Support Us

 2017ގައި ރައީސް ސީސީ ޓޭންޒާނިޔާއަށް ކުރެއްވި ދަތުރުފުޅުގައި ޓެންޒާނިޔާގެ އޭރުގެ ރައީސް ޖޯން މެގުފުލީއާއެކު

ޑޭމަކަށް ޑޭމެއް: ނަހްޟާ ޑޭމާ ދެކޮޅަށް މިޞްރުގެ ރޭވުންތައް

އިތިއޯޕިޔާގެ ނަހްޟާ ޑޭމާ ކުރިމަތިލައި ގޮންޖެހުމަށް ޓަކައި ޓެންޒާނިޔާގެ ސްޓެގްލަރ ޖޯރޖް ޑޭމަކީ މިޞްރަށް ލިބިފައިވާ ވަރަށް މުހިއްމު މަޝްރޫޢެކެވެ. ޓެންޒާނިޔާގެ ރޮވީޖީ ކޯރުގެ އައްސޭރީގައި ބިނާކުރެވޭ މި ޑޭމް ބިނާކުރުމުގެ މަސައްކަތް ކުރަނީ މިޞްރުގެ ކުންފުނިތަކުން މިޞްރުން ފައިސާދީގެންނެވެ. އެމެރިކާގެ އަލް މޮނިޓަރ ވެބް ސައިޓް ބުނާގޮތުގައި މި ޑޭމަކީ އިތިއޯޕިޔާގެ ނަހްޟާ ޑޭމާއެކު މުޢާމަލާތު ކުރުމަށް ޤާހިރާއަށް ލިބިފައިވާ ވަރަށް ވަރުގަދަ ޙުކުންގަނޑެކެވެ.

ޓެންޒާނިޔާގެ ވުނަކުރުމާ ބެހޭ ވަޒީރު ޖެފްރީ މުވާމްބީ މިޞްރުގެ ޝަރްމުއް ޝައިޚުގައި 12 ޖޫންގައި ބޭއްވުނު އެފްރިކާގެ ވުނަކުރުމާ ބެހޭ އިދާރާތަކުގެ ވެރީންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި މިޞްރުގެ ކުންފުނިތަކުން  ރޮވީޖީ ކޯރު އައްސޭރީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ސްޓެގްލަރ ޖޯރޖް ޑޭމް ބިނާކުރުމުގެ މަޝްރޫޢު މިހާރު ވަނީ ތަންފީޒުކުރަން ފަށައިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޓެންޒާނިޔާގެ އިޤްތިޞާދަށް އެންމެ މުހިއްމު 10 ބައިވެރީންގެ ތެރޭގައި މިޞްރު ހިމެނެއެވެ. އޭނާ ވިދާޅުވިގޮތުގައި މިޞްރާއި ޓެންޒާނިޔާ ގުޅިގެން ހިންގާ އެތައް މަޝްރޫޢުތަކެއް މިހާރު ވަނީ ފެށިފައެވެ. އޭގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވި ދެ މަޝްރޫޢާކީ ސްޓޭގްލަރ ޖޯރޖް ޑޭމާއި މި ޑޭމާ ގުޅިފައިވާ ފެނުން ކަރަންޓް އުފައްދާ ޖޫލިއަސް ނައިރޭރީ އިސްޓޭޝަނެވެ.

ޝަރްމުއްޝައިޚު ބައްދަލުވުމުގެ ދެތިން ދުވަސްކުރިން ރައީސް ސީސީ ޓެންޒާނިޔާގެ ރައީސާ ސާމިޔާ ޙަސަން ޞާލިޙާ ގުޅުއްވިއެވެ. މިޞްރު ޓެންޒާނިޔާ ގުޅުންތައް  ތަރައްޤީކުރުމަށް ޓަކައި ވަރަށް ފުޅައު އުދަރެސްތަކެއް ލިބގެންވާ ކަމަށް ރައީސާ ސާމިޔާ ވިދާޅުވިއެވެ. ޓެންޒާނިޔާގެ ތަރައްޤީއަށް ޓަކައި މިޞްރުން ދެމުންގެންދާ އެހީތަކަށް އެކަމަނާ ތާރީފު ކުރެއްވިއެވެ. އެކަމަނާއާ ޙަވާލާދީ މިޞްރުގެ ރިޔާސީ އޮފީހުން 9 ޖޫންގައި ނެރުނު ބަޔާން ބުނާގޮތުގައި ސްޓެގްލަރ ޖޯރޖް ޑޭމާއި ނައިރޭރީ ފެން ކަރަންޓް އިސްޓޭޝަނަކީ ޓެންޒާނިޔާގައި މިހާރު ތަންފީޒު ކުރެވެމުންދާ އެންމެ ބޮޑު ދެ މަޝްރޫޢެވެ.

ފެންބޮޑުވުންތަކުން ޤައުމަށް ޙިމާޔަތް ލިބޭނެ

މިޞްރުގެ ޤާހިރާ ޔުނިވަރސިޓީގެ ފެނާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ ޑރ. ޢައްބާސް ޝައްރާޤީ ނޫސްވެރީންނަށް ހާމަކުރެއްވިގޮތުގައި ސްޓެގްލަރ ޖޯރޖް ޑޭމަކީ ޓެންޒާނިޔާއަށް ވަރަށް މުހިއްމު މަޝްރޫޢެކެވެ. މި ޑޭމުގެ ސަބަބުން އެ ޤައުމަށް ބޭނުންވާ ކަރަންޓު ލިބި އިތުރުވެގެންދާނެއެވެ. އިތުރުވެގެންދާ ކަރަންޓް އަވަށްޓެރި ޤައުމުތަކަށް ވިއްކުމުން ޓެންޒާނިޔާއަށް ވަރަށް ބޮޑު އާމުދަނީއެއް ލިބޭނެއެވެ. މިއީ ހަކަތަ ބޭރުކުރާ ޤައުމުތަކުގެ ނާދީއަށް ޓޭންޒާނިޔާއަށް ވަނުމުގެ ފުރްޞަތު ތަނަވަސްކޮށްދޭނެ ކަމެކެވެ. ޝައްރާޤީ ހާމަކުރެއްވިގޮތުގައި މި ޑޭމުގެ ސަބަބުން ފެންބޮޑުވުމުގެ ބިރުތަކުން އެ ޤައުމަށް ޙިމާޔަތް ލިބިގެންދާނެއެވެ. ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން އެ ޤައުމަށް ލިބެއެވެ.

މި ދިޔަ އަހަރު ރޮވީޖީ ކޯރު ބަންޑުން ދިޔުމުގެ ސަބަބުން 3500 ގެދޮރު ހަލާކުވެ 6600 ހެކްޓަރު (ހެކްޓަރަކީ 10 ހާސް އަކަ މީޓަރު) ގެ ދަނޑު ބިމަށް ގެއްލުން ލިބިފައި ވެއެވެ. މި ދެ މަޝްރޫޢަށް 2.9 ބިލިއަން ޑޮލަރު ހޭދަވާނެއެވެ.

ސްޓެގްލަރ ޖޯރޖް ޑޭމަށް، ނަހްޟާ ޑޭމާ ވާދަކުރެވޭނެތަ

ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުފައި މި ދެ މަޝްރޫޢުގެ ސަބަބުން މިޞްރަށް ލިބޭ އިޤްތިޞާދީ ފައިދާތަކުގެ އިތުރަށް މި ދެ މަޝްރޫޢުގެ ސަބަބުން ނަހްޟާ ޑޭމް މަސްއަލައިގައި މިޞްރަށް ސިޔާސީ އަރުތަތަކެއް ޙާޞިލު ކުރެވޭނެއެވެ. ޢަރަބި އެފްރިކާ ރިސަރޗް ސެންޓަރުގެ ބާޙިސެއް ކަމުގައިވާ ޑރ. ޒަކަރިއްޔާ ޢުޘްމާނު ވިދާޅުވާ ގޮތުގައި ރައީސް ސީސީގެ އިރުޝާދުގެ ދަށުން މިޞްރުގެ ކުންފުނިތަކުން ޓެންޒާނިޔާގައި ޑޭމެއް ބިނާކުރަން ފެށުމުން މިޞްރާ ދެކޮޅަށް އިތިޔޯޕިއާއިން ދައްކާ ވާހަކަތަކުގެ ބާޠިލުކަން ދުނިޔެއަށް ހާމަވެއްޖެއެވެ. އިތިޔޯޕިއާ  ތުހްމަތު ކުރާގޮތުގައި މިޞްރަކީ އެފްރިކާގެ ޤައުމުތަކުގެ މަޞްލަޙަތު ރިޢާޔަތް ކުރާ ޤައުމެއްނޫނެވެ. އެހެނަސް މިޞްރުން ބަލަނީ ހަމައެކަނި މިޞްރުގެ މަޞްލަޙަތުތަކަށެވެ. ނަހްޟާ ޑޭމާ ބެހޭގޮތުން ބޭއްވެމުންދާ ވާހަކަދެއްކުންތައް ކުރިއަށް ނުދަނީ "މިޞްރުގެ ބޯ ހަރުކަމުން" ކަމަށް އެޑިސްއަބާބާއިން ތުހްމަތު ކުރެއެވެ. މިއީ މިޞްރުގެ މަސްއޫލުވެރީން އަބަދުވެސް  ދޮގުކުރައްވާ ވާހަކަތަކެކެވެ. ރައީސް ސީސީ 7 އޭޕްރީލްގައި ދެއްވި ޚިޠާބެއްގައި ވިދާޅުވެފައިވާ ގޮތުގައި މިޞްރުން އިތިޔޯޕިއާގެ ތަރައްޤީއަށް އިޙްތިރާމު ކުރެއެވެ. އެއީ މިޞްރުގެ މަޞްލަޙަތަށް ގެއްލުމެއް ނުލިބޭނަމައެވެ.

މިޞްރަށް ލިބޭނެ ފައިދާއަކީ ކޮބާ!

ޖަރްމަނުގައި ހުންނަ "ޢަރަބި ޑިމޮކްރެޓިކް ސެންޓަރ"ގައި މަސައްކަތް ކުރައްވާ ބާޙިސެއްކަމުގައިވާ އަޙްމަދު ޢަލަވީ ވިދާޅުވާގޮތުގައި ސްޓެގްލަރ ޑޭމާއި ނައިރޭރީ ފެން ކަރަންޓު ހަކަތަ އިސްޓޭޝަނުގެ ސަބަބުން ނަހްޟާ ޑޭމުގެ މަސްއަލަ ޙައްލުކުރުމަށް ބޮޑެތި އެހީތަކެއް ލިބޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި "މިޞްރުން ދަނީ މި މަސްއަލައަށް އެހެން ބަދީލުތަކެއް ހޯދަމުންނެވެ. ނަހްޟާ ޑޭމުން އުފައްދާ ކަރަންޓު ބޭރަށް ވިއްކުމަށް އެޑިސްއަބާބާއިން ރާވާފައިވާ  ރޭވުމަށް ހުއްޓުން އަރާނެއެވެ. ޓެންޒާނިޔާއިން އަވަށްޓެރި ޤައުމުތަކަށް ކަރަންޓް ގެންދަން މާ ފަސޭހަވާނެއެވެ. އެހެންކަމުން އިތިޔޯޕިއާގެ ޑޭމުން ކަރަންޓު ގަތުމާ ދުރަށް ދާނެއެވެ."  ނައިރޭރީ ފެން ކަރަންޓް އިސްޓޭޝަން ހަދާ ނިމުމުން އެ ތަނުން ދުވާލަކު 2،115 މެގަވޯޓުގެ ކަރަންޓް އުފެއްދޭނެއެވެ.

މިޞްރުގެ ކަރަންޓާ ބެހޭ ވަޒީރު 2020ގެ ނޮވެންބަރު މަހު ދެއްވި ނޫސް ބަޔާނެއް ބުނާގޮތުގައި މި އިސްޓޭޝަނުން ޓެންޒާނިޔާއަށް ބޭނުންވާ ކަރަންޓަށް ވުރެ މާ ގިނައިން ކަރަންޓު އުފައްދާނެއެވެ. މި އިތުރުވާ ކަރަންޓު އިރުމަތީ އެފްރިކާގެ ޤައުމުތަކަށް ބޭރު ކުރެވޭނެއެވެ. ނަހްޟާ ޑޭމުން ހަ ހާސް މެގަވޯޓުގެ ކަރަންޓް އުފެއްދި ނަމަވެސް ޓެންޒާނިޔާ އޮތްތަނަށް ބަލާއިރު އެ ޤައުމަށް އިތިޔޯޕުއާއާ ވާދަކުރެވޭނެއެވެ.

ނަހްޟާ ޑޭމުގެ ބަދީލެއް

ޢަލަވީ ހާމަކުރެއްވި ގޮތުގައި އިތިޔޯޕިއާއަށް ބޭނުންވާ ކަރަންޓްގެ މިންވަރު ބޮޑުކަމުން އެ ޤައުމަށް ބޭރަށް ވިއްކަން ލިބޭ ކަރަންޓުކޮޅު މަދުވާނެއެވެ. އޭނާ ހާމަ ކުރެއްވިގޮތުގައި މިޞްރުން އިތުރު ޑޭމުތައް އެފްރިކާގެ އެހެން ޤައުމުތަކުގައި ވެސް ބިނާކުރާނެއެވެ. އޭގެތެރޭގައި އިތިޔޯޕިއާއާ އަވަށްޓެރި އެރީތުރިއާއާއި ޞޫމާލު ފަދަ ޤައުމުތައް ހިމެނެއެވެ.

އިތިޔޯޕިއާއިން ބިނާކުރި ޑޭމުގެ އަގު އަދާކުރުމަށް ޓަކައި އެ ޤައުމުން އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ ކަރަންޓް ވިއްކުމުގެ މައްޗަށެވެ.

ދެކުނު ސޫދާނުގައި ވެސް ޑޭމެއް

ދެކުނު ސޫދާނުގައި ޑޭމެއް ބިނާކުރުމުގެ މަޝްރޫޢެއް ވެސް މިޞްރުން ވަނީ ފަށައިފައެވެ. މި ޑޭމުގެ ނަމަކީ "ވާވު" ޑޭމެވެ. މި ޑޭމުން 10.4 މެގަ ވޯޓުގެ ކަރަންޓް އުފައްދާނެއެވެ. ކަރަންޓުގެ އިތުރަށް މި ޑޭމުގެ ސަބަބުން 500 ހާސް މީހުންނަށް ސާފު ބޯފެން ލިބޭނެއެވެ. އަދި ސާޅީހަކަށް ހާސް ފައްދާނުގެ (ފައްދާނަކީ 4200 އަކަ މީޓަރު) ދަނޑު ބިމުގައި ދަނޑުވެރިކަން ކުރެވޭނެއެވެ. މި ޑޭމާ ބެހޭ ހުރިހާ ދިރާސާތަކެއް 2015ގައި ވަނީ ދެކުނު ސޫދާނުގެ ސަރުކާރާ ޙަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *