Support Us

ރައީސް ބައިޑްން ޗައިނާގެ ރައީސް ޝީއާ ބައްދަލުކުރައްނީ

އެމެރިކާގެ ރައީސް ބައިޑްން ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގާއެކު ސަމިޓް ބައްދަލުވުމެއް ބާއްވަވަން ގަސްތު ކުރައްވައިފި ކަމަށް ސީއެންއެނުން ބުނެފިއެވެ.

ސީއެންއެން ބުނާގޮތުގައި ރައީސް ބައިޑްން އެންމެފަހުން ރައީސް ޕޫޓިނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުން އެނގިވަޑައިގެންފައިވާ ގޮތުގައި "ބާރުގަދަ ހަތުރުވެރިއަކާއެކު ސީދާ ބައްދަލުކޮށް ވާހަކަ ދެއްކުމާ ގާތްކޮށްލެވޭނެ އެއްވެސް ކަމެއް" ނެތެވެ. އެހެނަސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާގެ ރައީސާ ބައްދަލު ކުރެއްވުމުގައި "ހިރާސްތަކެއް" ވެސް އެބަ އޮތެވެ.

ބައިޑްންގެ އިސްނެންގެވުމަށް ޗައިނާއިން ސަމާލުކަން ދޭ

ވައިޓް ހައުސް ބުނާގޮތުގައި މި ދެބޭފުޅުން ފަހަރެއްގައި މި އަންނަ އޮކްޓޫބަރު މަހު ރޯމްގައި ބޭއްވޭ ޖަމާޢަތް 20ގެ ބައްދަލުވުމުގެ ހަވާސާމަތީގައި ބައްދަލު ކުރައްވައިފާނެއެވެ. މި ސަމިޓްގައި އެ ދެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން މި ދިޔަ ހަފުތާގައި ވިދާޅުވިގޮތުގައި "ދެ ރައީސުންގެ ދެމެދުގައި ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް" ފެނިވަޑައިގަންނަވައެވެ. ސޮލިވާން ވިދާޅުވިގޮތުގައި މިހާރު އެ ކަން އޮތީ "ކޮން އިރަކު ކިހިނެއް"ގެ މަތީގައެވެ.

ރައީސް ބައިޑްނާ އެކު ގުޅުންތައް ރަނގަޅު ކުރުމަށް ޗައިނާއިން އިސްކަން ދެއެވެ. ރައީސް ޕޫޓިން، ރައީސް ބައިޑްނާއެކު ބޭއްވެވި ސަމިޓްގެ ކަންތައްތައް ރޫސީން ވަނީ ޗައިނާއާ ޙިއްޞާކޮށްފައެވެ.

ރައީސް ބައިޑްން ރައީސް ޕޫޓިނާ ބައްދަލު ކުރެއްވުމަށްފަހު ވައިޓްހައުސްއިން ބުނިގޮތުގައި ރައީސް ޝީއާއެކު ބައްދަލު ކުރައްވަން ރައީސް ބައިޑްން އެދިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވިގޮތުގައި "ނުތަނަވަސް ވެފައިވާ މަސްރަޙު" ރައީސް ޕޫޓިނާއެކު އިށީނދެވަޑައިގަތުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތަނަވަސްވެގެން ދިޔައެވެ. "ވިހަވެފައިވާ ގުޅުންތަކަށް" ލުއިކަމެއް ލިބުނެވެ. އެ ދެ ޤައުމުގެ ދެމެދުގައި ހުރި ބޮޑެތި މަސްއަލަތައް ޙައްލު ކުރުމަށް ބޭނުންވާ ދޮރުތަކެއް ހުޅުވުނެވެ.

ބައިޑްން- ޝީގެ ބައްދަލުވުމެއް ބޭއްވިއްޖެނަމަ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ރާސްތާ މިސްރާބު ކުރަން ފަސޭހަވެގެންދާނެ ކަމަށް ވައިޓްހައުސްއިން ބުނެއެވެ.

ސީއެންއެން ބުނާގޮތުގައި ރައީސް ޝީ އޭނާގެ ބާރާއި ނުފޫޒު ޗައިނާގައި ވަރުގަދަ ކުރެއްވުމަށް ޓަކައި ބައިޑްނާއެކު ބައްދަލުވުމެއް ބޭއްވުން އަވަސްކުރައްވަން ބޭނުންފުޅުވެއެވެ. އޭޝިޔާ– ޕެސިފިކް ސަރަޙައްދާ ބެހޭ މުޝީރު ކޯރޓް ކޭމްބަލް ވިދާޅުވިއެވެ. "އަހުރެމެން ޤާބޫލު ކުރާގޮތުގައި ރައީސް ޝީ މިއަދު މަސައްކަތް ކުރައްވަނީ މަރްކަޒީ ޒަޢާމަތުގައި އެންމެ ބާރުގަދަ ޝަޚްޞިއްޔަތަށް ވެވަޑައިގަތުމަށެވެ. އެހެންކަމުން ރައީސް ބައިޑްނާއެކު ބައްދަލުވުމެއް އަވަހަށް ބާއްވަވަން އޭނާ ބޭނުންފުޅު ވާނެއެވެ."

އިތުބާރު ބިނާކުރެވޭނެ ބާ!

ޗައިނާއާ ބައިޑްންގެ އިދާރިއްޔަތާ ދެމެދުގައި ބައްދަލުވުންތައް ވަނީ ފެށިފައެވެ. އެލަސްކާގެ މަސްއޫލުވެރީންނާ ޗައިނާގެ ޑިޕްލޮމެޓުންނާ ދެމެދުގައި ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ހާމަވެފައިވާ ގޮތުގައި ދުނިޔޭގެ އިޤްތިޞާދީ ދެ ބާރުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް އިތުބާރު ގެއްލިފައެވެ. އެމެރިކާގެ މަސްއޫލުވެރީން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޗައިނާގެ ޑިޕްލޮމެޓުންނަކީ ރައީސް ޝީގެ މާ އަރިސް ބޭފުޅުންނެއް ނޫނެވެ.

ކޮވިޑް–19ގެ އަޞްލު ފެށުމާ ބެހޭ ގޮތުން ޗައިނާއިން ފުރިހަމަ މަޢުލޫމާތު ނުދޭކަމަށް އެމެރިކާއިން ތުހްމަތު ކުރެއެވެ. މި ޖާއިޙާ ފެށުނު ހިސާބަށް ގޮސް ފުރިހަމަ ތަޙްޤީޤެއް ކުރުމުގެ ހުއްދަ ޗައިނާއިން ވަނީ ނުދީފައެވެ. އެމެރިކާ- ޗައިނާ ގުޅުންތައް ރަނގަޅުވުމަށް އެޅިފައިވާ ހުރަސްތަކުގެ ތެރޭގައި މި މަސްއަލަ ވެއެވެ.

އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާގޮތުގައި ރައީސް ޝީއާއެކު ބާއްވަވާ ބައްދަލުވުމުގެ އަމާޒަކަށް ވާނީ ރައީސް ޕޫޓިނާއެކު ބޭއްވެވި ބައްދަލުވުމުގެ މަޤްޞަދުތަކެވެ. ސްވިސްރާގައި ބައިޑްން ބޭއްވެވި ތިން ގަޑިއިރުގެ ބައްދަލުވުމުގެ އަމާޒަކީ "ގުޅުންތަކުގެ މައްޗަށް އެޅިފައި ހުރި ގަނޑުފެންތައް ކަހާ ދުރަށް ލުމާއި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރަނގަޅަށް ތަޢާރުފުވެވަޑައިގަތުމާއި ތަވާޞުލު ކުރުމުގެ މަގުތަކާއި ވަސީލަތްތައް ހުޅުވައިލުމެވެ." ބައިޑްން ދެކެވަޑާއިގަންނަވާ ގޮތުގައި "މޫނާއި މޫނު ކުރިމަތިކޮށް ބައްދަލު ކުރުން" ދުރުގައި ތިބެގެން ވާހަކަދެއްކުމާ ވަރަށް ތަފާތެވެ. އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާގޮތުގައި އެމެރިކާއަށް ވަނީ ޗައިނާއާއެކު "ޙިމާޔަތުގެ ހުރަހެއް" ޤާއިމު ކުރަން ޖެހިފައެވެ.

ހަމަ އެފަދައިން ބައިޑްން ދެކެވަޑައިގަންނަވާ ގޮތުގައި "ހަތުރުވެރިއަކާ ބައްދަލު ކުރުމުގެ ކުރިން" އެކުވެރީން އެއްކޮށް އިސްތިރާޖީއަކަށް އެއްބަސްވަން ޖެހޭނެއެވެ. ރައީސް ބައިޑްން، ރައީސް ޕޫޓިނާ ބައްދަލުކުރެއްވުމުގެ ކުރިން ނޭޓޯގެ ޒަޢީމުންނާ ބައްދަލު ކުރެއްވިއެވެ. އަދި އޭގެ ކުރިން ޖަމާޢަތް 7ގެ ސަމިޓެއްވެސް ބޭއްވެވިއެވެ. އެމެރިކާގެ މަސްއޫލުވެރިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޗައިނާގެ ރައީސާ ބައްދަލު ކުރެއްވުމުގެ ކުރިން ވޮޝިންގްޓަންގައި ޖަޕާނާއި އޮސްޓްރޭލިއާއާއި އިންޑިއާގެ ވެރިންނާ އެކު ބައްދަލުވުމެއް ބޭއްވެވޭތޯއެވެ. ޗައިނާއާ ކުރިމަތިލުމަށް ޓަކައި ގުޅިފައިވާ އިސްތިރާތީޖީއެއް އެކުލަވައިލުމަށް ޓަކައެވެ.

ބައްދަލު ކުރެއްވުން މާ ނުރައްކާތެރި

އެހެނަސް ރައީސް ބައިޑްން ދެކެވަޑައިގަންނަވާ ގޮތުގައި ޝީއާއެކު އޭނާ ބާއްވަވާ ބައްދަލުކުރެއްވުން ޕޫޓިނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްވުރެ މާ ނުރައްކާތެރިއެވެ. ޗައިނާއާއެކު އޮތް ދެބަސްވުންތައް މާ ގިނައެވެ. ވިޔަފާރިއާއި ތައިވާނުގެ މަސްއަލައާއި، އީގޯރު މުސްލިމުންގެ އިންސާނީ ޙައްޤުތަކާއި ހޮންގްކޮންގްގެ ދާޚިލީ މިނިވަންކަންފަދަ މަސްއަލަތެކެވެ.

ބައިޑްންގެ އެހީތެރީން ވިދާޅުވާގޮތުގައި ރަޝިއާއަކީ އެމެރިކާގެ ހަމަޖެހުމަށް އޮތް "ދުއްތުރާވެރި ހިރާސް" އަކަށް ވިޔަސް ޗައިނާއާއެކު ހުރި މަސްއަލަތައް މާ ގިނައެވެ. އެމެރިކާގެ މަސްއޫލުވެރީން ދެކެވަޑައިގަންނަވާގޮތުގައި ޗައިނާއަކީ އެމެރިކާގެ "އިސްތިރާޖީޖީ ވާދަވެރި" އެކެވެ. ރައީސް ބައިޑްންގެ ރިޔާސީ ވަޢުދުތަކުގެ ގިއުގަނޑަކީ "ޚުދްމުޙްތާރުކަމާ ދެކޮޅަށް ދީމުޤްރާޠިއްޔަތު" ކަމަށް ވާތީ އޭނާގެ އެންމެ ބޮޑު ލަނޑުދަނޑިއަކަށް ވާނީ ޗައިނާކަން އެނގެއެވެ.

ރައީސް ބައިޑްން ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށް ފަހު މި އަހަރުގެ ފެބްރުވަރީގައި ރައީސް ޝީއާ ތެލިފޯނުން ބައްދަލު ކުރެއްވިއެވެ. ދެ ގަނޑިއިރުގެ މި ބައްދަލު ކުރެއްވުމުގެ ތެރޭގައި އެމެރިކާ ރޫޅިގެން ނުދާނެކަމުގެ އިންޒާރު ޗައިނާއަށް ދެއްވިއެވެ. މި ބައްދަލު ކުރެއްވުމުގެ ތެރޭގައި އިންސާފު ކުރެއްވި މައުޟޫޢުތަކުގެ ތެރޭގައި: ކޮރޯނާ ވައިރަހާއި، އެމެރިކާގެ ދީމުޤްރާޠީ ނިޒާމާއި، ބިނާރާގެ މަސްއަލަތައް ހިމެނެއެވެ. ބައިޑްން ދެކެވަޑައިގަންނަވާގޮތުގައި އެމެރިކާގެ ޚާރިޖީ ބާރު ދެމެހެއްޓުމަށް ލިބިގެންވާ އެންމެ ވަރުގަދަ ބާރަކީ އިޤްތިޞާދު ވަރުގަދަކޮށް ދުޅަހެޔޮ ވެގެން ދިޔުމެވެ.

ސަމިޓްގެ ކުރިން ބޭޖިންގްގެ ކުރިމަތީގައި ހުޅަނގުގެ ޖަމާޢާތެއް ބިނާކުރުން

ނޭޓޯއާއި ޖަމާޢަތް 7ގެ ސަމިޓްގައި ވެސް ޗައިނާގެ މަސްއަލަތަކާމެދު ވަނީ ބަޙުސްކުރެވިފައެވެ. މީގެ އިތުރަށް ޕޫޓިނާއެކު ބޭއްވުނު ސަމިޓްގައި ވެސް ޗައިނާއަށް އިސްކަމެއް ދެވުނެވެ. ބައިޑްން މި ސަމިޓްގެ ކުރިން ވިދާޅުވިއެވެ." ޗައިނާއިން އަހުރެމެންނަށް ފިއްތުންތައް ކުރިމަތިވެއެވެ."

ރައީސް ބައިޑްން ޔޫރަޕްގެ ވެރީންނާއެކު މަޝްވަރާކުރެއްވި ހުރިހާ އިސްޓޭޝަންތަކެއްގައި ވެސް ޗައިނާގެ އިންސާނީ ޙައްޤުތަކާ ބެހޭ މަސްއަލަތަކުގައި އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވައިލެއްވިއެވެ. ޗައިނާގެ އިޤްތިޞާދީ ސިޔާސަތާއި ޢަސްކަރީ ޢުދްވާނުތަކާ ބެހޭގޮތުން ވެސް އެކައްޗެއް ކިޔުމަށް ރައީސް ބައިޑްން އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޖަރްމަނުގެ މުސްތަޝާރާ މަރކްލްއާއި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ ރައީސް ބައިޑްނަށް މާ ބޮޑަށް ތާއީދު ކުރައްވާފައެއް ނުވެއެވެ.

ޖަމާޢަތް 7ގެ އެޖެންޑާގައި ޗައިނާގެ މަސްއަލަ އެޖެންޑާ ކޮށް ޝިންޖިއެންގްގައި މުސްލިމުން ލައްވާ މަޖްބޫރުކޮށްގެން މަސައްކަތްކުރުވާ މަސްއަލައާއި ހޮންކޮންގްގެ ދާޚިލީ އަމިއްލަ ވެރިކަމުގެ މަސްއލައާއި ޗައިނާއިން  ފަށައިފައިވާ ފަށުވި މަގުގެ މަޝްރޫޢާ ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. ޗައިނާއިން ޖަމާޢަތް7ގެ ނިންމުންތަކަށް ވަނީ ވަރަށް ހަރުކަށިކޮށް ރައްދު ދީފައެވެ. ޗައިނާ ބުނިގޮތުގައި ޖަމާޢަތް 7ގެ ވާހަކަތަކަކީ ޗައިނާއާ ބެހޭގޮތުން ގަސްތުގައި ހަދައިގެން ދައްކާފައިވާ ވާހަކަތަކެކެވެ. ޗައިނާ ބުނިގޮތުގައި އެއީ އެ ޤައުމުގެ ދާޚިލީ ކަންތައްތަކާ ބެހުމެކެވެ.

ރައީސް ބައިޑްންގެ އިންތިޚާބީ ޙަމަލާގެ ތެރޭގައި ސިފަކުރެއްވި ގޮތުގައި ރައީސް ޝީ އަކީ "ދީމުޤްރާޠީގެ އެންމެ ޒައްރެއްގެ މިންވަރު ވެސް ހުރި" ބޭފުޅެއްނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *