Support Us

ޔޫރޯ2020: ސްޕޭން- ކްރޮއޭޝިއާ: މޮޅުވާނީ ކޮން ބަޔެއް؟

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ 2016 ވަނަ އަހަރުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގައެއް ރޭ ބެލްޖިއަމުން ކަށަވަރުކޮށްފައިވާއިރު މި ރޭ ކުޅޭން ހަމަޖެހިފައިވާ މެޗްތަކުގެ ފޯރި ވަކި ކުޑައެއް ނުވާނެއެވެ. ގަދަ އަށެއްގެ ތެރެއިން ފުރަތަމަ ހަތަރެއް މިހާރު ކަށަވަރުވެފައިވާއިރު، މިރޭ 9:00 ގައި ޑެންމާކްގެ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ބައްދަލުކުރާނީ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައި ބެލެވޭ ސްޕޭނާއި ކްރޮއޭޝިއާއެވެ.

މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވާ ތިން މެޗްގެ ތެރެއިން ދެ މެޗުން މޮޅުވެފައިވަނީ ވެސް ކޮރޮއޭޝިއާއެވެ. ނަމަވެސް 2018 ގެ ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާ ބައްދަލުކޮށް ސްޕޭން ވަނީ 6-0 ގެ ތަފާތު ނަތީޖާއަކުން މޮޅުވެފައެވެ. ހަމަ އެ މުބާރާތުގައި 3-2ގެ ހަނި ތަފާތަކުން ސްޕޭންގެ މައްޗަށް ކްރޮއޭޝިއާ ވެސް ކުރި ހޯދައިފައިވެއެވެ. މިހާރު ހިނގަމުން މިދާ މުބާރާތުގައި ވެސް ކްރޮއޭޝިއާއިން ވަނީ 2-1ން ސްޕޭން ބަލިކޮށްފައެވެ.

މިހާރު ހިނގަމުންދާ މުބާރާތުގައި ސްޕޭން ދެ ވަނަ ބުރުން ޖާގަހޯދައިފައިވަނީ 5 ޕޮއިންޓާއެކު އީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަނެއްކޮޅުން ދެވަނަ ބުރުން ކްރޮއޭޝިއާ ޖާގަހޯދީ ވެސް ޑީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓާއެކުގައެވެ. އެހެންކަމުން މިރޭގެ މެޗަކީ ވެސް ފޯރިގަދަ މެޗަކަށް ވާނެއެވެ.

މިރޭ 12:00 ގައި ބައްދަލުކުރާން ހަމަޖެހިފައިވަނީ ގްރޫޕް"އޭ"ގެ ތިންވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރުން ޖާގަ ހޯދި ސްވިޒަރލޭންޑާއި ގްރޫޕް"އެފް" ގެ އެއްވަނަ ޓީމުގެ ގޮތުގައި ފަސް ޕޮއިންޓާއެކު ދެވަނަ ބުރުން ޖާގާ ހޯދި ފަރަންސޭސި ޓީމެވެ.

ރޭ 12:00ގައި ބެލްޖިއަމާއި ޕޯޗުގަލް ބައްދަލުކުރި މެޗުގައި ބެލްޖިއަމުން ޖެހި ހަމައެކަނި ލަނޑުޖަހައި ލީޑު ނަގައިފައިވަނީ ފުރަތަމަ ހާފުގެ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުން ތޯގަން ހަޒާޑް ވަރަށް ދުރުން ފޮނުވައިލި ހިތްގައިމު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ބޯޅަ ޖެހިލެއް މޮޅުކަމާއި ބޯޅައިގެ މިޞްރާބު ލެނބިގެން ދިޔަ ގޮތުން ކީޕަރަށް ވެސް އެ ބޯޅަ މަތަކުރާނޭ ފުރުޞަތެއް ނުލިބުނެވެ.

ކޮންމެއަކަސް 2016ގައި ލިބުނު ތަށި ދިފާއުކުރާން ނުކުތް ޕޯޗުގަލް ޓީމު މުބާރާތުގެ ދެވަނަބުރާ ހިސާބުން މި ވަނީ މުބާރާތާ އަލްވަދާއު ކިޔާންޖެހިފައެވެ. ނަމަވެސް މިރޭގެ ފުރަތަމަ މެޗަކީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ގެނެސްދޭ ފަދަ މޮޅު ކުޅުމެއް ފެންނާނެ މެޗެއްކަމަށް އުންމީދުކުރެވެއެވެ. ރޭގެ މެޗްގެ ނަތީޖާ ދެއްކި ގޮތުން މި ރޭ ވެސް މޮޅުވާނެ ޓީމެއް ކުރީން ކަނޑައެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މި ރޭގެ މެޗަށް އިންތިޒާރުކޮށްލަމާތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *