Support Us

ޔޫރޯ2020: ހަންގޭރީން ދުނިޔޭގެ ޗެމްޕިޔަން ފްރާންސް ސިއްސުވައިލައިފި

ޔޫރޯ 2020ގެ ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުން 1-1 ގެ ނަތީޖާއަކުން ހަންގޭރީންގެ ހުޝިޔާރު ކުޅުންތެރީން، ފުޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިޔަން ފަރަންސޭސިވިލާތް ސިއްސުވައިލައިފިއެވެ.

މާލޭގަޑިން މިރޭ 6:00 ގައި ފަށައިގެން ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މި މެޗްގައި ގިނަ ފުރުޞަތުތައް ފަހިކޮށް ގިނަ ހަމަލާތައް ދިނީ ވެސް ފަރަންސޭސީންނެވެ. އެހެންނަމަވެސް މެޗް ފަށައިގެން ވެސް ހަންގޭރީއިން ދައްކަމުން ގެންދިޔައީ ވަރަށް ސުލޫކީ ކުޅުމެކެވެ. ހަންގޭރީން ބޮޑަށް މަސައްކަތްކުރި ތަން ފެނުނީ ގޯލު ދިފާޢުކުރުމަށްފަހު ކައުންޓަރއެޓޭކުގައި ލަނޑުޖަހާށެވެ. ފުރަތަމަ ހާފުގައި ޖެހި ލަޑު އެ މީހުން ކާމީޔާބުކުރީ ވެސް މި މާގަ ބޭނުންކޮށްގެންނެވެ.

ފުރަތަމަ 45 މިނިޓްގައި ފަރަންސޭސި ޓީމުގެ މްބާޕޭ އާއި ބެންޒެމާއާއި ޕޮގްބާއާއި ކަންޓޭ ނުރައްކާތެރި ކުޅުމެއް ކުޅެފައިވެއެވެ. އަދި މެޗު މެދަށް ހުއްޓާން ކައިރިވަމުން އައި އައިހެން މޮޅުވުމަށް ޓަކައި އެ ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް އެ މީހުންގެ ގިނަ ހަމަލާތައް ދިޔައީ އަމާޒުން ކައްސައިލައިގެންނެވެ. މިކަމާ އެ ޓީމުގެ ކޯޗު ވަރަށް ހިންހަމަ ނުޖެހުނުތަން ވެސް ފެނުނެވެ. މި ޙާލަތުގައި ވަނިކޮށް ހަންގޭރީން ލަނޑެއް ޖަހައި ފަރަންސޭސީންގެ ގޯލު ހުޅުވައިލައިގެން އެ މީހުން ސިއްސުވައިލިއެވެ. މިއީ ސަލާއި ފަހިކޮށްދިން ބޯޅައަކުން ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްގެން ތިރިތިރީން ފޮނުވައިލި ބޯޅައަކުން އަތީލާ ފިއޮލާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ 45 ވަނަ މިޓްގެ ކުޅުން ހަމަވެ، އިތުރަށް ރެފްރީ ދިން ފަސް މިނިޓުގެ ތެރެއިން ދެ ވަނަ މިނިޓްގައެވެ.

މި ލަނޑު ޖެހުމާއެކު ތަރުހީބުގެ އަޑުން މުޅި ދަނޑު ގުގުމައިގެން ދިޔައެވެ. އެންމެން ހައިރާންކޮށްލި މި ކާމިޔާބީގައި އުފަލުން ގޮސް ރިޕޯޓަރެއްގެ މޭޒުމަތީގައި އޮތް ނޯޓު ފޮތް ވެސް ވިއްސައިލި ތަން ވެސް ފެނުނެވެ. އަންހެން މީހާ އިނީ މޭޒުގެ ބިއްދޮށް ފަރާތުގައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ އޭނާގެ ނޯޓު ފޮތް ވިއްސައިގެން ދިޔަ ތަނެވެ.

މި ނަތީޖާ ހޯދި އިރު ފަރަންސޭސީންނަކީ އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަނުންނެވެ. އަދި ފީފާގެ ވަނަކުރުމުގެ ލިސްޓްގައި ދެ ވަނައަށް ވަނަކޮށްފައިވާ ގައުމެވެ. ހަންގޭރީ ލިސްޓްކުރެވިފައިވަނީ މި ލިސްޓްގެ 37 ވަނައިގައެވެ.

ފަރަންސޭސީން ފަހު ހާފަށް ނުކުތީ މާޔޫސްކަމާ އެކީގައެއް ނޫނެވެ. ފުރަތަމަ ހާފުން ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލުކޮށްގެން މޮޅުވުމަށް ޓަކައި އެ ޓީމުން މަސައްކަތްކުރި ތަން ފެނުނެވެ. ޚާއްސަކޮށް މި ހާފުގައި ޑެމްބެލޭ ކުޅެން އެރުމާއެކު ޙަމަލާތައް އިތުރަށް ވަރުގަދަކުރި ތަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އެންޓޮއިނީ ގްރީޒްމަން ޖެހި ލަނޑަކުން ފަރަންސޭސީން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑުޖަހާން އެހީތެރިވެދިނީ މްބާޕޭއެވެ. މި ލަނޑަށް ފަހު ވެސް ލީޑުނަގާން ފަރަންސޭސީންނަށް ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. ނަމަވެސް މި ހުރިހާ ފަހަރެއްގައި ވެސް ހަންގޭރީގެ ގޯލީއާއި ދިފާއީ ފަހުލަވާނުންގެ ހުޝިޔާރުކަމުން ފަރަންސޭސީންގެ އުންމީދުތައް ފެނަށް ހަދައިލައެވެ.

މިރޭގެ މެޗް 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު ނަމަވެސް އަދިވެސް ގްރޫޕް "އެފް"ގެ ތާވަލުގެ އެއްވަނައިގައި މި ވަގުތު އޮތީ ފަރަންސޭސީންނެވެ. މިރޭ 9:00 ގައި ފަށައިގެން މިހާރު ކުރިއަށްދާ މެޗުން ޕޯޗުގީޒް މޮޅުވެއްޖެ ނަމަ، ގްރޫޕްގެ އެއްވަނައަށް ޕޯޗުގީޒް ޖެހިލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *