Support Us

ޔޫރޯ2020: ރޫސީވިލާތް މުބާރާތުން ކަޓައިފި

ޑެންމާރކްގެ ކޯޕަންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައި ބީ ގްރޫޕްގެ ފަހު މެޗްގައި ކުޅެ ޑެންމާކް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެ، ޔޫރޯ2020 ފުޓުބޯޅަ މުބާރާތުން ބާރުގަދަ ބިޔަ ރޫސީވިލާތް ރޭ ކަޓައިފިއެވެ.

މީގެ ނުވަ ވަރަކަށް ދުވަސް ކުރީން ކްރިސްޓިއަން އެރިކްސެން ހިތުގެ މައްސަލައެއްގައި ދަނޑުމައްޗަށް ވެއްޓުނު ފަހުން ޑެންމާކުގެ ކުޅުންތެރީންނާއި ސަޕޯޓަރުންގެ ކިބައިން އާދަޔާ ޚިލާފު އެއްބައިވަންތަކަމެއް ވަނީ ފެނިފައެވެ. މި ނަތީޖާ ޑެންމާކުން ޙާޞިލުކުރި އެއް ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ. ސަޕޯޓަރުންގެ ބަހުން ޑެންމާކުގެ ކުޅުންތެރީންނަކީ "ގައުމީ ބަޠަލުން"ނެވެ.

ރަޝިޔާއާ ދެކޮޅަށް ޑެންމާކު ކުޅުނު މެޗުގައި ޑެންމާކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ވަނީ ދައްކައިފައެވެ. މެޗު ފަށައިގެން ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ކުޅެމުން ގެންދިޔަ ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މިއީ ގޯލު އޭރިއާ ބޭރުން ފޮނުވައިލި ބާރު ބޯޅައަކުން މައިކަލް ޑަމްސްގާޑް ކާމިޔާބުކުރި ލަނޑެކެވެ. އުމުރުން 20 އަހަރުގެ މި ކުޅުންތެރިއަކީ ވަރަށް އުއްމީދީ ކުޅުންތެރިއެކެވެ. ފުރަތަމަ 45 މިނޓް ނިމުނު އިރު ނަތީޖާއަކަށް ބަދަލެއް ނާދެއެވެ.

ދެވަނަ ހާފުގައި ޑެންމާކްގެ ކުޅުން ވަރުގަދަ ކުރިކަން ފާހަގަކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 59 ވަނަ މިނެޓުގައި ޑެންމާކުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ރަޝިޔާގެ ދިފާޢީ ކުޅުންތެރީންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު ކާމިޔާބުކުރީ ޔޫސުފް ޕައުލްސަނެވެ. މި މެޗުގައި ރަޝިޔާއަށް ސުން ކަނޑުވައިލަދިން ލަނޑަކީ ލިބުނު ޕެނަލްޓީއަކުން މެޗްގެ 70 ވަނަ މިނިޓްގައި ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހީ ކެޕްޓަން އާރޓެމް ޒިޔުބާއެވެ. އޭގެ 9 މިނިޓް ފަހުން 79 ވަނަ މިނިޓްގައި ޑެންމާކުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެންޑްރިއާސް ކްރިސްޓެންސެނެވެ. މީގެ 3 މިނިޓް ފަހުން ޑެންމާކުން 82 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި ނަތީޖާ ޔަގީންކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ދިފާޢީ ކުޅުންތެރިޔާ ޖޯކިމް މާހްލޭއެވެ. މި މެޗް ނިމުނީ މި ލަނޑާއެކު 1-4ގެ ނަތީޖާއަކުން ޑެންމާކު މޮޅުވެގެންނެވެ.

މި ގްރޫޕްގައި ރޫސީވިލާތުގެ ސެއިންޓް ޕީޓަރސްބާރގް ސްޓޭޑިއަމްގައި ރޭ ހަމަ އެ ގަޑީގައި ބެލްޖިއަމް އާއި ފިންލޭންޑް ބައްދަލުކުރި މެޗު ނިމުނީ  2-0 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެގެންނެވެ.

މި މެޗްގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ފިންލޭންޑުން ވަރަށް ރަނގަޅަށް ބެލްޖިއަމް ހިފެހެއްޓިއެވެ.

ދެވަނަ ހާފުގައި ފުލުފުލުން ބެލްޖިއަމުން ފިންލޭންޑް ގޯލަށް ހަމަލާތައް ފޮނުވަމުން ގެންދިޔަ ތަން ފެނުނެވެ. ޚާއްސަކޮށް ހަޒާޑާއި ލުކާކޫއާއި ކެވިން ޑިބްރައިނާގެ ހިތްވަރު މި ހާފުގައި ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މި ކުޅުންތެރިންގެ މަސައްކަތުން ފިންލެންޑްގެ ގޯލަށް ބޯޅައެއް ވައްދައިލެވުނީ 65 ވަނަ މިނެޓުގައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ލުކާކޫ ޖެހި މި ލަނޑަކީ އޮފްސައިޑު ލަނޑަކަށެވެ.

މި ކަމުގެ ސަބަބުން އެ މީހުންގެ ހިތްވަރު އެލޭ ގޮތެއް ނުތްވެވެ. ހިތްވަރު އާކޮށް ބެލްޖިއަމް ކުރިޔަށްޖެހި އިތުރު ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ، މެޗުގެ 74 ވަނަ މިނެޓުގައި ބެލްޖިއަމުން ލަނޑެއް ޖަހައި ލީޑު ނެގުމެވެ. މި ލަނޑަކީ ޑިބްރައިނާ ނެގި ކޯނަރެއް ހޯދައިގެން ވާމެލަން ބޮލުން ފޮނުވައިލި ބޯޅައެއް ގޯލު ދަނޑީގައި ޖެހިފައި ކީޕަރުގެ އަތުގައި ވެސް ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރޮމެލޫ ލުކާކޫ އެވެ. އޭރިއާ ތެރެއަށް ދިން ބޯޅަ އޭނަ ގޯލަށް ފޮނުވައިލީ ކައިރީގައި ވިއްދާފައި ހުރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީއެވެ. މެޗް ނިމުނީ 2-0ން ބެލްޖިއަމް މޮޅުވެގެންނެވެ.

މި ނަތީޖާތަކާއެކު ބެލްޖިއަމް ދެވަނަބުރަށް ދިޔައީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ގްރޫޕުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކުގައެވެ. ދެވަނަ ޓީމުގެ ގޮތުގައި ޑެންމާކް ދެވަނަބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. މި ގްރޫޕްގައި ރޫސީވިލާތަށް ވެސް ތިން ޕޮއިންޓް ލިބިފައި ވިޔަސް ފައިދާ ލަނޑުގެ ތަފާތުން ރޫސީންނަށް ވުރެ ޑެންމާކަށް ކުރި ލިބުނީއެވެ. މި ނަތީޖާއާއެކު ރޫސީން ވަނީ މުބާރާތުން ކަޓައިފައެވެ.

މުބާރާތުގެ ދެވަނަބުރުގައި ޑެންމާކް ބައްދަލުކުރާނީ ވޭލްސާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *