Support Us

ޔޫރޯ2020: އޮސްޓްރިއާއާއި ނެދަރލޭންޑްސް ދެވަނަ ފިޔަވައްސަށް

ޔޫރޯ2020 ފުޓުބޯޅަ މުބާރާތުގެ ފަހު މެޗުތަކުގެ ތެރެއިން ގްރޫޕް ސީގައި މިރޭ ނޯތު މެސެޑޯނިއާ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗްގައި މޮޅުވުމުގެ ރެކޯޑަކާއެކު ދެވަނަ ބުރަށް ނެދަލޭންޑްސް ދަތުރުކޮށްފިއެވެ.

މި ބޮޑު މުބާރާތުގައި ނެދަރލޭންޑްސްގެ އެމްސްޓަރޑަމްގެ ޖޯހަން ކްރޮއޭފް އާރީނާގައި ރޭ ކުޅޭން ނުކުތް އިރު ވެސް ފުރަތަމަ ބުރުގައި ޔޫކްރެއިނާއި އޮސްޓްރިއާ ބަލިކޮށް ހަ ޕޮއިންޓާއެކު ނޮކްއައުޓް މަރުޙަލާއަށް ނެދަރލޭންޑްސް ވަނީ ކޮލިފައިވެފައެވެ. ރޭގެ ނަތީޖާއާއެކު 9 ޕޮއިންޓް އެ ޓީމު ހޯދައިފައިވަނީ ކުޅުނު 3 މެޗުން ވެސް މޮޅުވެގެންނެވެ.

ނެދަރލޭންޑްސްގެ ޤައުމީ ޓީމުން މެސެޑޯނިއާއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 (ޓީމު ރާވައިފައި އޮތް ގޮތް) އޮޅުމަކުން ވަނީ ލީކުކޮށްލެވިފައިވެސްމެއެވެ. މި ކަންކުރެވުނީ އެ ޓީމުގެ މެނޭޖަރު އަދި ހެޑު ކޯޗް ފްރޭންކް ޑީ ބޮއެރްގެ އެހީތެރިޔާ ޑްވިޝްޓް ލޯޑެވޭޖެސްއަށް އޮޅުމަކުންނެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން އެ ޓީމަކަށް ގެއްލުމެއް ނުލިބުނެވެ.

 

މެޗުގެ ފުރަތަމަ 45 ވަނަ މިނިޓްގައި ނޯތު މެސެޑޯނިއާގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނެވެ. ޚާއްޞަކޮށް ނެދަލޭންޑްސްގެ ވަރުގަދަ ކުޅުންތެރިން ހުއްޓުވުމުގައި އެ ޓީމުގެ ހުނަރު ދައްކައިލިއެވެ. ވަރުގަދަ ކުޅުމެއް ދެއްކުމާއެކު މެޗުގެ 9 ވަނަ މިނެޓުގައި ނޯތު މެސެޑޯނިއާގެ ޓްރަޖްކޮވްސްކީ ލަނޑެއްޖެހި ވެސްމެއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމަށެވެ.

އަނެއްކޮޅުން ނެދަލޭންޑްސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ނޯތު މެސެޑޯނިއާއަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ނެދަލޭންޑްސް ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު މެމްފިސް ޑިޕާއި ކާމިޔާބުކުރީ ކައުންޓަރ އެޓޭކެއްގައި މާލެން ދިން ބޯޅައަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ނެދަލޭންޑްސް އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ކެޕްޓަން ވައިނަލްޑަމް މި ލަނޑު ކާމިޔާބުކުރީ ޑިޕާއި ކުރި މަސައްކަތުން އޭނާ އޭރިއާ ތެރެއަށް ދިން ބޯޅައެއް ފޮނުވައިލައިގެންނެވެ.

ނެދަލޭންޑްސް އިން ލަނޑެއް ޖެހިތާ އަށް މިނެޓުފަހުން އެޓީމުން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ ވައިނަލްޑަމެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޑިޕާއި ފޮނުވާލި ބޯޅައެއް ކީޕަރު މަތަކޮށް ބިމުގައި ޖެހުނު ވަގުތު އެ ބޯޅަ ހޯދައިގެން ގޯލުގެ ތެރެއަށް ފޮނުވައިލައިގެންނެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ނޯތު މެސެޑޯނިއާގެ ޗުރްނިލޯވް ނެދަރލޭންޑްސްގެ ގޯލުގެ ތެރެއަށް ބާރު ބޯޅައެއް ފޮނުވައިލިއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ވެސް އޯފްސައިޑް ލަނޑެއް ކަމަށެވެ.

ނޯތު މެސެޑޯނިއާ އާއި ނެދަލޭންޑްސް މީގެ ކުރީން ބައްދަލުކޮށްފައިވަނީ ހަތަރު ފަހަރަކުއެވެ. މި ހަތަރު ފަހަރުވެސް ކާމިޔާބުކޮށްފައިވަނީ ނޯތު މެސެޑޯނިއާއެވެ.

ރޭ މި ގްރޫޕްގައި ރޫމޭނިއާގެ ވެރިރަށް ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި ޔޫކްރެއިން އާއި އޮސްޓްރިއާ ބައްދަލުކުރި އިރު ޔޫކްރެއިން ކުޅުންތެރީންގެ އެވްރެޖް އުމުރަކީ 26 އަހަރެވެ. އޮސްޓްރިއާގެ ކުޅުންތެރީންގެ އެވްރެޖް އުމުރަނީ 27.4 އަހަރެވެ. ކުޅުންތެރީންގެ އިސްކޮޅު ފެނުނީ ވަރަށް ހަމަހަމަކޮށެވެ. ޔުކްރެއިން ކުޅުންތެރީންގެ އެވްރެޖް އިސްކޮޅަކީ 183.8 ސެންޓިމީޓަރުކަމުގައި ވާއިރު އޮސްތްރިއާގެ ކުޅުންތެރީންގެ އެވްރެޖް އިސްކޮޅަކީ 184.1 ސެންޓިމީޓަރެވެ.

ރޭ މި ދެ ޓީމު ދަނޑަށް ނުކުތްއިރު ކޮންމެ ޓީމަކަށް ވެސް މެޗުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް އޮތީ ކަށަވަރުވެފައެވެ. ގްރޫޕުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ވެސް ދެ ޓީމަށްވެސް އެ ފުރުސަތު އޮތެވެ. މިހާތަނަށް ދެ ޓީމު ކުޅުނު މެޗުތަކަށް ބަލާއިރު ވެސް އެ ވާދަވެރިކަން ފެނިފައިވެއެވެ. އޮސްޓްރިއާ އާއި ޔޫކްރެއިން މީގެކުރީން ދެ ފަހަރު ބައްދަލުކުރި އެވެ. ކޮންމެ ޓީމެއް ވެސް އެއް ފަހަރު ވަނީ މޮޅުވެފައެވެ.

މި މެޗުގައި 1-0ގެ ތަފާތަކުން މޮޅުވީ އޮސްޓްރިއާއެވެ. އޮސްޓްރިއާ މޮޅުވި ހަމައެކަނި ލަނޑު ޖެހީ މެޗްގެ 21 ވަނަ މިނިޓްގައި ކްރިސްޓޯފް ބައުމްގާރޓްނާރއެވެ.

މެޗު ފަށައިގެން ވެސް މި މެޗުގައި އޮސްޓްރިއާ އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ ކެޕްޓަން އަލަބާ ނަގައިދިން ކޯނަރަކުންނެވެ. މި ލަނޑަށްފަހު ވެސް އޮސްޓްރިއާ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ހާއްސަކޮށް އާނޯޓޮވިޗް އަދި ލައިމާ ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ޖުމްލަ ގޮތެއްގައި މުޅި މެޗު ކަހަލަ ގޮތަކަށް ކުޅުނީ އޮސްޓްރިއާ އެވެ. ޔޫކްރެއިން އަށް މި މެޗުގައި ލަނޑުޖަހަން ލިބުނީ މަދު ފުރުސަތުތަކެކެވެ.

ދެވަނަ މަރުޙަލާގައި އޮސްޓްރިއާ ބައްދަލުކުރަން ޖެހޭ ޓީމަކީ އިޓަލީއެވެ. އަދި ނެދަލޭންޑްސް ބައްދަލުކުރާން ހަމަޖެހިފައިވަނީ ތިންވަނައަށް ހޮވޭ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *