Support Us

ރާމަﷲގައި ބޭއްވުނު މަޒާހަރާތަކުގެ ތެރެއިން

ނިޒާރު ބަންނާތުގެ މަރުގެ މަސްއަލައިގައި ހުޅަނގު އައްސޭރީގައި މުޒާހަރާތައް

ފަލަސްޠީނުގެ ޙަރަކާތްތެރިއެއް ކަމުގައިވާ ނިޒާރު ބަންނާތު ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވަނިކޮށް މިއަދު ހެދުނު އަވަހާރަވުމާ ވިދިގެން ރާމަﷲ އާއި ޚަލީލު ސަހަރުގައި މުޒާހަރާތައް ބާއްވާ ރައީސް މަޙްމޫދު ޢައްބާސަށް އިސްތިޢުފާ ދެއްވުމަށް ގޮވާލައިފިއެވެ.

ރާމަﷲގެ ބޭއްވުނު މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރާ ދިމާއަށް މިސްރާބު ޖެހުމުން ފަލަސްޠީނުގެ އިދާރިއްޔަތުގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ބޭނުންކޮށްގެން މުޒާހަރާ ވަނީ ހުއްޓުވައިފައެވެ. މުޒާހަރާގެ ބައިވެރިން ސިފަކުރިގޮތުގައި މިއީ "ސިޔާސީ ޤަތުލު" އެކެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ރައީސް މަޙްމޫދު ޢައްބާސް ވެރިކަމުން ދުރުވެވަޑައިގަތުމަށް ގޮވައިލިއެވެ.

ފަލަސްޠީނުގެ ޙަރަކާތްތެރިއެއް ކަމުގައިވާ ނިޒާރު ބަންނާތު އަވަހާރަވީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. ފަލަސްޠީނުގައި އިންސާނީ ޙައްޤުތަކަށް ޓަކައި އަޑު އުފުއްލަވާ ނިޒާރު ބަންނާތު އަވަހާރަވީ ޚަލީލު ސަހަރުން އޭނާ ހައްޔަރު ކުރިފަހުންނެވެ. އޭނާގެ ޢާއިލާއިން ތުހްމަތު ކުރާގޮތުގައި "ދަރިފުޅު މަރައިލީ" އެވެ.

ނިޒާރު ބަންނާތު

ރާމަﷲގެ މެދުތެރޭގައި އެތައް ސަތޭކަ ބަޔަކު މި ކަމާ ދެކޮޅަށް މިއަދު މުޒާހަރާކުރިއެވެ. އެމީހުން ތުހްމަތު ކުރިގޮތުގައި ފަލަސްޠީނުގެ އިދާރިއްޔަތުން އޭނާ އަވަހާރަކޮށްލީއެވެ. މި މުޒާހަރާތަކާ ވިދިގެން މި މަސްއަލަ ތަޙްޤީޤު ކުރުމަށް ދަނީ އަޑުތައް އުފުލެމުންނެވެ. މި މުޒާހަރާ ރޫޅައިލުމަށް ޓަކައި ފަލަސްޠީނު ސިފައިން ކަރުނަ ގޭހާއި ލަޓިބުރީގެ ބޭނުންކުރިއެވެ. ދެ މީހަކު ޒަޚަމުވެގެން ހަސްފަތާލަށް ގެންދެވުނެވެ.

ތަޙްޤީޤީ ކޮމެޓީއެއް

ނިޒާރުގެ އަވަހާރަވުން ކުށްވެރިކުރާ ބައިނަލްއަޤްވާމީ އަޑުތަކާއި ދާޚިލީ އަޑުތައް ގަދަވުމާވިދިގެން ފަލަސްޠީނު ސަރުކާރުން މިއަދު ވަނީ މި މަސްއަލަ ބެލުމަށް ރަސްމީ ކޮމެޓީއެއް އެކުލަވާލައިފައެވެ. މި ކޮމެޓީގައި އިންސާނީ ޙައްޤުތަކާ ބެހޭ ކޮމެޓީތަކުން ބައިވެރިވުމާ ދަނީ ދެކޮޅު ހަދަމުންނެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތިޔާ ވިދާޅުވިގޮތުގައި ޚަލީލު ސަހަރުގައި ސަލާމަތީ ބާރުތަކުން ނިޒާރު ބަންނާތު ހައްޔަރުކޮށްފައި ހުންނަވަނިކޮށް އަވަހާރަވި މަސްއަލަ ބެލުމަށް ޓަކައި ތަޙްޤީޤު ކޮމެޓީއެއް ވަނީ އެކުލަވައިލެވިފައެވެ. މި ކޮމެޓީގެ ރިޔާސަތުގައި އިންނަވާނީ ފަލަސްޠީނުގެ ޢަދްލުއިންސާފާ ބެހޭ ވަޒީރެވެ. މި ކޮމެޓީގެ މެންބަރުންގެގޮތުގައި ތިއްބަވާނީ ޢަސްކަރީ ޖާސޫސީ އިދާރާގެ ފަރާތުން ޖެނެރަލް މާހިރުލް ފާރިސާއި އިންސާނީ ޙައްޤުތަކާބެހޭ މިނިވަން އިދާރާގެ ރައީސް ޢައްމާރު ދުވައިކެވެ. އޭނާގެ ހަށިކޮޅު ފަޅާއިރު ޢާއިލާގެ ބޭފުޅަކަށް ވެސް  ދަޢުވަތު ދެވޭނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ފަލަސްޠީނުގެ ބޮޑުވަޒީރު ހާމަކުރެއްވިގޮތުގައި މި ކޮމެޓީގެ މަސައްކަތް ވަގުތުން ފެށޭނެއެވެ.

އަނެއްކޮޅުން  އިންސާނީ ޙައްޤުތަކާ ބެހޭ މިނިވަން އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޢައްމާރު ދުވައިކު ހާމަކުރެއްވިގޮތުގައި އެ އިދާރާއިން މިނިވަން ގޮތުގައްޔާއި ގުޅިގެން މި މަސްއަލަ ތަޙްޤީޤު ކުރާނެއެވެ.

ނިޒާރު ބަންނާތު ހައްޔަރު ކުރީ ރޭ ފަތިހު 3:30 ގައެވެ. އޭނާގެ ޢާއިލާ ބުނާގޮތުގައި ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްގެން ކަމަށް  ބުނެއެވެ. ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން އޭނާގެ ގެއަށް އައިސް އެގެއަށް ވަނީ އެ ގޭގެ ދޮރޯށި ގޮއްވާލައިފައެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ގައިގައި ތަޅައި އަނިޔާކުރިއެވެ.

ބަންނާތަކީ އިދިކޮޅު ޙަރަކާތްތެރި ބޭފުޅެކެވެ. ފަލަސްޠީނުގެ ސަލާމަތީ ބާރުތަކުން އޭނާ ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައެވެ. މޭ 22ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބު ފަލަސްޠީނު ސަރުކާރުން 30 އެޕްރީލްގައި ކެންސަލް ކުރުމުން އޭނާ ދަނީ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ބަންނާތަކީ ފަލަސްޠީނުގެ ބަރްލަމާނަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *