Support Us

ޝިންޖިއެންގްގެ އީގޯރުންގެ ބަޔަކު

އީގޯރު މުސްލިމުން ލައްވާ ޗައިނާއިން އުފައްދާ އެއްޗެހި އެމެރިކާއަށް އެތެރެކޮށްފިނަމަ ބަންޑާރަ ކުރަން ނިންމައިފި

ޗައިނާގެ ޝިންޖިއެންގް ސަރަޙައްދުގައި (އިރުމަތީ ތުރްކިސްތާނުގައި) އީގޯރު މުސްލިމުން ލައްވާ ގަދަކަމުން ޗައިނާއިން އުފައްދާ އުފެއްދުންތައް އެމެރިކާގެ ބަނދަރަށް އަތުވެއްޖެނަމަ އެ ތަކެތި ބަންޑާރަ ކުރުމަށް އެމެރިކާ ސަރުކާރުން އެމެރިކާގެ ބަނދަރުތަކަށް އަމުރުކޮށްފިއެވެ.

އެމެރިކާގެ ކޮންގްރެސްއިން 2020ގެ ސެޕްޓެންބަރުގައި ވަނީ ޗައިނާގެ ޝިންޖިއެންގް ސަރަޙައްދުގައި އުފައްދާ އެއްޗެހި އެމެރިކާއަށް އެތެރެކުރުން މަނާކުރުމަށް ޤަރާރެއް ފާސްކޮށްފައެވެ. އެއީ ޗައިނާއިން އެމީހުންލައްވާ އަޅު މަސައްކަތް ކުރުވާގޮތަށް މަސައްކަތްކުރުވައިގެން އުފައްދާ އެއްޗެހި ކަމުގައި ވާތީ ކަމަށް ވައިޓްހައިސްއިން ބުންޏެވެ

ބަނދަރުތަކަށް ފޮނުވި އަމުރު

ވައިޓްހައުސް ބުނާގޮތުގައި އެމެރިކާއަށް އެތެރެވެވޭ ހުރިހާ ބަނދަރުތަކެއްގެ މުވައްޒަފުންނަށް ސަރުކާރުން ޖޫން 24 ގައި ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ޗައިނާގެ Hoshine Silicon ކުންފުނިން އުފައްދާ އެއްޗެހި ހިފެހެއްޓުމަށެވެ. އެއީ ޝިންޖިއެންގް ސަރަޙައްދުގައި އިގޯރު މުސްލިމުން ލައްވާ އިންސާނީ ޙައްޤުތަކާ ޚިލާފަށް މަސައްކަތް ކުރުވައިގެން އުފައްދާ އެއްޗެހިކަމުގައި ބެލެވޭތީ ކަމަށް ވައިޓްހައުސްއިން ބުންޏެވެ. އެމެރިކާ ތުހްމަތު ކުރާގޮތުގައި ޝިންޖިއެންގް ސަރަޙައްދުގައި ޗައިނާއިން މީހުން ލައްވާ މަސައްކަތް ކުރުވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ އީގޯރު މީހުންގެ ޙައްޤުތަކަށް އިޙްތިރާމުނުކޮށް ކަމަށް އެމެރިކާއިން ބުނެއެވެ.

ވައިޓްހައުސް އިޝާރަތް ކުރާގޮތުގައި ޗައިނާގެ އިތުރު ފަސް ކުންފުންޏަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅޭނެއެވެ. އެއީ މި ކުންފުނިތަކުން ވެސް އީގޯރީން ލައްވާ ގަދަކަމުން މަސައްކަތް ކުރުވާތީއެވެ. މި ކުންފުނިތަކަކީ ކޮބައިކަމެއް އެމެރިކާއިން ހާމައެއް ނުކުރެއެވެ.

އަޣްލަބިއްޔަތުނެތް މީހުންނަށް ވެސް ފުރިހަމަ އަށް ޙައްޤުތައް ދޭންވާނެ

އެމެރިކާ ބުނަގޮތުގައި ޝިންޖިއެންގް ސަރަޙައްދުގެ އީގޯރީންނަށް އެމީހުންގެ ޙައްޤުތައް ޗައިނާއިން ފުރިހަމައަށް އަދާކުރަންވާނެއެވެ. އޮގަސްޓް 2020ގައި އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކޮމެޓީން ނެރުނު ރިޕޯޓެއް ބުނާގޮތުގައި ޝިންޖިއެންގް ސަރަޙައްދުގައި ޗައިނާއިން އީގޯރީންގެ މިލިއަނެއްހާ މުސްލިމުން އަޅުމަސައްކަތް ކުރުވުމަށް ޓަކައި ފޭލިގެތަކުގައި ހފަހައްޓާފައި އެބަތިއްބެވެ.

ޗައިނާއިން އިރުމަތީ ތުރްކުމާނިސްތާނު ސަރަޙައްދު އެ ޤައުމުގެ ބަޔަކަށް ހެދީ 1949ގައެވެ. އެއީ އީގޯރު ތުރްކީންގެ އަޞްލު ވަޒަނެވެ. ޗައިނާއިން އެ ބިން އެ ޤައުމުގެ ތަނަކަށް ހެދުމަށްފަހު އެ ސަރަޙައްދު ނަމަކަށް ހެދީ ޝިންޖިއެންގެވެ. ޝިންޖިއެންގެ މާނައަކީ "އައު ސަރަޙައްދު" އެވެ.

ބައިނަލްއަޤްވާމީ މާފު ޖަމްޢިއްޔާ އިން އިއްޔެ ނެރުނު ރިޕޯޓު ބުނާގޮތުގައި ސިންޖާން (އިރުމަތީ ތުރްކުމާނިސްތާނު) ސަރަޙައްދުގައި ދިރިއުޅޭ އީގޯރުންނާއި ކަޒަޚުންނާއި އެހެނިހެން މުސްލިމު ވެހީންނާ ދެކޮޅަށް ޗައިނާއިން ދަނީ ދުރާލައި ރާވައިގެން އެމީހުން ނުރައްކަލަށް ހާސާ ކުރަމުންނެވެ. އެމީހުން ދެމުންގެންދާ އަދަބުތަކުގެ ތެރޭގައި އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކުގެ ދަރަޖައަށް މި އަދަބުތައް ވަނީ އުފުލިފައެވެ.

މުސްލިމުންގެ އާދަކާދަތައް ލުހެލުން

މި ރިޕޯޓް ހާމަކޮށްފައިވާ ގޮތުގައި ޗައިނާއިން ދަނީ އެ ސަރަޙައްދުގެ މީހުންގެ "އާދަކާދަތަކާއި ދީނީ އަދި ސަޤާފީ ޢުރްފުތަކާއި ސަރަޙައްދީ ބަސްތައް ލުހެލަމުންނެވެ." ޗައިނާ ސަރުކާރުން މިފަދަ ޢަމަލުތައް ހިންގަމުންދަނީ "ނިރުބަވެރިކަން" ނައްތައިލުމުގެ ޝިޢާރުގެ ދަށުންނެވެ. ޗައިނާއިން މި ކަމުގައި އަމާޒުކޮށްފައި ވަނީ އީގޯރުންނާއި ކަޒަޚުންނާއި ޠަޖީކުންނާއި ޤިރްޣީޒުންނެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ އިންސާނީ ޙައްޤުތަކާބެހޭ 2019ވަނަ އަހަރުގެ ރިޕޯޓް ބުނާގޮތުގައި ޗައިނާއިން ހައްޔަރުކޮށްފައި ބައިތިއްބާ މަރްކަޒުތަކަށް ގެންދަނީ އެމީހުންގެ ދީނީ އަދި ނަސްލީ ޞަޚްޞިއްޔަތު ފުހެލުމަށާއި އަޅުމަސައްކަތް ކުރުވުމަށެވެ. އެހެނަސް ޗައިނާ ބުނާގޮތުގައި އެއީ ހައްޔަރުކޮށްފައި ބައިތިއްބާ ތަންތަނެއް ނޫނެވެ. އެއީ ވޮކޭޝަނަލް ތަމްރީނުދީ މީހުން މަސައްކަތްތެރިކަމަށް އަހްލުވެރި ކުރުވުމަށް ޓަކައި ހިންގޭ ތަންތަނެވެ.

ހުރިހާ ކަމެއްގައި ތަފާތު

އެމެރިކާ–އީގޯރު ޖަމްޢިއްޔާ ބުނާގޮތުގައި 1949ގައި ޝިންޖިއޭންގް ސަރަހައްދުގައި ތިބީ ޗައިނާގެ ހޭން ދަރިކޮޅުގެ އެންމެ 220 ހާސް މީހުންނެވެ. އެހެނަސް 2008ވަނަ އަހަރާ ހަމައަށް ދިޔައިރު އެ ސަރަޙައްދުގައި ޗައިނާގެ 8.4 މިލިއަން މީހުން ވަޒަންވެރި ކުރުވައިފިއެވެ. ޗައިނާ ސަރުކާރުން ޗައިނާ މީހުން މި ސަރަޙައްދުގައި ވަޒަންވެރި ކުރުވުމަށް ޓަކައި ވަރަށް ބޮޑެތި އެހީތަކަކާއި އިމްތިޔާޒުތަކެއް ދެމުންދާ ކަމަށް މި ޖަމްޢިއްޔާގެ މެބްބަރެއް ކަމުގައިވާ މުޙައްމަދު ސިންނާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި 1952 ގައި ޗައިނާއިން ޝިންޖިއެންގް ސަރަޙައްދު ރޭލްވޭ މަގުން ބަނދެލުމާ ވިދިގެން ޗައިނާގެ ހާން ދަރިކޮޅުގެ މީހުން އެ ސަރަޙައްދަށް ދަނީ އޮހެމުންނެވެ. އީގޯރުންގެ ވެބް ޞަފްޙާ ބުނާގޮތުގައި ޗައިނާގެ ހާނުންނާއި އީގޯރުންނަކީ ހެދުމާއި، ކެއުމާއި، ސަޤާފަތާއި ދީނުގެ ގޮތުން މުޅިން ތަފާތު ބައެކެވެ.

އީގޯރީން ވާހަކަ ދައްކަނީ ތުރްކީ ބަހުންނެވެ. އެމީހުން ބޮޑަށް ގުޅެނީ އުޒްބަކުންނާއި ތުރްކުމާނުންނާއި ތުރްކީންނާއި އާޒަރުބައިޖާނީންނާއެވެ. މިއީ މުޅިންވެސް މުސްލިމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އެމެރިކާ ތީ ތިވާހަކަ ދައްކާން ވަކި ސަހަލު ބައެއްނޫނޭ! ފަލަސްޠީނުގެ ބިން ހިފައިގެން އުޅޭ ޔަހޫދީން، ފަލަސްޠީނުމީހުން މަރަނީ އެމެރިކާގައި އުފައްދާފައިޥާ ހަތިޔާރު. ޔަހުދީން ހިންގާ ލާއިންސާނީ އެޕާރތައިޑް ޖަރީމާތަކަށް އެމެރިކާ ސަރުކާރުން ކޮންމެ ދުވަހަކު ދިހަ މިލިޔަން ޑޮލަރު ހަދިޔާކުރޭ (އަހަރަކު 3.8 ބިލިޔަން)
    އަސްލު މައްސަލައަކީ އެމެރިކާ ނޫންބަޔަކު ޓެކްނޮލޮޖީގެ ކުރިއެރުން ހޯދައި އެމެރިކާ ކުންފުނިތަކުގެ މޮނޮޕޮލީ ވެއްޓެން އުޅޭތީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *