ކޮވިޑް ވެކްސިން ޖެހުމަށް ފަހު، ވެކްސިން ލިބުނު މީހާއަށް ދޫރިއަން ނުކެވޭނެކަން ސާބިތު ކޮށްދެވޭނެ ޞިއްޙީ އެއްވެސް ހެތްކެއް ނެތްކަމަށް މެލޭޝިއާގެ ޞިއްޙަތާ ބެހޭ ވަޒީރުގެ ނާއިބު ދާތޫ ޑޮކްޓަރ ނޫރު ޢަޒުމީ ޣަޒާލީ ވިދާޅުވެއްޖެއެވެ. އަދި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށް ފަހު، ވެކްސިން ލިބުނު މީހަކު ދޫރިއަން ކައިގެން ނުވާނެ ކަމަށް ބޭސްވެރިކަމާ ބެހޭ އެއްވެސް ފޮތެއްގައި ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
މެލޭޝިއާގެ ޕެރާ ސްޓޭޓްގެ ތަޕާހ ޓައުންގައި ހުންނަ "ދީވާން މަރްދޭކާ" (މިނިވަން މާލަން) ގައި ޤާއިމުކޮށްފައިވާ ވެކްސިންދޭ މަރުކަޒަށް ހުކުރު ދުވަހު ޑރ. ނޫރު ޢަޒުމީ ވަޑައިގަތުމަށް ފަހު ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިއެވެ. "ހަކުރު ހުންނަ ކާނާއާއި ފޮނި ބުއިންތައް މީހުން މާ ގިނައިން ބޭނުންކޮށްގެން ނުވާނެއެވެ. (އެއީ ރަނގަޅު ކަމެއް ނޫނެވެ.) އޭގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ފޯރައިދާނެއެވެ." (ތަޕާހއަކީ ޕެރާ ސްޓޭޓްގެ ބަތަން ޕަންޑާން ޑިސްޓްރިކްޓްގެ ވެރި ރަށެވެ.ތަޕާހއަކީ އަސްލު މެލޭބަހުން މަހަކަށް ވެސް ކިޔާ ނަމެކެވެ. އިކާން ތަޕާހއަކީ މެލޭ މީހުންނަށް މަޤުބޫލު މަހެކެވެ. ނަމަވެސް "ތަޕާހ" މި ލަފުޒަކީ ކަންބޮޑުވުމެއް ނެތޭ ބުނާން ވެސް ރަށްފުށުގެ ބައެއް ހިސާބުގައި ބޭނުންކުރާ ލަފުޒެކެވެ.)

އޭނާ ކޮމެންޓު ކުރެއްވީ ކޮވިޑް ވެކްސިން ޖެހި މީހަކު ވެކްސިން ޖެހުމަށް ފަހު ދޫރިއަން ކެއުމުގެ ސަބަބުން ފިރިހެނަކު މަރުވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ވިރަވެފައިވާ ދޮގު ޚަބަރަކަށެވެ. އޭނާ ނޫސްވެރީންނަށް ޔަގީންކަން ދެއްވި ގޮތުގައި ކޮވިޑް ވެކްސިން ޖެހިފަހުން މަރުވެފައިވާ މީހަކީ ހާޓުއެޓޭކެއް ޖެހިގެން މަރުވެފައިވާ މީހެކެވެ. އެއީ ކޮވިޑަކާ ނުވަތަ ވެކްސިނަކާ އަދި ދޫރިއަނަކާ ގުޅިގެން ވީ މަރެއް ނޫނެވެ. ވެކްސިން ޖަހައިގެން ހާޓު އެޓޭކެއް އަދި މަރެއްވެސް ނުހުއްޓުވޭނެއެވެ.
"މީސްމީޑިއާގައި ވިރަވެފައިވާ އެ ޚަބަރަކީ ހަމަ އެއްވެސް ހަގީގަތެއް ނެތް ދޮގެކެވެ. ވެކްސިނާ ގުޅިގެން ސާބިތު ނުހިފޭ ޚަބަރުތައް ފެތުރުމަކީ ޢާމްނުގެ ތެރޭގައި ބިރުވެރިކަން އުފެދިދާނެ ކަމެކެވެ. މި ބާވަތުގެ ޞިއްޙީ ކަންކަމާ ގުޅިގެން ސައެންސީ މަޢުލޫމާތު ހާމަކުރުމާއި ޞިއްޙަތާ ގުޅޭ ޢީލްމީ ވާޙަކަތައް އޮޅުންފިލުވައިދިނުމަކީ ހެލްތު މިނިސްޓްރީއިން ކުރާ ކަމަކަށް ހެދިޔަދޭށެވެ."
ހަމަ އެއާއެކު ޑރ. ނޫރު ޢަޒުމީ އިލްތިމާސްކުރެއްވީ، ނަފުސާނީ ނުވަތަ ވިސްނުމުގެ އެއްވެސް މައްސަލައެއް ހުރި މީހަކު ވާނަމަ މި ފަދަ ކަންކަމަށް އެހީތެރިކަން ދިނުމަށް ޓަކައި ޞިއްޙަތާ ބެހޭ ވުޒާރާއިން ސްޓޭޓް ފެންވަރުގައްޔާއި އަވަށްތަކުގެ ފެންވަރުގައި ޤާއިމުކޮށް ޙަރަކާތްތެރިވަމުން އަންނަ ޓީމްތަކުގެ އެހީތެރިކަން ހޯދުމަށެވެ.

ދޫރިއަންއަކީ މެލޭޝިއާގެ ޤައުމީ މޭވާއެވެ. މެލޭ މީހުންނަށް ވަރަށް ކަމުދާ އަދި އެ މޭވާއިން އައިސް ކްރީމާއި ތަފާތު ގިނަ ބާވަތްބާވަތުގެ ކާނާ ތައްޔާރުކާ މަޤުބޫލު މޭވާއެކެވެ. ވަސްގަދަކަމުން، ބައެއް މީހުން އޭގެ ރަހަބެލުމެއް ނެތި ނުބައިކަމަށް ނިންމައިގެން ތިބޭ، އެކަމަކު ވަރަށް މީރު މޭވާއެކެވެ. ސައްކެޔޮ ޢާއިލާގެ މޭވާއެކެވެ. ބޭރުގައި ތޫނު، ފަލަ ކަށިތަކެއް ފަދަ އުންތަކެއް ހުންނަ މޭވާއެކެވެ. (ބަރްނާމާ)



advertisment