...

Support Us

ޔޫރޯ2020: ނެދަރލެންޑްސް ރޮއްވައިލުމަށް ފަހު ޗެކް ރިޕަބްލިކް ގަދަ އަށަކަށް

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި މިރޭ ކުޅުނު މެޗް 2-0ން ކާމިޔާބުކޮށްގެން ޔޫރޯ2020ގެ ގަދަ އަށަކަށް ޗެކް ރިޕަބްލިކް ދަތުރުކޮށްފިއެވެ. ދެވަނަ ބުރުގައި ނެދަރލެންޑްސްއާ ބައްދަލުކޮށް ކުޅުނު މެޗް ފެށިގެން ފުރަތަމަ ކޮޅުގައި ދެ ޓީމުން ވެސް ފެނުނީ ހަމަހަމަކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާކުރީ ނެދަލޭންޑްސްއެވެ. ޚާއްސަކޮށް ނެދަލޭންޑްސްގެ އުއްމީދީ ކުޅުންތެރިޔާ ޑަމްފްރީސްގެ ނުރައްކާ ފާހަކަކުރެވުނެވެ.

ޑަމްފްރީސް ފިޔަވައި ނެދަލޭންޑްސްގެ އެހެން ކުޅުންތެރިންގެ ފަރާތުން އެހާ ރަނގަޅު މަސައްކަތެއް ނުފެނެއެވެ. ގިނަ ފަހަރަށް ބޯޅަ ގެއްލުމުން ވެސް އެ ބޯޅަ ހޯދަން މާ އެދެވޭ މަސައްކަތްތަކެއް އެ ޓީމަކުން ނުކުރެވެއެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ފެށިގެން މެޗްގެ 55 ވަނަ މިނިޓްގައި ނެދަރލޭންޑްސްގެ މަތާއިޝް ދިލިޚްތު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރަތްކާޑެއް ދައްކައި، ދަނޑުން ފޮނުވައިލެވުނެވެ. މެޗްގެ 56 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކްގެ ވްލަޑިމީރް ޗޫފޯލްއަށް ރީނދޫ ކާޑެއް ދެއްކިއެވެ. އެކަކު މަދުން ކުޅެން ޖެހުމުން ޑަޗުންނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގައި އުޅެނިކޮށް މެޗްގެ 68 ވަނަ މިނިޓްގައި ޗެކްގެ ދިފާޢީ ކުޅުންތެރިޔާ (9 ނަންބަރު) ޗޮމަސް ހޯލްސް ލަނޑެއް ޖަހައި، އެ މީހުންގެ އުންމީދު އާކޮށްދިނެވެ. މެޗްގެ 80 ވަނަ މިނިޓްގައި ޗެކްގެ ކުރިއަށް ކުޅޭ ޕާތުރުކް ޝިކް ލަނޑެއް ޖަހައި އެ މީހުންގެ ލީޑް ފުޅާކުރިއެވެ.

މިރޭގެ މެޗަށް ބަލާއިރު ޖުމުލަ ގޮތެއްގައި ރަނގަޅަށް ކުޅެފައިވަނީ ޗެކު ޓީމުކަން ތަފާސް ހިސާބުތަކަށް ބަލައިލުމުން އެކަނި ވެސް ހާމަވެއެވެ. ނެދަރލޭންޑްއަށް ގޯލާ ދިމާއަށް މުޅިއެކު ފޮނުވައިލެވުނީ ވެސް ހަ ބޯޅައެކެވެ. އެއިން އެންމެ ބޯޅައެއް ވެސް ގޯލާ އަމާޒުކުރެވިފައެއް ނުވެއެވެ. އަނެއް ކޮޅުން ޗެކު ޓީމުން 12 ބޯޅައެއް ގޯލާ ދިމާއަށް ފޮނުވައިލައިފައިވާއރު، ފަސް ބޯޅަ ގޯލާ އަމާޒުކޮށްގެން ދެ ބޯޅަ ލަނޑަށް ބަދަލުކޮށްލިއެވެ.

މި ރޭގެ މެޗަށް ނުކުތުމުގެ ކުރީން ނެދަރލޭންޑްސްގެ ކޯޗް ބުނެފައިވަނީ އެ މީހުންގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިޔުން ނޫންކަމަށާއި އަމާޒަކީ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ. ނަމަވެސް ޗެކް ރިޕަބްލިކަކީ ކުރިމަތިލާން ފަސޭހަ ޓީމެއް ނޫންކަމަށް އެ ޓީމުގެ ބައެއް ކުޅުންތެރީން ވަނީ ބުނެފައެވެ. ކޮންމެއަކަސް 2-0ގެ ނަތީޖާއަކުން މޮޅުވެގެން ޗެކް ރިޕަބްލިކް މިވަނީ މުބާރާތުގެ ގަދަ އަށަކަށް ދަތުރުކޮށްފައެވެ. މި ނަތީޖާއާއެކު ނެދަރލޭންޑްސް ވަނީ މުބާރާތާ އަލްވަދާޢުކިޔާންޖެހިފައެވެ.

ޗެކް ރިޕަބްލިކާއި ނެދަރލޭންޑް މީގެ ކުރީން 11 ފަހަރެއްގެ މަތީން ވަނީ ބައްދަލުކޮށްފައެވެ. ޗެކް ރިޕަބްލިކް މޮޅުވެފައިވަނީ ފަސް ފަހަރުއެވެ. ނެދަލޭންޑްސް މޮޅުވެފައިވަނީ ތިން ފަހަރުއެވެ. އެއްވަރުވެފައިވަނީ ތިން ފަހަރަކުއެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ޔޫރޯ ކޮލިފައިންގައި 2015 ގައެވެ. އެ މެޗު 3-2 އިން ކާމިޔާބުކުރީ ޗެކް ރިޕަބްލިކެވެ.

މި ރޭ ޗެކް ރިޕަބްލިކް މޮޅުވެފައިވާއިރު އެ ޤައުމު ޗެކޮސްލާވާކިޔާގެ ނަމުގައި އޮތް އިރު 1976 ގައި ޔޫރޯ ކާމިޔާބުކޮށްފައިވެއެވެ. އަދި ޗެކް ރިޕަބްލިކްގެ ގޮތުގައި އޮވެ 1996ގައި މުބާރާތުގެ ރަނަރަޕްގެ މަޤާމު ވަނީ ހޯދައިފައެވެ. ޗެކްރިޕަބްލިކް 10 ފަހަރެއްގެ މަތީން ޔޫރޯގައި ވާދަކޮށްފައިވާއިރު އޭގެ ތެރެއިން 7 ފަހަރު ތަމްސީލުކޮށްފައިވަނީ ޗެކް ރިޕަބްލިކަށް ބަދަލުވީ ފަހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *