އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރޭ ޣައްޒާއަށް ޢުދްވާނީ ޙަމަލާތަކެއް ދީފިއެވެ. އިސްރާއީލު ބުނާގޮތުގައި މިއީ ޣައްޒާއިން ފޮނުވާ އަލިފާން ބެލޫންތަކަށް ދިން ރައްދެކެވެ.
އަނާޟޫލް ނޫސް އޭޖެންސީގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލުގެ މަތިންދާބޯޓުތައް ޙަމަލާދީފައި ވަނީ ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަކަމުގައިވާ އަލްޤައްސާމު ބްރިގޭޑުގެ ތަންތަނަށް ކަމަށް ބެލެވެއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މި ޙަމަލާގެ ސަބަބުން މީހަކަށް ގެއްލުންވީ ކަމެއް ހާމައެއް ނުކުރެއެވެ. އަދި އިސްރާއީލުގެ ޢަސްކަރީ ދާއިރާތަކުން ވެސް މި ޙަމަލާއާ ބެހޭގޮތުން އެއްޗެއް ނުބުނެއެވެ.
ޣައްޒާގެ ބެލޫންތައް
އިސްރާއީލުގެ ޓީވީ ޗެނެލެއް ކަމުގައިވާ "ކާން" ޗެނެލް ރޭ ބުނިގޮތުގައި ޣައްޒާ ސަރަޙައްދުގެ ދާއިރާތެރެއަށް ޣައްޒާތެރެއިން އައި އަލިފާން ބެލޫންތަކެއްގެ ސަބަބުން އެ ސަރަޙައްދުގައި ވަނީ އަލިފާން ރޯވެފައެވެ.
އިސްރާއީލުގެ ޢިބްރީ ރަސްމީ ޗެނެލް ބުނިގޮތުގައި ދެކުނު އިސްރާއީލު ސަރަޙައްދުގައި ދެ ހިސާބެއްގައި އަލިފާން ވަނީ ރޯވެފައެވެ. މި ޓީވީ ބުނިގޮތުގައި އަލިފާނުގެ މި ދެ ހާދިސާގެ ވެސް ސަބަބަކީ ޣައްޒާއިން ފޮނުވި އަލިފާން ބެލޫންތަކުން ކަމަށް ޝައްކު ކުރެވެއެވެ.
އަލިފާން ބެލޫނަކީ އަލިފާން އާވި ފަދަ ފަސޭހައިން ރޯވާ ބާވަތުގެ މާއްދާތައް އަޅާފައި ދޫކޮށްލެވޭ ބެލޫނެކެވެ. އިސްރާއީލުގެ ޢަސްކަރީ ޢުދްވާނުތަކަށް ރައްދު ދިނުމަށް ޓަކައި ފަލަސްޠީނީން މި ފަދަ ބެލޫން ބޭނުންކުރަން ފެށީ 2018ގެ މޭ ހިސާބުގައެވެ.
ކާން ޗެނެލް ބުނިގޮތުގައި އަލިފާން ރޯވެފައި ވަނީ "އެޝްކޯލް ސަރަހައްދުގެ މަޖލިސް" ސަރަޙައްދު ގައެވެ. މި ޗެނެލް ބުނިގޮތުގައި މިއީ ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. އަލިފާނުގެ ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު "ބިއީރީ" ދަނޑުވެރި ރަށުގައެވެ. މި އަލިފާންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.



advertisment