Support Us

ޔޫރޯ2020: ކުއާޓަރ ފައިނަލުގެ ދެވަނަ ޖާގަ އިޓަލީ އަށް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަބުރުގެ ދެވަނަ މެޗުގައި ރޭ އިޓަލީ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުން 2-1ގެ ކުޑަ ތަފާތަކުން އޮސްޓްރިއާ އަތުން މޮޅުވެގެން މުބާރާތުގެ ގަދައަށަކަށް ކުއާޓަރފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާ ނުކުތީ ރޭ މާލޭ ގަޑިން 12:00ގައި ލަންޑަންގެ ވެމްބަލީ ސްޓޭޑިއަމްގައި އެ ދެ ޓީމު ބައްދަލުކުރި މެޗްގެ "އެކްސްޓްރާ ޓައިމް" (އިތުރު ވަގުތުގައި) ކާމިޔާބުކުރި ދެ ލަނޑުންނެވެ.

މެޗުގެ ފުރަތަމަ 45 ވަނަ މިނިޓުގައި މެޗް ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނީ ވެސް އިޓަލީންނެވެ. އިޓަލީ ކުޅުންތެރިންނަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި އޮސްޓްރިއާގެ ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން ވަރަށް ރަނގަޅަށް އިޓަލީގެ ހަމަލާތައް ހިފެހެއްޓިއެވެ. ޚާއްސަކޮށް އޮސްޓްރިއާގެ ތަޖުރިބާކާރު ކެޕްޓާން އަލަބާގެ އާދަޔާ ޚިލާފު އިސްވާރުކަމުގެ ހުނަރު ރޭ މެޗުން ފެނުނެވެ.

މި ހާފުގައި އެންމެ ރަނގަޅު ފުރުސަތު ވެސް ތަނަވަސްކުރީ އިޓަލީންނެވެ. އޭރިއާ ބޭރުން ގޯލާއި އަމާޒުކޮށް އިމޮބިލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑީގެ ކަނަށެވެ. މި ފުރުސަތަށްފަހު ވެސް އިޓަލީން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ހާފު ނިމެން ދަނިކޮށް ސްޕިނަޒޯލާ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އެ ބޯޅައިގެ ބޭނުމެއް ނުހިފުނެވެ. ނަމަވެސް ލިބޭ ފުރުޞަތުތަކުގައި އޮސްޓްރިއާ ޓީމު ސަހަލެއް  ނޫނެވެ. އެ ޓީމުގެ ހިތްވަރު ގަދަކަމާއި ކުޅުމުގެ ހުނަރު ރަނގަޅު ކަމަށް ޓަކައި ތައުރީފު ހައްގެވެ. މި ހާފުގައި ވެސް އިޓަލީގެ ދިފާޢީ ކުޅުންތެރީންގެ ފަރުވާކުޑަކަން ފާހަގަވިއެވެ. ނަމަވެސް ފުރަތަމަ 45 މިނިޓްގެ ވަގުތައްފަހު މެދަށް ހުއްޓި އިރު ނަތީޖާއަކަށް ބަދަލެއް ނުގެނެވެއެވެ.

ދެވަނަ ހާފު ވެސް ފެނުނީ ފުރަތަމަ ހާފެކޭ ދާދި އެއްގޮތަށެވެ. ނަމަވެސް އޮސްޓްރިއާގެ ކުޅުންތެރީންގެ ޖިސްމާނީ ބާރާއި އާދަޔާ ޚިލާފު ހަޑިގަނޑުގެ ސަބަބުން ހިއްވަރު  ލިބިގެން މެޗުގެ 65 ވަނަ މިނެޓުގައި އަލަބާ ތަނަވަސްކުރި ފުރުސަތަކުން އާނޮޓޮވިޗް ފޮނުވައިލި ބޯޅައެއް ގޯލަށް ވައްދައިލިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ އެންތަނީ ޓޭލާރ ނިންމީ އެއީ ލަނޑެއް ނޫން ކަމަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމެން ދިޔަވަރަކަށް އޮސްޓްރިއާގެ ހިތްވަރު އިތުރުކުރިތަން ފެނުނެވެ. އަދި އޮސްޓްރިއާއިން އިޓަލީ ހިފެހެއްޓިލެއް ވަރުގަދަކަމުން އިޓަލީ ޓީމު ހާސްކޮށްލިއެވެ. އޮސްޓރިއާ ޓީމުގެ ކުޅޫންތެރީންގެ އެވްރެޖް އިސްކޮޅަކީ 184.1 ސެންޓިމީޓަރު ނަމަވެސް އިޓަލީ ޓީމުގެ ކުޅުންތެރީންގެ އިސްކޮޅަކީ 181.7 ސެންޓިމީޓަރުކަން ފާހަގަކޮށްލެވުނެވެ. ނަމަވެސް މެޗްގެ 90 މިނިޓް ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި ވުމުން ދެން ކުޅުނީ "އެކްސްޓްރާ ޓައިމް" ނުވަތަ އިތުރު 15 މިނިޓްގެ ދެ ހާފެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އިޓަލީން ވަނީ އޮސްޓްރިއާގެ ދިފާޢީ ރޮނގު ފޫއަޅުވައިލައި ގޯލަށް ފޮނުވައިލި ބޯޅައިން ލަނޑެއް ކާމިޔާބުކޮށްގެން ލީޑު ނަގައިފައެވެ. އޭރިއާ ތެރެއަށް އައި ބޯޅައެއް ހޯދައިގެން މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ކިއެސާއެވެ. މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން އިޓަލީން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. އަޗާބީ ދިން ބޯޅައަކުން މި ލަނޑު ގޯލާ އަމާޒުކޮށްލީ ޕެސީނާއެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޮސްޓްރިއާ އަށް ލަނޑެއް ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރުން އޮސްޓްރިއާގެ ޝައުބް ފޮނުވާލި ބާރު ބޯޅަ އިޓަލީގެ އުއްމީދީ ކީޕަރު ޑޮނަރުއްމާ ހުނަރުވެރިކަމާއެކު ދިފާއުކޮށްލިއެވެ.

ހާފުގެ ކުޅުން ނިންމާލަން ގާތްވެފައި ވަނިކޮށް މެޗުގެ 114 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އޮސްޓްރިއާ އިން ލަނޑެއް ޖެހިއެވެ. މިއީ ޝައުބް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ހަނި ދޭތެރެއަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކެލެޑިޗް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މި މުބާރާތުގައި ވެސް އިޓާލީގެ ގޯލަށް ވަން ފުތަތަމަ ލަނޑެވެ. ގޯލަށް ބޯޅައެއް ވަނަނުދީ ހިފެހެއްޓި ރެކޯޑަށް އައި ހިތްދަތި ނިމުމެކެވެ. މި ލަނޑަށްފަހު ވެސް އޮސްޓްރިއާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. ނަމަވެސް މެޗް ނިމުނީ 2-1ގެ ނަތީޖާއަކުން އޮސްޓްރިއާގެ ހިތްވަރުގަދަ ޓީމު ރޮއްވައިލަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *