ޕާޓީގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ޓަކައި ޕާޓީގެ ރައީސް ދާތޫ ސްރީ އަޙުމަދު ޒާހިދު ޙަމީދީގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމަށް ޕާޓީގެ ހުރިހާ މެންބަރުންނަށާއި ޚާއްޞަކޮށް އެކި ޤަބީލާތަކުގެ މެންބަރުންނަށް މެލޭޝިއާގެ އެންމެ ބޮޑު ޕާޓީ "ޔުނައިޓެޑް މެލޭޒް ނޭޝަނަލް އޮގަނައިޒޭޝަން" (އަމްނޯ)ގެ ނާއިބު ރައީސް ދާތޫ ސްރީ މުޙަންމަދު ޚާލިދު ނޫރައްދީން މިއަދު ހެނދުނު ގޮވައިލައްވައިފިއެވެ.
މިއަދު ހެނދުނު އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެއްބައިވަންތަކަމުގެ ސަރުކާރު އުފަންވުމުގައި "އަމްނޯ"އަކީ އެންމެ މުހިންމު ބައިވެރިޔާއެވެ. އޭނާ އިތުރަށް ތަފްޞީލު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ޕާޓީއަށް އަންނަ ލޮޅުންތަކަކީ ކޯލިޝަން ސަރުކާރު ރޫޅިގެން ހިނގައިދާނެ ސަބަބެކެވެ. އަދި އެކަމުގެ ސަބަބުން މެލޭޝިއާގެ ސިޔާސިއްޔަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ވެސް އޭނާ ހާމަކުރައްވައިފައިވެއެވެ.
އޭނާ އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި ޕާޓީގައި ހިމެނޭ ތަފާތު ގަބީލާތަކުގެ މީހުން އެ މީސްމީހުންގެ އަމިއްލަ މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި މަސައްކަތްކުރުމުގެ ސަބަބުން ޕާޓީއަށް މައްސަލަތަކާ އެބަ ކުރިމަތިވެއެވެ. ޕާޓީއާއި މެލޭދަރިކޮޅާއި މުސްލިމުންގެ ހެވަތަށް ނުވިސްނައި އަމިއްލަ މަގުސަދުތަކެއް ހާސިލުކުރާން ޕާޓީގެ ބައެއް މެންބަރުން މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ އެ މައްސަލަތައް ހައްލު ނުކުރެވިއްޖެ ނަމަ، ޕާޓީ ހަލާކުވެގެން ހިނގައިދާނެ ޚުޠޫރަތްތެރި މައްސަލަތަކެކެވެ." ޚާލިދު ވިދާޅުވިއެވެ.
"އަމްނޯގެ އިސްވާރުން އެ ބޭފުޅުންގެ ޒާތީ ކަންކަން އެއް ފަރާތުގައި ބޭއްވުމަށް ފަހު ޕާޓީއާއި މުޅި ޤައުމަށް އިސްކަން ދެއްވާން އެބަޖެހެއެވެ." ޚާލިދު ވިދާޅުވެފައިވެއެވެ. "ބައެއްފަހަރު، އެތައް ބައިވަރު ފުށުއަރާ މަގާމުތައް ޕާޓީގައި އެބަހުރެއެވެ. އޭގެ ސަބަބުން ހަގިގަތުގައި އަމްނޯ މި މަސައްކަތްކުރަނީ ކޮންކަމެއް ހާޞިލުކުރާންތޯ ޕާޓީގެ މެންބަރުންނާއި ޢާންމު ރައްޔިތުނަށް ވެސް ޝައްކު އުފެދޭ ގޮތްވެއެވެ."
"އަމްނޯ ސަލާމަތުން އޮންނާން ބޭނުންނަމަ، ޕާޓީގެ ނިންމުންތަކުގައި، ހަމައެކަނި ޕާޓީގެ ނިންމުންތަކުގައި ވަރުގަދައަށް ހިފަހައްޓާން އެބަޖެހެއެވެ." އޭނާ އިތުރަށް ބަޔާންކުރައްވައިފައިވެއެވެ. "އަމްނޯގެ ސިޔާސީ ދަތުރުގައި މާލިމީއަކީ ޕާޓީގެ ރައީސްގެ ބާރާއި ޕާޓީގެ މަތީ މަޖިލިސްކަން ހަނދާންބަހައްޓާން ޖެހޭނެއެވެ."
"ބޭރުތެރެއިން އަޑުއިވޭ ގޮތުގައި (ޢާންމުންގެ ނަޒަރުގައި) ޕާޓީގެ ގުނަވަންތައް ޕާޓީގެ މަގުޞަދާ އެއް ގޮތަށް ޙަރަކާތްތެރިއެއް ނުވެއެވެ."
ޕާޓީގެ އެހެން އިސްވާރުންނަށް ޚާލިދު އިލްތިމާސްކުރެއްވީ އެބޭފުޅުންގެ ފުރުޞަތު އަންނަންދެން ސަފުގައި މަޑުކުރެއްވުމަށެވެ. އަދި އަމްނޯއިން އަބަދު ވެސް އެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޕާޓީގެ އެކި މަގާމުތަކުގައި އެ ތިއްބެވީ ޕާޓީގެ ވަފުދުތަކުން އިންތިޚާބުކޮށްފައިވާ ހަގީގީ މަންދޫބުންކަމަށާއި އެ ބޭފުޅުން އެ މަޤާމުތަކަށް އިންތިޚާބުކުރީ އަޅުގަނޑުމެން އެންމެންގެ އިތުބާރާއި ޔަގީންކަން އެ ބޭފުޅުންނަށް އަރުވައިގެން ކަމަށް ވެސް މުޙަންމަދު ޚާލިދު ވިދާޅުވިއެވެ.
"ސުލޫކާއި އަޚުލާގެއް ނެތް ނަމަ، ޕާޓީގެ މެންބަރުންގެ ފަރާތުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން ޕާޓީއަށް ލިބޭނީ މަލާމާތެވެ. އެކުވެރިކަމެއް ނެތްނަމަ، އަމްނޯ، އޭގެ މަގާމުން ކައްސައިލައިގެން ތިރިއަށް ސޮއްސައިލައިފާނެއެވެ." މުޙަންމަދު ޚާލިދު އިތުރަށް ވިދާޅުވެފައިވެއެވެ. "އަމްނޯ ސަލާމަތްކުރުމަށް ޓަކައި ގަބީލާތަކުގެ މެންބަރުން ވެސް އަމިއްލަ އުންމީދުތައް އެއްފަރާތެއްގައި ބަހައްޓާށެވެ! އަޅުގަނޑުމެންގެ އަމިއްލަ މި ބިމުގެ ހައްގުގައި އެއް ޖަމާޢަތެއްގެ ގޮތުގައި ހުރިހާ ޖަމާޢަތްތައް ވެސް އެކުވެ އެކަތިގަނޑަކަށްވާށެވެ!"
އަމްނޯގެ ނާއިބުރައީސްގެ މި ބަޔާން އައިސްފައި މި ވަނީ ޕާޓީގައި ހިމެނޭ އެކި ދާއިރާތަކުގެ ބަރުލަމާނީ މެންބަރުން ޕާޓީގެ އިސްވާރުންނާމެދު މި ދިޔަ ހަފުތާގައި ތަފާތު ތުހުމަތުތައް ކުރައްވައިފައިވާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ޚާލިދު ސިފަކުރެއްވި ގޮތުގައި "އުތޫސާން މެލޭޝިއާ" (ދުވަހު ނޫހެއް) ގައި ވާ އެ ވާހަކަ ތަކަކީ ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެކެވެ. އަދި މުޅީން އެއީ "ކޮމިކަލް" ވާހަކަތަކެއްކަމަށް އޭނާ ސިފަކުރެއްވިއެވެ



advertisment