Support Us

ބަޣްދާދު ސަމިޓް: މިޞްރު، ޢިރާޤު، އުރްދުންގެ ޒަޢީމުން

ޝާމު ކަރައިގެ އައު މަޝްރޫޢުގެ ލަނޑުދަނޑިތަކަކީ ކޮބާ؟

މި ދިޔަ ހަފުތާގައި ބަޣްދާދުގައި ބޭއްވުނު މިޞްރު- ޢިރާޤު- އުރްދުން ސަމިޓްގެ ނާރެހަކީ "ޝާމު ކަރައިގެ އައު މަޝްރޫޢު" އެވެ. މި މަޝްރޫޢުގެ ލަނޑުދަނޑިތަކަކީ ކޮބާހެއްޔެވެ؟ އެއީ ހަމައެކަނި އިޤްތިޞާދީ އެއްބާރުލުމެއް ހެއްޔެވެ؟ ނުވަތަ އެ އެއްބާރުލުމުގައި ޢަސްކަރީ މައިދާނާއި ސަލާމަތީ މައިދާން ވެސް ޝަމިލުވޭ ހެއްޔެވެ؟ އިރާނާ ދުރަށް ޢިރާޤު ދިޔުމަށް ޠަހަރާން ރުހޭނެ ހެއްޔެވެ؟

މިސްރުގެ ރައީސް ސީސީ ބަޣްދާދަށް ކުރެއްވި މި ޒިޔާރަތަކީ 1990ވަނަ އަހަރު ޢިރާޤުން ކުވައިތަށް އެރި ފަހުން މިޞްރުގެ ރައީސަކު ޢިރާޤަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެއަށްފަހު ޢިރާޤު ޙިޞާރު ކުރެވުނެވެ. އެއަށްފަހު 2003ގައި އެމެރިކާއިން ޢިރާޤަށް އެރިއެވެ. މިކަމާ ވިދިގެން ހިނގި ގަޑުބަޑުތަކުގެ ތެރޭގައި ޢިރާޤުގައި ހުންނެވި މިޞްރުގެ ސަފީރު އީހާބުއް ޝަރީފު އަވަހާރަކޮށްލެވުނެވެ.

ޢިރާޤުން ކުވައިތު ހިފުމުގެ ކުރިން މިޞްރާއި ޢިރާޤާއި އުރްދުނާއި ޔަމަން ބައިވެރިވާ އެއްބާރުލުމެއް ޤާއިމު ކުރެވިފައި ވެއެވެ. އެއީ "ޢަރަބި އެއްބާރުލުމުގެ މަޖިލިސް"ގެ ނަމުގައި ޤާޢިމު ކުރެވުނު އެއްބާރުލުމެކެވެ. މި މަޖިލިސް ރޫޅިގެން ނެތިގެން ދިޔައީ ޢިރާޤުން ކުވައިތަށް އެރުމުންނެވެ.

ޝާމުކަރައިގެ ބޮޑު މަޝްރޫޢު

ޚަބަރު ފަތުރާ ތަފާތު ވަސީލަތްތަކުން ހާމަކުރިގޮތުގައި ތިން ޒަޢީމުންގެ ސަމިޓުގައި ޝަމުކަރައިގެ އައު މަޝްރޫޢާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މިއީ ތަފާތު މައިދާންތަކުގައި މި ތިން ޤައުމުގެ މެދުގައި އެއްބާރުލުން ޤާއިމުކުރުމަށް އެކުލަވައިލެވުނު މަޝްރޫޢެކެވެ. ޢިރާޤު އަލުން ބިނާކޮށް އާރާސްތުކުރުމަށްޓަކައި މިޞްރާއި އުރްދުންގެ ކުންފުނިތައް ބައިވެރިކުރުވާ މި މަޝްރޫޢަށް ޢިރާޤުން ހޭދަކުރާނީ އެ ޤައުމުގެ ތެލެވެ. މި މަޝްރޫޢުގެ ނަމަކީ "އާރާސްތު ކުރުމަށް ތެޔޮ" އެވެ. މިޞްރުގައި ހުރި ތެޔޮ ސާފުކުރުމުގެ ޤާބިލުކަން ބޭނުންކޮށްގެން ޢިރާޤުގެ ތެޔޮ ސާފުކޮށް ޔޫރަޕަށް ބޭރުކުރެވޭނެއެވެ. މި މަސައްކަތުގައި އުރްދުން ވާނީ ފާލަމަކަށެވެ.

މި މަޝްރޫޢުގެ އަސްލަކީ ބައިނަލްއަޤްވާމީ ބޭންކުން މާރިޗް 2014ގައި ތައްޔާރު ކުރި ދިރާސާއެކެވެ. މި ދިރާސާގައި ސޫރިއާއާއި، ލުބްނާނާއި، އުރްދުނާއި، ހިފާފައިވާ ފަލަސްޠީނުގެ އިތުރަށް ތުރްކީއާއި ޢިރާޤާއި މިޞްރު ޝާމިލުކޮށްފައި ވެއެވެ. މި މަޝްރޫޢު ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު ޙައިދަރުލް ޢައްބާދީގެ ސަރުކާރަށް ހުށައެޅުނެވެ. މިޞްރާއި ޢިރާޤާޢި އުރްދުން ހިމެނޭގޮތަށް މި އެއްބާރުލުމާ ބެހޭގޮތުން ވާހަކަ ދެއްކުނީ މާރިޗް 2019ގައި ޤާހިރާގައި ބޭއްވުނު މި ތިން ޤައުމުގެ ސަމިޓްގައެވެ. އެއަށްފަހު މި ތިން ޤައުމުގެ ދެވަނަ ސަމިޓެއް ސެޕްޓެންބަރު 2019ގައި ނިވްޔޯރކްގައި ބޭއްވުނެވެ.

މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ ބަޣުދާދަށް ވަޑައިގަތުމުން ޢިރާޤުގެ ރައީސް ބުރްހުމު ޞާލިޙު މަރްޙަބާ ދަންނަވަނީ

ޢިރާޤުގެ ބޮޑުވަޒީރު މުޞްޠަފަލް ކާޡިމީ 2020ގެ ސެޕްޓެންބަރުގައި ވޮޝިންގްޓަނަށް ކުރެއްވި ދަތުރުފުޅުގައި މި މަޝްރޫޢާ ބެހޭގޮތުން އެމެރިކާ ސަރުކާރާއެކު ބަޙުސް ކުރެއްވިއެވެ. އެއަށްފަހު މި މަހުގެތެރޭގައި އުރްދުންގެ ވެރިރަށް ޢައްމާނުގައި މި ތިން ޒަޢީމުން ބައްދަލު ކުރައްވާ މި މަޝްރޫޢާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި މަޝްރޫޢަށް "އައު ޝާމުކަރަ"އިގެ ނަން ދެއްވީ އަލްކާޡިމީ އެވެ. ވޮޝިންގްޓަން ޕޯސްޓަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި މިއީ ޔޫރަޕްގެ ނަމޫނާއާ އެއްފަދަ އިޤްތިޞާދީ މަޝްރޫޢެކެވެ. އޭނާ ވިދާޅުވިގޮތުގައި މި އެއްބާރުލުން "ގޮންޖެހުންތަކާ ކުރިމަތިލެވޭވަރުގެ" އެއްބާރުލުމަކަށް ވާނެއެވެ.

އެއްބަސްވެފައިވާ މަޝްރޫޢުތައް

ބަޣްދާދު ސަމިޓްގެ ގުޅިފައިވާ ބަޔާނުގައި މި މަޝްރޫޢުގެ ނަމަށް އިޝާރާތް ކޮށްފައެއް ނުވެއެވެ.

މި ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި މުހިއްމު މަޝްރޫޢުތަކަކީ:-

  • ތިން ޤައުމުގެ މެދުގައި ކަރަންޓް ހަކަތަ ޙިއްސާކުރުމާއި އުރްދުންތެރެއިން ލައިފާ ޢިރާޤުން މިޞްރަށް ގޭސް ނަޤްލު ކުރުމުގެ ވިއުގައަކުން ގުޅައިލުމާއި، ސާފު ނުކުރާ ތެޔޮ ނަޤްލުކުރުމަށް ޓަކައި މަގެއް (ބަޞަރާ- ޢަޤަބާ މަގު) ހެދުމާއި، ކަރަންޓުގެ ހަކަތައާއި އިޢާދަކުރަނިވި ހަކަތައާއި ޕެޓްރޯ ކެމިކަލްގެ ތަފާތު މައިދާންތަކުގައި އެއްބާރުލުމާއި ތަޖްރިބާތައް ޙިއްސާކުރުމާއި، ޚާއްޞަ ސެކްޓަރުތަކުގެ ކުންފުނިތަކަށް ވާގިވެރިވުމަށް ޓަކައި ވުނަކުރުމުގެ ވެށްޓެއް ޤާއިމު ކުރުން
  • އުރްދުނުން ހުށައަޅާފައިވާ ތަފާހުމުނާމާއާ އެއްގޮތަށް ޞިނާއީ މައިދާނުގައި އެއްބާރުލުން ދިނުން
  • ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރު ކުރުމަށް ޓަކައި ސަރަޙައްދީ ކުންފުންޏެއް އުފެއްދުމާ ބެހޭ މަޝްރޫޢު ފުރިހަމަކުރުމާއި ދަނޑުވެރިކަމުގެ މައިދާނުގައި އެއްބާރުލުން ޤާއިމުކުރުމަށް ޓަކައި ޕްރޮޓްކޯލެއްގައި ސޮއިކުރުން
  • މުވާޞަލާތީ ތަފާތު މައިދާންތަކުގައި އެއްބާރުލުން ޤާއިމު ކުރުމަށް ޒަޢީމުން އެއްބަސްވެވަޑައިގަތުން. މި އެއްބަސްވުމުގެ ދަށުން އެ ތިން ޤައުމުގެތެރޭގައި ދަތުރު ކުރުމަށް ޚާއްޞަ ޓިކެޓެއް ތަޢާރުފު ކުރެވޭނެއެވެ. އަދި މި ޤައުމުތަކުގެ ރައްޔިތުންނަށް ވީޒާ ލިބުމުގެ ކަންތައްތައް ލުއިކޮށްދީ މި ޤައުމުތަކުގެ ކަނޑާބެހޭ އެކަޑަމީތައް އެއްމާބަނޑު ކުރެވޭނެއެވެ.

އުރްދުންގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޑރ. ޚާލިދު ޝުނައިކާތު ވިދާޅުވާގޮތުގައި މިޞްރުގެ ނޫހެއް ކަމުގައިވާ "ޞަދަލް ބަލަދި" އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި މަޝްރޫޢުގެ ސަބަބުން މިޞްރާއި އުރްދުނުގެ ޢާއްމު ރައްޔިތުންނަށް ޢިރާޤުގެ ތެޔޮ ވަރަށް ހެޔޮ އަގެއްގައި ލިބޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޢިރާޤުން މި ދެ ޤައުމަށް ތެޔޮ ފީފާއެއް 16 ޑޮލަރަށް ވިއްކާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިޞްރުގައި ކަރަންޓް ގިނަވެ އިތުރުވެފައިވާތީ އުރްދުން މަގުން ލައިފާ މިޞްރުގެ ކަރަންޓް ޢިރާޤަށް ގެންދެވޭނެއެވެ.

ޢިރާޤުގެ ގޭސް އުރްދުން މަގުން ލައިފާ ސުވޭސް ކެނެލަށް ގެންދިޔުމަށް ޓަކައި ހޮޅީގެ ވިއުގައެއް ޤާއިމު ކުރެވޭނެއެވެ. މި ގޭސް ސުވޭސް ކެނެލުން ލައިފާ ޔޫރަޕަށް ބޭރު ކުރެވޭނެއެވެ. މިއީ ރަޝިޔާގެ ގޭސް ޔޫރަޕަށް ގެންދިޔުމަށް ޓަކައި ރާވާފައިވާ ރޭވުމާ އެއް ވައްތަރުގެ މަޝްރޫޢެކެވެ. އޭރުން ރަޝިޔާ ގޭހަށްވުރެ ހެޔޮ އަގެއްގައި ޢިރާޤުގެ ގޭސް ޔޫރަޕަށް ލިބޭނެއެވެ.

މި ދިޔަ ނޮވެންބަރު މަހު މިޞްރުގެ ބޮޑުވަޒީރު މުޞްޠަފާ މަދްބޫލީ ބަޣްދާދަށް ކުރެއްވި ދަތުރުފުޅުގައި ބޮޑު ވަޒީރު ކާޡިމީއާއެކު ވަނީ 15 އެއްބަސްވުމެއްގައި ސޮއި ކުރައްވައިފައެވެ. މި ކަމުގެ ސަބަބުން ޢިރާޤުގައި ވުނަކުރުމުގެ ފުރްޞަތުތައް މިޞްރުގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. ޢިރާޤު ސަރުކާރުގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި އެހެން ކުންފުނިތަކާ ވާދަނުކޮށް މިޞްރުގެ ކުންފުނިތަކަށް ޢިރާޤުގެ ރަށްތައް ބިނާކޮށް އާރާސްތު ކުރުމަށް ފުރްސަތު ލިބޭނެއެވެ. މިޞްރުގެ ކުންފުނިތަކުން ބިނާކުރާނީ ނައިނަވީ ސަރަޙައްދާއި، ޞަލާޙުއްދީން ސަރަޙައްދާއި އަންބާރު ސަރަޙައްދާއި ސާމައްރާ ސަރަޙައްދު ފަދަ ސުންނީންގެ ސަރަޙައްދުތަކެވެ.

މިއީ އީރާނުން ވެސް ބޭނުންވެގެން އުޅޭ މަސައްކަތްތަކެކެވެ. މިޞްރުގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ވިދިގެން އީރާނުގެ މަސއޫލުވެރީންގެ ވަފްދެއް ބަޣްދާދަށް ގޮސް މި މަސްއަލައާމެދު ވާހަކަ ދެއްކިކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެނަސް އީރާނަށް މާ ހިތްހަމަޖެހޭ އިޖާބައެއް ނުލިބުނުކަމަށް ޚަބަރުތައް ބުނެއެވެ.

މަޝްރޫޢަކީ ހަމަ އެކަނި އިޤްތިޞާދީ ކަމެއްބާ

މި ސަމިޓްގެ ބަޔާން ބުނާގޮތުގައި ނިރުބަވެރިކަމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ސަލާމަތީ މައިދާންތަކުގައްޔާއި ޖާސޫސީ ދާއިރާގައި އެއްބާރުލުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ބަޔާން ބުނާގޮތުގައި ސައިބަރާނީ ޖަރީމާތައް ހުއްޓުވުމަށާއި ނިރުބަވެރީންނަށް މާލީގޮތުންނާއި ހަތިޔާރުގެ ގޮތުން އެހީވާ އެހީވުންތައް ހުއްޓުވުމަށާއި އެމީހުންނަށް އަމާން ވެށިތައް ލިބުން މަނާކުރަން ވަނީ ޖެހިފައެވެ.

މި ބަޔާނުގައި ޢަސްކަރީ އެއްބާރުލުމަށް އިޝާރަތް ނުކުރިނަމަވެސް މި ތިން ޤައުމުގެ މެދުގައި އެއްބާރުލުން ޤާއިމުކުރެވޭ މުހިއްމު މައިދާންތަކުގެތެރޭގައި ޢަސްކަރީ މައިދާން ހިމެނޭނެކަން ކަށަވަރެވެ. މިޞްރާއި އުރްދުނުން ޢިރާޤުގެ ޢަސްކަރީ ބާރުތަކުގެ އަފްރާދުންނަށް ތަމްރީނު ލިބޭނެ މަގު ތަނަވަސްވުމަކީ ބަޣްދާދުގެ އެދުމެއް ކަމަށް ނޫސްވެރީން ބުނެއެވެ.

އެމެރިކާގެ ތަރްޙީބު.. އަދި އީރާނުގެ ހަނުހުރުން

ހުރިހާ މުޙައްލިލުން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި އެއްބަސްވުން ޤާއިމު ކުރެވިފައި މި ވަނީ އެމެރިކާގެ ތަރްޙީބާއި ރުހުން ލިބިގެންނެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް ވިދާޅުވިގޮތުގައި އެމެރިކާއިން މި "ތާރީޚީ" ޒިޔާރަތަށް މަރްޙަބާ ކިޔައެވެ. އެއީ "ސަރަޙައްދީ ސަލާމަތާއި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ. މި ކަމުގެ ސަބަބުން ސަރަޙައްދަށް ހަމަޖެހުން ލިބޭނެއެވެ." އެމެރިކާ ދެކޭގޮތުގައި އީރާނާ ކުރިމަތިލުމަށް ޓަކައި މިއީ ވަރަށް މުހިއްމު އެއްބާރުލުމެކެވެ. މި ކަމުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުން ލިބޭނެއެވެ.

އީރާނުން މި ސަމިޓާ ބެހޭގޮތުން އެއްޗެއް ނުބުނެއެވެ. އީރާނު ދެކޭގޮތުގައި ޢިރާޤުގެ ބަލަދު އަރަނީ އެ ޤައުމަށެވެ.ޠަހަރާން ދެކޭގޮތުގައި ޤާހިރާއާއެކު އޮތް ގުޅުމަކީ ހަނގުރާމައެއް ނެތް ޞުލްޙައެއްނެތް ޙާލަތެއްގެމަތީގައި  އޮތް ގުޅުމެކެވެ.

ޤާހިރާ ދެކޭގޮތުގައި އީރާނުން ގެންގުޅޭ ގަލްފާ ޢަދާވަތްތެރި ސިޔާސަތުގެ ތެރެއަށް ޤާހިރާ ވަންނާކަށް ނޭދެއެވެ. އެހެނަސް ގަލްފްގެ ޤައުމުތައް ރުޅިއަތުވެދާނެފަދަ ގުޅުމެއް އިރާނާއެކު ޤާއިމު ކުރާކަށް ވެސް ބޭނުމެއް ނުވެއެވެ. ޙޫޘީންނާ މެދުގައި ވެސް ޤާހިރާއިން ގެންގުޅެނީ މިފަދަ ސިޔާސަތެކެވެ.

އީރާނުން ވެސް މިޞްރާއެކު ގެންގުޅެނީ ހަމަހިމޭން ސިޔާސަތެކެވެ. ރައީސް މުރްސީގެ ވެރިކަން 2013ގައި ވެއްޓިގެން ދިޔުމަކީ އީރާނަށް ހިތްހަމަޖެހުން ލިބުނު ކަމެކެވެ. އެއީ އިޚްވާނުން ސޫރިޔާގައި ބައްޝަރާ އިދިކޮޅު ޖަމާޢަތްތަކަށް ތާއީދު ކުރާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *