މެދުއިރުމަތީގެ ޤައުމުތަކުގައި ބަހައްޓާފައި ހުރި އެމެރިކާގެ ދިފާއީ މިސައިލް ނިޒާމުތައް (ޕޭޓްރިއެޓް މިސައިލްތައް) މަދުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ނިންމަވައިފި ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނެފިއެވެ.
މި ނޫސް ބުނާގޮތުގައި ޢިރާޤާއި ކުވައިތާއި އުރްދުނާއި ސުޢޫދީ ޢަރަބިއްޔާގައި ބަހައްޓާފައި ހުރި މި ނިޒާމުތަކުގެ ތެރެއިން އަށް ނިޒާމެއް ނެގުމަށް އެމެރިކާގެ އިދާރިއްޔަތުން މިހާރު ވަނީ ކަނޑައަޅައިފައެވެ. މި ނޫސް ބުނާގޮތުގައި "މިއީ ޗައިނާއާއި ރަޝިއާއަށް އިސްކަން ދިނުމަށް ޓަކައި އެމެރިކާގެ ޢަސްކަރީ ވުޖޫދަށް ގެންނަ ބަދަލުތަކެކެވެ."
ނޭޓޯއަށް ވާ އެހީ ދެމެހެއްޓުން
މި ދިޔަ ހޯމަ ދުވަހު ނޭޓޯގެ ވެރީންނާ ބައްދަލު ކުރައްވަމުން ރައީސް ބައިޑްން ވިދާޅުވެފައިވާ ގޮތުގައި "ރޫސީ ޢުދްވާނާއި ޗައިނާގެ އިސްތިރާތީޖީ ގޮންޖެހުންތައް ދިފާޢު ކުރުމަށް ޓަކައި ދިފާޢީ އެއްބާރުލުން" ވަރުގަދަކުރަން ވަނީ ޖެހިފައެވެ. މި ކަމަށް ޓަކައި އެމެރިކާއިން ނޭޓޯއަށް ދޭ އެހީއާއި މަދަދު ދެމެހެއްޓޭނެއެވެ. ބައިޑްން މި ގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ ނޭޓޯގެ އަމީން ޢާއްމާއެކު ބްރަސަލްސްގައި ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.
މި ނޫސް ޕެންޓަގަންގެ މަސްއޫލުވެރީންނާ ޙަވަލާދީ ބުންޏެވެ. "މި ނިޒާމުތައް ބަލަހައްޓާ އަދި އެ ނިޒާމުގެ މަސައްކަތުގައި ތިބި އެތައް ސަތޭކަ ސިފައިންނެއް ވެސް އަލުން އެހެން ތަންތަނަށް ފޮނުވޭނެއެވެ." އެމެރިކާއިން މިހާރު ދަނީ މި ހޫނު މޫސުމުގައި އަފްޣާނިސްތާނުން މުޅިން ފޭބުމަށް ތައްޔާރު ވަމުންނެވެ. މި ދިޔަ ޚަރީފުގައި އެމެރިކާއިން ވަނީ ޢިރާޤުގައި ތިބި ސިފައިން ބާލަން ފަށައިފައެވެ. ވޮޝިންގްޓަނުން ހާމަކުރިގޮތުގައި ޢިރާޤުގައި ބައިތިއްބޭނީ 2500 ސިފައިންނެވެ. އެމެރިކާ ބުނާގޮތުގައި ޢިރާޤު ސިފައިންނަށް މިހާރު ޢިރާޤު ޙިމާޔަތް ކުރެވޭނެއެވެ.
ކުރިން އިޢުލާން ނުކުރާ މަދު ކުރުމެއް
އެމެރިކާގެ މަސްއޫލުވެރީން ހާމަކުރެއްވި ގޮތުގައި މި މަސައްކަތް ވަނީ ފެށިފައެވެ. މި މަހުގެ ދެ ވަނަ ދުވަހު އެމެރިކާގެ ދިފާޢީ ވަޒީރު ލުއިޑް އޮސްޓަން މި ކަމާބެހޭ ގޮތުން ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނާއެކު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
އެމެރިކާ ސިފައިން ޕޭޓްރިއެޓް މިސައިލްގެ ދިފާޢީ ނިޒާމު ޢިރާޤަށް ގެންދިޔައީ 2020ގެ ޖަނަވަރީގައި ޢިރާޤުގެ "ޢައިނުލް އަސަދު" ޢަސްކަރީ ބޭހަށް އީރާނުން ޙަމަލާދިނުމުންނެވެ. އީރާނުން މި ބޭހަށް ޙަމަލާދިނީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ވައިގެބަދަރު ކައިރިން އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ ވެރިޔާ ޤާސިމު ސުލައިމާނީއަށް ޙަމަލާ ދީ އަވަހާރަ ކޮށްލުމުންނެވެ.



advertisment