މުޙައްލިލުންގެ ދިރާސާތައް ބުނާގޮތުގައި ރޫސީންނާއި ތުރްކީން ޖައްސައިގެން ހުޅަނގުން ފައިދާތަކެއް ނެގުމަށް ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. ހުޅަނގު ދެކޭގޮތުގައި ވަރަށް ގިނަ މައިދާންތަކެއްގައި ރަޝިޔާއާއި ތުރްކީ ވަނީ ކޮންމެވެސް ކަހަލަ ތަފާހުމަކަށް ވާޞިލުވެ އެކުގައި މަސައްކަތްކުރަން ފަށައިފައެވެ. މި ބޭފުޅުން ވިދާޅުވާގޮތުގައި ރޫސީ ނުފޫޒު ކުޑަކުރުމަށް ޓަކައި ހުޅަނގުން ދަނީ ބައެއް ފައިލްތައް ނަގައިގެން މޮސްކޯއާއި އަންކަރާއާ ދެމެދުގައި ކޯޅުންތައް އުފެއްދޭތޯ މަސައްކަތްކުރަމުންނެވެ.
ފަހަކަށް އައިސް ސޫރިޔާގައި ތުރްކީއާއި ރަޝިޔާއާ ދެމެދުގައި އެއްބަސްވެވުނު ފަހްމުނާމާގެ ސަބަބުން ތުރްކީ އާއި ރަޝިޔާއާ ދެމެދުގައި ވާދަވެރިކަމާއި އެއްބާރުލުމުގެ ތަފާހުމެއް ވަނީ ޤާއިމުވެފައެވެ. މި ތަފާހުމުގެ ސަބަބުން ސޫރިޔާގެ އިދިކޮޅު ޖަމާޢަތްތަކަށް އެމީހުންގެ ސަރަޙައްދުތަކުގައި ކޮންމެވެސްވަރެއްގެ ޙިމާޔަތެއް ލިބިގެން ދިޔައެވެ.
ރޫސީ- ތުރްކީ ތަފާހުމަކީ ކުރިމަތިލުމާއި ވިލްރެސްކުރުމުގެ އާދަޔާޚިލާފު ނަމޫނާއެއް
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަތަކާއި ކޯޅުންތަކާއެކު ރަޝިޔާއާ ތުރްކީއާ ދެމެދުގައި ވަރަށް އާދަޔާޚިލާފު ގުޅުމެއް ޤާއިމުވެގެން ދިޔައެވެ. މި ގުޅުމުގެ ސަބަބުން ސޫރިޔާގެ ބިމުގައި އެ ދެ ޤައުމުގެ ދެމެދުގައި ނުވަތަ އެ ދެ ޤައުމުގެ އެކުވެރީންގެ މެދުގައި ހިނގަމުންދިޔަ ކުރިމަތިލުންތައް ހުއްޓުމަކަށް އައެވެ. ތުރްކީ- ރަޝިޔާ ކުރިމަތިލުންތައް ނިމުނީ ވާހަކަދެއްކުމަށް ޓަކައި ދެ ފަރާތް އެކަނި މޭޒުދޮށަށް ގޮސް އެހެން ފަރާތްތައް (ހުޅަނގާއި އީރާނުފަދަ ފަރާތްތައް) ދުރަށްލައި އެ ދެ ފަރާތުގެ މަޞްލަޙަތުތައް ނިޔާ ކުރާ ދޭތެރެ މެދުގެ ޙައްލަކާއިގެންނެވެ.
ސޫރިޔާގެ އިދްލިބުން މި ކަން ސާފުކޮށް ވަނީ ފެނިފައެވެ. އަދި 2020ގައި އިދްލިބްގައި ތުރްކީން ބައިވެރިވެފައި ވަނީ ސަރުކާރާ އިދިކޮޅު ބާރުތަކާ އެކުގައެވެ. ރަޝިޔާއަކީ ސޫރިޔާގެ ރައީސް އަސަދަށް ވާގިވެރިވާ ބާރެވެ. ތުރްކީއާއި ރަޝިޔާގެ އެއްބަސްވުމުގެ ދަށުން އެ ސަރަޙައްދުގައި ހަނގުރާމަ ހުއްޓުނެވެ. މިއިން އެނގުނީ ބޮޑެތި މަސްއަލަތަކުގައި ވެސް އެ ދެފަރާތުގެ ދެމެދުގައި ތަފާހުމު ވެވިފައިވާ ކަމެވެ.
ލީބިޔާއަށް ބަލާއިރު ރޫސީ–ތުރްކީ ތަފާހުމު މާ ބޮޑަށް ފާޅުކަމާއެކު ފެނިފައެއް ނުވެއެވެ. އެއީ ލީބިޔާގެ އަރާރުމުގައި ބައިވެރިވާ ފަރާތްތައް ގިނަކަމުންނެވެ. އިދިކޮޅު ޖެނެރަލް ޙަފްތަރަކީ ހަމައެކަނި ރަޝިޔާގެ އެކުވެރިއެއްނޫނެވެ. ލީބިޔާގައި ރަޝިޔާގެ ވުޖޫދެއް އޮތީ ވެގްނަރ ކުލީ ސިފައިންގެ ތެރެއިންނެވެ. ޙަފްތަރުގެ ވާގިވެރީން ކަމުގައިވާ ވެގްނަރ ޖަމާއަތާއި ލީބިޔާ ސަރުކާރާ ދެމެދުގައި ހިނގި ހަނގުރާމަތަކުގައި ރަޝިޔާއާ ތުރްކީއާ ދެމެދުގައި ޤާއިމު ކުރެވުނު ތަފާހުމުގެ ސަބަބުން ޠަރާބްލްސްގެ ޙިޞާރު ނިމުމަކަށް އައެވެ. އަދި ވެގްނަރ ޖަމާޢަތަށް އޭގެ ބަދަލުގައި ސިރްތާއި ސިރްތު ކައިރީގައިވާ ބައެއް ސަރަޙައްދުތައް ދެވުނެވެ. ކުރިން ވެސް އިޝާރަތްކުރި ފަދައިން ޙަފްތަރުގެ އެކުވެރީންނަކީ ހަމައެކަނި ރަޝިޔާއެއްނޫނެވެ. ޙަފްތަރަށް ތާއީދުކުރާ އެންމެ އިސް ޤައުމަކީ އިމާރާތެވެ. މިކަމާ ހެދި ޙަފްތަރު ރަޝިޔާގެ ފިއްތުންތަކަށް އިޖާބައެއް ނުދެއްވިއެވެ.
ރޫސީ– ތުރްކީ ވިލަރެސް ކުރުމުގެ އެންމެ ފާޅުކަން ބޮޑު މިސާލަކީ ކޯކަސް އަރާރުމެވެ. ތުރްކީން ފާޅުކަން ބޮޑު ގޮތެއްގައި ވާގިވެރިވީ އާޒަރުބައިޖާނަށެވެ. މި މަސްއަލައިގައި ރަޝިޔާ ފެނުނީ ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ގޮތުގައެވެ. އާޒަރުބައިޖާނާ އަރްމީނިޔާއާ ދެމެދުގައި ހިނގި ހަނގުރާމައިގައި އާޒަރުބައިޖާން މޮޅުވީ ތުރްކީން ދިން ޒަމާނީ މޮޅު ހަތިޔާރުގެ ސަބަބުންނެވެ. އަރްމީނިއާއިން ހިފި އާޒަރުބައިޖާނުގެ ބިންތައް ދޫކޮށްލަން ޖެހުނީ އެކަމާ ހެދިއެވެ. މި މަސްއަލަ ރަޝިޔާއިން ޙައްލުކޮށްދީފައި ވަނީ ހުޅަނގުގެ އެއްވެސް ދައުރަކާ ނުލައެވެ.
މި ބަޔާންކުރި ތިން މިސާލަކީ ދެ ފަރާތުގެ ދެމެދުގައި ކުރަކި ކޯޅުންތަކެއް ހިނގާފައިވާ ތިން ސަރަޙައްދެކެވެ. އެ ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ތަފާހުމަކަށް އާދެވިފައިވާ މަސްއަލަތަކެކެވެ. މި މަސްއަލަތަކުގައި ރަޝިޔާއިން މައިދާން ހޫނުކުރަން މަސައްކަތްކޮށްފައެއް ނުވެއެވެ.
މިއާ ޚިލާފަށް ވޭތުވެދިޔަ އަހަރުތަކުގައި ތުރްކީ– ހުޅަނގު ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. މި ކަމުގެ ސަބަބުތަކުގެ ތެރޭގައި ތުރްކީން ރަޝިޔާގެ އެސް 400 މިސައިލް ނިޒާމު ގަތުމުގެ މަސްއަލަ ވެއެވެ. ތުރްކީން މި ނިޒާމާ ދިމާއަށް ދާން ޖެހުނީ ހުޅަނގުގެ ސަބަބުން ކަން ހުޅަނގަށް ނުވިސްނޭތީ އަންކަރާ ކަންބޮޑުވެއެވެ. އަންކަރާއަށް މޮސްކޯއާ ދިމާއަށް ދާންޖެހުނީ އެމެރިކާގެ ޕޭޓްރިއެޓިކް މިސައިލް ނިޒާމު ތުރްކީއަށް ވިއްކުމާ ދެކޮޅު ހެދުމުންނެވެ. ދެވަނަ ސަބަބަކީ ތުރްކީގައި 2016ގައި ގެންނަން މަސައްކަތް ކުރި އިންޤިލާބާ ދެކޮޅަށް ހުޅަނގުން ނައްސި ލޮލަކުން ބަލާފައިވުމެވެ. ހުޅަނގާ ޚިލާފަށް ރަޝިޔާއިން މި ކަން ވަގުތުން ކުށްވެރި ކުރިއެވެ.
ރައީސް ބައިޑްނާއި ރައީސް އުރްދުޣާންގެ ސަމިޓަށްފަހު އެމެރިކާ- ތުރްކީ ގުޅުންތައް މަރާމާތުކޮށް އާބާތުރަފިލުވަން އެދޭކަމުގެ ނިޝާންތަކެއް ވަނީ ފެނިފައެވެ. އެކަމަށް ޓަކައި ތުރްކީން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. މިއަދުގެ ސުވާލަކީ މި ޙަރަކާތްތަކުގެ ސަބަބުން ރޫސީ- ތުރްކީ ތަފާހުމު ނެތިގެންދާނެ ހެއްޔެވެ؟
ޔުކްރޭން: ތުރްކީއަށް މުހިއްމު ދައުލަތެއް
ޔުކްރޭނަކީ ކަޅުކަނޑުގެ އައްސޭރީގައި ތުރްކީއާއެކު ބައިވެރިވާ ޤައުމެކެވެ. މި ދެ ޤައުމުގެ ދެމެދުގައި ޢަސްކަރީ ޞިނާޢަތުގެ މައިދާނުގައި ގުޅުން އޮވެއެވެ. ތުރްކީގެ ޢަސްކަރީ ސާމާނުތައް އުފެއްދުމަށް ބޭނުންވާ ވަރަށް ގިނަ ބައިތަކެއް އުފައްދަނީ ޔުކްރޭނުގައެވެ. ތުރްކީގެ ޓޭންކްތަކާއި މަތިންދާބޯޓުތަކުގެ އިންޖީނު އުފައްދަނީ ޔުކްރޭނުގެ ކާރުޚާނާތަކުގައެވެ. އަނެއްކޮޅުން ބަލާއިރު ޔުކްރޭނުގެ ވައިގެ ދިފާޢަށް ބޭނުންވާ މަތިންދާބޯޓަކީ ތުރްކީގައި އުފައްދާ އެއްޗެކެވެ.
ޔުކްރޭނާ ބެހޭ މަސްއަލަތަކުގައި އަންކަރާއިން މޮސްކޯއާއެކު ގެންގުޅެނީ ވަރަށް ތަވާޒުނީ ސިޔާސަތެކެވެ.ރަޝިޔާއިން ކްރިމިއާ އެ ޤައުމުގެ ބައެއް ކަމުގައި 2014ވަނަ އަހަރު ހެދުމުން ހުޅަނގުން މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ. އެހެނަސް އަންކަރާއިން މި ކަމުގައި ބައިވެރިއެއް ނުވެއެވެ. އަދިކިއެއްތޯއެވެ. ފެނިގެން ދިޔައީ އަންކަރާއިން މޮސްކޯއާއެކު އިޤްތިޞާދީ މައިދާނުގައި ގުޅުންތައް ވަރުގަދަކުރަމުން ދިޔަ ތަނެވެ.
ހުޅަނގުން ޔުކްރޭނަށް ހިތްވަރު ދިނީ ރަޝިޔާއާ ދެކޮޅަށް ތެދުވުމަށެވެ. އެހެނަސް މި ޤައުމުތަކުން ޔުކްރޭނަށް އެހީގެ އެއްވެސް އަތެއް ދިއްކޮށްލައިފައެއް ނުވެއެވެ. ޢަސްކަރީ މައިދާނުގައި އެއްބާރުލުން އިތުރުކޮށްގެން ކިއީފަށް އެހީވީ އަންކަރާއިންނެވެ. ތުރްކީގެ މަޝްހޫރު ބައިރަޤުދާރު މަތިންދާބޯޓު ޔުކްރޭނަށް ދިނެވެ. އަދި މި ބޯޓު ޔުކްރޭނުގައި އެއްކޮށް ޖަމާކޮށް އުފެއްދުމަށް އެއްބަސްވިއެވެ. މި ކަންކަން އަންކަރާއިން ކޮށްފައިވަނީ މޮސްކޯ ރުޅިނާރުވައެވެ. މޮސްކޯއާ ދެކޮޅަށް ތުއްޕެއްގެ މިންވަރު ވެސް ބުނެނުލައި އޮވެއެވެ. ތުރްކީގެ އެހީގެ ސަބަބުން ރަޝިއާއާ ހަނގުރާމަކުރުމުގެ ޤާބިލުކަން ޔުކްރާނަށް ނުލިބުނުކަމުގައި ވިޔަސް ތުރްކީގެ މި އެހީގެ ސަބަބުން ޔުކްރޭންގެ އިރުމަތީގައި ރަޝިޔާގެ އެހީގައި ބަޣާވަތް ކުރަމުންދާ މީހުންނާ ކުރިމަތިލުމުގައި ކިއީފަށް ވާގިވެރިކަން ލިބޭނެއެވެ.
ޕައިލެޓާ ނުލައި އުދުހޭ ތުރްކީގެ މަތިންދާބޯޓުތަކާއި ރަޝިއާ
އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ރައީސް އުރްދުޣާނަށް ދޭތެރެދޭތެރެއިން ޙަމަލާދެމުންދާއިރު ރަޝިޔާއާއެކު ކޯޅެމުންދާ ޔޫރަޕްގެ ޤައުމުތަކުން ތުރްކީއަށް ތާރީފު ކުރަމުންދާ ތަން ފެނެއެވެ.
ޔުކްރޭންގެ ޚާރިޖީ ވަޒީރު ޑިމިތުރީ ކޮލީބާ ހާމަކުރައްވާފައިވާ ގޮތުގައި ރަޝިއާއިން ދޭ ޢުދްވާނުތަކުން ދިފާޢު ވުމަށް ޓަކައި ތުރްކީގެ މަތިންދާބޯޓުތައް ބޭނުން ކުރެވޭނެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ތުރްކީގެ މި ބޯޓުތަކަކީ "ވަރަށް މޮޅު" ބޯޓުތަކެކެވެ. އަންޓާލިޔާގެ ސިޔާސީ މަންސައިގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ތުރްކީން ރަޝިއާގެ ފިއްތުންތަކަށް ސަޖިދައެއް ނުޖަހާނެއެވެ. އެއީ އަމިއްލަ ނަފްސަށް އިޙްތިރާމު ކުރާ އެހެނިހެން ޤައުމުތަކުގެ އިޙްތިރާމު ލިބިފައިވާ ޤައުމެކެވެ."

އޭނާ ވިދާޅުވިއެވެ. "ޕައިލެޓާ ނުލައި އުދުހޭ މި މަތިންދާބޯޓަކީ ރަޝިޔާގެ ކިބައިން ދިފާޢުވުމަށް ލިބިފައިވާ އައްޑަނައެކެވެ. ޔުކްރޭނާ ދެކޮޅަށް ޙަމަލާތައް ފުޅައުކުރުމުގެ ކުރިން މޮސްކޯއިން މި ކަމާމެދު ރަނގަޅަށް ވިސްނަންވާނެއެވެ."
ތުރްކީގެ ރައީސް އުރްދުޣާން ހާމަކުރައްވާފައިވާ ގޮތުގައި ތުރްކީ– ޔުކްރޭން ޢަސްކަރީ އެއްބާރުލުމަކީ ވަކި ޤައުމަކާ ދެކޮޅަށް ޤައިމު ކުރެވިފައިވާ އެއްބާރުލުމެއްނޫނެވެ. އަންކަރާ ބުނާގޮތުގައި އެއީ ވިޔާފާރީގެ ދާއިރާގައި ކުރެވުނު ކަމެކެވެ.
ޕޯލެންޑާއި ޖޯރޖިއާ ވެސް ތުރްކީ އަތުން
މި ދިޔަ މޭމަހު ޕޯލެންޑްގެ ޤައުމީ ދިފާޢީ ވަޒީރު މާރިއޯޝް ޕްލަޝްޗާކު ހާމަކުރެއްވި ގޮތުގައި ތުރްކީ އަތުން ބައިރަޤްދާރު މަރުކާގެ 24 ބޯޓު ޕޯލެންޑުން ގަންނާނެއެވެ. ޕޯލެންޑްގެ ޚާރިޖީ ވަޒީރު ޒުބިގްނިވް ރައޮ ވިދާޅުވެފައިވާ ގޮތުގައި ބައިރަޤްދާރު ޓީބީ 2 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުފަހަރު އޭނާގެ ޤައުމުން ގަންނަނީ ޕޯލެންޑްގެ ސިފައިންގެ ބާރު ވަރުގަދަކުރުމަށާއި އެ ޤައުމުގެ އިރުމަތީ ސަރަޙައްދު ވަރުގަދަ ކުރުމަށް ޓަކައެވެ. ޕޯލެންޑް ނޭޓޯއަށް ވަނުމުގެ މަސްއަލައިގައި ތުރްކީން ޕޯލެންޑަށް ތާއީދުކޮށްފައިވާތީ އޭނާ ތުރްކީއަށް ޝުކުރު އަދާކުރެއްވިއެވެ.
އާޒަރުބައިޖާން ވާދަވެރިކަމުގެ އައު މައިދާނެއް
ކޯކަސް ސަރަޙައްދުގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމު ކުރުމުގައި ރަޝިއާއާއި ތުރްކީ ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ވަނީ ކާމިޔާބު މަސައްކަތަކަށް ވެފައެވެ. މި ޞުލްޙައިގެ ސަބަބުން އާޒަރުބައިޖާނަށް ވަނީ އެ ޤައުމުގެ އަތުން ގެއްލިފައިވާ ބައެއް ޙައްޤުތައް ލިބިފައެވެ. މި ޞުލްޙައިގެ ސަބަބުން ބާކޯ ވަނީ މޮސްކޯގެ ރަޙްމަތްތެރިއަކަށް ވެސް ވެފައެވެ. ކަރްބާޚުގެ އުތުރުގައި ޞުލްޙަ ބެލެހެއްޓުމަށް ޓަކައި ރަޝިއާއާއި ތުރްކީގެ ގުޅިފައިވާ ބާރެއް ވަނީ އެކުލަވައިލެވިފައެވެ.
އެހެނަސް އާޒަރުބައިޖާނުގައި ޢަސްކަރީ ޤަވާޢިދުތަކެއް ޤާއިމުކުރުމަށް ތުރްކީ ޝައުޤުވެރިވާ ކަމަށް ބުނުމުން މޮސްކޯވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ. ޝޫޝާ ސަހަރުގައި (އަރްމަނުން ކިޔަނީ ޝޫޝީ) ރައީސް އުރްދުޣާނާ ރައީސް ޢަލިޔޭފް ސޮއިކުރެއްވި މުޢާހަދާ ބުނާގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި ޢަސްކަރީ މައިދާނުގައި އެއްބާރުލުން ހަރުދަނާވެގެންދާނެއެވެ. ޝޫޝާ އަކީ އެންމެފަހުން ހިނގި ހަނގުރާމައިގައި އަރްމީނިއާ އަތުން އާޒަރުބައިޖާނުން އަނބުރާ ހިފާފައިވާ ރަށެކެވެ. މި މުޢާހަދާގައި ސޮއިކުރެއްވުމަށްފަހު ރައީސް ޢަލިޔޭފް ވިދާޅުވިގޮތުގައި ދިފާޢުގެ މައިދާނާއި ޢަސްކަރީ އުފެއްދުންތެރިކަމުގެ މައިދާނުގައި އެ ދެ ޤައުމުން އެއްބާރުލުން އިތުރުވެގެން ދާނެއެވެ.

މި މަސްއަލައާ ބެހޭގޮތުން ކްރެމްލިންގެ ތަރްޖަމާނު ޑިމިޓްރީ ޕެސްކޯފް ހާމަކުރެއްވިގޮތުގައި ދެކުނު ކޯކަސްގައި ހަމަޖެހުން ދެމެހެއްޓުމާ ބެހޭގޮތުން މޮސްކޯއިން ދަނީ އަންކަރާއާއެކު މަޝްވަރާތައް ކުރަމުންނެވެ. ތުރްކީން އާޒަރުބައިޖާނުގައި ޢަސްކަރީ ބޭސްތައް ޤާއިމުކުރުމާމެދު ވިސްނަމުންދާ މަސްއަލައާ ބެހޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިއެވެ. "ނޭޓޯގެ މެންބަރު ޤައުމަކުން އަހުރެމެންގެ ސަރަޙައްދު ކައިރީގައި ޢަސްކަރީ ބިނާރުތައް ހެދުމަކީ އެކަމަށް އަހުރެމެން ސަމާލުކަންދޭނެ ކަމެކެވެ. އަދި އަހުރެމެންގެ މަޞްލަޙަތާއި އަމްނު ޖާމިނު ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަމެވެ."
މި ދިޔަ އަހަރުގެ ހަނގުރާމައަށްފަހު ނަގަރްނޯ ކަރްބާޚުގައި ސުލްޙަ ބެލެހެއްޓުމަށް ޓަކައި ރޫސީ ސިފައިންގެ ފައުޖެއް އެތާނގައި ބޭއްވުނެވެ. މީގެ އިތުރަށް އާޒަރުބައިޖާނުގެ އަވަށްޓެރި ހަތުރުވެރި އަރްމީނިއާގައި ރަޝިޔާގެ ޢަސްކަރީ ބޭހެއް އޮވެއެވެ.
ރޫސީ– ތުރްކީ ތަފާހުމު ނިމުމަކަށް އަންނާނެބާ
ދެފަރާތަށް ބަލާއިރު ކޮންމެ ފަރާތެއްގެ އަތުގައި ވެސް ފިއްތުންތައް ފިއްތިދާނެ ގަނޑުތަކެއް އެބަހުއްޓެވެ.
ރަޝިޔާއަށް ބަލާއިރު ތުރްކީއަށް ޒިޔާރަތް ކުރާ ރަޝިޔާގެ ފަތުރުވެރީންނަކީ މޮސްކޯ އަތުގައި އޮތް ވަރަށް ވަރުގަދަ ގަނޑެކެވެ. ކޮރޯނާގެ ޒަމާނުގައި ހުޅަނގު ޔޫރަޕުން ތުރްކީއަށް ދާ ފަތުރުވެރީން މަދުވެފައިވާ ވަގުތެއްގައި މިއީ ވަރަށް މުހިއްމު ޙުކުންގަނޑެކެވެ.
ރަޝިޔާ އަތުގައި އޮތް ދެވަނަ ގަނޑަކީ އަރްމީނިޔާއެވެ. އަރްމީނިޔާގެ ތެރެއިން ލައިފާ ތުރްކީއަށާއި އާޒަރުބައިޖާނަށް ފިއްތުންތައް ފިއްތިދާނެއެވެ.
އަނެއްކޮޅުން ބަލާއިރު އުރްދުޣާނާއެކު ގުޅުންތައް މަރާމާތު ކުރުމަށް ހުޅަނގުން ޝައުޤުވެރިކަން ފާޅުކުރަމުންދާ ދިޔުމަކީ ތުރްކީ އަތުގައި އޮތް ބާރުގަދަ ގަނޑެކެވެ. ހުޅަނގުގެ މި ޝައުޤުވެރިކަމަށް ތުރްކީން މާ ބޮޑު އިތުބާރެއް ނުކުރެއެވެ. ތުރްކީ– ހުޅަނގު ގުޅުންތައް ނުތަނަވަސް ވަޅުގަނޑެއްގެ ތުންފަތްމައްޗާ ހަމައަށް ދިޔައީ ރައީސް ބައިޑްންގެ ސިޔާސަތުގެ ސަބަބުން ކަމަށް ރައީސް އުރްދުޣާން ދެކެވަޑައިގަންނަވައެވެ.
ޔުކްރޭނަށް ބަލާއިރު ހުޅަނގަށް އިތުބާރު ނުކުރެވޭނެކަން އެނގެއެވެ. ރަޝިޔާއާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިނުމަށްފަހު ޔުކްރޭނަށް އެހީނުވެ ހުޅަނގުން ވަނީ ދޫކޮށްލައިފައެވެ. އެހެންކަމުން ތުރްކީން ހުޅަނގާ އެކު ގުޅުންތައް ބަދަހިކުރަމުންދާނީ ރަޝިޔާގެ ދާއިރާގެ ތެރޭގައިކަން ދޭހަވެއެވެ.
އެހެންކަމުން އެނގެނީ ތުރްކީ- ރަޝިޔާ ތަފާހުމު އުވިގެން ނުދާނެކަމެވެ. ނޭޓޯއަށް ވެސް ލާބަ އޮތީ މި ގުޅުން ދަމަހައްޓައިގެން ކަމުގައި ވާތީއެވެ.



advertisment