Support Us

މިސައިލާއި ސަރަޙައްދީ މަސްއަލަތަކާމެދު ވާހަކަދެއްކުމެއް ނޯންނާނެ: އީރާނު އައު ރައީސް

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން "ނަތީޖާ ނުނުކުންނަނިވި ވާހަކަދެއްކުންތައް" ބޭއްވުމާ ދެކޮޅު ހައްދަވާ ކަމަށް އިރާނުގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ އިބްރާހީމު ރައީސީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ރައީސީ ވިދާޅުވިގޮތުގައި މިސައިލާއި ސަރަޙައްދީ މަސްއަލަތައް ޝާމިލުވާ އެއްބަސްވުމަކާ ހަމައަށް ދެވިދާނެ ކަމަކަށް ލަފައެއް ނުކުރެއްވެއެވެ. ރައީސީ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްނާއެކު ސީދާ ވާހަކަދެއްކުންތައް ބޭއްވުމަކީ ވަރަށް ދުރު ކަމެކެވެ.

ޢުމުރުފުޅުން 60 އަހަރުވީ ރައީސީ އޭނާގެ ސިޔާސަތުގެ މުހިއްމު ބައެއް މަލަތައް ހާމަކުރައްވަމުން ވިދާޅުވިއެވެ. "ޙާލަތު ބަދަލުވެއްޖެކަން ދުނިޔެ ދަންނަން ޖެހޭނެއެވެ. އީރާނުގެ އިންތިޚާބުގައި ފޯރީއާއެކު ރައްޔިތުން ބައިވެރިވެފައިވާތީ ދުނިޔޭގެ ކުރިމައްޗަށް އައު ޝަރްޠުތަކެއް ހުށައެޅިފައިވާކަން ދަންނަން ޖެހޭނެއެވެ."

އިބްރާހީމު ރައީސީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިންތިހާއަށް ފިއްތުންތައް އިތުރުކޮށްގެން ޙާޞިލު ކުރެވުނު ކަމެއް ނެތެވެ. އެމީހުންގެ މައްޗަށް އޮތީ އެކަމާމެދު އަލުން ވިސްނުމެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ސިޔާސަތު ފެށެނީ ނިޔުކްލިއަރ މުޢާހަދާއަކުންނޫނެވެ. އެ ހިސާބުގައި އަހުރެމެން ނުހުއްޓޭނަމެވެ."

ރައީސީ އިންތިޚާބުވެގެން މި އައީ ވިއެނާގައި މި ދިޔަ އެޕްރީލް މަހުން ފެށިގެން ނިޔުކްލިއަރ އެއްބަސްވުމާ ބެހޭގޮތުން އިރާނާ އެކު ވާހަކަ ދެއްކުންތައް ހިނގަމުންދާ ވަގުތެއްގައެވެ. މި ވާހަކަ ދެއްކުންތަކުގައި އެމެރިކާ ބައިވެރިވަމުން ދަނީ ނުސީދާކޮށްނެވެ. މި ވާހަކަދެއްކުންތަކުގެ އަމާޒަކީ މި އެއްބަސްވުން އައުކޮށް އީރާނާދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއެއް ގެނެސްދިނުމެވެ. މި އެއްބަސްވުމުން އެމެރިކާ ވަކިވުމާވިދިގެން އީރާނުން ވަނީ މި އެއްބަސްވުމަށް ފުރިހަމައަށް ޢަމަލު ނުކުރާނެކަމަށް ބުނެފައެވެ.

ރައީސީ ވިދާޅުވިއެވެ. "އަހުރެމެންގެ ޚާރިޖީ ސިޔާސަތަކަށް ވާނީ މި ޢުޤޫބާތްތައް އުވާލުމަށް މަސައްކަތް ކުރުމެވެ. "އޭނާ އިންޒާރު ކުރެއްވިގޮތުގައި މި ވާހަކަދެއްކުންތައް ދިގުލައިގެން ދިޔުމަށް އީރާނުން ދެން ފުރްޞަތެއް ނުދޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ވާހަކަދެއްކުންތަކުން "ނަތީޖާއެއް ނެރެވެން ޖެހޭނެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ މަޞްލަޙަތުތައް ޖާމިނުކޮށްދޭ" ވާހަކަދެއްކުންތަކަށް އީރާނުން ތާއީދު ކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންމެ ބައްދަލުވުމެއް ވާންޖެހޭނީ އީރާނުގެ ރައްޔިތުންނަށް "ނަތީޖާ ނެރެދެވޭ" ބައްދަލުވުމަކަށެވެ. މިހާރު ބޭއްވެމުންދާ ވާހަކަދެއްކުންތަކުގައި ބައިވެރިވާ އީރާނުގެ ވަފްދު ވިއެނާގައި ދެމިތިބޭނެކަމަށް ރައީސީ ވިދާޅުވިއެވެ. ރައީސީ ނޫސްވެރީންނަށް ހާމަކުރެއްވިގޮތުގައި އޭނާގެ ޚާރިޖީ ސިޔާސަތާ ބެހޭ ބޭފުޅުން މިހާރުދަނީ ވިއެނާގައި ބޭއްވެމުންދާ ވާހަކަދެއްކުންތަކުގެ ތަފްޞީލުތައް ދިރާސާ ކުރައްވަމުންނެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ހާމަކުރިގޮތުގައި އީރާނުގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ ރައީސީގެ ވާހަކަފުޅުތަކަކީ އީރާނުގެ ދީނީ ޒަޢީމު ޚާމަނައީ މި ދިޔަ އެޕްރީލް މަހު ދެއްވި ބަޔާން އެއްފަސް ބަޔާނެކެވެ. ޚާމަނައީ ވަނީ ވާހަކަދެއްކުންތައް ދިގުލައިގެން ދިޔުމަކީ އީރާނަށް "ގެއްލުންހުރިކަމެއް" ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސީ ވިދާޅުވިއެވެ. "ނިޔުކްލިއަރ އެއްބަސްވުމާ ބެހޭގޮތުން އެމެރިކާއާއި ހުޅަނގުން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެމެރިކާއިން ވަނީ މި އެއްބަސްވުމާ ޚިލާފުވެފައެވެ. ހުޅަނގުން ވަނީ މި އެއްބަސްވުން ލާޒިމުކުރާ ކަންތައްތަކަށް ވަފާތެރި ނުވެއެވެ." އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުން އެއްބަސްވުމަށް އެނބުރި ރުޖޫޢަވާށެވެ! މި އެއްބަސްވުން ލާޒިމުކުރާ ކަންތައްތަކާ އެއްގޮތަށް ޢަމަލު ކުރާށެވެ!" އޭނާ ޔޫރަޕް މީހުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "އެމެރިކާގެ ފިއްތުންތަކަށް ތިޔަބައިމީހުން ރުކޫޢު ނުކުރާށެވެ! މި އެއްބަސްވުން ތިޔަބައިމީހުންނަށް ލާޒިމު ކުރާ ކަންތައްތައް ފުއްދާށެވެ!"

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ރައީސް ބައިޑްނާ ބައްދަލު ކުރައްވާނަންތޯ ދެންނެވުމުން ސުވާލު މެދުކަނޑައިލައްވާފައި ރައީސީ ނޫނެކޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން ވަނީ ނިޔުކްލިއަރ މުޢާހަދާއާ ޚިލާފުވެފައެވެ. ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތައިލަން މި މުޢާހަދާ އެމީހުންނަށް ލާޒިމު ކުރެއެވެ." ނޫސްވެރީން ސުވާލު ކުރަނިކޮށް އެ ސުވާލުތަކުގެ އަޑު ނާއްސަވާ ރައީސީ ވިދާޅުވިއެވެ. "މރ. ބައިޑްން މި މުޢާހަދާގެ ޝަރްޠުތަކާ އެއްގޮތަށް ޢަމަލު ނުކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ އަހުރެންގެ ހުށައެޅުމަކީ އެމީހުން އަވަހަށް މި މުޢާހަދާއަށް ޢަމަލު ކުރަން ފަށާށެވެ. ޢުޤޫބާތްތައް އުވާލުމަށް ޓަކައި ތެދުވެރިކަމަކާއެކު މަސައްކަތް ކުރާކަން ދައްކާށެވެ!" އޭނާ ވިދާޅުވިއެވެ. "މިސައިލާއި ސަރަޙައްދީ މަސްއަލަތަކާމެދު ވާހަކައެއް ނުދެއްކޭނެއެވެ."  އޭނާ ވިދާޅުވިއެވެ. "އެމީހުން ވަނީ ކުރީގެ އެއްބަސްވުމަށް ކަށަވެތި ނުވެފައެވެ. އެހެން އައު އެއްބަސްވުމަކަށް ދާނީ ކިހިނެއް ހެއްޔެވެ؟"

ބޭޖިންގާ އެކު 25 އަހަރުގެ މުއްދަތަށް ދެމިގެންދާ އިސްތިރާތީޖީ އެއްބާރުލުމުގެ އެއްބަސްވުމާ ބެހޭގޮތުން ނޫސްވެރީން ސުވާލުކުރުމުން ރައީސީ ވިދާޅުވިއެވެ. އީރާނާ ޗައިނާއާ ދެމެދުގައިވާ ގުޅުމަކީ "ރަނގަޅު ގުޅުން" އެކެވެ. އޭނާ ވިދާޅުވިގޮތުގައި އެއްބާރުލުމުގެ މައިދާންތައް އިތުރަށް ހުޅުވި ފުޅައުވެގެންދާނެއެވެ.

ރައީސީ އީރާނުގެ ރައީސްކަމާ ޙަވާލުވެ ވަޑައިގަންނަވާނީ މި އޮގަސްޓް މަހުގައެވެ. މި ދިޔަ ހުކުރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭނާއަށް ވަނީ ވޯޓުލީ މީހުންގެ 62 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. މި އިންތިޚާބުގައި ބައިވެރިވެފައި ވަނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 48.8 އިންސައްތަ މީހުންނެވެ.

ރައީސީ ވިދާޅުވިގޮތުގައި ޢާއްމު ރައްޔިތުންގެ މަޢީޝީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި ޢާއްމު އިތުބާރު ދިރުއްވުމަށް އޭނާ މަސައްކަތް ކުރައްވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެންގެ ސަރުކާރު ވަކި ޕާޓީއަކަށް ވަކި ގިންތިއަކަށް ބުރައެއް ނުވާނެއެވެ." އޭނާ ވިދާޅުވިއެވެ. "އީރާނު ވަނީ ހިންގުމުގެ ދޯދިޔާކަމުންނާއި އީރާނުގައި ހުރި  ހަކަތަތަކުގެ ބޭނުންކުރުން އިހްމާލު ކުރުމުގެ ސަބަބުން ބައެއް މައިދާންތަކުގައި ކުރިއަރައިފައެވެ. އަދި ބައެއް މައިދާންތަކުގައި ފަހަތަށް ސޮއްސާލައިފައެވެ."

އޭނާ ނޫސްވެރީންގެ ބައްދަލުވުން ނިންމާލައްވަމުން އީރާނުން ބޭރުގައި ތިބި އީރާނު މީހުންނަށް އީރާނުގައި ވުނަކުރުމަށް ހިތްވަރުދެއްވައި ވާހަކަފުޅު ދެއްކެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *