އިއްޔެގެ ހުކުރު ނަމާދަށްފަހު އަޤްޞާ މިސްކިތުގައި ނަމާދު ކުރި އެތައް ހާސް ބަޔަކު "ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދު ނަބިއްޔާއަށް ނަޞްރު ދިނުމަށް" ޓަކައި ހިނގައިލުމެއް ބާއްވައިފިއެވެ. އެއީ 15 ޖޫންގައި ޔަހޫދީން ބޭއްވި "ދިދައިގެ ހިނގައިލުން"ގެ ބައިވެރީން ކީރިތި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަކޮށްފައިވާތީ އެކަމަށް ރައްދު ދިނުމަށް ޓަކައެވެ.
އަޤްޞާ މިސްކިތުގެ އެއްދޮރުކޮޅު ކައިރިން އިސްރާއިލު ފުލުހުން މި ހިނގައިލުމަށް ހުރަސްއަޅަން އުޅުމުން ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ. އިސްރާއީލު ފުލުހުން ބާރުގެ ބޭނުންކޮށްގެން މި ހިނގައިލުން ރޫޅައިލުމަށް މަސައްކަތް ކުރިއެވެ.
މި ހިނގައިލުން އިންތިޒާމު ކުރީ ޤުދުސްގެ ޒުވާނުންނެވެ. އެއީ އިސްރާއީލު ސަރުކާރުގެ އެހީއާއި ވާގިލިބިގެން ހައްދުފަހަނަޅައިފައިވާ ޔަހޫދީން ބޭއްވި "ދިދައިގެ ހިނގައިލުން"ގައި ކައު ރަސޫލާއަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާތީއެވެ.
މީގެ އިތުރަށް ހުޅަނގު އައްސޭރީގެ ނާބްލުސްގެ "ބައިތާ" ރަށުގައި ޔަހޫދީން ވަޒަންވެރިކުރުވަން އުޅޭތީ ބޭއްވުނު މުޒާހަރާއެއް މައިތިރި ކުރުމަށް ވެސް އިސްރާއީލު ފުލުން ވަނީ ހަތިޔާރުގެ ބޭނުންކޮށްފައެވެ. މިކަންކަމާ ގުޅިގެން ޤުދުސް އަނެއްކާވެސް ކެކި އުތުރިގެންފާނެތީ ބިރުން އިސްރާއީލުން ވަނީ ޤުދުސުގައި ޢަސްކަރީ ބާރުތަކާއި ފުލުހުންގެ ފޯރިމެރުންތައް ވަރުގަދަކޮށްފައެވެ.
އަޤްޞާ ޙިމާޔަތް ކުރުމަށް ގޮވައިލުން
މިފަދަ ނޭއްގާނީ ޢަމަލުތަކާ ވިދިގެން ކައު ރަސޫލާއަށް ނަޞްރު ދިނުމަށް ޓަކައި އިސްލާމީ އުންމަތް ނުކުތުމަށް ފަތުވާއާ ބެހޭ ފަލަސްޠީނުގެ އެންމެ މަތީ މަޖިލީހުން ވަނީ އިއްޔެ ގޮވާލައްވައިފައެވެ. މި މަޖިލީހުން ބުނިގޮތުގައި އަންގާރަ ދުވަހު ޔަހޫދީން ބޭއްވި ހިނގައިލުމުގައި ކައު ރަސޫލާއަށް ފުރައްސާރަ ކުރުމަކީ މުސްލިމުންނަށް ކުރި ބޮޑު އިހާނެތި ކަމެކެވެ.
ފަތުވާ މަޖިލީހުގެ މި ގޮވައިލުމުގައި ޤުދުސްގެ ސިލްވާން ރަށުގެ ބުސްތާން އަވަށް ނައްތާލައި އެ ތާނގައި "ތައުރާތީ ބަގީޗާ"އެއް ހަދަން ރާވަމުންދާ ދިޔުން ހުއްޓުވުމަށް ގޮވާލައިފައި ވެއެވެ. މިއީ ހައްދުފަހަނަޅައިފައިވާ ޔަހޫދީން ދުރާލައި ރާވައި ތަންފީޒު ކުރަން އުޅޭ މަޝްރޫޢެއް ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ. މި އަވަށް ނައްތައި ލެވިއްޖެނަމަ ފަލަސްޠީނުގެ އެތައް ދިހަ ޢާއިލާތަކެއް ގެދޮރުނެތި މަގުމަތި ކުރެވިގެންދާނެއެވެ. މިއީ ޙަޤީޤަތުގައި ޤުދުސުން ފަލަސްޠީނު މީހުން ހުސްކުރުމުގެ މަކަރުވެރި ރޭވުމެއް ކަމަށް ފަތުވާ މަޖޮލީހުން ބުނެފައި ވެއެވެ. ބައިތާ އަވަށުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި ހަދަން ނިންމާފައިވާ އާބާދީގެ ނަމަކީ "އަފީތާރު" އެވެ. މިއީ ގާތްގަނޑަކަށް 840 ހާސް އަކަ މީޓަރުގެ ބިމެކެވެ.



advertisment