Support Us

ޔޫރޯ2020: ބެލްޖިއަމް އަތުން ސަލާމަތްވެ އިޓަލީ ސެމީއަށް

ބެލްޖިއަމްގެ މޮޅުކުޅުން ދައްކައިލުމުގެ ފުރުސަތު ނުދީ، އިޓަލީވިލާތުން ޔޫރޯ2020ގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ޖަރުމަނުވިލާތުގެ ބަވަރިއާގެ ފުޓްބޯލް އެރީނާ މިޔުނިކްގައި ރޭ (މާލޭގަޑީން) 12:00ގައި ކުއާޓާފައިނަލުގައި ބެލްޖިއަމާ ބައްދަލުކޮށް އިޓަލީވިލާތުން ސެމީ ފައިނަލުން ޖާގަހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗް ފެށުނުތާ ކުރީކޮޅު، ދެ ޓީމުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިޓަލީވިލާތުން މެޗް ކޮންޓްރޯލްކޮށް، އަދި ބެލްޖިއަމުގެ ހަމަލާތައް ހުޝިޔާރުކަމާއެކު ހުއްޓުވަމުން ގެންދިޔައެވެ. މުޅި މެޗްގެ 54 އިންސައްތަ ކޮންޓްރޯލް ކުރީ ވެސް އިޓަލީންނެވެ.

މެޗުގައި ހުރިހާ ލަނޑެއް ވެސް ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފުގައެވެ. މެޗްގެ 13 ވަނަ މިނިޓްގައި އިޓަލީން ބެލްޖިއަމްގެ ގޯލަށް ބޯޅައެއް ފޮނުވައިލިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ސްލޭވްކޯ ވިންސިޗް ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމަށެވެ. ކިއެލީނީ އަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ އޮފްސައިޑްގައި ކަމަށް ވީއޭއާރުއިން ދެއްކީއެވެ.

މެޗްގެ 20 ވަނަ މިނިޓްގައި އިޓަލީގެ މާރކޯ ވެރާޓީއަށް ރީނދޫ ކާޑެއް ދެއްކިއެވެ. ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ވެރާޓީ ތަނަވަސްކުރި ބޯޅައެއް ގޯލުގެ ކަނަށް އަމާޒުކޮށްގެން ނިކޯލޯ ބެރެއްލާ ލަނޑެއް ކާމިޔާބުކުރިއެވެ.

މި ލަނޑަށްފަހު ވެސް އިޓަލީން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މި ގޮތުން ކުރި މަސައްކަތުން މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މެޗްގެ 44 ވަނަ މިނިޓްގައި އިޓަލީން އިތުރު ލަނޑެއް ޖަހައި އެ މީހުންގެ ލީޑު ފުޅާކުރިއެވެ. އެއީ ވެސް ނިކޯލޯ ބެރެއްލާ ދިން ބޯޅައަކުން ލޮރެންޒޯ އިންސިންޔޭ އޭރިއާ ބޭރުން ފޮނުވައިލި ހިތްގައިމު ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން ކާމިޔާބުކުރި މޮޅު ލަނޑެކެވެ.

ފުރަތަމަ 45 މިނިޓްގައި އިޓަލީން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް އެ ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިންމައިލެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ އިތުރަށް ދިން ވަގުތުގެ ދެވަނަ މިނިޓްގައި އިޓަލީގެ ޑި ލޮރެންޒޯ ކުރި ފައުލަކާއި ގުޅިގެން ބެލްޖިއަމަށް ޕެނަލްޓީއެއް ލިބިގެން ގޯލެއް ކާމިޔާބުކޮށްގެން ނަތީޖާގެ ފަރަގު ކުޑަކޮށްލިއެވެ. އިޓަލީގެ ހިތް ތަޅުވައިލި މި ޕެނެލްޓީ ޖެހީ ބެލްޖިއަމްގެ ވަރުގަދަ ކުޅުންތެރިޔާ ރޮމެލޫ ލުކާކޫއެވެ. އެހެންކަމުން ފުރަތަމަ ހާފު ނިމުނީ 2-1 އިން އިޓަލީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރެވޭތޯ ބެލްޖިއަމް ކުރި މަސައްކަތުން އެކަމަށް ޓަކައި ރަނުގެ ފުރުސަތެއް ލިބުނުވެސްމެއެވެ. ނަމަވެސް ލުކާކޫ އެ ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް އޭނާގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވައިނުލީއެވެ. ލުކާކޫގެ އިތުރުން ޑޯކޫ އަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވެއެވެ. މި ހާފުގައި އިޓަލީގެ ދިފާޢީ ރޮނގު ވަރުގަދަކުރާން ވަރަށް ބޮޑަށް މަސައްކަތްކުރިކަން ފާހަގަކޮށްލެވުނެވެ.

ފަހު ހާފުގައި ބެލްޖިއަމުން ތިން ބަދަލެއް އަދި އިޓަލީން ހަތަރު ބަދަލެއް ގެނައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވޭ ގޮތް ނުވެ، މެޗް ނިމުނީ 2-1ން އިޓަލީ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި އޮތް ނަތީޖާއާއެކީގައެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުގައި އިޓަލީން ބައްދަލުކުރާނީ ސްޕެއިނާއެވެ. އެ މެޗު ކުޅޭން ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުއެވެ. މިއީ ވެސް ވަރަށް ފޯރި ގަދަ މެޗަކަށް ވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *