އެންމެން އިންތިޒާރުކޮށްގެން ތިބި އެމެރިކާ- ރަޝިއާ ސަމިޓް ޖެނީވާގައި ބޭއްވި ހަމަހިމޭންކަމާއެކު ނިމިގެން ހިނގައްޖެއެވެ. ސަމިޓް ނިމުމުން ރައީސް ޕޫޓިނާއި ރައީސް ބައިޑްން ގުޅިފައިވާ ނޫސް ބައްދަލުވުމެއް ނުބޭއްވެވުމުން ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. މޮޅުވީ ކޮން ބޭފުޅެއްހެއްޔެވެ؟ ބައިޑްން ހެއްޔެވެ؟ ނުވަތަ ޕޫޓިން ހެއްޔެވެ؟
މޭ 16 ގައި ޖެނީވާގައި އެމެރިކާއާއި ރަޝިޔާގެ ރައީސުން އެ ދެ ޤައުމުގެ އިސް މަސްއޫލުވެރީންނާއެކު ބޭއްވެވި ބައްދަލުވުމުގައި ތަފާތު ފައިލްތަކަކާ ބެހޭގޮތުން ޚިޔާލު ބަދަލު ކުރެއްވިއެވެ. ވާހަކަފުޅު ދެއްކެވިއެވެ. މަޝްވަރާވެސް ކުރެއްވިއެވެ.
މި ސަމިޓާ ބެހޭ ޚަބަރުތައް ފަތުރަން ދިޔަ އެމެރިކާގެ ވަސީލަތްތައް ސިފަކުރިގޮތުގައި "ބައިޑްނާއެކު ބޭއްވެވި ސަމިޓުން ޕޫޓިން ބޭނުންވާ ކަންކަން ޙާޞިލު ކުރައްވައިފި"އެވެ.
އަނގުރު މަތީގައި ބޭއްވުނު ސަމިޓެއް
ބައިޑްން–ޕޫޓިން ސަމިޓް ބޭއްވިގެން ދިޔައީ އެމެރިކާ ރަޝިއާ ގުޅުން "ވަރަށް ހީނަރުވެފައިވާ" ދުވަސްވަރެއްގައެވެ. ޕޫޓިނަކީ "ޤާތިލެއް" ކަމަށް ބައިޑްން ސިފަކުރައްވާފައި ވަނިކޮށްނެވެ. ދެ ޤައުމުގެ ސަފީރުން ޤައުމަށް އަނބުރާ ގެންދެވިފައިވާ ވަގުތެއްގައެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރުގައި ވެސް އެ ދެ ޤައުމުގެ ގުޅުން މި ދަރަޖައަށް ނުބައިވެފައެއް ނުވެއެވެ.
ރައީސް ޓްރަމްޕާއި ރައީސް ޕޫޓިނާ ދެމެދުގައި ހެލްސިންކީގައި 2018 ގައި ސަމިޓެއް ބޭއްވުނެވެ. އެމެރިކާގެ ނޫސްވެރީން މި ސަމިޓް ސިފަކޮށްފައިވަނީ އެއީ "އިހާނަތެއް" ކަމުގައެވެ. މި ސަމިޓް އޮތީ އެ ދެބޭފުޅުންގެ ދެމެދުގައެވެ. އެހެން އެއްވެސް މީހަކު ބައިވެރިއެއް ނުކުރައްވައެވެ. މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ. މި ދެ ބޭފުޅުން ގުޅިފައިވާ ނޫސް ބައްދަލުވުމެއް ބޭއްވެވިއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް މޮސްކޯއިން އަތްބާނާފައިވޭތޯ ސުވާލު ކުރުމުން ރައީސް ޓްރަމްޕް ތެދުވެވަޑައިގެންފައި ވަނީ މޮސްކޯގެ ދިފާޢުގައެވެ. ނޫސްވެރިން ސިފަކޮށްފައިވާ ގޮތުގައި އެއީ "ނިކަމެތިވެގަތުން" އެކެވެ.

އެއާ ޚިލާފަށް ޖެނީވާ ސަމިޓް ބޭއްވިފައި ވަނީ ރަސްމީ އާދަކާދައާއި ޢުރުފާ އެއްގޮތަށެވެ. ގާރޑިޔަން ދުވަހު ނޫސް ބުނެފައިވާގޮތުގައި ރައީސް ބައިޑްން ސަމިޓަށް ވަޑައިގެންނެވީ އޭނާއަކީ އެމެރިކާގެ ރައީސްކަން އެނގިވަޑައިގެން ހުންނަވައެވެ. ވަރަށް އިތުބާރާއެކުގައެވެ.
ޕޫޓިން ސަމިޓަށް ވަޑައިގެންނެވީ ވަރަށް "ނައްސި ތަޞައްވުރަކާ" އެކުގައެވެ. އެމެރިކާއަކީ ރަޝިއާއަށް ހެޔޮ އެދޭ ޤައުމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ޙާލުކޮޅެއްގައެވެ. ސަމިޓަށް ފަހު ނޫސްވެރީންނާ ބައްދަލު ކުރެއްވީ ވަރަށް ހަމަހިމޭން ޑިޕްލޮމަސީއަކާ އެކުގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ބައިޑްނާއެކު ބޭއްވުނު ބައްދަލުވުމަކީ "ބިނާކުރަނިވި ފައްސި" ބައްދަލުވުމެކެވެ.
ސަމިޓްގެ ތިންވަނަ ފަރުދާއަކީ ސަމިޓުން ނުކުތް ނަތީޖާއެވެ. އަނގުރުގަނޑެއްގެ މަތީގައި ބޭއްވުނު ސަމިޓް ހީކުރި ވަރަށް ވުރެ "ފިހުން ކުޑަ" އެވެ. ޖުމްލަގޮތެއްގައި މުޙައްލިލުން ސިފަކުރެއްވި ގޮތުގައި ސަމިޓް "ވަރަށް ރަނގަޅު" އެވެ. ދެ ޤައުމުގެ ސަފީރުން އެނބުރި ވަޑައިގަތުމަށާއި ސިޔާސީ ގުޅުން އަލުން ފެށުމަށް އެއްބަސްވެ ވަޑައިގެންނެވުނީތީއެވެ.
މީގެއިތުރަށް ނިޔުކްލިއަރ ހަތިޔާރާބެހޭ ސްޓާރޓް ތިން މުޢާހަދާ އައު ކުރުމާ ބެހޭގޮތުން ވާހަކަ ދެއްކުންތައް ފެށުމަށް އެއްބަސްވެ ވަޑައިގެންނެވިއެވެ. މި މުޢާހަދާގެ މުއްދަތު ނިމޭނީ 2024 ގައެވެ. އަދި ސައިބަރާނީ ޙަމަލާތަކާ ބެހޭގޮތުން ވާހަކަދެއްކުންތައް ފެށުމަށް ވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.
ޕޫޓިން ބޭނުންފުޅުވާ ކަންކަން ޙާޞިލު ކުރެއްވީ ކިހިނެއް؟
މުޙައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ޕޫޓިންގެ މަތިންދާބޯޓުކޮޅު ޖެނީވާގެ ވައިގެ ބަދަރަށް ތިރިކުރުމުގެ ކުރިން ރައީސް ޕޫޓިން ވަނީ އޭނާ ބޭނުންފުޅުވާ ކަންކަން ޙާޞިލު ކުރައްވައިފައެވެ.
ސަފީރުން އަލުން ފޮނުއްވަން އެއްބަސްވެވަޑައިގަތުމާއި، ސައިބަރާނީ އަމްނާއި، ސިޔާސީ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުންތައް ފެށުމަށް އެއްބަސްވެވަޑައިގެންނެވިޔަސް، ރައީސް ޕޫޓިން އޭނާގެ ޚާރިޖީ އެޖެންޑާއަށް ވެސް އަދި ދާޚިލީ އެޖެންޑާއަށް ވެސް ބަދަލެއް ގެންނަވާނެ ކަމުގެ އެއްވެސް އިޝާރަތެއް ނުދެއްވައެވެ. މިއީ ރައީސް ޕޫޓިން ރައީސް ބައިޑްނާ ބެހޭގޮތުން ރަޝިޔާގައި ކުރައްސަވާފައި ފޮޓޯއާ އެއްފަސްވާ ސިޔާސަތެކެވެ. މުޙައްލިލުން ވިދާޅުވެފައިވާ ގޮތުގައި ބައްދަލުވުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގޮސް ނިމިފައި ވަނީ ރައީސް ޕޫޓިން އެދިވަޑައިގެންނެވި ގޮތަށެވެ. އެހެންކަމުން ޕޫޓިން މޮސްކޯއަށް އެނބުރި ވަޑައިގެންނެވީ "ނަޞްރު ލިބިގެންވާ މީހާ"ގެ ސިފައިގައެވެ.
ސީއެންއެނަށް ރޫސީ ރިޔާސީ އޮފީހުގެ މުޙައްލިލު އޮލިގް އިގްނާޓޯފް ވިދާޅުވިގޮތުގައި ފަރުދާތައް ކެހި އުފުލިގެންގޮސްފައި ވަނީ ރައީސް ޕޫޓިންގެ މުހުތާދުތަކަށް އިޖާބަދިނުމަށް ތައްޔާރު ކުރެވުނު މަސްރަޙެއް ގޮތަށެވެ. ސަމިޓް ބޭއްވުނީ އެމެރިކާގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތީންނެވެ. މިއިން އެނގެނީ ދެ ރައީސުންގެ ފައިންޕުޅުތައް ހުރީ ހަމަހަމައިގައި ކަމެވެ.
އޭނާ ވިދާޅުވިއެވެ. "މިއީ ކްރެމްލިން ބޭނުންވާ ގޮތެވެ. މި ސަމިޓް ބޭއްވުމަށް ޝަރްޠެއް ކަނޑައެޅިފައެއް ނުވެއެވެ." އޮލިގް ވިދާޅުވިއެވެ. "މިއިން އެނގެނީ ރައީސް ޕޫޓިން އޭނާގެ ސިޔާސަތާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމެވެ. އެއްވެސް ފައިލެއްގައި މޮސްކޯއަށް ގެއްލުމެއް ލިބިދާނެކަމަށް ހީފުޅު ކުރެއްވިއްޖެނަމަ ނުވަތަ ބަންދު މަގަކަށް ނުކުމެއްޖެނަމަ ޕޫޓިންގެ ގޮންޖެހުން އިތުރުވެގެންދާނެއެވެ. މި ސަމިޓަކީ ގުޅުންތައް ޠަބީޢީ ކުރުމެއް ނޫނެވެ. ބުނެވޭނީ އެއީ ގުޅުންތައް އިތުރަށް ނުބައިވުން ހުއްޓުވުމެކެވެ."
ރަޝިޔާ– ޔޫރޯ އޭޝިޔާ ޕްރޮގްރާމުގެ ބާހިސެއް ކަމުގައިވާ ކީރު ގައިލަޒް އިޝާރަތް ކުރެއްވި ގޮތުގައި "މި ގޮތަށް އެމެރިކާގެ ކުރިމަތީގައި ގޮންޖެއްސެވުމަކީ ޕޫޓިންގެ ދާޚިލީ ކާމިޔާބުތަކުގެ ބިތުގަލެވެ."
ގައިލަޒް ވިދާޅުވިއެވެ. "ރޫސީ ރައީސްގެ ނޫސްވެރީންގެ ޓީމުގެ ރޫޓީން ސުވާލުތަކާއި، ބޭރުގެ ނޫސްވެރީންގެ ގޮންޖެހުންތެރި ސުވާލުތަކަށް ޕޫޓިން ދެއްވި ޖަވާބުތަކުން އެނގެނީ އެއީ ރޫސީވިލާތުގެ އެތެރެއަށް ބޭނުންވާ ގޮތަށް ފަރުމާކުރައްވާފައިވާ ޖަވާބުތަކެއް ކަމެވެ."
ބޯޅަ އެއްލެވީ ބައިޑްން ކޮޅަށް
މުޙައްލިލުން ވިދާޅުވާގޮތުގައި އެމެރިކާގެ ނޫސްވެރީންނާއި ބޭރުގެ ނޫސްވެރީން ކުރި ސުވާލުތަކަށް ރައީސް ޕޫޓިން ޖަވާބު ދެއްވާފައިވަނީ ވަރަށް ތަފްސީލުކޮށް ހަމަހިމޭންކޮށް ސުވާލާ އެއްވެސް ގުޅުމެއްނެތް ގޮތަކަށެވެ.
މި ކަމުގައި އެންމެ ރަނގަޅު މިސާލަކީ ރަޝިޔާގެ އިދިކޮޅު ސިޔާސީއެއް ކަމުގައިވާ އެލެކްސީ ނަވަލްނީގެ މަސްއަލައެވެ. އޭނާ ވެފައިވަނީ ޕޫޓިންގެ އިސްތަށިފުޅުގައި އެންމެ ބޮޑަށް ރިއްސުވި އިދިކޮޅު ވާދަވެރިއާ އަށެވެ. ނަމަވެސް މިހާރު އޭނާ ހުރީ ދަގަނޑުތަކުގެ ފަހަތުގައެވެ. އޭނާގެ އިދިކޮޅު ޙަރަކާތް މިހާރު ވަނީ "ހައްދުފަހަނަޅައިފައިވާ" ޙަރަކާތަކަށް ވެފައެވެ. އޭނާއަށް މި އަންނަ ބަރްލަމާނީ އިންތިޚާބަށް ކުރިމައްޗެއް ނުލެވޭނެއެވެ. މި ސަމިޓްގެ އެތައް ދުވަހެއް ކުރިން ޕޫޓިން ވަނީ މި މަސްއަލަ މި ގޮތަށް ނިންމަވާލައްވައިފައެވެ. މި މެސެޖް ޕޫޓިން ވަނީ ބައިޑްން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބައިޑްނަށް ދެއްވައިފައެވެ. ބައިޑްން މި ސަމިޓްގެތެރޭގައި ޕޫޓިނަށް ދެންނެވިއެވެ. "ނަވަލްނީ ޖަލުގައި މަރުވެއްޖެނަމަ މޮސްކޯ–ވޯޝިންގްޓަން ގުޅުމަށް ފުޑުފުޑު ކުރަނިވި އަސަރުތަކެއއް ކުރާނެއެވެ. "ޕޫޓިން މި ބަސްފުޅަށް ދެއްވި ޖަވާބެއް ނޭނގެއެވެ. އެހެނަސް އޭނާ އެމެރިކާގެ ނޫސްވެރީންނަށް ދެއްވީ ވަރަށް ތޫނު ވަރަށް ސީދާ ޖަވާބެކެވެ.
ޕޫޓިން މި ސުވާލަށް ޖަވާބު ދެއްވަން ފެށްޓެވީ އެމެރިކާގެ ދޮން ފުލުހެއްގެ އަތުން އެފްރިކާ ނަސްލުން އައިސްފައިވާ އެމެރިކާގެ ކަޅު މީހެއްކަމުގައިވާ ޖޯރޖް ފްލުއިޑްގެ މަރުގެ ހާދިސާއިންނެވެ. މިކަމާވިދިގެން އެމެރިކާގެ އެތަންމިތާނގައި މުޒާހަރާތަކާއި އިޙްތިޖާޖުތައް ޢާއްމު ވިއެވެ. ހުޅަނގުގެ ގިނަ ޤައުމުތަކުގައި ވެސް ނަސްލީ އިމްތިޔާޒާ ދެކޮޅަށް މުޒާހަރާތައް ހިނގިއެވެ. ކަޅު މީހުންގެ ފުރާނައަކީ ވެސް މުހިއްމު އެއްޗެއްކަން އެނގުނު ނޫން ހެއްޔެވެ؟ އެހެނަސް ހުޅަނގުގެ ޤައުމުތަކުން މި އިޙްތިޖާޖުތަކާ މުޢާމަލާތު ކުރީ ކިހިނެއްތޯ ޕޫޓިން ސުވާލު ކުރެއްވިއެވެ.
ރައީސް ޓްރަމްޕް ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގަތުމުން އޭނާގެ ވާގިވެރީންތަކެއް އެމެރިކާގެ ކޮންގްރެސްއަށް ވަން ފަޞީޙަތާ ބެހޭގޮތުން ރައީސް ޕޫޓިން ވަރަށް ދިގުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އެހެންވީމާ އެމެރިކާއަށް އެ ޤައުމުން ބޭރުގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ޙައްޤު ލިބިގެން ނުވާކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ. "ވޮޝިންގްޓަނަށް ރަނގަޅު ވާނީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވާ ނަސްލީ އިމްތިޔާޒު ނައްތައިލުމަށް މަސައްކަތް ކުރުން ކަމަށް" ރައީސް ޕޫޓިން ވިދާޅުވިއެވެ.
ނަވަލްނީއާ ބެހޭގޮތުން ޕޫޓިން ވިދާޅުވިއެވެ. "އެ މީހާއަށް ރޫސީ ޤާނޫނާ ޚިލާފުވެފައިވާކަން ރަނގަޅަށް އެނގެއެވެ. ދެ ފަހަރަށް އޭނާ ވަނީ ކޯޓުން ކުށްވެރިކޮށްފައެވެ. އޭނާ ރަނގަޅަށް ހޭ ހުރެ ޤާނޫނަށް އަރައިގަތުމަށް ބޭނުން ވީއެވެ. އޭނާ ކުރަން ބޭނުންވި ކަންތައް ވަނީ ކޮށްފައެވެ. އަހުރެން ތިޔަބައިމީހުންނަށް ހުށައަޅާ ސުވާލަކީ: މި މީހާއާ ބެހޭގޮތުން ބަހުސް ކުރަން ބޭނުން ވަނީ ކޮން ކަމަކާ ބެހޭގޮތުން ހެއްޔެވެ؟"
ނޫސްވެރީންގެ ހުރިހާ ސުވާލުތަކަކަށް ވެސް ޕޫޓިން ޖަވާބު ދެއްވާފައި ވަނީ މި ބީދައިންނެވެ.ސައިބަރާނީ ޙަމަލާތަކާއި ޔުކްރޭން މަސްއަލައިގައި ވެސް އޭނާ ދަތުރުފުޅު ކުރެއްވީ މި ރާސްތާއިންނެވެ. އޭނާ ދެއްވީ ރޫސީވިލާތުގެ ރައްޔިތުންނަށް ބޭނުންވާ ޖަވާބުތަކެކެވެ. އޭނާގެ ފިޔަވަޅުތަކަށް ބަހަނާ ދެއްކެވީ އޭނާގެ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ ގޮތަށެވެ. މީގެއިތުރަށް ޕޫޓިން މި ވަނީ އެމެރިކާގެ ދާޚީލީ ބައެއް މަސްއަލަތައް ވެސް ކޮޅަށް ޖައްސަވައިފައެވެ.
މި ސަމިޓްގެ ސަބަބުން ރަޝިއާގެ ބަރްލަމާނީ އިންތިޚާބު ބޭއްވޭ އަހަރަށް ބޭނުންވާ މުހުތާދުތަކެއް ފުދިގެން ހިނގައްޖެ ކަމަށް ދާރިސުން ވިދާޅުވެއެވެ. ރަޝިޔާއާ ދެކޮޅަށް މި ވަގުތު އިތުރު ފިޔަވަޅުތައް ބައިޑްން ނާޅުއްވާނެ ކަން ކަށަވަރު ވެއްޖެއެވެ. ސަފީރުން އެނބުރި ވަޑައިގަތުމާއި ޚާރިޖީ ދެ ވުޒާރާގެ ދެމެދުގައި ވާހަކަ ދެއްކުންތައް އަލުން ފެށިގެންދާނެތީއެވެ. ރޫސީ ސަފީރު މި ފެށޭ ހަފުތާގެތެރޭގައި ވޮޝިންގްޓަނަށް އެނބުރި ވަޑައިގަންނަވާނެ ކަން މޮސްކޯއިން ވަނީ މިއަދު އިޢުލާން ކޮށްފައެވެ.



advertisment