ބޯލްކަން ސަރަޙައްދުން މުސްލިމުން ނައްތައިލުމާއި ފައްސައިލުން: ބުލްގޭރިއާ ނަމޫނާއަކަށް
ޢުޘްމާނީ ޚިލާފަތު ރޫޅިގެން ދިޔުމާވިދިގެން މެދުތެރޭ އޭޝިއާއާއި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި އުޅެމުން އައި މުސްލިމުން (އަލްބޭނީން، ބޮސްނީން، ޝަރްކަސުން، ޔޫނާނީ މުސްލިމުން، ސަރބު މުސްލިމުން ފަދަ މުސްލިމު ރައްޔިތުން) އަޣްލަބިއްޔަތު ނެތް މިސްކީނު ބަޔަކަށް ފުރޮޅިގެން ދިޔައެވެ. އެމީހުންގެ މުއްސަނދިކަމާއި ޢިއްފަތްތެރިކަމާއި ކަރާމަތް ފޭރިގަނެވުނެވެ. އެމީހުންނާ ދެކޮޅަށް ޤަތުލުޢާއްމުތައް ހިންގުނެވެ. މީގެ އިތުރަށް އެމީހުންގެ ނަސްލު މުޅިން ނައްތައިލުމުގެ އެތައް ޢަމަލުތަކެއް ވަރަށް ލާއިންސާނީ ގޮތަކަށް ހިންގުނެވެ.
ޢުޘްމާނީ ދައުލަތް ވައްޓައިލުމާ ވިދިގެން ބޯލްކަން ސަރަޙައްދުގައި ޤައުމިއްޔާތީ ޖަޒްބާތުތައް ފެތުރިގަތެވެ. މިކަމާ ވިދިގެން ސަރބިޔާއާއި، ބުލްގޭރިއާއާއި، ރޯމޭނިޔާ ފަދަ އައު ޤައުމުތައް އުފެދުނެވެ. ޢުޘްމާނީ ދައުލަތް ފަނާކޮށްލުމާ ވިދިގެން ރޫސީން ވެސް އެމީހުންގެ ދައުލަތް ފުޅައުކުރުމަށް އަވަސްވެގަތެވެ. މި ކަންކަމުގެ ސަބަބުން މުސްލިމުންގެ އެތައް މިލިއަން ބަޔަކު އެމީހުންގެ ގޮވެތިގެދޮރުން ފައްސާލެވުނެވެ. އެއްވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އަދި އޭގެފަހުން ތުރްކީންނާ ދެކޮޅަށް ގްރީސާއި އަރްމީނިޔާއިން ކުރި ހަނގުރާމަތަކުގައި އެ ދެ ޤައުމުގައި ތިބި މުސްލިމުން މަރައި އެމީހުންނާ ދެކޮޅަށް ޤަތުލުޢާއްމުތައް ވަނީ ހިންގައިފައެވެ. މި ހަނގުރާމަތައް ނިމުނީ މި ޤައުމުތަކުގައި ތިބި މުސްލިމުން ތުރްކީއަށް ގެންދަން މަޖްބޫރު ކުރުވައިގެންނެވެ.
ބުލްގޭރިއާއަށް ބަލާއިރު ބުލްގޭރިއާގެ އާބާދިގެ ތިން ބައި ކުޅަ އެއްބަޔަކީ މުސްލިމުންނެވެ. އެހެނަސް މިއަދު އެމީހުންގެ ޢަދަދަކީ އެންމެ 15 އިންސައްތަ އެވެ. އެހެންމީހުންނަށް ހެދީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުން ގަދަކަމުން ނަޞާރާ ދީނަށް ވެއްދީއެވެ. ނަން ބަދަލުކޮށް އެމީހުންގެ އިސްލާމީ ޝަޚްޞިއްޔަތު ފުހެ ވަޅުލީއެވެ. އަނެއްބަޔަކު މަރައި ނައްތައިލީއެވެ. ތިންވަނަ ބަޔަކަށް ޤައުމު ދޫކޮށްދާން މަޖްބޫރު ކުރުވީއެވެ.
ނެމީބިޔާ: ވިހިވަނަ ސައްތައިގެ ޤަތުލުޢާއްމު
ނެމީބިޔާއޭ މިއަދު މި ކިޔާ ސަރަޙައްދު 1904 އާ 1908އާ ދެމެދުގައި އޮތީ ޖަރްމަނުގެ އިސްތިޢުމާރުގެ ދަށުގައެވެ. އެދުވަސްވަރު މި ސަރަޙައްދުގެ ނަމަކީ ހުޅަނގު ދެކުނު ޖަރްމަން އެފްރިކާ އެވެ. ވޯޝިންގްޓަން ޕޯސްޓް ނޫސް ބުނާގޮތުގައި އެއީ ޖަރްމަނު އިސްތިޢުމާރުގެ ފުރަތަމަ ކޮލޮނީއެވެ. މި ސަރަހައްދުގެ އަސްލު ވެހީންކަމުގައިވާ ނަމާކޯ ޤަބީލާއާއި ހޭރީރޯ ޤަބީލާގެ މީހުންގެތެރެއިން އެތައް ހާސް ބަޔަކު މަރައިލެވުނެވެ. މި ދެ ޤަބީލާގެ މީހުން ޖަރްމަނުންނާ ދެކޮޅަށް ތެދުވުމުން މި ސަރަޙައްދުގެ ވެރިއަކަށް ހުރި ޖަރްމަނުންގެ ޖެނެރަލް ބުންޏެވެ. "މި ސަރަޙައްދުގެ ރަށްވެހީން ފުޑައިލަން ޖެހޭނެއެވެ. އެކަން ނުކުރެވިއްޖެނަމަ އެ މީހުން ފައްސައިލައިގެން ނަމަވެސް މި ބިން އަހުރެމެންނަށް ލިބެން ޖެހޭނެއެވެ." މަރައި ހުސްނުކުރެވުނު މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފޮނުވައިލެވުނީ އަޅު މަސައްކަތުގެ ފޭލިގެތަކަށެވެ. ޖަރްމަނުގެ މި އަނިޔާވެރިކަމުގެ ސަބަބުން މި ދެ ޤަބީލާގެ ރަށްވެހީންގެ ތެރެއިން 80 އިންސައްތަ ވަނީ މުޅިން ނައްތާލައިފައެވެ. މިއީ ވިހިވަނަ ސައްތައިގެ ފުރަތަމަ ޤަތުލު ޢާއްމެވެ.
ޖަރްމަނުން ވަނީ 2004ގައި މި ކަމަށް މާފަށް އެދިފައެވެ.
ޔުކްރޭން ބަނޑަށް ޖެއްސުން
ވިހިވަނަ ސައްތައިގައި ޔޫރަޕްގެ ދައުލަތަކާހެދި ޔުކްރޭންގައި "އެއްބަޔަކު އަނެއް ބަޔަކު ކާން ޖެހުނެވެ." ރެކޯޑްތައް ދައްކާގޮތުގައި 1932އާއި 1933 އާ ދެމެދުގައި ބަޖަށްޖެހުމުގެ ސަބަބުން ޔުކްރޭނުން 10 ވަރަކަށް މިލިއަން މީހުން މަރުވެގެން ދިޔައެވެ. ޔޫރަޕްގެ ގޮދަން ވަށި ކަމަށް ބުނާ ޤައުމު ބަނޑަށް ޖެހުނީ ސޮވިއެޓް ޔުނިއަންގެ ޒަޢީމް ޖޯޒިފް ސްޓަރލިން އެ ސަރަޙައްދު އޭނާގެ ބާރުގެ ދަށަށް ގެންނެވުމަށް އެޅުއްވި ފިޔަވަޅުތަކުންނެވެ. ސްޓާރލިންގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެއް އަމާޒަކީ ޔުކްރޭން މީހުން ރޫސީ ތާހުގެ ތެރެއަށްލައި ވިރުވާލުމެވެ. މި ފިޔަވަޅުގެ ދެވަނަ ބޭނުމަކީ އެ ޤައުމުގެ ބިންތަކުގެ ވެރިން ނައްތައިލައި އެ މީހުންގެ ބިންތަކަށް މޮސްކޯ ވެރިކުރުވުމެވެ.
ޔުކްރޭންގެ މިއަދުގެ މަސްއަލައަކީ މި މުޞީބާތްތަކާ ގުޅިފައިވާ ކަމެކެވެ. ޔުކްރޭންގެ ބިންތަކުގެ ތެރެއިން މޮސްކޯ ވަނީ ކްރެމިއާ ހިފައިފައެވެ. ރަޝިޔާއިން ހިތްވަރުދިނުމުގެ ސަބަބުން ޔުކްރޭނުން ވަކިވެފައިވާ ޑޮންބާސްގެ މަސްއަލައަކީ ވެސް މި ކަމުގެތެރޭގައި ހިމެނޭ ކަމެކެވެ. ޔުކްރޭންގެ އިރުމައްޗާއި ދެކުނުގައި ވަޒަންވެރި ކުރުވާފައިވަ ރޫސީން ކިއީފް ސަރުކާރާ ދެކޮޅަށް އުފައްދަމުންދާ ގަޑުބަޑުތައް ވެސް ގުޅެނީ މި މުޞީބާތާއެވެ.
ޔުކްރޭންގެ ބަރްލަމާނުން 2006ގައި ވަނީ މި ބަނޑަށް ޖެއްސުމަކީ ހޮލޯޑޮމޯރެއް (Holodomor) ކަމުގައި ބަލައި ޤަރާރެއް ފާސްކޮށްފައެވެ.
ކަޒަޚިސްތާނު ބަނޑަށް ޖެއްސުން
އެ ބައެއްގެ ދިރިއުޅުން ނަޢަމުސޫފި ހުއިހެއްޕުވުމުގެ މަތީގައި ބިނާވެފައިވާ ބަޔަކާ ދިމާއަށް "ތިޔަބައިމީހުންނަށް ހުއިހެއްޕުވުމުގެ ޙައްޤު ލިބިގެންނުވެއޭ" ބުނެ އެކަން މަނާކޮށްފިނަމަ އެމީހުންނަށް ވާނީ ކިހިނެއްތޯއެވެ؟ އޭގެ މާނައަކީ އެމީހުން ބަނޑަށް ޖައްސައި "މެރުން" ނޫންތޯއެވެ؟
މީލާދީން 1931 އާއި 1933 އާ ދެމެދުގެ އަހަރުތަކުގެ ތެރޭގައި ސޮވިއެޓް ޔުނިއަނުން ކަޒަޚިސްތާނުގައި ހިންގި މި ބަނޑަށް ޖެއްސުމުގެ ސަބަބުން އެ ޤައުމުން ދެތިން މިލިއަނެއްހާ މީހުން މަރުވެފައި ވެއެވެ. މި ބަނޑަށް ޖެއްސުމުގެ ސަބަބުން ކަޒަޚިސްތާނުގައި ކަޒަޚުންގެ ޢަދަދު މަދުވެ އަޣްލަބިއްޔަތު ނެތް ބަޔަކަށް ވެގެން ދިޔައެވެ. އެމީހުންނަށް އަލުން އަޣްލަބިއްޔަތު ލިބުނީ ނުވަދިހައިގެ އަހަރުތަކުގެތެރޭގައެވެ.
މުއައްރިޚުން ވިދާޅުވާގޮތުގައި މިއީ ކޮމްޔުނިސްޓް ކަޒަޚިސްތާނެއް ބިނާކުރުމަށް ޓަކައި ކޮމްޔުނިސްޓް ޒަޢީމުން ގެންގުޅުއްވި ލާއިންސާނީ ސިޔާސަތުގެ ދަށުން އަރައިގެންފައިވާ ލާއިންސާނީ ޖަރީމާއެކެވެ. މުއްސަނދި ކަޒަޚިސްތާނު ބިމުގައި ރޫސީންނާއި ޔުކްރޭނުން ވަޒަންވެރި ކުރުވުމުގެ ސިޔާސަތަކީ ރޫސީ ޒާރުންނާއި ރޫސީ ކޮމްޔުނިސްޓް ވެރިކަމުގައި ތަބާވެފައިވާ ސިޔާސަތެކެވެ.
ސްޓާލިންގެ މި ސިޔާސަތު ތަންފީޒު ކުރަން ފެށުމުގެ ކުރިން ކަޒަޚުންގެ މިލްކިއްޔާތުގައި 40 މިލިއަން ނަޢަމުސޫފި ވެއެވެ. ނަމަވެސް ދެ އަހަރުގެ ތެރޭގައި ނަޢަމުސޫފީގެ ޢަދަދު ހަތަރު މިލިޔަނަށް މަދުވެގެން ދިޔައެވެ.