Support Us

ޔޫރޯ2020: ޔޫރޯގެ ޗެމްޕިއަނުންނަށް ޖަރުމަނީންގެ މޮޅުކަން ދައްކައިލައިފި

ޔޫރޯ2020ގެ އެންމެ ވަރުގަދަ ގްރޫޕް ކަމުގައިވާ ގްރޫޕް "އެފް"ގައި ރޭ ވަރުގަދަ ޕޯޗްގީޒާ ބައްދަލުކޮށް 4-2ގެ ނަތީޖާއަކުން ޖަރުމަނުވިލާތް މޮޅުވެ ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗާ މި ދެ ޓީމު ކުރިމަތިލި އިރު، ޖަރުމަނުވިލާތް ވަނީ އެއް މެޗުން ބަލިވެފައެވެ. އެއީ ބައިކޮޅަށް ވަން ލަނޑަކާއެކު 1-0 ގެ ނަތީޖާއަކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުންނެވެ. ޕޯޗުގަލް ވަނީ އެއް މެޗުން މޮޅުވެފައެވެ. އެއީ 3-0 ގެ ނަތީޖާއަކުން ހަންގޭރީ ބަލިކޮށްގެންނެވެ.

ޕޯޗުގަލްއަކީ ޔޫރޯގެ މިހާރުގެ ޗެމްޕިއަން ކަމަށް ވެފައި އަދި އެ ޓީމުގެ ރޮނާލްޑޯއަކީ ދުނިޔޭގެ ފުޓްބޯޅަ ތަރި ކަމަށް ވިޔަސް ޖަރުމަނު ވިލާތުން ރޭ ވަނީ ފުޓްބޯޅައިގައި އެ މީހުންގެ ބުރަދަން ހާމަކޮށްފައެވެ.

މި ނަތީޖާއާއެކު ޖަރުމަނު އޮތީ ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އެވެ. ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް އަތުން ބަލިވެފައެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ޓީމަކުން އެންމެ ގިނަ ލަނޑު ޖެހި މެޗެވެ. ނަމަވެސް އަދި ވެސް ތާވަލުގެ އެންމެ ކުރީގައި އޮތީ ފަރަންސޭސިވިލާތެވެ.

ރޭގެ މެޗު ދެ ޓީމުން ވެސް ފެށީ ދާދި ހަމަހަމަށް ކަމަށް ވިޔަސް ފުރަތަމަ މެޗާ ޚިލާފަށް މި މެޗުގައި ޖަރުމަނީންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަން ފާހަގަކުރެވުނެވެ. އެހެނަސް ޖަރުމަނީންނަށް ކުޅުމަށް ރަނގަޅަށް ސަމާލުނުވެވި އުޅެނިކޮށް މެޗުގެ 15 ވަނަ މިނެޓުގައި ޕޯޗުގަލް ވަނީ ލަނޑެއް ޖަހައި މެޗްގެ ލީޑުނަގައިފައެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

މި ލަނޑަށްފަހު ޖަރުމަނުން ވަނީ ތަންކޮޅެއް ބޮޑަށް ބޯޅަ ޕާސްކޮށްގެން ކުޅޭން ފަށައިފައެވެ. ނަތީޖާއަކަށްވީ ޕޯޗްގީޒުންނަށް އުނދަގޫތަކެއް ކުރިމަތިވުމެވެ. އެހެންކަމުން ހާސްކަމެއްގެ ތެރޭގައި ޕޯޗްގަލް ވަނިކޮށް މެޗުގެ 35 ވަނަ މިނެޓުގައި ޖަރުމަނީންނަށް ގޯލެއް ކާމިޔާބުވިއެވެ. މި ގޯލަކީ ޑިފެންޑަރު ރުބެން ޑިއާޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ޖަރުމަނުން ނަށް އިތުރު ލަނޑެއް ކާމިޔާބުވެ ލީޑް ލިބުނެވެ. މިއީވެސް ޕޯޗުގަލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕޯޗުގަލްގެ ޑިފެންޑަރު ގުރޭރޯގެ ފައިގައި ޖެހިފައި ވަން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ހޭދަނުވަނީސް ޖަރުމަނީން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. އެއީ މެޗުގެ 51 ވަނަ މިނެޓުގައި ކައި ހަވާޓްޒް ޖެހި ލަނޑެކެވެ.

އޭގެ އަށް މިނިޓް ފަހުން 59 ވަނަ މިނެޓުގައި ޖަރުމަނުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިއީ ގޮސެންސް ކާމިޔާބުކުރި ލަނޑެކެވެ.
ޖަރުމަނީން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ކައުންޓަރ އެޓޭކެއްގައި ޕޯޗުގީޒުންނަށް ލިބުނު ފުރުސަތެއްގައި އެ ޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޖޮޓާ ކާމިޔާބުކުރި ލަނޑެކެވެ. މި ނަތީޖާއާއެކު މި މެޗް ނިމުނީ 2-4ގެ ނަތީޖާއަކުން ޖަރުމަނީން މޮޅުވެގެންނެވެ.

މުޅި މެޗަށް ބަލާއިރު ޖަރުމަނީން، 12 ބޯޅައެއް ގޯލާ ދިމާއަށް ފޮނުވައިލައިފައިވެއެވެ. ނަމަވެސް ގޯލަށް އަމާޒުކުރެވުނީ 7 ބޯޅައެކެވެ. ޕޯޗްގަލަށް ގޯލަށް ފޮނުވައިލެވުނީ 7 ބޯޅައެކެވެ. މީގެ ތެރެއިން ގޯލާ އަމާޒުކުރެވުނީ ދެ ބޯޅައެކެވެ. އެ ދެ ބޯޅަ ލަނޑަކަށް ހަދައިލެވުނެވެ.

ޕޯޗުގަލް އާއި ޖަރުމަނުވިލާތް ވަނީ މިހާތަނަށް 17 ފަހަރު ބައްދަލުކޮށްފައިވާއިރު ގިނަ މެޗްތަކުން މޮޅުވެފައިވަނީ ޖަރުމަނުވިލާތެވެ. މި ދެޓީމު އެންމެފަހުން ބައްދަލުކުރީ 2014 ގެ ވޯލްޑްކަޕް ގުރޫޕް ސްޓޭޖުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *