Support Us

އިޓަލީ އަތުން ބަލިވި ނަމަވެސް ވޭލްސް ނޮކްއައުޓް ފިޔަވަހި

އިޓަލީގެ ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު ގްރޫޕްއޭގެ ފަހު މެޗުން 1-0 ން އިޓަލީ އަތުން ބަލިވި ނަމަވެސް ޔޫރޯ2020ގެ ފަހު 16އިން ވޭލްސް ޖާގަ ހޯދައިފިއެވެ. ގްރޫޕްގައި ހިމެނުނު އަނެއް ދެ ޓީމުގެ ނަތީޖާއަށް ބަލައި ދެ ވަނަ ޓީމަކަށް ވޭލްސް ހޮވިފައިވާތީއެވެ.

މި މެޗްގެ 39 ވަނަ މިނިޓްގައި އިޓަލީގެ މާޓިއޯ ޕެސީނާ ކާމިޔާބުކުރި ލަނޑުން ރޭގެ މެޗް ކާމިޔާބު ކުރި އިޓަލީން ވަނީ އެމީހުންގެ ގައުމީ ރެކޯޑާ އެއްވަރަށް 30 މުބާރާތަކުން ބަލި ނުވެ އެރެކޯޑް ސައްތައިންސައްތަ ދަމަހައްޓައިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ އިން އިޓަލީ ދެވަނަ ބުރަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެހެންކަމުން ކުޅުނު ތިން މެޗުން އެ މީހުންނަށް ވަނީ 9 ޕޮއިންޓް ލިބިފައެވެ. ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކު އެވެ. ގްރޫޕްގެ 3 ވަނައިގައި އޮތް ސްވިޒަރލޭންޑަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ވޭލްސްގެ ފައިދާ އެއް ގޯލު އޮވެފައި ސްވިޒަރލޭންޑަށް ގެއްލުން އެއް ގޯލު އޮތުމުގެ ސަބަބުން ސްވިޒަރލޭންޑް އޮތީ ގްރޫޕްގެ 3 ވަނައިގައެވެ. މި ގްރޫޕްގެ އެންމެ ފުލުގައި އޮތީ ތުރުކީވިލާތެވެ. މި ޓީމަށް އެންމެ ޕޮއިންޓެއްވެސް ނުލިބުނެވެ.

ރޭގެ މެޗްގެ ފަހު 35 މިނިޓްގައި ވޭލްސާސް މަޖުބޫރުވެފައި އޮތީ 10 މީހުންނާއެކު ކުޅުން ކުރިއަށް ގެންދާށެވެ. އެއީ އީތަން އަމްޕަޑުއަށް ދެއްކި ރަތްކާޑާއެކު އޭނާ ދަނޑުން ފޮނުލައިފައިވާތީއެވެ.

މި މެޗްގައި އިޓަލީން ޖެހި ހަމައެކަނި ލަނޑު ޖަހައިފައިވަނީ މެޗްގެ 39 ވަނަ މިލިޓްގައި ލިބުނު ހިލޭ ޖެހުމަކުން މާތިއޯ ޕެސީނާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ލަނޑު ޖެހުމުގައި އޭނާއަށް އެހީތެރިވެދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ މާކޯ ވެރާޓީއެވެ. މި ހާފުގައި ވޭލްސްއަށް ގޯލާއި އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފޮނުވައިލެވިފައެއް ނެތެވެ.

ރޭ މި ގްރޫޕްގެ އަނެއް ދެ ޓީމު ކަމުގައިވާ ތުރުކީވިލާތާއި ސްއިޒަރލޭންޑް ބައްދަލުކުރީ އަޒަރުބައިޖާންގެ ބާކޫ އޮލިމްޕިކް ސާޓޭޑިއަމްގައެވެ.

މެޗްގެ ފުރަތަމަކޮޅުގައި ކުޅުން ރަނގަޅުކަމަށް ދެއްކީ ތުރުކީވިލާތެވެ. ނަމަވެސް އެ ޓީމަށް އެ ގޮތުގައި ހިފަހައްޓާލެވުނީ ކުޑަ ވަގުތުކޮޅަކަށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ސްވިޒަލޭންޑުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ސަފްރޮވިޗް ޖެހީ ޒޫބާ ދިން ބޯޅައަކުންނެވެ. މި ލަނޑަށްފަހު ސްވިޒަލޭންޑް ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ތުރުކީއަށް އިތުރު ފިއްތުންތައް ކުރިމަތިކުރިއެވެ.

ސްވިޒަލޭންޑުން ލީޑު ފުޅާކުރި ލަނޑު 26 ވަނަ މިނެޓުގައި ޖެހީ ޝަގީރީ އެވެ. މިއީ ސަފްރޮވިޗް ޖެހި ބޯޅައެއް ބިމުގައި ޖެހިފައި އައި އައުމެއްގައި ލިބުނު ބޯޅައަކުން ޝަގީރީ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެއެވެ.

ދެވަނަ ހާފުގައި މެޗްގެ 62 ވަނަ މިނެޓުގައި ތުރުކީން ސުން ކަނޑުވައިލި ލަނޑު ޖެހީ އިރްފާނެވެ. މިއީ ޔޫރޯ 2020ގައި ތުރުކީއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑެވެ. މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން ސްވިޒަލޭންޑްގެ ތިންވަނަ ލަނޑު ޝަގީރީ ވަނީ ޖަހައިފައެވެ.
މި ރޭ 3-1ގެ ދަށް ނަތީޖާއަކުން ތުރުކީ ބަލިވިކަމުގައި ވިޔަސް މާޒީގައި މި ދެ ޓީމު ބައްދަލުކުރި ގިނަ މެޗްތަކުން މޮޅުވެފައިވަތީ ތުރުކީވިލާތެވެ. މި ފަހަރު ތުރުކީން ގައުމަށް އެނބުރި ދާން މި ޖެހުނީ ސުމެއް ހިފައިގެންނެވެ.

ރޭ ދެއްކި ނަތީޖާއާއެކު ސްވިޒަލޭންޑަށް އަދިވެސް ދެވަނަބުރުގެ ހަނި ފުރުސަތެއް އެބައޮތެވެ. އެއީ ތިންވަނައަށް އަންނަ ޓީމުތަކުގެ މެދުގައި ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިފި ނަމައެވެ. ނަމަވެސް ކުޅެވުނު މެޗްތަކަށް ބަލާއިރު ސްވިޒަރލޭންޑަށް މިކަން ހާޞިލުކުރެވޭނީ ވަރަށް ބޮޑަށް މަސައްކަތްކުރެވިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *