...

Support Us

ގަދަ ޓީމުތައް ރަށަށް، ޔޫކްރެއިން ކުއަރޓަރ ފައިނަލަށް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް 1-2ގެ ތަފާތަކުން ސްވިޑްން ބަލިކޮށް ޔޫކްރެއިން ގަދަ އަށަކަށް ދަތުރުކުރުމާއެކު ދުނިޔޭގެ ފުޓުބޯޅައި ގަދަ ބާރުތައް މުބާރާތުން ކަޓައިފިއެވެ. ދުނިޔޭގައި ކިރިޔާ ވެސް ނަން ހިނގާ ޓީމުތަކުގެ ތެރެއިން ކުއާޓަރ ފައިނަލަށް ހޮވިފައިވަނީ އިޓަލީވިލާތާއި އި ސްޕޭނާއި އިނގިރޭސިވިލާތެވެ. ދުނިޔޭގެ ޗެމްޕިއަނުންކަމުގައިވާ ފަރަންސޭސީންނާއި ޖަރުމަނީންނާއި ޔޫރޯގެ ޗެމްޕިއަން ޕޯޒުގީޒުން މި ވަނީ ކުއާރޓަރ ފައިނަލަށް ވެސް ނުގޮސް މުބާރާތުން ކަޓައިފައެވެ.

ސްކޮޓްލޭންޑްގެ ހަމްޕްޑެން ޕާކު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގައިފައިވަނީ ވެސް ޔޫކްރެއިނުންނެވެ. އެންޑްރީ ޔަރްމުލެންކޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި، އޭރިއާ ތެރޭގައި ހުރެ ކެޕްޓަން ޒިންޗެންކޯ ފޮނުވައިލި ބާރު ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ.

މި ލަނޑަށް ފަހު ސްވިޑަނުން ކުރިޔަށްޖެހި އިތުރު ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރި ތަން ވެސް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމޭން ކައިރިވެފައިވަނިކޮށް ސުވިޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިއާ ބޭރުން ފޮސްބާރގް ފޮނުވައިލި ހަމަލާ ގޯލަށް ވަދެފައިވަނީ ޔޫކްރެއިން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެއެވެ.

މެޗްގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ލަނޑެއް ޖަހައި ލީޑު ނަގާން ވަރުގަދައަށް މަސައްކަތްކުރިއެވެ. މި ގޮތުން ކުރި މަސައްކަތުގެ ތެރޭގައި މެޗްގެ 55 ވަނަ މިނިޓްގައި ޔުކްރެއިންގެ ޝަރްހީ ސިދޮރްޗޫކް ޖެހި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެއެވެ. ހަމަ މިފަދައިން އޭގެ އެއް މިނިޓް ފަހުން ސްވިޑުންގެ އެމިލް ފޮރސްބާރގް ފޮނުވައިލި ބާރު ހަމަލާ ވެސް ދިޔައީ އަމާޒުން ކައްސައިލައިގެންނެވެ.

މި ހާފުގައި ކުޅުމުގެ ފޯރިއާއި ފިއްތުންތަކުގެ ސަބަބުން ތިން ކުޅުންތެރިއަކަށް ރީނދޫކާޑު ވެސް ދެއްކިއެވެ. އެއީ ސްވިޑްންގެ ޑިޖާން ކުލުސެވްސްކީ އާއި އެމިލް ފޮރސްބާރގާއި ޔޫކްރެއިންގެ އެންޑރީ ޔަރްމުލެންކޯއެވެ. މި ހާފުގައި ތިން ބަދަލެއް ވެސް ފެނުނެވެ. ޔުކްރޭއިންގެ ޝަޕަރެންކޯގެ ބަދަލުގައި ކުޅެން ނުކުތީ ރުސްލާން މަލިނޮވްސްކްޔީއެވެ. ސްވިޑްންގެ މީކާއީލް ލުސްތީގުގެ ބަދަލުގައި އެމިލް ކްރާފްތާއި ލުޑްވިގް އޮގަސްޓިންސަންގެ ބަދަލުގައި ޕިއެރޭ ބެންގޓްސަން ވެސް މެޗްގެ 83 ވަނަ މިނިޓްގައި ކުޅެން ނުކުތެވެ.

ކޮންމެއަކަސް މެޗަށް ކަނޑައެޅިފައި އޮތް 90 މިނިޓާއި މެޗްގެ އިތުރު ވަގުތުކޮޅު ވެސް ނިމުނީ އިތުރު ލަނޑެއް ނުޖެހި 1-1ން ދެ ޓީމު އެއްވަރުވެގެންނެވެ. މި ދެ ޓީމުގެ ތެރެއިން ގަދަ އަށަކަށް ގޮސް ކުއާރޓާރ ފައިނަލުގައި ވާދަކުރާނެ ޓީމެއް ކަނޑައަޅާން ޖެހޭތީ ނަތީޖާ ނެރުމަށް ޓަކައި ކުޑަ ހުސްވަގުތުކޮޅެއް ދިނުމަށްފަހު މެޗްގެ ކުޅުން އިތުރު 30 މިނިޓަށް ކުރިއަށް ގެންދިޔައެވެ.

އިތުރުކުރެވުނު ވަގުތާއެކު ދެ ޓީމުގެ ކުޅުން ވަރުގަދަކުރިއެވެ. އެހެންކަމުން ދެ ޓީމުން ނުވަ ބަދަލެއް މި ވަގިތުގެ ތެރޭގައި ފެނުނެވެ. ޔޫކްރެއިނުގެ ފަސް ބަދަލަކާއި ސްއިޑްންގެ ހަތަރު ބަދަލެކެވެ. އަދި ސްވިޑްންގެ މާރކަސް ޑެނިއެލްސަން ކުލި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލެވުނެވެ.

އެކަކު މަދުން ކުޅެންޖެހުމުގެ މާޔޫސްކަމުގައި އުޅެނިކޮށް ޔުކްރެއިންގެ އޮލެކްސަންޑްރް ޒިންޗެންކޯ ފަހިކޮށްދިން ފުރުޞަތެއްގައި އަރްތަމް ޑޮވްބީކް ޖެހި ލަނޑާއެކު އެ ޓީމުން ދެ ވަނަ ފަހަރަށް ލީޑްނަގައި އުންމީދު އާކުރިއެވެ. މިއީ އިތުރު ވަގުތުކޮޅުގެ ވެސް އެންމެ ފަހު ސިކުންތުކޮޅުގައި ކާމިޔާބު ކުރެވުނު ލަނޑެކެވެ. އެހެންކަމުން ސްވިޑުނަށް އިތުރު ލަނޑެއް ކާމިޔާބުކުރާނެ މާ ގިނަ ފުރުޞަތުތަކެއް ތަނަވަސް ނުކުރެވެނީސް މެޗް ނިމުނީ 2-1 ގެ މި ނަތީޖާއާއެކު ޔޫކްރެއިން މޮޅުވެގެންނެވެ.

މިއީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް، ޔޫރޯ މުބާރާތެއްގެ ޔޫކްރެއިނަށް ކުއާޓަރފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރީން ޔޫކްރެއިނުން ވަނީ 2006 ގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ވާދަކޮށްފައެވެ.

ޔުކްރެއިނަށް މި ލިބުނު މޮޅާއެކު މުބާރާތުގެ ކުއާޓަރ ފައިނަލުގައި އެ ޓީމުން ބައްދަލުކުރާނީ ދެވަނަބުރުގައި ރޭ ޖަރުމަނުވިލާތާ ކުޅެގެން މޮޅުވި އިނގިރޭސިވިލާތާއެވެ. މި މެޗު އޮންނާނީ އަންނަ އާދީއްތަ ވިލޭރޭ މާލޭގަޑިން 9:00ގައެވެ.

މުބާރާތުގެ މިހާ ހިސާބަށް އައި އިރު ވިލާތާއި ދުނިޔޭގެ މަޝްހޫރު ގިނަ ޓީމުތައް، ގިނަ މީހުން ހީކުރި ގޮތާ ޚިލާފަށް، މި ވަނީ މުބާރާތުން ކަޓައިފައެވެ. ދުނިޔޭގައި ކިރިޔާ ވެސް ނަން ހިނގާ ޓީމުތަކުގެ ތެރެއިން ކުއާޓަރ ފައިނަލަށް ހޮވިފައިވަނީ އިޓަލީވިލާތާއި އިސްޕޭނާއި އިނގިރޭސިވިލާތެވެ. އިޓަލީވިލާތް ބައްދަލުކުރާން ހަމަޖެހިފައިވަނީ ބެލްޖިއަމާއެވެ. ސްވިޒަލޭންޑާއި ސްޕެއިނެވެ. ޑެންމާކް ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއެވެ. އިނގިރޭސީން ބައްދަލުކުރާނީ ޔޫކްރޭނާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *