ޗައިނާ ދެކެމުންދާ ނަހްޟާ (ހޭލުންތެރިކަމާއި ތަރައްޤީއާއި ކުރިއެރުން) އަކީ "އަނބުރާ އައުމެއް ނެތް ތާރީޚީ ރާސްތާއެއް" ކަމަށް ޗައިނާގެ ރައީސް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޝީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާގެ ކޮމްޔުނިސްޓް ޕާޓީއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ރައީސް ޝީ ބާރުލައްވާފައި ވިދާޅުވިއެވެ. "އޭޝިޔާގެ މާރިދު ދެން ގުރުވެގެން ނުދާނެއެވެ." އެ ޒަމާން މިހާރު ވަނީ ފުރަގަސްދީ ގޮސްފައި ކަމަށް ޝީ ވިދާޅުވިއެވެ. ވެރިރަށް ބޭޖިންގްގެ ޓިއަނަމަން މައިދާނުގައި އެތައް މިލިއަން ބައެއްގެ ޙާޒިރުގައި ރައީސް ޝީ ވިދާޅުވިއެވެ. "ޗައިނާގެ ރައްޔިތުންގެ ކަރާމަތާއި ޢިއްޒަތަށް ދެން ފަޔަކުން ނޭރޭނެއެވެ. އަދި އެ ރައްޔިތުންނަށް ފިއްތުމުގެ ޒަމާން ވެސް އަލްވަދާޢު ކިޔައިފިއެވެ."
ރައީސް ޝީ ޖިންގ ޕިންގްގެ ވާހަކަފުޅުގައި ޗައިނާ ރައްޔިތުން ދެކެފައިވާ އަފިހުނުގެ ހަނގުރާމައާއި ހުޅަނގުގެ އިސްތިޢުމާރުގެ ދުވަސްތަކަށާއި ޖަޕާނުން ޗައިނާއަށް އަރައި ދީފައިވާ ޢުދްވާނީ ޙަމަލާތަކަށް ބައްލަވާލެއްވިއެވެ. ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ އަރުތަތަކަށް ރައީސް ޝީ ބައްލަވާލައްވަމުން ޢާއްމު ރައްޔިތުންގެ މަޢީޝަތީ ފެންވަރު މައްޗަށް ގޮސްފައިވާ މިންވަރަށާއި އެ ޤައުމުގެ ފަޚްރު އަނބުރާ ހޯދައިފައިވާ ގޮތަށް ބައްލަވާލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބަނޑުހައިހޫނުކަމާއި ބަނޑުފުރާނަ މުއްތިކުރާނެ ކާއެތިކޮޅެއް ލިބިފައިނުވާ އެތައް މިލިޔަން ބަޔަކު މިއަދު ވަނީ ފާގަތި ޙަޔާތަކަށް ނުކުމެފައެވެ.
ރައީސް ޝީ ވިދާޅުވިގޮތުގައި އޭޝިއާގެ މާރިދަކީ ދުނިޔޭގައި ސިޔާސީ އަދި އިޤްތިޞާދީ މައިދާނުގައި ވާދަވެރި ބިޔަ ޝަޚްޞެކެވެ. ރިޕޯޓަރުން ވިދާޅުވާގޮތުގައި މިއީ ޗައިނާއިން އެމެރިކާއަށް ފޮނުވި ވަރުގަދަ މެސެޖެކެވެ.

މި ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެދުނު 100 ބަޑީގެ ކުރުނީހެއް ޗައިނާގެ ޖައްވުގެތެރެއަށް ފޮނުވައިލިއެވެ. އަދި ޗައިނާގެ ހެލިކޮޕްޓަރުތަކުން ޖައްވުގެތެރޭގައި 100 އަޅައިލިއެވެ. ޗައިނާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރަތްކުލައާއި ރީނދޫ ކުލައާއި ނޫކުލައިގެ ދުމުގެ ރޮނގުތަކުން ޗައިނާގެ ދިދަ ކުރަހައިލިއެވެ.



advertisment