ޣައްޒާ އާރާސްތުކުރުމާ ޙަމާސް ޖަމާޢާތުން ހިފަހައްޓާފައި ތިބި އިސްރާއީލުގެ އަސީރުންގެ މަސްއަލަ ގުޅުވަން އިސްރާއީލު އެދޭ ކަމަށް އިސްރާއީލުން ހުށައެޅުމުން އެކަމާ ރައީސް ބައިޑްން ދެކޮޅު ހައްދަވައިފި ކަމަށް އިސްރާއީލުގެ އޮންލައިން ނޫހެއް ކަމުގައިވާ ދަ ޓައިމްސް އޮފް އިޒްރޭލް ބުނެފިއެވެ.
ޤާހިރާގައި އިސްރާއީލާ ޙަމާސާ ދެމެދުގައި ބޭއްވުނު ނުސީދާ ވާހަކަދެއްކުންތަކުގައި މި ދެ ފައިލް ވަކި ރާސްތާތަކެއްގައި ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައިވަ ކަމަށް މި ނޫސް ބުންޏެވެ.
ޣައްޒާ އާރާސްތު ކުރުމަށް އިސްރާއީލުން ކުރާ ޝަރްޠު
އެހެނަސް އިސްރާއީލުގެ އައު ބޮޑުވަޒީރު ނަފްތާލީ ބީނީތު މި ދެ ފައިލް ގުޅުއްވަން ބޭނުންފުޅުވާ ކަމަށް ދަނީ ވިދާޅުވަމުންނެވެ. އިސްރާއީލުގެ މަސްއޫލުވެރިއަކު އެ ނޫހަށް ވިދާޅުވިގޮތުގައި އިސްރާއީލުގެ ދެ ސިފައިން ކަމުގައިވާ ހާދާރު ގޯލްޑޭން އާއި އޫރޯން ޝާއޫލްގެ ހަށިގަނޑު އިސްރާއީލާ ޙަވާލުކުރުމަށް ޙަމާސުން ދެކޮޅު ހަދާނަމަ ޣައްޒާ އާރާސްތު ކުރުމާ ބެހޭ މަޝްރޫޢުތައް ދިގު މުއްދަތަކަށް ހިންގަން އިސްރާއީލުން ޤަބޫލެއް ނުވާނެއެވެ.
ޙަމާސުން އިސްރާއީލުގެ މި ދެ ސިފައިން ހިފީ 2014ގެ ހަނގުރާމައިގައެވެ. އިސްރާއީލުން އެ ދެމީހުންގެ ހަށިގަނޑަށް އެދުނުކަމުގައި ވިޔަސް މި ދެމީހުންގެ ޙާލާ ބެހޭގޮތުން ޙަމާސުން އެއްޗެއް ނުބުނެއެވެ.

މި ދެ ސިފައިންގެ އިތުރަށް ޙަމާސުން ވަނީ އިސްރާއީލުގެ ދެ މީހަކު ހައްޔަރުކޮށްފައެވެ. މި ދެމީހުން ހައްޔަރު ކުރެވުނީ ޣައްޒާއަށް ވަގަށް ވަނުމުންނެވެ. މި ދެ މީހުންގެ ޢާއިލާ ބުނާގޮތުގައި އެމީހުންނަކީ ސިކުނޑި އުނި ބައެކެވެ.
އެމެރިކާއާއި އދ ގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޖިލްޢާދު އިރްދާން ޖޫން މަހުގެ 27ވަނަ ދުވަހު އެމެރިކާގެ ޔަހޫދީ އިސްވާރުންނާ ބައްދަލު ކުރައްވަމުން ހާމަކުރެއްވިގޮތުގައި "ޣައްޒާ އާރާސްތުކުރުމާ އަހުރެމެންގެ ދަރިން އިޢާދަކުރުމާ ގުޅުވެން ޖެހޭނެ" އެވެ.
އިސްރާއީލުގެ އައު ސަރުކާރަށް ފަހު ޤާހިރާގައި ބޭއްވުނު ޙަމާސް– އިސްރާއީލު ނުސީދާ ވާހަދެއްކުންތަކުގައި އިސްރާއީލުގެ ވަފްދުގެ ބޭފުޅުން ވަނީ ޙަމާސަށް މި މެސެޖް ދެއްވައިފައެވެ. އޭގެކުރިން ބޭއްވުނު ވާހަކަދެއްކުންތަކުގައި އިސްރާއީލުން ވަނީ މި ދެ ފައިލް ނުގުޅުވާނެ ކަމަށް ބުނެފައެވެ.
އިސްރާއީލުގެ އިއްތިޖާހު "ހަރުކަށި"
އަނެއްކޮޅުން ވައިޓްހައުސް ބުނާގޮތުގައި ބައިޑްންގެ އިދާރިއްޔަތުން އިސްރާއީލުގެ މި އިއްތިޖާހާ ދެކޮޅުހަދައެވެ. އެމެރިކާ ބުނާގޮތުގައި މި ފަދަ ހަރުކަށި ކަމެއް ދައްކައިގެން ވާހަކަދެއްކުންތައް ކުރިއަށް ނުގޮސް ހުއްޓިދާނެއެވެ. މި ކަމުގެ ސަބަބުން އަލުން ހަރުކަށި ޢަމަލުތައް ފެށިދާނެކަމުގު ބިރު އެބަ އޮތެވެ. ހުޅަނގުގެ ޑިޕްލޮމެޓަކް ވިދާޅުވާގޮތުގައި އެމެރިކާއިން ޚާރިޖީ ސިޔާސީ މަސްއަލަތަކަށް އިސްކަންދޭން ބޭނުންވާ ވަގުތެއްގައި އަލުން ޣައްޒާގެ މަސްރަޙު ހޫނުވެގެންދިޔުމަށް އެމެރިކާއަކުން ނޭދެއެވެ.
މި ހުސްވި މަހުގެ 28 ވަނަދުވަހު އިސްރާއީލުގެ ރައީސް ރައޫފީން ރިފްލީން ވައިޓްހައުސްގައި އެމެރިކާގެ ރައީސް ބައިޑްނާ ބައްދަލުކުރެއްވި އިރު ރައީސް ބައިޑްންގެ އަރިހުން އަސީރުންގެ މަސްއަލަ ޣައްޒާ އާރާސްތުކުރުމާ ގުޅުވަން އިސްރާއީލު އެދޭ ކަމަށް ދެންނެވިއެވެ. މި ކަމުގައި އެމެރިކާގެ ތާއީދު ބޭނުންފުޅުވާ ކަމަށް ވެސް ދެންނެވިއެވެ.
މި ދިޔަ ހަފުތާގައި ވޮޝިންގްޓަންގައި އިސްރާއީލު ސިފައިގެ މީހާގެ މަންމަ ނިވްޔޯރކްގައި އެމެރިކާގެ މަސްއޫލުވެރީންނާއެކު އެތައް ބައްދަލުވުންތަކެއް ބޭއްވެވިއެވެ. ޤާހިރާ ވާހަކަ ދެއްކުންތަކުގައި މި މަސްއަލާއަށް އިންސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މި ދެ މަސްއަލަ ގުޅުވަން ބޭނުން ނުވިއަސް އިސްރާއީލުގެ ހުށައެޅުމަށް އެމެރިކާއިން ހަމްދަރުދީވާކަން އެނގެއެވެ. ޤާހިރާގެ ވާހަކަދެއްކުންތަކުގައި އެމެރިކާ ބައިވެރިއެއް ނުވެއެވެ.
ހުރަސްއެޅިދާނެ
އިސްރާއީލު ވެސް އެއްބަސްވާގޮތުގައި އިސްރާއީލުގެ މި ޝަރްޠުގެ ސަބަބުން ވާހަކަ ދެއްކުންތަކަށް ހުރަސްއެޅިދާނެ ކަމަށް އެމެރިކާ ދެކެއެވެ.
އިސްރާއީލު ބުނާގޮތުގައި ބާރު އޮތީ އެމީހުންގެ އަތުގައެވެ. ޣައްޒާއަށް ވަދެނުކުމެވޭ ދޮރުތައް ހުރީ އެމީހުންގެ ބާރުގެ ދަށުގައެވެ. ތަފާތު މަޝްރޫޢުތައް ހިންގޭނީ އެ ދޮރުތައް ހުޅުވައިގެންނެވެ. އިސްރާއީލުން މިހެން ބުނިކަމުގައި ވިޔަސް ރަފަޙު ދޮރޯށްޓަކީ މިޞްރުގެ ބާރުގެ ދަށުގައި އޮތްތަނެކެވެ. މިޞްރުން މި ދޮރޯށި ހުޅުވާލައިގެން ޣައްޒާ އާރާސްތު ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވިދާނެއެވެ.
ފެންނަފެނުމުގައި އިސްރާއީލުގެ އައު ސަރުކާރުން ވެސް ޣައްޒާ ނުތަނަވަސްވެގެންދާކަށް ބޭނުމެއް ނުވާނެއެވެ. އެއީ މިފަދަ ކަމެއްގެ ސަބަބުން ސަރުކާރު ވެއްޓިގެން ހިނގައިދާނެތީއެވެ. އިސްރާއީލުގެ މިއަދު ސަރުކާރަކީ ތަފާތު އިއްތިޖާހުތަކުގެ އަށެއްކަ ޕާޓީ ގުޅިގެން އުފައްދާފައިވާ މަސްހުނި ސަރުކާރެކެވެ.



advertisment