެވެ. އެމީހުން ޢަރަބީންނަށް އެއްވެސް އެއްޗެއް ނުދޭނެއެވެ. އެމީހުން އަތުން ލިބޭނީ އުންމަތުގެ ޙަޔަވީ މަޞްލަޙަތުތަކަށް ގެއްލުމެވެ. ޢުދްވާނާއި މަލާމާތެވެ."
މިޝްޢަލު އިސްރާއީލާ ބެހޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްރާއީލަކީ އުންމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. އެއީ އެކުވެރިއެއް ކަމަށް ދުށުމަކީ ކުށް ޢަމަލެކެވެ. އެންމެފަހުން ހިނގި ހަނގުރާމައިން ސާބިތުވެގެން ދިޔަ ޙަޤީޤަތަކީ އިސްރާއީލަކީ އަޅުގަނޑުމެންގެ އުންމަތުގެ ޢަދުއްވެއްކަމެވެ." އޭނާ ވިދާޅުވިގޮތުގައި އިސްރާއީލާއެކު ޞުލްޙަ މަސަލަސްކަމުގައި އުޅެވިދާނެކަމަށް ބުނާ މީހުންގެ މަސައްކަތަކީ "ނާކާމިޔާބު މަސައްކަތެކެވެ. އެ މަސައްކަތަށް ކާމިޔާބެއް ނުލިބޭނެއެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ ރައްޔިތުންގެ ހޭލުންތެރިކަން ރަހީނުކުރާ ކަމެކެވެ."
އޭނާ ވިދާޅުވިގޮތުގައި "އިރާނާ ނުވަތަ ތުރްކީއާއެކު އޮތް މަސްއަލަތައް ޙައްލުކުރުމަށް ބައެއް ޢަރަބި ޤައުމުތަކުން ކުރަމުންދާ މަސައްކަތަކީ އިސްރާއީލުގެ އުނގުތެރެއަށް ވެއްޓިގަތުމެއް ނޫނެވެ. އެއާ ޚިލާފަށް އެއީ އުންމަތުގެ އެއްބައިވަންތަކަން ހަރުދަނާވެގެން ދާނެ ކަމެކެވެ." އޭނާ ވިދާޅުވިގޮތުގައި "މުޤާވަމާ އޮންނާނީ ޢުންމަތުގެ ހިތުގައި އުންމަތް ރައްކައުތެރިކޮށްދޭށެވެ."
އަސީރުން ބަދަލުކުރުން
އަސީރުން ބަދަލުކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ ޒަޢީމު ވިދާޅުވިގޮތުގައި "އިސްރާއީލުން ދަނީ މި ޑީލަށް ދައްކަން ޖެހޭ އަގު ދެއްކުމާ ދުރުހެލިވަމުންނެވެ." އޭނާ ވިދާޅުވި ގޮތުގައި އަސީރުން މިނިވަން ކުރުމަށް ޙަމާސުން ދަހިވެތިވެއެވެ. އޭނާ ވިދާޅުވިއެވެ. "އެކަން ކުރާނެ ގޮތް އަޅުގަނޑުމެންނަށް އެނގެއެވެ."
އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ޢުދްވާނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިޝްޢަލު ވިދާޅުވިގޮތުގައި "ޙަމާސަކީ ހަނގުރާމައަށް ލޯބި ކުރާ ބައެއް ނޫނެވެ. ޙަމާސުން މަސައްކަތް ކުރީ ފަލަސްޠީނުގެ ރައްޔިތުންނާއި އިސްލާމީ މުޤައްދަސާތުތައް ޙިމާޔަތް ކުރާށެވެ." އޭނާ ވިދާޅުވިގޮތުގައި މި ޢުދްވާނު ފެށީ އިސްރާއީލުންނެވެ. އޭނާ ވިދާޅުވިއެވެ. "އެންމެފަހުން ހިނގި ހަނގުރާމައިގައި ޣައްޒާއިން ކަށަވަރުކޮށްދިން ކަމަކީ ޤުދްސަކީ އަޅުގަނޑުމެންގެ ސަމުގާ ކަމެވެ."
އިސްރާއީލުން ކުރި 11 ދުވަހުގެ ހަނގުރާމައިގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކުވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަޚަމުވެފައެވެ. އިސްރާއީލުން ވަނީ ޣައްޒާގެ އެތައް ޢިމާރާތްތަކަކަށް ބޮން އަޅައި ވައްޓާލައިފައެވެ.



advertisment