އީރާނުން ޢިރާޤަށް ކަރަންޓު ދިނުން ހުއްޓާލައިފި ކަމަށް އެސޯޝޭޓެޑް ޕްރެސް ބުނެފިއެވެ. މިކަމާ ވިދިގެން ޢިރާޤުގައި ސަރުކާރާ އިދިކޮޅު އިޙްތިޖާޖުތައް ފެށިދާނެކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ. މި ދުވަސްވަރު ޢިރާޤުގެ ހޫނުކަން 50 ދަރަޖައަށް މައްޗަށް ގޮސްފައިވުމުގެ އިތުރަށް ކަރަންޓާ ބެހޭ ވަޒީރު މާޖިދު ޙަންތޫޝް ވެސް ވަނީ އިސްތިޢުފާ ދެއްވައިފައެވެ.
އެސޯޝޭޓެޑް ޕްރެސް ބުނާގޮތުގައި އީރާނުން އިރާގުގެ ކަރަންޓް ކަނޑައިލީ ޢިރާޤުން އަދާކުރަން ޖެހޭ ބިލް މާ ބޮޑުވެ އީރާނުގެ ޖީބަށް ބަރުވުމުންނެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ވަނީ ފައިސާ ބޭނުންވެފައެވެ. އީރާނުން މި ފިޔަވަޅު އެޅުމުގައި އޮތް ދެވަނަ ސަބަބަކީ ކުރިއަށް އޮތް ބަރްލަމާނީ އިންތިޚާބެވެ.
މި ނޫސް އޭޖެންސީ ބުނާގޮތުގައި އީރާނުން ޢިރާޤަށް ދީފައިވާ ހަކަތައިގެ ޚިދްމަތްތަކުގެ ބިލް މިހާރު ވަނީ ހަތަރު ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. އީރާނާ ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާ ހެދި އީރާނަށް މިހާރު ވަނީ ފައިސައަށް ބޭނުންވެފައެވެ. މި ފައިސާ ޢިރާޤަށް ދެއްކުމުގައި ވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެއީ ބޭންކުތައް މެދުވެރިކޮށް އީރާނަށް ފައިސާ ފޮނުވުން ބުރަ ކަމަކަށް ވެފައިވާތީއެވެ.
އީރާނުން ޢިރާޤާށް ކަރަންޓު ގެންދާ ހަތަރު ރޮނގެއް ވެއެވެ. މި ރޮނގުތަކަށް ކަރަންޓް އަންނަމުންދާ މިންވަރު ވަނީ ސުމަކަށް ވެއްޓިފައި ކަމަށް ޢިރާޤުގެ ކަރަންޓާ ބެހޭ ވުޒާރާއިން ބުނެއެވެ. މި ވުޒާރާގެ މަސްއޫލުވެރިއަކު ނަން ހާމަނުކުރުމަށް ޝަރްޠު ކުރައްވާ ވިދާޅުވިގޮތުގައި މި ދިޔަ ހަފުތާއިން ފެށިގެން ކަރަންޓު ލިބުން ވަނީ ވަރަށް ބޮޑަށް ގަޑުބަޑުވެފައެވެ. ޢިރާޤަށް ބޭނުންވާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި ލިބެނީ އީރާނުންނެވެ. އެހެންކަމުން ކަރަންޓު ހޯދުމުގައި އީރާނަށް މުޅިން ބަރޯސާވުމަކީ ޖިއޯސިޔާސީ އަސަރުތަކެއް ކުރާނެ ކަމެކެވެ. އަދި މިއީ އެމެރިކާ އެކަމާ ރުހިގެންވާ ކަމެއް ވެސް ނޫނެވެ.
އީރާނުން ދޭ ހަކަތަ ޢިރާޤަށް ދަނީ ދެ ހޮޅީގެ ވިއުގައަކުންނެވެ. މި ހަކަތަ ދަނީ ބަޞްރާއާއި ސަމާވާއާއި ނާޞިރިއްޔާއާއި ދިޔާލީގެ ހަކަތަ އިސްޓޭޝަންތަކަށެވެ. އީރާނުން މި ކާރުޚާނާތަކަށް ފޮނުވާ ހަކަތަ މަދުވުމުގެ ސަބަބުން މި ކާރުޚާނާތަކުގެ އުފެއްދުންތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އިޙްތިޖާޖުތައް ފެށިދާނެ ކަމަށް އަންދާޒާ ކުރެވޭ
ޢިރާޤުގެ ކަރަންޓާ ބެހޭ ވަޒީރު ޙަންތޫޝް އިސްތިޢުފާ ދެއްވީ މި ހުސްވި މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ ޢިރާޤުގެ އެތަންމިތާނގައި ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ފިއްތުންތަކާއި ސިޔާސީ ފިއްތުންތައް އިތުރުވުމާ ވިދިގެންނެވެ.
އަނާޟޫލު ނޫސް އޭޖެންސީ ބުނާގޮތުގައި މި ސިޔާސީ ހޫނުކަމުގެ ތެރޭގައި ޖައްވުގެ ހޫނުކަން ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޖުލައި މަހުގެ ތެރޭގައި ޖައްވުގެ ހޫނުކަން 50 ދަރަޖައަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މި ކަމުގެ ސަބަބުން އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދާނެއެވެ. ކަރަންޓު ކެނޑުމަކީ ސަރުކާރަށް ފިއްތުންތައް ބޮޑުވެގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ޢިރާޤުގެ ދެކުނުގެ ރަށްތަކުގައި މުޒާހަރާތައް އިތުރުވުމަކީ ބަޣްދާދު އެކަމާމެދު ވަރަށް ހާސްވާނެ ކަމެކެވެ. މި ދިޔަ އަންގާރަ ދުވަހު އެތައް ސަތޭކަ ބަޔަކު ވަނީ ޒީޤާރު ސަރަހައްދުގެ ނާޞިރިއްޔާ އިސްޓޭޝަނަށް ވަދެ އިޙްތިޖާޖުކޮށްފައެވެ.
އީރާނުން 2018ވަނަ އަހަރުގައި ވެސް ކަރަންޓު ކަނޑައިލުމުގެ ސަބަބުން ދެކުނުގެ ރަށްތައް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެ ގަޑުބަޑުވެފައެވެ. އެފަހަރު ވެސް ކަރަންޓު ކަނޑައިލައިފައިވަނީ ބަޣުދާދުން ބިލްތައް އަދާނުކޮށް ލަސްކުރުމުގެ ސަބަބުންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ބަޞްރާއަށް އެކަނި ވެސް ހަތަރު ހާސް މެގަވޯޓުގެ ކަރަންޓު ބޭނުން ވެއެވެ. މިހާރު ބަޞްރާއަށް ލިބެނީ އެންމެ 830 މެގަވޯޓުގެ ކަރަންޓެވެ. މިއީ ހަސްފަތާލުތަކާއި ކުންފުނިތައް ހިންގުމަށް ވެސް ފުދިގެންވާ މިންވަރެއް ނޫނެވެ.



advertisment